ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް، ހިނގުމަކީ ކުރެވޭނެ އެންމެ ފަސޭހަ އެއް ކަންތައް

ހިނގުން ބާރުކޮށްލައިގެން ބޮޑު ފައިދާއެއް

މަޑު ހިނގުމެއްގައި ގިނަ އަދަދެއްގެ ފިޔަވަޅު ހަމަކުރުމަށް ވުރެ، 30 މިނިޓުގެ ބާރު ހިނގުން ސިއްހަތަށް މާ ރަނގަޅު
2 އޮކްޓޯބަރު 2022

މުހިންމު ނުކުތާތައް

ބާރަށް 30 މިނިޓު ހިނގުމުން ހިތުގެ ބަލި، ކެންސަރު، ޑިމެންޝިއާ އަދި މަރާ ދުރުކޮށްދޭ

އެންމެ ރަނގަޅީ ދުވާލެއްގެ މައްޗަށް 9،800 ފިޔަވަޅު އެޅުން؛ އެއީ ފަސޭހަ މިންވަރަށް ވުރެ ބުރަކޮށް

30 މިނެޓު ހޭދަ ކުރަންވީ ބާރަށް ހިނގައި މިނެޓެއް ތެރޭ ވީހާ ވެސް ގިނަ ފިޔަވަޅު އެޅުމަށް

އަަހަރެމެންގެ ތެރެއިން ބައެއް މީހުން، ފިޓްނަސް ޓްރެކް ކުރުމަށް ކޮންމެވެސް އެއް ބާވަތެއްގެ ގަޑި ބޭނުން ކުރެ އެވެ. މި ގަޑިތަކުން، ދުވާލެއްގެ މައްޗަށް އަޅާ ފިޔަވަޅުގެ އަދަދު ބުނެދެ އެވެ. އެކަމަކު އެ އަދަދުތަކުން، އަހަރެމެންގެ ފިޓްނަސްއަށް ޖުމްލަކޮށް ކުރާ އަސަރު އަދި ނޭނގިދާނެ އެވެ. މުހިއްމީ ޖުމްލަކޮށް އަޅާ ފިޔަވަޅުގެ އަދަދުތޯ ނުވަތަ ކަސްރަތު ކުރާ ބާރުމިން، މިސާލަކަށް ބާރަށް ހިނގުން ނުވަތަ ދުވުންތޯ، އެއީ ދެނެގަތުން މުހިއްމު ކަމެކެވެ.

އާ ދިރާސާއެއް ދައްކާގޮތުން މަޑު ހިނގުމުގައި އަޅާ ފިޔަވަޅުތަކަށް ވުރެ ބޮޑަށް، ހަމަ އެއް އަދަދެއްގެ ފިޔަވަޅުތަކަކަށް، ދުވާލެއްގެ މައްޗަށް 30 މިނެޓުވަންދެން ބާރަށް ހިނގުމުން ހިތުގެ ބަލި، ކެންސަރު، މުސްކުޅިވުމުން ކުރިމަތިވާ ހަނދާންނެތޭ ބަލި (ޑިމެންޝިއާ) އަދި މަރާ ދުރުކޮށްދެ އެވެ.

މި ނަތީޖާތައް ވަނީ ޖާނަލް އޮފް އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ، ޖާމާ އިންޓާނަލް މެޑިސިން އަދި ޖާމާ ނިއުރޮލޮޖީގައި ޝާއިއުކޮށްފަ އެވެ.

އެންމެ ރަނގަޅީ ދުވާލެއްގެ މައްޗަށް 9،800 ފިޔަވަޅު 

ދިރާސާ ހަދާފައިވަނީ 78،500 މީހުންގެ ފިޓްނަސް ޓްރެކިން ޑޭޓާ އަށް ބަލައިގެންނެވެ. ދިރާސާގައި ބައިވެރިވީ ޔޫކޭ ބަޔޯބޭންކުގައި ހިމެނޭ، އުމުުރުން އެވްރެޖްކޮށް 61 އަހަރު މީހުންނެވެ. ހަފްތާއަކު ހަތް ދުވަހު، ރެ އާއި ދުވާލު އެމީހުން ހަރަކާތްތެރިވާ މިންވަރު ބެލުމަށް ފިޓްނަސް ޓްރެކާއެއް ބޭނުންކޮށްފައިވެ އެވެ. މިއީ މިހާތަނަށް އެކްޓިވިޓީ ޓްރެކާ ޑޭޓާ ހިމެނޭ އެންމެ ބޮޑު ދިރާސާ އެވެ. 

ދިރާސާވެރިން މި މީހުންގެ ޑޭޓާ އެއްކުރުމަށް ފަހު އެމީހުންގެ ސިއްހީ ހާލަތު ބަލާ މޮނިޓާ ކުރި އެވެ. މިގޮތުން އެމީހުންނަށް ހިތުގެ ބަލި، ކެންސަރު އަދި ހަނދާންނެތޭ ބަލިޖެހޭތޯ ބެލި އެވެ. މީގެ އިތުރުން ޑޭޓާ އެއްކުރަން ފެށިތާ 6-8 އަހަރު ތެރޭ މަރުވެފައިވޭތޯ ވެސް ބެލި އެވެ.

