ޝިމާނީގެ ކަލަންޑަރުގައި ހިތްވަރުގަދަ ދިވެހި އަންހެނުންގެ ވާހަކަ
މުހިންމު ނުކުތާތައް
ރާއްޖޭގެ ތާރީހުންނާއި މި ޒަމާނުން، އެކި ދާއިރާތަކުން ކާމިޔާބީތައް ހޯދާފައިވާ އަންހެނުން ގެނެސްދީފައިވަނީ ލިޔުމާއި ކުރެހުމުން
ކަލަންޑަރުގެ ފުރަތަމަ ސޮފުހާ ޝިމާނީ ހާއްސަކޮށްފައިވަނީ ޒުވާން އުމުރުގައި ހުވަފަތްވި މާމަގެ ހިތްވަރާއި އޯގާތެރިކަމަށް
ކޮންމެ މަހަކަށް ތަފާތު ސްޓައިލެއްގެ ކުރެހުމަކުން އާ މޫނެއް
ދިވެހި ތާރީހުގައި އަންހެނުންގެ އުފެއްދުންތެރިކަމާއި ހިތްވަރާއި މުޖުތަމައުގައި އެމީހުންގެ ރޯލު ނިހާޔަތަށް މުހިއްމެވެ. އެކަމަކު ތާރީހުން ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތައް ހާސިލުކުރި މީހުން ވަކިވަކިން ފާހަގަކޮށް، އެ ވާހަކަތައް އިވެނީ ވަރަށް ފަނޑުކޮށެވެ. މިކަން ބަދަލު ކުރުމުގެ ނިޔަތުގައި އާޓިސްޓު ޝިމާނީ ޝަރީފު ވަނީ އޭނާގެ ކުންފުނި 'ކްރިއޭޓިވް ޖޫސް'ގެ ފަރާތުން އަންނަ އަހަރަށް ކަލަންޑަރެެއް ނެރެފަ އެވެ.
'ވިމެން ޗެމްޕިއަންސް އޮފް މޯލްޑިވްސް' ކަލަންޑަރުގެ ހިޔާލު އުފަންވީ ޝިމާނީގެ އަމިއްލަ ހަޔާތުގެ ތަޖުރިބާތަކުންނެވެ. އޭނާގެ އަންހެން ދަރިފުޅާ އެކު ކިޔާ ފޮތް 'ގުޑްނައިޓް ސްޓޯރީޒް ފޯ ރެބެލް ގާލްސް' އަކީ ޝިމާނީގެ ދަރިފުޅަށާއި ހުދު އޭނައަށް ވެސް ވަރަށް ހިތްވަރު ލިބޭ، ކަމުދާ ފޮތެކެވެ.
ދިވެހި އަންހެނުންގެ ވާހަކަ ވެސް އެ ޒާތުގެ ފޮތެއްގެ ގޮތުގައި އެކުލަވާލަން ޝިމާނީ ވިސްނި އެވެ. އެ ހިސާބުން އޭނާ ދިވެހި އަންހެން 'ޗެމްޕިއަނުން' ދެނެގަތުމުގެ ދިރާސާ ފެށި އެވެ.
އެ ދިރާސާ 2019ގައި ފެށި ގޮތަށް އަދިވެސް ޝިމާނީ އަންނަނީ ދިވެހި އެކި އަންހެނުންގެ ވާހަކަތައް އެއްކުރަމުންނެވެ. އެ ވާހަކަތައް ދިރާސާކޮށް ލިޔުމުގެ އިތުރުން އެ މީހުންގެ ތަސްވީރު ވެސް ކުރަހަމުން އަ އެވެ.
"ފުރަތަމަ ބޭނުންވީ ފޮތެއްގެ ގޮތުގައި ނެރެން. އެކަމަކު ފޮތެއް ހަމަވާ ވަރަށް ވާހަކައެއް ނުލިބުނު. ދެން ހިތަށްއެރީ އެންމެން ވެސް ކިޔާހިތްވާ ޒާތުގެ ކަލަންޑަރެއްގެ ގޮތުގައި ނެރެން. އެއީ ހުރިހާ އުމުރުފުރައަކާ ވެސް ގުޅޭ ޒާތުގެ ކަލަންޑަރެއް ގޮތަށް. ކުޑަކުދިންނަށް ވެސް ފަސޭހައިން ކިޔާލެވޭނެ ލިޔުންކޮޅެއް ހިމެނޭ ގޮތަށް. ކަލަންޑަރުގައި ވަނީ ރާއްޖޭގެ ތާރީހުންނާއި މި ޒަމާނުން، އެކި ދާއިރާތަކުން އެކި ކާމިޔާބީތައް ހޯދާފައިވާ އަންހެނުން،" ޝިމާނީ ކިޔައިދިނެވެ.
ކަލަންޑަރުގެ ފުރަތަމަ ސޮފުހާ ހުޅުވާލުމުން ފެންނަނީ އަންހެނަކީ ޝިމާނީގެ މާމަ ތުއްތު ކަމަނަ އެވެ.
