ފުރާވަރުގެ ކުދިންނަށް ކަންކަން އުނދަގޫހެން ހީވަނީ ގިނަ ފަހަރަށް އަމިއްލަ އަށް ކަންކަން ކުރަން ނުޖެހޭތީ

ޕޭރެންޓިން

ފުރާވަރުގެ ދަރިފުޅު ކިޔެވުމާ ދުރުކަމުން ކަންބޮޑުވޭތަ؟

ފުރާވަރު ކުދިން ކިޔެވުމާ ދުރުވުން އެއީ އާއްމުކޮށް މެދުވެރިވާ ކަމެއް
7 ފެބްރުއަރީ 2023

މުހިންމު ނުކުތާތައް

ފުރާވަރަކީ ކުދިންނާއި ބެލެނިވެރިންގެ މެދުގައި ހިޔާލުތަފާތުވުންތައް ގިނަ އުމުރެއް

ކިޔެވުމަށް ޝައުގުވެރިކަން ގެއްލެނީ ގޮންޖެހުންތަކާ ކުރިމަތިލާން ބޭނުންވާ ވިލުންވެރި ކުއްޖަކަށް ނުވާތީ

ކުދިންނަށް ވިސްނައިދޭންވީ މިއީ އެކުދިންގެ އަމިއްލަ ދިރިއުޅުމާއި މުސްތަގުބަލާއި ހުވަފެންތަކާ ގުޅިފައިވާ ކަމެއް ކަން

ފުރާވަރު ދަރިފުޅު ފޮތާ ދުރުވެ، ސްކޫލް ފިލާވަޅުތައް ހަދަން ބުނުމުން ކޮންމެވެސް އުޒުރެއް ދައްކާ ހެއްޔެވެ؟ ކަންކަމުގައި ފަރުވާ ބަހައްޓަންވީ ވަރަށް އަދި ސަމާލުކަން ދޭންވީ ވަރަށް ދީގެން ނުކުރާކަން ފާހަގަވޭ ހެއްޔެވެ؟ މިކަމާ މެދު ކުރެވޭނެ ކަމަކާ މެދު ވިސްނަން ހެއްޔެވެ؟

ދުބާއީގައި ލައިފް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާ ރަސެލް ހެމިންގް ބުނާ ގޮތުގައި މިއީ އާއްމުކޮށް ފެންނަ ކަމެކެވެ. އާއްމުކޮށް ކުދިން ކިޔެވުމަށް ޝައުގުވެރިކަން ހުންނަ މިންވަރު ކުޑައީ، އެ ކުދިންގެ ކިބައިގައި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ވިލުންވެރިކަން ނުހުންނަ ނަމަ ކަމުގައި އޭނާ ފާހަގަ ކުރި އެވެ.  އެހެންކަމުން، އެއްފަހަރު ކުރަން އުޅޭ ކަމެއް ހާސިލުނުވުމުން ކުދިން އިތުރަށް މަސައްކަތް ކުރަން ބޭނުން ނުވަނީ އެވެ.

ކުއްޖާގެ ފުރާވަރަކީ ނާޒުކު އުމުރެކެވެ. ގޮންޖެހުންތައް ގިނަ ދުވަސްވަރެކެވެ. މި އުމުރުގެ ކުދިން ބެލެހެއްޓުމަށް ބެލެނިވެރިންނަށް ވެސް ގޮންޖެހުން ބޮޑެވެ. ސަބަބަކީ، ކުދިންނާއި ބެލެނިވެރިންގެ ހިޔާލުތައް ކަންކަމުގައި ތަފާތުވެ އެވެ. ބެލެނިވެރިން ކުދިން އުޅުމަށް ވަކި ގޮތްތަކަކާއި ހައްދުތައް ކަނޑައަޅަންޖެހޭ އިރު، ކުދިންގެ އިހްސާސްތައް ދެނެގަންނަން ވެސް ޖެހެ އެވެ. ކަންކަމުގައި ކުދިންނަށް ހިތްވަރާއި ސަޕޯޓްދޭން ޖެހެ އެވެ. މިކަން ހަމަހަމަކޮށް ކުރަން ބެލެނިވެރިންނަށް ގޮންޖެހުމަކަށްވެ އެވެ.