ދުވާލެއްގެ މައްޗަށް 9،800 ފިޔަވަޅު އަޅާ ނަމަ ހަނދާންނެތޭ ބަލި ޖެހުމުގެ ރިސްކް %50 ކުޑަކޮށްދޭ

ދިރާސާވެރިންނަށް އެނގުނުގޮތުގައި ދުވާލަކު އިތުރަށް އަޅާ ކޮންމެ 2،000 ފިޔަވަޅަކުން (ދުވާލަކު މުޅިއެކު 10،000 ފިޔަވަޅާ ހަމައަށް)، ޒުވާން އުމުރުގައި މަރުވުން، ހިތުގެ ބަލި އަދި ކެންސަރު ޖެހުމުގެ ރިސްކް %10 ދަށްކޮށްދެ އެވެ.

އަދި ދުވާލެއްގެ މައްޗަށް 9،800 ފިޔަވަޅު އަޅާ ނަމަ ހަނދާންނެތޭ ބަލި ޖެހުމުގެ ރިސްކް %50 ކުޑަކޮށްދެ އެވެ. ދުވާލަކު 3،800 ފިޔަވަޅު އަޅާ ނަމަ ޑިމެންޝިއާގެ ރިސްކް %25 އަށް ދަށްކޮށްލަ އެވެ.

ދުވާލަކު 10،000 ފިޔަވަޅަށް ވުރެ އިތުރަށް އެޅުމުން އިތުރު ފައިދާތަކެއް ލިބޭތޯ ބެލޭ ގޮތެއް މި ދިރާސާގައި ނުވެ އެވެ. އެއީ ދިރާސާގެ ބައިވެރިންގެ ތެރޭގައި އެ މިންވަރަށް ހަރަކާތްތެރިވެ އުޅުނު މީހުން މަދުވީމަ އެވެ.

ދުވާލަކު އަޅަން ޖެހޭ ކަމަށް އާއްމުކޮށް ބުނެ އުޅޭ 10،000 ފިޔަވަޅު ހަމަވުމުގެ މާ ކުރިން ވެސް، ހިނގުމުގެ ފައިދާ ހަށިގަނޑަށް ލިބެން ފަށާކަން، މީގެ ކުރީގެ ބައެއް ދިރާސާތަކުން ވެސް ވަނީ އެނގިފަ އެވެ.

ކުޑަ ވަގުތުކޮޅަކަށް ވިޔަސް ބާރަށް ހިނގުމުން ބޮޑު ފައިދާއެއް

މި ދިރާސާގައި، މިނިޓަކު އަޅާ ފިޔަވަޅުތަކުގެ އަދަދަށް ބެލުމުން އެނގުނީ، ދުވާލެއްގެ މައްޗަށް 30 މިނެޓުވަންދެން ބާރު ސްޕީޑެއްގައި ހިނގައިފި ނަމަ ސިއްހަތަށް ކުރާ ފައިދާ ބޮޑު ކަމެވެ. މަޑު ހިނގުމެއްގައި 30 މިނެޓު ހޭދަ ކުރުމުގެ ބަދަލުގައި، މިނެޓެއް ތެރޭ 80 އާއި 100އާ ދެމެދުގެ އަދަދަކަށް ފިޔަވަޅު އަޅަމުން ބާރަށް ހިނގާ މީހުންނަށް، ހިނގުމުން ލިބޭ ފައިދާ ބޮޑެވެ.

މިގޮތުން، އެވްރެޖްކޮށް މަޑު ހިނގުމެއްގައި ހިނގާ މީހުންނާ އަޅާބަލާ އިރު، ބާރަށް ހިނގާ މީހުން ޅަ އުމުރުގައި މަރުވުމުގެ ރިސްކް %35 ކުޑަވެފައި، ހިތުގެ ބަލި ޖެހުމުގެ ރިސްކް %25 ދަށެވެ. އަދި ހަނދާންނެތޭ ބަލި ޖެހުމުގެ ރިސްކް %30 ދަށެވެ.

އެހެން ގޮތަކަށް ބުނާ ނަމަ، ދުވާލެއްގެ މައްޗަށް ބާރު ސްޕީޑެއްގައި 2،400 އާއި 3،000އާ ދެމެދު އަދަދަކަށް ފިޔަވަޅުތައް އަޅައިގެން ހިތުގެ ބަލިތަކާއި ކެންސަރާއި ޑިމެންޝިއާ ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަކުރެވިދާނެ އެވެ.

