
ގެލެރީ 350: ފައިން އާޓިސްޓުންނަށް ހާއްސަ
ރާއްޖޭގެ ފުންނާބުއުސް ފައިން އާޓިސްޓުންގެ ގްރޫޕަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ 'ގެލެރީ 350'ގެ ނަމުގައި މާލޭގައި ގެލެރީއެއް ހުޅުވައިފަ އެވެ. އާޓިސްޓުންގެ ޖަމްއިއްޔާއެއް ކަމަށްވާ ފައިން އާޓް މޯލްޑިވްސްގައި ހަރަކާތްތެރިވާ އާޓިސްޓުން އުފެއްދި މި ގެލެރީގެ ފުރަތަމަ މައުރަޒު ވެސް އާއްމުންނަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ހުނަރުވެރި 12 ދިވެހި އާޓިސްޓުންގެ މަސައްކަތްތައް ދައްކާލާ 'ތިންކް ވީ މަސްޓް' މައުރަޒު ތިން މަސް ދުވަހަށް ކުރިއަށް ގެންދާނެ އެވެ.
"ގެލެރީ 350 އުފެދުނީ ހާއްސަކޮށް ފައިން އާޓިސްޓުންގެ ޑިމާންޑަށް ފައިން އާޓް އެގްޒިބިޓު ކުރަންވެގެން. އަދި ރާއްޖޭގައި ވެސް، މާލޭގައި ވެސް އޮންގޮއިން އާޓް އެގްޒިބިޝަނެއް ނޯވޭ. މިކަހަލަ އޮންގޮއިން އާޓް އެގްޒިބިޝަނަކުން އާޓިސްޓުން ވެސް އިންސްޕަޔާވެ، ރިފްރެޝްވެ އަދި ސެލްފް ޑިވެލޮޕް ވެސް ވޭ،" ފައިން އާޓް މޯލްޑިވްސްގެ މެމްބަރު އަދި ރާއްޖޭގެ ފުންނާބުއުސް އާޓިސްޓް އަހްމަދު ޝުޖާއު ބުންޏެވެ.
ގެލެރީ ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ އަހުމަދު އާރިފު (އާޓޭ) އެވެ. އެ ހަފްލާގައި އިނގިރޭސި ސަފީރު ކެރޮން ރޮސްލާ އަދި ފަންނުވެރި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފުންނާބުއުސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
'ތިންކް ވީ މަސްޓް' މައުރަޒުގައި ފެންނަ އެކި ވައްތަރުގެ ކުރެހުންތަކުން ހާމަވަނީ އެކި އާޓިސްޓުންގެ ކުލަގަދަ ތަފާތު ހުނަރާއި ކުރެހުންތެރިންގެ ވިސްނުމާއި ފިކުރެވެ. އިންސާނެއްގެ ހަޔާތުގައި ކުރާ ތަޖުރިބާ، ދިމާވާ އެކި އިޖުތިމާއީ މައްސަލަތަކާއި ގުދުރަތުގެ އަޖައިބުތަކާ މެދު ވިސްނާލަން އެދެ އެވެ. މި ކުރެހުންތަކާ މެދު ބެލުންތެރިން ފުންކޮށް ވިސްނާލަން އެދެ އެވެ.
ގެލެރީ 350ގެ ފުރަތަމަ މައުރަޒުގައި ދައްކާލާ 12 އާޓިސްޓުންނަކީ
-
1-
އަފްޒަލް ޝާފިއު
-
2-
އަހްމަދު އާމިރު
-
3-
އަހްމަދު އަނިލް
-
4-
އަހްމަދު ޝުޖާއު
-
5-
އައިޝަތު ހުދާ
-
6-
އައިޝަތު ޝުހައިލާ
-
7-
އަމިނަތު ހިލްމީ
-
8-
ފާތިމަތު އަޒްލީނާ
-
9-
މުހައްމަދު އިކްރާމް
-
10-
ނަޝާތު
-
11-
ސަމާހު އަހްމަދު
-
12-
ކަރީން އާދަމް
ގެލެރީ 350ގެ މައިގަނޑު އަމާޒަކީ މުޅި އަހަރު ތެރޭ އެކި މައުރަޒުތައް ބޭއްވުމެވެ. އަދި އާޓްއާ ބެހޭގޮތުން ވާހަކަދައްކައި، އެކި އާޓިސްޓުންނާ އެކު މަސައްކަތްކޮށް، އެމީހުންގެ ހުނަރު އާއްމުންނަށް ދައްކާލުމެވެ.
މި ގެލެރީ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ރޭގަނޑު 7-10 އަށެވެ. ގެލެރީގައި އާޓްވޯކް ދައްކާލަން ބޭނުންވާ މީހުން ގެލެރީ 350ގެ ވެބްސައިޓަށް ޕްރޮޕޯޒަލް ހުށަހަޅަން ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.