މައިޝާ އާއި އިފްނާޒް: ދެ މީހުންގެ ލޯބީގެ ދަތުރުގައި ކުލަގަދަ އުފާވެރި މަންޒަރާއި މަންޒިލް ވަރަށް ގިނަ.
އިފްނާޒްގެ ދަތުރު، މައިޝާގެ މިތުރު، ލޯބީގެ މި ފިލްމު
އަހުމަދު އިފްނާޒް ފިރާގަކީ ވަރަށް ބައިވަރު ކެރެކްޓާ އެވެ. ފާތިމަތު މައިޝާގެ ހަޔާތުގައި މިތުރަކަށް ބަދަލުވުމުގެ ކުރިން ނަމަ އޭނާގެ ވާހަކަ ފަށާނީ ވެސް ކޮން ދިމާލަކުން ހެއްޔެވެ؟ ފުލްޓައިމް އެކްޓަރަކަށް ބަދަލުވުމުގެ ކުރިން އޭނާ އަކީ އަދި މާ ބޮޑު އެކްޓަރެކެވެ.
"އެންމެ ފުރަތަމަ އަހަރެން ދޯ؟" އިލްޔާސް ވަހީދު ޑައިރެކްޓްކުރި ދިވެހި ފިލްމު 'ބަވަތި' އިން ރިހި އިސްކިރީނަށް ތައާރަފްވެ ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ 38 އަހަރުގެ އެކްޓަރު، އަމިއްލަ ތައާރަފެއް ދޭން ފަށައިގަތީ މިހެންނެވެ.
"އޯލެވެލް ނިންމާލި ގޮތަށް އެންމެ ފުރަތަމަ ވެސް އަޅުގަނޑު ގޮސް އުޅުނީ ފޮތި ފިހާރައެއްގައި. ސޭލްސް ބޯއިއަކަށް، ފޮތި ފިހާރައެއްގައި ފޮތި ކަނޑައިދޭން އުޅުނީ. އޭގެ ފަހުން ދެން ގޮސް އުޅުނިން އަސްރަފީ ބުކްޝޮޕްގައި ސެލޯފިން ކަނޑައިދޭން ވެސް،" ފޮނިކެނޑުމެއް ނެތް ސަކަ މިޒާޖެއްގައި އިފްނާޒް ކިޔައިދިނެވެ.
އޭނާގެ މި ވާހަކަ އާއި އޭނާގެ މި އާދައިގެ ދިރިއުޅުމުގައި ހަމަ އެއްވެސް ވަރަކަށް ނެތީ ފޮނިކެނޑުމެވެ. އެކަމަކު ދަމާކެނޑި، ވަރަށް އާދައިގެ ފެށުމެކެވެ. އަދި އަބަދުވެސް ކަމަކަށް ފަހު ކަމެއް ދަސްކޮށް، ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަރައިދިއުމުގެ ޝައުގުވެރިކަމެވެ. މީހުން ގަބޫލުކުރާ ފެންވަރުގެ ހުނަރުވެރި އެކްޓަރަކަށް އޭނާ ބަދަލުކޮށްލީ ވެސް ހަމަ މި ޝައުގުވެރިކަމެވެ.
"މަޖަލަށް ހަދާލައިގެން ވަރަށް ކުރިން ވެސް ރައްޓެހިން ކައިރީގަ އަބަދުވެސް ބުނަން އަހަރެން އަދި ވަރަށް މަޝްހޫރު އެކްޓަރަކަށް ވާނެއޭ ކޮންމެވެސް ދުވަހަކުން،" ސަމާސާ ރާގެއްގައި އެ ވާހަކަ ތަކުރާރުކުރިޔަސް އިފްނާޒްގެ އޮތީ އޭރު ވެސް ނުގުޑާވަރުގެ އަޒުމެކެވެ.
"އެކަމަކު ފިލްމީ ދާއިރާ އަކީ އަސްލު ވެސް، ހަގީގަތުގައި ވެސް މީހާގެ ލުކްސް އަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ދާއިރާއެއް. ގަބޫލުކުރިޔަސް އަދި ނުކުރިޔަސް، މީހަކު ހުންނަ ސިފަ އަކީ ހަގީގަތުގައި ފިލްމީ ތަރިއަކަށް އޭނާ ވެދާނެތޯ ކަނޑައަޅާ ފުރަތަމަ ފިޔަވަޅު"
"އަޅުގަނޑު އޭރު އަދި ހުންނާނީ މިހެނެއް ނޫން. މިއަށް ވުރެ އަދި މާ ފަލަކޮށް. އެހެންވީމަ އަޅުގަނޑަށް ވެސް އެނގޭ ފިލްމު ކުޅެން ބޭނުންވާ ލުކްސްއެއް އަޅުގަނޑުގެ ނެތްކަން."
މިހެން ބުނެފައި އިފްނާޒް ޗަކަޗަކަލާފައި ހީގަތެވެ. އެކަމަކު އޭނާގެ އަމިއްލަ ނަފުސަކަށް ވެސް އޭނާ ނުހުއްޓުވުނެވެ. ފިލްމު ސްޓާރެއްގެ ސިފަ ނެތަސް އޭނާ ބޭނުންވީ ހިތް އެދި ގޮވަމުން ދިޔަ ސުޕަސްޓާރާ ބައްދަލުކޮށް، ފިލްމު ކުޅެން ބޭނުންވެފައި ހުރި ވަރު އެ ސުޕަސްޓާރަށް ކިޔައިދޭށެވެ.
"އެއީ ރާއްޖޭގެ އެންމެ މަޝްހޫރު ފިލްމުސްޓާރު. ކޮންމެ ދުވަހަކުހެން އެއް ތަނަކުން، އެއް ވަގުތެއްގައި ފެންނާތީ އަޅުގަނޑު ހިތަށް އެރީ މި ވެދާނެއޭ ރަނގަޅު ފާލަކަށް. މިހެން ހިތައި ގޮސް ލަދު ކަނޑާލާފައި އޭނާ ކައިރިއަށް ގޮސް ބުނެފިން އަޅުގަނޑު ވަރަށް ބޭނުމޭ އެކްޓަރަކަށް ވާން،" އެކްޓިން ކެރިއަރު ފަށަން ފިލްމީ ދާއިރާގެ އެންމެ މަޝްހޫރު އެކްޓަރު ގާތަށް ގޮސް އާދޭސްކުރި ގޮތް އިފްނާޒް ކިޔައިދިނެވެ.
"އެކަމަކު އޭނަގެ ފަރާތުން ނުލިބުނު އެއްވެސް ޝައުގުވެރިކަމެއް. ހީލާފަ، ކުޑަކޮށް ބޯ ޖަހާލާފަ އޭނަ ތެދުވެގެން ދިޔައީ އެތަނުން. މޮޔައަކު އައިސް މޮޅު ވާހަކައެއް ދެއްކީމަ އަހަރެމެން ވެސް އެމީހަކު އިގްނޯކޮށްލަމެއްނުން؟ ހަމަ އެކަހަލަ ތަޖުރިބާއެއް އެ ދުވަހަކީ."
އިފްނާޒް އަނެއްކާވެސް ހީގަތެވެ. އެކަމަކު އޭނާ ބުނީ އެއީ ހަގީގަތުގައި ވެސް ވަރަށް ހިތުގައި ޖެހުނު ދުވަހެއް ކަމަށެވެ. ނަމަވެސް ހިތްބުރަކަމެއް މިހާރަކު ނެތެވެ. އެ ތަޖުރިބާ ވެސް އޭނާ ނެގީ ދަސްކުރުމަކަށެވެ.
ފިލްމު ސްޓާރަކަށް ވުމުގެ ހުވަފެން ދޫކޮށްލާފައި އެންމެ ފުރަތަމަ ރަސްމީ ވަޒީފާއަކަށް އިފްނާޒް ދެން ގޮސް ވަނީ ފުލުހުންގެ ފައުޖަށެވެ. ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓްގައި ހަތަރު ވަރަކަށް އަހަރު އޭނާ މަސައްކަތްކުރި އެވެ. ކައުންސެލިން އެންޑް ރިހެބިލިޓޭޝަން ވެސް އޭނާ ކިޔެވި އެވެ. އަދި ކްރައިމް ސީން ފޮޓޯނެގުމާއި ފުލުހުންގެ އިދާރާގައި އޭރު ބޭއްވި ކޮންމެ އިވެންޓެއް ފޮޓޯއިން ފައިލްކުރުން ވެފައި އޮތީ އޭނާގެ ކިބައިގައިވީ އެތައް ސަތޭކަ ހުނަރެއްގެ އުފާވެރި ހަބަރު އޭނާ އަށް ކޮންމެ ދުވަހަކުވެސް ދިން ތަޖުރިބާއަކަށެވެ.
އެކަމަކު ފުލުހުންގެ ރަސްމީ ވަޒީފާއަކަށް ދުވަހަކުވެސް އޭނާގެ ހިތެއް ނުޖެހުނެވެ. ހިތް ބަންޑުންވީ ކްރިއޭޓިވް އަދި ޕާފޯމިން އާޓްސްގެ ތެރެއަށެވެ. ފުލުހުންގެ ވަޒީފާ އަށް ފަހު ދިޓީވީގައި ޕްރެޒެންޓްކުރަން ވެސް އުޅުނެވެ. ވީޓީވީގައި ވެސް ޕްރޮގްރާމް އުފެއްދުމާއި ހުށަހެޅުމުގެ ތެރޭގައި އުޅުނެވެ. އިވެންޓް އަދި އެޑްވަޓައިޒިން ކުންފުނި، ޗޮޕާޓްގައި ވެސް މަސައްކަތްކުރި އެވެ. އަބަދުވެސް ކްރިއޭޓިވް ކޮންމެވެސް ދިމާލެއްގަ އެވެ. އެކަމަކު ކުރިއަށް ދާނެ ސީދާ ދިމާލެއް ނޭނގި ބަންދުވެފައިވީ ދުނިޔެއެއްގަ އެވެ.
އިފްނާޒްގެ އެ ދުނިޔެ އާއި މި ވާހަކައިގެ އެންމެ މުހިންމު ކެރެކްޓާ ތައާރަފްވާ ހިސާބަކީ މި އެވެ. އެ ކެރެކްޓާ ތައާރަފްކޮށްދެމުން އޭނާ ބުނީ މިހެންނެވެ.
"އަޅުގަނޑުގެ ކްރިއޭޓިވް ދުނިޔެ ބަންދުވެފައި ވަނިކޮށް ހުޅުވާލަދިން މީހަކީ އަޅުގަނޑުގެ އަންހެނުން. އަޅުގަނޑު ކައިރީގައި އަބަދުވެސް މީނަ ބުނާ ވާހަކަ އަކީ އެހެން މީހަކަށް ވާން ނޫޅޭށޭ. އެންމެ މޮޅު މީހާއަށް ވާން ނޫޅޭށޭ. ތިމާގެ އެންމެ ރަނގަޅު އަދި އެންމެ މޮޅު ވާޝަންއަށް ވާން މަސައްކަތްކުރާށޭ އަބަދުވެސް،" ޖެހިގެން ހުރި ގޮނޑީގައި ކަޅިޖަހާނުލައި އިފްނާޒާ ދިމާލަށް ބަލަހައްޓައިގެން ހުރި އަނބިމީހާގެ ފަރާތުން އިންސްޕަޔާވާ ގޮތް ކިޔައިދެމުން އިފްނާޒް ބުންޏެވެ.
"މިހާރު އެކްޓްކުރާއިރު ވެސް ފިލްމު ސެޓުގައި ވެސް އެންމެ ފަސޭހައީ މައިޝާ ދޭ އެ ސަޕޯޓާއި މި ނަސޭހަތް."
އިފްނާޒްގެ ތައުރީފު އުކައި ނިމުމުން މައިޝާ އެއްލީ އަދި އެއަށްވުރެ ލޯބި ތައުރީފެކެވެ. އެއީ ރަތް ފިނިފެންމަލުގެ ތައުރީފެކެވެ.
"އަސްލު އަޅުގަނޑުގެ ލައިފް ވެސް ބަދަލުކޮށްލި މީހަކަށް ވާނީ އިފްނާޒް. ކުރިން ނަމަ އަޅުގަނޑުގެ ލައިފުގައި އަބަދުވެސް އެންމެ މުހިންމު ވާނީ އަޅުގަނޑު. އެކަމަކު މިހާރު އެހެނެއް ނޫން. އެ ބަދަލު ގެނެސް އެހެން މީހުން މިވަރަށް އަޅުގަނޑުގެ ލައިފުގައި މުހިންމުކަން އިހުސާސުކޮށްދިން މީހަކީ ވެސް އިފްނާޒް،" މައިޝާ ބުނެލިއެވެ.
މިހައި ހިސާބުން އެނބުރިގެން ގޮސް މި ހުއްޓެނީ މި ދެ މީހުން އެއްތަންކުރުވި ފުރަތަމަ ޕާފޯމަންސަށެވެ. އަދި މި ހިސާބަށް އާދެވުނުއިރު ހަނދާން ނައްތާލެވިފައި އޮތް ވަރަށް މުހިންމު ވާހަކައަކީ މައިޝާގެ އެކްޓިން މަސައްކަތްތަކުގެ ވާހަކަ އެވެ. އެހެންވީމަ މި ފިލްމުގައި އެކްޓަރަކީ ހަމައެކަނި އިފްނާޒެއް ނޫނެވެ.
"އަހަރެމެން ދެ މީހުން އެންމެ ފުރަތަމަ ރަނގަޅަށް ބައްދަލުވީ 2011 ވަނަ އަހަރު. އެއީ ދަރުބާރުގޭގައި އެޗްއާރްސީއެމް އިން ބޭއްވި ހޭލުންތެރިކުރުމުގެ ކޮންމެވެސް އިވެންޓަކުން. އެތަނުގައި އަހަރެމެން ދެ މީހުންނަށް ޖެހުނީ ކަޕްލްއެއްގެ ރޯލު ކުޅެން،" ލައިވްކޮށް އާންމުންގެ ތެރޭގައި ކުޅުނު ތަމްސީލު ޑްރާމާ އިން ކިޔައިދެމުން މައިޝާ ބުންޏެވެ.
"ދެ މީހުން ރައްޓެހިވެގެން އުޅުނުއިރު ވެސް އަބަދުވެސް ކިޔާނެ އެކްޓިންގެ ދާއިރާއިން ކުރިއަށް ގޮސް އެވޯޑް ލިބޭނެ ދުވަހެއްގައި ވެސް އެކުގައި ދެ މީހުން ވާން ބޭނުންވާ ވާހަކަ."
މައިޝާ އާއި އިފްނާޒް ކްރިއޭޓިވް ފީލްޑްގައި އާންމުކޮށް މަސައްކަތްކުރަނީ އެކުގަ އެވެ. ދިޓީވީ އާއި ވީޓީވީ އާއި ޗޮޕާޓުގައި ވެސް މަސައްކަތްކުރީ އެކުގަ އެވެ. އަދި ޓެޑްރީ މުހައްމަދު ނިޔާޒު އުފައްދަމުން އަންނަ ބޮޑު ފިލްމު 'ލަސްވިޔަސް' އަކީ ދެ މީހުން އެކުގައި ބޮޑު ސްކްރީނުން ފެނިގެންދާނެ އެންމެ ހާއްސަ އެއް މަސައްކަތެވެ. އެކަމަކު އެއީ އަދި މި ދެ މީހުން އެކުގައި ކޮށްފައިވާ ފިލްމީ މަސައްކަތްތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ.
ޑްރާމާ ސިލްސިލާ 'ދަރަކަ' އާއި 'މަޒްލޫމް' އަދި ފިލްމު 'ބަވަތި' އާއި މި އަހަރު ނެރެން ހަމަޖެހިފައިވާ ފިލްމު 'ނީނާ' އަކީ ވެސް އިފްނާޒާއި މައިޝާ އެކުގައި އެކި ފެންވަރުގައި މަސައްކަތްކޮށްފައިވާ ޕްރޮޖެކްޓްތަކެވެ. އެކްޓަރުންގެ ގޮތުގަ އާއި ޕްރޮޑަކްޝަން އެސިސްޓަންޓުންގެ ގޮތުގައި ވެސް މެ އެވެ.
ބޭންކް އޮފް މޯލްޑިވްސްގައި ރަސްމީ ވަޒީފާ އަދާކުރާ މައިޝާ ބުނީ އޭނާގެ ކްރިއޭޓިވް ކެރިއަރު ވެސް ފުޅާވުމުގެ އަސްލަކީ އިފްނާޒް ކަމަށެވެ. ވަކިން ހާއްސަކޮށް ކުރިން އޭނާގެ ކިބައިގައި އެއްވެސް މީހަކަށް ނެތް އިތުބާރު އަލުން ލިބުމަކީ އިފްނާޒްގެ މަސައްކަތް ކަމަށެވެ.
"އިފްނާޒާ ދިމާވިއިރު މެރިޖަކަށް ވެސް އެހާ އިތުބާރެއް ނުކުރަން އަޅުގަނޑު. އެއީ އުޅެ ބޮޑުވި މާހައުލާއި ފެނިފައި ހުރި ކަންކަމާ ހެދިގެން ވިސްނިފައި ހުރި ގޮތުން. އެކަމަކު އިފްނާޒްގެ ދިރިއުޅުން ފެނި ތަޖުރިބާކުރެވުމަކީ އަޅުގަނޑުގެ ވިސްނުން އެއްކޮށް ބަދަލުކޮށްލި ކަމެއް،" މައިޝާ ކިޔައިދިނެވެ.
"އިފްނާޒަކީ ހަގީގަތުގައި ވެސް ބައިވަރު ޓެލެންޓްސް. އެ ހުރިހާ ހުނަރެއް އޭނާގެ ކިބައިން ނެރެން ކުރި މަސައްކަތުގައި އަޅުގަނޑުގެ ލައިފަށް ވެސް އޭގެ ފައިދާކުރީ. އިފްނާޒްގެ ސަބަބުން އަޅުގަނޑަށް ދަސްވި ކަންކަން ވަރަށް ގިނަ."
އިފްނާޒްގެ ރައްދު އޭނާ ދިނީ ވަރަށް ކުރުކޮށް، ވަރަށް ފޮނިކޮށެވެ.
"މައިޝާ އަކީ މެނޭޖުމަންޓް ސްކިލްސް ވަރަށް ރަނގަޅު މީހެއް. އޭނަ ބުނާ ގޮތަށް ކުރާ ކަމެއްގައި ނެތް މިހާތަނަކަށް ގެއްލުމެއް ލިބިފައެއް. އެހެންވީމަ އަބަދުވެސް އެންމެ މުހިންމު ނަސޭހަތް ދޭ މީހަކީ މައިޝާ މިއަދު އަޅުގަނޑުގެ ލައިފުގައި."
އަންހެނުންގެ އަތުގައި ހިފައި އިފްނާޒް ބާރުކޮށްގަތެވެ. ބޮޑު އިސްކިރީނުގެ ތަޖުރިބާ އަށް ފަހު ދެ މީހުން އެކުގައި މިހާރު ތައްޔާރުވަމުން އެ ދަނީ އެމީހުންގެ ހަޔާތުގެ އެންމެ ބޮޑު ތަޖުރިބާއަށެވެ. ދެ މީހުންގެ ލޯތްބަށް 10 އަހަރު ފުރުން ފާހަގަކުރާއިރު މި ހަފުތާ އަދި ވަކިން ހާއްސަ އެވެ. އައިވީއެފް މެދުވެރިކޮށް ކުއްޖަކު ހޯދުމުގެ މަރުހަލާގައި އުދުހޭ ކުލަ ކޮކާތައް ދިރިއުޅުމުގައި ބީހެމުން ގެނެސްދޭ އުފާވެރިކަމަށެވެ.