ދުވާލަކު 30 މިނެޓު ހޭދަ ކުރަންވީ ބާރަށް ހިނގައި މިނެޓެއް ތެރޭ ވީހާ ވެސް ގިނަ ފިޔަވަޅު އެޅުމަށް

ޔުނިވާސިޓީ އޮފް ސިޑްނީގެ ފަރާތުން މި ދިރާސާ ހެދުމުގައި ބައިވެރިވި އެއް ފަރާތް ކަމުގައިވާ މެތިއު އަހްމަދީ ބުނެފައިވަނީ ބާރަށް ހިނގުމުން ލިބޭ ފައިދާތައް ހޯދުމަށް ކޮންމެހެން އެއްފަހަރާ 30 މިނެޓު ހިނގާކަށް ވެސް ނުޖެހޭ ކަމުގަ އެވެ. ދުވަހުގެ އެކި ވަގުތުތަކަށް ބަހާލައިގެން ބާރު ހިނގުމެއްގައި ހިނގައިގެން މި ފައިދާތައް ހޯދިދާނެ ކަމަށެވެެ.

ތަޖުރިބާކާރުން ބުނަނީ ސަމާލުކަންދޭންވީ އާދައިގެ ސްޕީޑަށް ވުރެ ތަންކޮޅެއް ބާރަށް ހިނގުމަށް ކަމުގަ އެވެ. ބާރު ސްޕީޑެއްގައި ހިނގުމާއި ދުވުމާ ދެމެދު ހުރި ތަފާތަކީ ކޮބައިތޯ ބަލާއިރު، މި ދެ ކަންތަކުގެ ތެރެއިން ވަކި ކަމެއް ބޮޑަށް ރަނގަޅުތޯ ދެނެގަނެވޭ މިންވަރަށް މި ދިރާސާގައި ޑޭޓާއެއް ނެތެވެ. ނަމަވެސް މި ދެ ކަންތަކުން ވެސް، މަޑުން ހިނގުމަށް ވުރެ ބޮޑަށް ސިއްހީ ފައިދާތައް ލިބޭކަން ދިރާސާ އިން ވަނީ ހޯދިފަ އެެވެ.

ފިޓްނަސް ރަނގަޅުވަނީ ބުރަކޮށް ކަސްރަތުކުރުމުން

މި ދިރާސާއަކީ ސިއްހީ އެކި ކަންކަމަށް، ކަސްރަތުގެ ބާރުމިން މުހިންމުވާ މިންވަރު ދެނެގަތުމަށް މިހާރު ކުރިއަށްދާ ދިރާސާތަކުގެ ބައެކެވެ.

އެންމެ ފަހުގެ މި ހޯދުންތަކުން ދައްކާ ގޮތުގައި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ކޮންމެހެން ވަރަށް ބައިވަރު ހައި އިންޓެންސިޓީ ކަސްރަތުތަކެއް ކުރާކަށް ނުޖެހެ އެވެ. ބާރަށް ހިނގުން ފަދަ، މެދުމިނުގެ ކަސްރަތު ގަވާއިދުން އާދައިގެ މިންވަރަކަށް ކޮށްގެން ހިތުގެ ބަލިތައް، ކެންސަރު އަދި ޑިމެންޝިއާ ފަދަ ކަންކަމުން މަތީ ދަރަޖައަކަށް ރައްކާތެރިކަން ހޯދިދާނެ އެވެ.

ކްލީވްލޭންޑް ކްލިނިކްގެ ކާޑިއޯލޮޖިސްޓް، ޑރ.ތަމަންނާ ސިންގް ވިދާޅުވިގޮތުގައި ކޮންމެ މީހަކު ވެސް ކަސްރަތުކުރަން ފަށަނީ ތަފާތު ދަރަޖައަކުންނެވެ. އެކަކަށް ބާރު ހިނގުން އަނެކަށް ބާރު ނުވެދާނެ އެވެ. ނަމަވެސް މީގައި ބަލަންވީ ނިސްބަތުން ކުރާ މަސައްކަތަށެވެ. ލުއިކޮށް ކަސްރަތު ކުރާ އިރު އެ ކަސްރަތު ކުރަމުން ލަވަކިޔޭނެ އެވެ. މެދުމިނެއްގައި ކުރާ އިރު ވާހަކަ ދެއްކޭނެ އެވެ؛ އެކަމަކު ލަވައެއް ނުކިޔޭނެ އެވެ. އަދި އެންމެ ވަރުގަދަ ކޮށް ކުރާ އިރު ވާހަކަ ދައްކަން ވެސް އުދަނގޫވާނެ އެވެ.

ކަސްރަތުގެ ފައިދާ ލިބުމަށް ބުރަމިން މުހިއްމު ދައުރެއް އަދާ ކުރޭ

ބާރު ސްޕީޑުގައި ހިނގުމުން ދިގު މުއްދަތަކަށް ލިބޭ ސިއްހީ ފައިދާތަކުގެ އިތުރުން ބާރަށް ހިނގުމުގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވެ، ލޭގައި ހަކުރުގެ މިންވަރު މެދުމިނުގައި ހުރުމާއި، ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަވެގެންދާނެ އެވެ.

މީގައި މުހިއްމުވަނީ، އެ މީހަކަށް ހިނގޭ ވަރަކަށް، އެކަމަކު ފަސޭހަ މިންވަރަށް ވުރެ ބުރަ ހަލުވިމިނެއްގައި ހިނގުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް