ބ. ދޮންފަނުގައި މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ 'އަލުން ބަލުން' ބާޒާރުގެ ތެރެއިން (ފޮޓޯ/ސޮނޭވާ ނަމޫނާ)
ބ. އަތޮޅުން މި ދައްކަނީ އަލުން ބޭނުންކުރުމުގެ ނަމޫނާ
މުހިންމު ނުކުތާތައް
މިއީ ސޮނޭވާގެ 'ނަމޫނާ' ޕްރޮގްރާމްގައި ބައިވެރިވާ 7 ރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ އިސްނެގުމެއް
އެއް ރަށުގެ ގޭބިސީތަކުން ދޫކޮށްލާ ތަކެތި ސާފުކޮށް މަރާމަތުކުރުމަށް ފަހު ވިއްކުމަށް އެހެން ރަށަކަށް ފޮނުވާނެ
ލިބޭ ފައިސާއަކީ އަންހެނުންގެ ކޮމިޓީތަކުގެ އާމްދަނީ
ތަކެތި ބޭނުން ކުރެވޭ މުއްދަތު އިތުރުކޮށް، ކުނި އުފެދޭ މިންވަރު މަދުކުރެވިދާނެ އެވެ. ބ. އަތޮޅުގެ 'އަލުން ބަލުން' ބާޒާރުން ދައްކައިދެނީ އެ ކަމެވެ.
އެ އަތޮޅުގެ ހަތް ރަށެއްގެ އަންހެނުންގެ ކޮމިޓީތަކުން އިސްނަގައިގެން ރަށު ކައުންސިލްތަކާއި ސޮނޭވާ ނަމޫނާއާ ގުޅިގެން ކޮންމެ ހަފްތާބަންދެއްގައި ހުޅުވާލާ 'ފިހާރަ' އިން، ބޭނުންކޮށްފައި އެކަމަކު ރަނގަޅު ހާލަތުގައި ހުންނަ ތަކެތި، ހެޔޮ އަގުގައި ގަންނަން ލިބޭނެ އެވެ.
މާޅޮސް، ދަރަވަންދޫ، ކިހާދޫ، ދޮންފަނު، ކަމަދޫ، ކުޑަރިކިލު އަދި ކެންދޫގައި މިދިޔަ ހޮނިހިރު ދުވަހު ކާމިޔާބުކަމާ އެކު އަޖުމަބެލި ބާޒާރު މާދަމާ އަނެއްކާވެސް ކިހާދޫގައި ކުރިއަށް ގެންދާނެ އެވެ. ކޮންމެ ހޮނިހިރެއްގައި ވެސް، އެ ހަތް ރަށުގެ ތެރެއިން ކޮންމެވެސް އެއް ރަށެއްގައި، ސިލްސިލާކޮށް 'އަލުން ބަލުން' ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މަގްސަދަކީ، އިންތިޒާމްކުރާ ފަރާތްތަކުން ބުނިގޮތުގައި، ބޭނުންކޮށްފައިވާ ތަކެތި އުކާލުމުގެ ބަދަލުގައި އަލުން ބޭނުން ކުރުމުގެ ސަގާފަތެއް އުފެއްދުމެވެ. އެފަދަ ތަކެތި ހެޔޮ އަގެއްގައި ވިއްކާލައި ކުނި މަދުކުރުމެވެ.
ތަކެތި ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނީ ބައިވެރިވާ ރަށްތަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އާމްދަނީގެ ގޮތުގަ އެވެ.
މި "މަސައްކަތުގެ ސަބަބުން އަންހެނުންގެ ކޮމިޓީތަކަށް އިތުރު އާމްދަނީ ހޯދޭނެ މަގުފަހިވެ، ވަސީލަތްތައް އިގްތިސާދު ކުރުމުގައި އަންހެނުންގެ ދައުރު ފުޅާކުރެވިގެންދާނެ،" 'އަލުން ބަލުން' އިންތިޒާމްކުރާ ފަރާތްތައް ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި، ދޮންފަނު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރު މަރިޔަމް ނިޝްރީން ވިދާޅުވެފައިވެ އެވެ. "އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި މުޅި ބ. އަތޮޅާއި އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ވެސް މި ރީސޭލް މާކެޓް ފުޅާވެގެންދިޔުން."
'އަލުން ބަލުން' އިންތިޒާމްކޮށްފައިވަނީ އެއް ރަށުގެ ގޭ ބިސީތަކުން ކުނީގެ ގޮތުގައި ދޫކޮށްލާ ތަކެތީގެ ތެރެއިން ބޭނުންކުރެވޭނެ އެއްޗެހި އެ ރަށެއްގެ އަންހެނުންގެ ކޮމިޓީން ފާހަގަކޮށް، ސާފުކޮށް އަދި މަރާމަތުކޮށް ވިއްކުމަށް، މި ޕްރޮގްރާމްގައި ބައިވެރިވާ އެހެން ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް ގެންދާ ގޮތަށެވެ.
"މިގޮތަށް އެއް ރަށެއްގައި އެއްކުރެވޭ ތަކެތި އެހެން ރަށަކަށް ވިއްކުމަށް ފޮނުވުމުން ކުދިކުދި ރަށްތަކުގައި ކުރިން ބޭނުންކުރެވިފައިވާ ތަކެތި ވިއްކުމަށް ހުންނަ ގޮންޖެހުންތަކުން އަރައިގަނެވޭނެއެވެ،" ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
'އަލުން ބަލުން' ބާޒާރު ކުރިއަށް ގެންދާ ރަށްތަކަކީ ސޮނޭވާ ނަމޫނާ ޖަމްއިއްޔާގެ ޕްރޮގްރާމްތަކުގައި ބައިވެރިވާ 'ނަމޫނާ' ހަތް ރަށެވެ.