"އަޅުގަނޑުގެ ހަޔާތުގައި އެންމެ ހިތްހެޔޮ އަދި އެންމެ މަޑުމައިތިރި މީހަކީ އަޅުގަނޑުގެ މާމަ. މާމައާ އެކު ގިނަ ދުވަސްތަކެއް ހޭދަކޮށްލަން ލިބުނު.އަދި މާމައާ އެކު އުފާވެރި އެކި ހަނދާންތައް އެބަހުރި. މާމަ ޒުވާން އިރު ހުވަފަތްވެ، އާއިލާ އާއި ދަރިން ބަލަން ޖެހުނީ އެކަނި. އެކަމަކު މާމަ ވަރަށް ހިތްވަރުގަދަ. އަދި އެދަތި ހާލުގައި އުޅެމުން ވެސް އެހާމެ ހިތްހެޔޮ އަދި ދީލަތި. ކަންކަމާ ކުރިމަތިލަނީ ޝަކުވާނުކޮށް. އަޅުގަނޑު ވެސް ހަމަ ހައިރާންވެ، ހިތްވަރު ލިބޭ މާމަ އުޅުނު ގޮތުގެ މަތިން ހަނދާންވީމަ. މާމަ އަކީ އަޅުގަނޑުގެ ފީމޭލް ޗެމްޕިއަން،" ޝިމާނީ ކިޔައިދިނެވެ.
"އަޅުގަނޑުމެންގެ އަންހެން ޗެމްޕިއަނުންނަކީ ހަމައެކަނި ގައުމީ ބޮޑެތި ވަނަތަކެއް ހާސިލްކުރި މީހުންނަށް ވާކަށް ނުޖެހޭ. ފީމޭލް ޗެމްޕިއަނުންނަކީ އަޅުގަނޑުމެންގެ އަމިއްލަ އާއިލާގެ މެމްބަރުން، ރަހުމަތްތެރިން ނުވަތަ އެކި ހާލަތްތަކުން ދިމާވާ އަންހެނުން. އެމީހުންގެ ހިތްވަރާއި މިޒާޖު އަދި އިހުލާސްތެރިކަމަށް އިހުތިރާމުކޮށް ފާހަގަ ކުރުން."
ކަލަންޑަރުގެ ކޮންމެ މަހަކަށް އާ ނަމެއް، އާ މޫނެއް ހިމަނާފައިވެ އެވެ.
"'ގުޑްނައިޓް ސްޓޯރީޒް ފޯ ރެބެލް ގާލްސް' ގައި ވެސް ކުރެހުންތައް ކުރަހައިފައިވަނީ އެކި އާޓިސްޓުން. އަޅުގަނޑަށް އެކަން ވަރަށް ކަމުދިޔަ. އެހެންވެ މި ކަލަންޑަރުގައި ހިމެނޭނެ އެކި ސްޓައިލުގެ އެކި ކުލައިގެ ކުރެހުން،" ޝިމާނީ ބުންޏެވެ.
އާޓިސްޓެއް އަދި އިލަސްޓްރޭޓަރެއްގެ ގޮތުގައި މަސައްކަތްކޮށް ތަޖުރިބާތަކެއް ލިބިފައި ހުރުމުން ކޮންމެ މަހަކަށް ތަފާތު ސްޓައިލެއްގެ ކުރެހުން ހުށަހަޅައިދިނުން ޝިމާނީއަށް ފަސޭހަ އެވެ. ތަފާތު ކުލަތައް ބޭނުންކޮށްގެން އަތުރާލާފައިވާ ކުރެހުންތަކުގެ އިތުރުން ޝިމާނީ ވަނީ ކަލަންޑަރުގެ ބޭނުންތެރިކަމަށް ވެސް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދީފަ އެވެ. ކޮންމެ އުމުރުފުރައެއްގެ މީހަކަށް ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ކަލަންޑަރުގެ ފަހަތުގައި ނޯޓެއް ލިޔެލަން ބޭނުން ނަމަ ހުސް ގޮޅިތަކެއް ހިމަނާފައިވެ އެވެ. ކުޑަކުދިންނަށް ކިޔާލަން ފަސޭހަ ފޮތެއްގެ ގޮތުގައި ބޭނުން ކުރެވޭނެ އެވެ. ފޮތުގައި ކުރަހައި އެއްޗެއް ލިޔެލަން ބޭނުން ނަމަ ހުސް ސޮފުހާތަކެއް ވެ އެވެ. އަދި ކޮންމެ މަހެއް ފާއިތުވުމުން ސޮފުހާތައް ޕޯސްޓަރެއްގެ ގޮތުގައި ބޭނުން ކުރެވޭނެ އެވެ.
"ކަސްޓަމަރުން މި ކަލަންޑަރު ބޭނުންކުރާ ގޮތް ވަރަށް ބޮޑަށް ބަލާހިތްވޭ. ކޮންމެ މީހަކު ވެސް އޭގެ އެންމެ ފުރިހަމަ ބޭނުން ކުރަންވީ،" ޝިމާނީ ބުންޏެވެ.
'ވިމެން ޗެމްޕިއަންސް އޮފް މޯލްޑިވްސް'ގެ ފުރަތަމަ ބެޗުގެ ކަލަންޑަރުތައް މިދިޔަ މަހު ވަނީ ނެރެފަ އެވެ. އަދި ދެވަނަ ބެޗުގެ ކަލަންޑަރުތައް 'ކްރިއޭޓިވް ޖޫސް'ގެ އިންސްޓަގްރާމް ޕޭޖުން މިހާރު ގަންނަން ލިބޭނެ އެވެ. ކަލަންޑަރެއް ވިއްކަނީ 275 ރުފިޔާ އަށެވެ.
ކައިރި މުސްތަގުބަލެއްގައި ފިހާރަތަކުން ވެސް ކަލަންޑަރު ލިބެން ހުންނާނެ ކަމަށް ޝިމާނީ ބުންޏެވެ.
ކޮމެންޓް (2)
ދިވެހިން
އަހީލް