ފުރާވަރުގެ ކުދިންނަށް ކަންކަން އުނދަގޫހެން ހީވަނީ ގިނަ ފަހަރަށް އަމިއްލަ އަށް ކަންކަން ކުރަން ނުޖެހޭތީ އެވެ. އުމުރުގެ ބޮޑު ބައިގައި އެކުދިންގެ ހުރިހާ ކަމެއް އޮންނަނީ ކޮންމެވެސް އެހެން މީހަކު ކޮށްދީފަ އެވެ. ބެލެނިވެރިން ގެންގުޅެންވީ ވިސްނުމަކީ ދަރިންނަށް ހުރިހާ ކަމެއްގައި ލުއިފަސޭހަގޮތް ހޯދައިދިނުމެއް ނޫނެވެ. އަމިއްލަ އަށް ކަންކަން ކުރުމަށް ބާރު އެޅުމަށެވެ. ބެލެނިވެރިން ކުޑަ އިރުގެ ހަނދާންތައް އާކޮށް، ނުލިބޭ ހުރިހާ އެއްޗެއް ދަރިންނަށް ހޯދައިދޭން މަސައްކަތް ކުރެ އެވެ. ތިމާއަށް ވީ ގޮތަށް ވުރެ ރަނގަޅު ގޮތްތަކެއް ދަރިންނަށް ހޯދައިދީ، ހުރިހާ ކަމެއް ފުރިހަމަކޮށްދޭން މަސައްކަތް ކުރެ އެވެ.

ނަމަވެސް މިކަމުގެ ސަބަބުން، ކުދިންނަށް ގަދައަޅާ މަސައްކަތް ކުރުމަށް ދަހެއް ނުވެ އެވެ. ހުރިހާ ކަމެއްގައި މައިންބަފައިންނަށް ބަރޯސާވެ އެވެ. އެއްވެސް ކަމަކަށް ދޭންވާ ސަމާލުކަމެއް ނުދެވެ އެވެ. އެއީ ކިޔެވުން ވިޔަސް އެހެން ކަމެއްގަ ވިޔަސް މެ އެވެ. މިގޮތަށް އެހެން މީހުންނަށް ބަރޯސާވުމުގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެ އެވެ. ކިޔަވަން ބޭނުން ނުވުން އަދި އުޅުން ގޯސްވުމަށް މެދުވެރިވެ އެެވެ.

މިއީ ބަދަލު ކުރެވިދާނެ ކަމެކެވެ. ކުއްޖާ ފޮތާ ދުރުވެ، ކިޔެވުމަށް ޝައުގުވެރިކަން ނުދައްކާ ނަމަ ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އޭނާގެ ހަޔާތާއި މުސްތަގްބަލް އަދި ހުވަފެންތަކާ ބެހޭގޮތުން އޭނާއާ މަޝްވަރާ ކުރާށެވެ. މުހިއްމީ، މިއީ "އޭނާ" އަށްޓަކައި ކުރާ ކަމެއްކަން ވިސްނައިދިނުމެވެ. 

ކުއްޖާ މިހާރު ކުރާ މަސައްކަތުގެ ސަބަބުން މޮޅެއް ފައިދާއެއް ލިބެން އޮތަސް އެކަމެއް ލިބެނީ އޭނާއަށް ވިސްނައިދިނުމެވެ. އަމިއްލަ ފައިމައްޗަށް ތެދުވަންވެއްޖެކަން ކުއްޖާއަށް ބުނެދޭށެވެ. ހަމައެކަނި ފޮތުގެ ދެލިގަނޑުން ކަންކަން ދަސްކޮށްދޭން މަސައްކަތް ނުކުރާށެވެ. ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭށެވެ.

ކިޔެވުމަށް ދަރިންނަށް ބާރުއަޅަން ބެލެނިވެރިން މަސައްކަތް ކުރާ ގޮތަކީ ފަހަރުގައި އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ އެވެ. ކިޔެވުމަށް ބާރު އެޅުމުގައި ގެންގުޅެންވީ ހަރުދަނާ އުސޫލުތަކެކެވެ. އިންސާފުވެރިވާން ޖެހެ އެވެ. އަދި އެ ކުއްޖަކު އިހްތިޔާރު ކުރާ ގޮތްތަކެއް ހިޔާރު ކުރުމަށް ފުރުސަތު ދޭން ޖެހެ އެވެ.

މިނިވަންކަމާއި އަމިއްލަވަންތަކަން ކުއްޖާގެ ކިބައިގައި އަށަގަންނަނީ މި އުމުރުފުރާގައި ކަމުން، ކޮންމެ ކަމެއްގައި މައިންބަފައިން ނަމޫނާއަކަށް ވާން ވެސް ޖެހެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް