މެކްސް ބީލާ އޭނާގެ ދެ އަންހެން ދަރިންނާ އެކު

ސްވިޓްޒަލެންޑްގެ ޕެންޝަންގައި ފިރިހެނުންނަށް ބޭއިންސާފުކަމަަށް ނިންމައިފި

އަންހެނަކު ހުވަފަތް ވެއްޖެ ނަމަ މުޅި އުމުރަށް ޕެންޝަން ލިބޭ، އެކަމަކު ފިރިހެނުން މަހުރޫމް
12 އޮކްޓޯބަރު 2022

ދެ ޖިންސުގެ ހަމަހަމަކަމަށް މުޅި ދުނިޔޭގައި ކުރާ މަސައްކަތް ވަރަށް ރަނގަޅެވެ. އެކަމަކު އަންހެނުންނާ މެދު ކުރިންސުރެ އޮންނަ ހަމްދަރުދީ ބޮޑުވުމުން މި ޒަމާނުގައި އެކަން ބޭއިންސާފަށް ވެސް ވެދެ އެވެ. އޭގެ މިސާލެއް ސްވިޓްޒަލެންޑުން މިވަނީ ފެނިފަ އެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި އިޖުތިމާއީ ރައްކާތެރިކަން އެންމެ ބޮޑު އެއް ގައުމުގައި އަންހެނަކު ހުވަފަތް ވެއްޖެ ނަމަ އޭނާގެ މުޅި އުމުރަށް ޕެންޝަން ލިބެ އެވެ. އެކަމަަކު ފިރިހެނުންނަށް ޕެންޝަންގެ އެހީތެރިކަން ލިބެނީ 18 އަހަރު ނުފުރޭ ދަރިން ތިބި ނަމަ އެވެ.

އެއީ ޖިންސީ ތަފާތުކުރުމެއް ކަމަށް، ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް (އީސީއެޗުއާރު) އިން މިހާރު ވަނީ ނިންމައިފަ އެވެ.

މި ނިންމުމުގެ ސަބަބުން ކުރިން އެ ތަފާތުކުރުމާ ހެދި ޕެންޝަން ނުލިބި ތިބި ފިރިހެނުންގެ ޕެންޝަނަށް އެތައް މިލިއަން ޑޮލަރެއް ހޭދަކުރަން ޖެހޭނެ އެވެ. އަދި ސްވިޓްޒަލެންޑްގެ ޕެންޝަން ގާނޫނު އަލުން ލިޔަން ވެސް ޖެހޭނެ އެވެ.

އީސީއެޗުއާރުން ބުނީ އާއިލާއަށް އާމްދަނީ ހޯދައިދިނުމުގެ ޒިންމާއަކީ ހަމައެކަނި ފިރިހެނުން ކަމަށް އޮތް ވިސްނުން، އެ ތަފާތުކުރުމުގެ ސަބަބަކަށް ނުބެލޭނެ ކަމަށެވެ.

އީސީއެޗުއާރުއަށް ހުށައެޅި މައްސަލަ ބިނާވެފައި އޮތީ މެކްސް ބީލާ ނަމަކަށް ފިރިހެނަކަށް ދިމާވި ހާލަތަށެވެ. އޭނާގެ އަންހެނުން ވަނީ އެކްސިޑެންޓެއްގައި 1990ގެ އަހަރުތަކުގެ ކުރީކޮޅު މަރުވެފަ އެވެ. އޭރު ކުޑަ ދެ ކުދިން އެމީހުންގެ ތިބެ އެވެ. އުމުރުން 41 އަހަރުގައި ބީލާ ވަޒީފާއިން ވަކިވެ ކުދިން ބެލުމުގެ ޒިންމާއާ ހަވާލުވީ ޕެންޝަނުން ލިބޭ ފައިސާއަށް ބަރޯސާވެގެންނެވެ.

އެކަމަކު 2010ގައި ހަގު ދަރިފުޅުގެ އުމުރުން 18 އަހަރު ވުމާ އެކު ޕެންޝަންގެ އެހީތެރިކަން ހުއްޓުނެވެ.

ބީލާއަކީ އަންހެނެއް ނަމަ، ދަރިން ތިއްބަސް ނެތަސް، މުޅި އުމުރަށް ޕެންޝަން ލިބުނީޙެވެ.

ދަރިން ބެލުމުގެ ޒިންމާ ނެގުމަށްޓަކައި ވަޒީފާ ދޫކޮށްލައިގެން ވިއްސަކަށް އަހަރު ހޭދަކުރި ބީލާ ސްވިޓްޒަލެންޑްގެ ކޯޓަކަށް މައްސަލަ ވެއްދި އެވެ. އެކަމަކު ކޯޓުން ނިންމީ ގާނޫނުގައި ބުނެފައި އޮތް ގޮތަށެވެ. އެއީ އާއިލާ ބެލެހެއްޓުމަކީ ބައްޕަގެ ޒިންމާއަކަށް ވުމެވެ.

އެ ކޯޓުގެ ނިންމުމުގައި ބުނި ގޮތުގައި ކުދިންގެ އުމުރުން 18 އަހަރު ވުމުން ބައްޕަ އަލުން ވަޒީފާއަށް ނުކުންނަން ޖެހޭނެ އެވެ. 

އެކަމަކު އީސީއެޗުއާރުއަށް މައްސަލަ ހުށައެޅުމުން ކާމިޔާބު ލިބުނީ ބީލާއަށެވެ. އެ ކޯޓުން ބުނީ އަންހެނުން ވަޒީފާ އަދާކުރުމުގެ އުސޫލުތައް މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށެވެ. އެހެންކަމުން ޔޫރަޕްގެ އިންސާނީ ހައްގުތަކުގެ ގާނޫނުގެ 14 ވަނަ މާއްދާއާ ސްވިޓްޒަލެންޑްގެ ޕެންޝަން ގާނޫނު ހިލާފުވެއްޖެ ކަމަށް ނިންމި އެވެ.

މި ނިންމުމާ އެކު މިދިއަ ދުވަސްތަކުގައި ބީލާއަށް ލިބެން ޖެހޭ ޕެންޝަން ފައިސާ ދޭން ޖެހޭނެ އެވެ. އަދި އަނބިން މަރުވި އެހެން ފިރިން ވެސް، އެ ފައިސާ ހޯދަން އެދެފި ނަމަ ދޭން މަޖުބޫރުވާނެ އެވެ.

ޔޫރަޕްގެ އިންސާނީ ހައްގުތަކާ ބެހޭ ކޯޓުގެ މި ނިންމުން އައުމުން އެހެން ބަހުސެއްގެ އަޑު ވެސް ގަދަވެ އެވެ. އެއީ ޔޫރަޕްގެ ގައުމެއްގެ އެތެރޭގެ ގާނޫނުތަކަށް ޔޫރަޕިއަން ޔޫނިއަންގެ ފަނޑިޔާރުންގެ ބާރު ހިނގާނީ ކިހާ ވަރަކަށްތޯ ކުރެވޭ ބަހުސެވެ.

ސްވިޓްޒަލެންޑަކީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމަކަށް ނުވިޔަސް ޔޫރަޕްގެ އިންސާނީ ހައްގުތަކާ ބެހޭ ގަރާރުގައި ވަނީ ސޮއިކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް