ވާހަކަ: މެންދަން ވީމާ ހިމޭން

ވާހަކަ

ވާހަކަ: މެންދަން ވީމާ ހިމޭން

ރަށުން ފުރައިގެން ދިޔައިރު މަލަމަތިން ތަފާތު މަންޒަރެއް އަހަރެންނަށް ފެނުނެވެ. ނަމަވެސް އެ މަންޒަރު ފެންނަނީ ހަމައެކަނި އަހަރެންނަށް ހެއްޔެވެ؟ އެ ރަށުން ފުރައިގެން ދިޔުމުން އެ ރަށުގައި އެ ވީ ކަންކަން މާޒީއާއެކު ވެ ނިމި ހިނގައިދާނެ ބާއެވެ.
11 ޖުލައި 2022

އެޕިސޯޑް 4

ލޯގަނޑުން ފެނުނު މަންޒަރު ޔަގީންކޮށްލުމަށް ހިނދުކޮޅެއް ނެގިއެވެ. އަހަރެންނަށް މޭމަތީގައި އަތް ކާއްތާލެވުނެވެ. މޭމަތީ އެކި ތަންތަން ހުރީ ނޫފައިގެންފައެވެ. ވެފައި ހުރީ ކީއް ކަމެއް ނޭނގުނެވެ. އެކަމާ ވިސްނަން ހުއްޓައި ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. އަހަރެން އަތްމަތި އަވަސް ކޮށްލީމެވެ. މި ތަނުގައި އުޅޭ އިރު ގަޑިއަށް ވަރަށް ސަމާލުވާން ޖެހެއެވެ. ކޮންމެ ކަމަކަށް ވެސް ގަޑިއެއް އޮވެއެވެ. ކާން ވެސް ވަކި ގަޑިތަކެކެވެ. ނިދާ އަދި ހޭލަން ވެސް ގަޑިތަކެކެވެ. ކުރަން ޖެހޭ ކަންކަން ވަކި އުސޫލަކާއި ގަވާއިދެއްގެ ދަށުން ކުރަން ޖެހެއެވެ.

އަހަރެމެން ތިބީ ސައި ބޯށެވެ. އެކި މީހުން އެކި ވާހަކައިގައެވެ. އަނގަ ހެލޭ ވަރަށް އަތްމަތި ވެސް އަވަހެވެ. ހުއްޓިފައި އިނީ އަހަރެންނެވެ. ރޭގައި ހިނގާ ދިޔަ ކަންތަކާ މެދު ވިސްނެނީއެވެ. މީހަކާ ހިއްސާ ކުރަން ބޭނުން ނުވަނީ ކީއްވެ ކަމެއް ނޭނގެއެވެ. ހިއްސާ ކޮށްފި ނަމަ އަހަރެންނާ މެދު ދެކޭ ގޮތް ބަދަލު ވާނެއެވެ. އަހަރެން މިއީ ބޮޑު މޮޔައެއް ކަމަށް ވެސް ހީކޮށްފާނެއެވެ. އަނެއްކޮޅުން އަހަރެން ކުރީ، ތަނުގައި ކުރަން މަނާ ކޮށްފައިވާ ކަމެކެވެ. އެހެން ވުމުން އެ ވާހަކަ ނުދައްކަން ނިންމީމެވެ.

ހެނދުނު ފެށި ޓްރެއިނިންގެ ހަރަކާތްތައް އަދިވެސް ނުނިމެއެވެ. މިހާރު ހަވީރު ފަހެއް ޖަހަނީއެވެ. ކޮންމެ ނަމާދަކާއި ކެއުމަށް ބްރޭކް ނަގާފައި އަނެއްކާވެސް ފަށައެވެ. އަހަރެން ހުރީ ވަރުބަލިވެގެން އޮށޯވެލަން ބޭނުން ވެފައެވެ. ހުމެއް ވެސް މަޑެއް ނުވެއެވެ. ބޮލުގައި ރިހުމެއް ވެސް ލުޔެއް ނުވިއެވެ. އަހަރެން ހޮޑުލަވަން ފެށިއެވެ. އިރުކޮޅެއް ނުވެ ހޮޑުލެވުނެވެ. ވަގުތުން ފަރުވާ ދޭ މީހުން އައިސް އަހަރެންނަށް ފަރުވާ ދޭން ފެށިއެވެ. އަހަރެން ބޯ އަނބުރަން ފެށުމުން އަށްޓެއްގެ މަތީގައި ބޭއްވިއެވެ. ލޯ ހުޅުވާލުމާއެކު ފެނުނީ ނިކަ ގަހެވެ. ފުންމައިގެން ތެދުވަން އުޅުނީމެވެ. ނަމަވެސް ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ނިކަ ގަހާ ދިމާލަށް ނުބަލަން ދެ ލޯ މަރާލީމެވެ. ތަނުގައި އުޅޭ އެހެން މީހަކު އައިސް ލުނބޯ ފަނި ތައްޓެއް ގެނެސް ދިނެވެ. އަހަރެން ލޯ މަރައިގެން އިނދެ އެ ބޯލީ އެއް ނޭވާއިންނެވެ. ލޯ މަރައިގެން އޮންނަނީ ކީއްވެތޯ ސުވާލު ކުރިއެވެ. ބޯ އަނބުރާލެއް ބޮޑުކަމުން ކަމުގައި ބުނީމެވެ.

އިރުކޮޅެއް ކޮށްފައި ލޯ ހުޅުވާލީމެވެ. އެންމެ މީހަކު ފިޔަވައި ހުރިހާ އެންމެން އެތަނުން ދިޔައެވެ. އަހަރެން ގާތުގައި އިން މީހާ އިނީ ފޯނާ ކުޅޭށެވެ. އަހަރެން އޮތް އަށި ހުންނަނީ އުނދޯއްޔާ ވަރަށް ކައިރީގައެވެ. ކަނާއަތް ފަރާތުގައެވެ. އުނދޯލި ހެއްލެން ފެށިއެވެ. އަހަރެން އެ ދިމާލަށް ނުބެލި ކަމުގައި ވިޔަސް އެ ވަރު އެނގެއެވެ. ސާފު ނުވާ ކަމަކީ އޭގައި މީހަކު އިން ކަމެއް ނުވަތަ ނެތް ކަމެއް ނޭނގުމެވެ. އަހަރެން އަރި އަކަށް އެނބުރެން އުޅުނީމެވެ. އުނދޯއްޔަށް ފުރަގަސް ދޭން ބޭނުން ވާތީއެވެ. ނަމަވެސް ހަށިގަނޑުގައި ވަރުބަލި ކަމެއް ހުރުމުން އެ ހިތްވަރެއް ނުލިބުނެވެ. އެ ވަގުތު އުނދޯލި ހުއްޓުނެވެ. އަދި މީހަކު އެ ދިމާއިން ހިނގަމުން އަންނަ ކަން އެނގުނެވެ. އަހަރެން އޮތީ ނޭވާ ހިފަހައްޓާލައިގެންނެވެ. އަހަރެންނާ ދާދި ގާތަށް އައެވެ. ހަމަ އެ ވަގުތު އައްފާނުމެން އެ ތަނަށް އައެވެ. އަހަރެންގެ ގާތަށް އައި މީހާ ނެތް ކަން އިހުސާސްވިއެވެ.

ޓްރެއިނިން ނިންމާފައި މާލެ ދާން ޖެހުނު ދުވަހެވެ. ހުރިހާ އެންމެން ތިބީ ފުރަން ތައްޔާރު ވެގެންނެވެ. އަހަރެން ވެސް އިނީ ދަބަހެއް އަޅުވައިގެން ލޯންޗަށް އަރައެވެ. އެންމެން ހަމަ ވުމުން އެކި ގްރޫޕަށް ބަހާލާފައި މީހުންތައް ފުރިއެވެ. އަހަރެން އިނީ އެ ރަށާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ނިކަ ގަހެވެ. ހެދިފައިވާ އެ ނިކަ ގަސް ހުންނަނީ ރަށް މަތިން ފެންނަހާ ބޮޑު ކޮށެވެ. ނިކަ ގަހުގެ މަތީގައި ފެންނަނީ ހިޔަންޏެއް ކަހަލަ އެއްޗެކެވެ. ބައެއް ފަހަރު ހީވަނީ ދުންގަނޑެއް ހެންނެވެ. އަނެއްބައި ފަހަރު ހީވަނީ ވިލާކޮޅެއް ހެންނެވެ. އަހަރެންނަކަށް ރީތިކޮށް ސާފުވާ ވަރެއް ނުވިއެވެ. އެކަމަކު އޭތި ހަރަކާތް ކުރާކަން އެނގުނެވެ. ހީވަނީ އަތް ހޫރާ ހެންނެވެ. ލޯންޗުގައި ތިބި އެހެން މީހުންނަށް އަހަރެން ބަލާލީމެވެ. އެއްވެސް މީހަކަށް އެ މަންޒަރު ފެންނަ ހެނެއް ހިއެއް ނުވެއެވެ. އަނެއްކާވެސް އަހަރެން އެ ދިމާލަށް ބަލާލީމެވެ. އެ ވަގުތު އޭތި މައްޗަށް އެރި ތަން ފެނުނެވެ. ދުންކޮޅެއް ހެން ފަނޑުވެގެން ދިޔައެވެ. އަހަރެން އެ ދިމާލަށް ނުބަލަން ހިތަށް އެރިއެވެ.

މާލެ އައިސް، ހުވާ ކުރުމުގެ ރަސްމިއްޔާތު އޮތް ރެއެވެ. ހުރިހާ އެންމެން އެ ކަމަށް ތައްޔާރު ވަމުން ދިޔައެވެ. އަހަރެން ފިޔަވައެވެ. އަހަރެން އިނީ އެ ރަށުގައި ހިނގާ ދިޔަ ކަންކަމާމެދު ވިސްނާށެވެ. ހަންޑިއާއި ފުރޭތަ އަކީ ފްލޯކެކޭ މީހުން ކިޔާ އަޑު އަހަމެވެ. ނަމަވެސް ޖިންނި ޝައިތޯނުން އުޅެއޭ ބުނާ އަޑު ވެސް އަހަމެވެ. އަދި އަހަރެން އެ ކަންކަން ގަބޫލު ވެސް ކުރަމެވެ. އަހަރެން ވަރަށް ކުޑަ އިރު މާމަ އެ ކަހަލަ ވާހަކަ ކިޔައިދެއެވެ. މާމަމެން ކުޑައިރު ފީކޮއެ ކުޅެން އުޅުނު އިރު މާމައާ އެއް އުމުރު ކުއްޖަކު ގެއްލުނު ވާހަކަ ކިޔައިދިނެވެ. އެ ކުއްޖާ ޖިންނި ގެންދިޔައީ ކަމުގައި ބުނެ އުޅުނެވެ. އަދިވެސް އޭނަ ނުފެނެއެވެ. މާމަމެން ފީކޮއެ ކުޅެން އުޅުނު ގޮނޑުދޮށުގެ ހޭޅީގަ އާއި ރުއް ވާ ތެރޭގައި ކަމުގައި ވެސް ބުންޏެވެ. އެ ކަންކަން އަހަރެން ގަބޫލު ކުރަމެވެ. އެކަމަކު އޭރު ވެސް ބިރެއް ނުގަނެއެވެ.

އަހަރެން ޕޮލިހުގައި އުޅޭތާ އެއް އަހަރު ފުރުނެވެ. އެ ދުވަސްތަކުގައި އަހަރެން އުޅުނީ މާލޭގައެވެ. ކުރިން އަހަރެންނަށް ދިމާވި ކަހަލަ އެއްވެސް ކަމެއް މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ނުވެއެވެ. އަހަރެން ހުރީ އެކަން ހަނދާން ނައްތާލަން ބޭނުންވެފައެވެ. އެއީ އަހަރެންގެ މާޒީ ކަމުގައި އުންމީދު ކުރަމުންނެވެ. މިއަދަކީ އަހަރެންގެ ރަށަށް ދާ ދުވަހެވެ. އަހަރެންނަށް ފުރުސަތު ލިބުނީ ރަށުގައި ވަޒީފާ އަދާ ކުރާށެވެ. އެކަމާ ވަރަށް އުފާވިއެވެ. އަމިއްލަ ވަޒަނުގައި ހުރެ ވަޒީފާ އަދާ ކުރެވޭނެތީއެވެ. މައިންބަފައިން ގާތުގައި ހުރެވޭނެތީއެވެ. ރަށަށް އައިސް ފުރަތަމަ ވެސް ދިޔައީ ޕޮލިސް ސްޓޭޝަނަށެވެ. އެތަނުގައި ހުރި ކަންކަން ބަލާލުމަށް ފަހު ގެއަށް ދިޔައީމެވެ. ގެއަށް ގޮސް ވަން އިރު އެއްވެސް މީހަކު ގޭގައި ނޫޅެއެވެ.

ރަށުގައި އުޅޭތާ މާ ގިނަ ދުވަހެއް ނުވެއެވެ. އަހަރެންނަށް ކުއްޖަކު ކަމުދާން ފެށިއެވެ. އެއީ އަހަރެންނާ އެކުގައި އެއް ގްރޭޑެއްގައި ކިޔަވަމުން ދިޔަ ނިޝާއެވެ. އަހަރެންނަށް ނިޝާ ވަރަށް ކަމުދިޔައެވެ. ނިޝާގެ ހަޔާތުގައި އެހެން މީހަކު ހުރިތޯ އެ ގޮތް މިގޮތުން އަހަރެން އޮޅުން ފިލުވީމެވެ. އަހަރެންގެ ނަސީބު އަތުގައި ހިފި ކަހަލައެވެ. ނިޝާ ހުރީ ހުސްކޮށެވެ. ޖެހިލުމެއްނެތި ނިޝާއާ ރައްޓެހިވާން އެހީމެވެ. ވިސްނާލަން އެންމެ މިނެޓެއް ވެސް ހޭދަ ނުކޮށް ނިޝާ އެއްބަސްވިއެވެ. އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ. ދެ މީހުންގެ ބައްދަލުވުންތައް ގިނަވިއެވެ. ފޯނު ކޯލުތައް ދިގުލާން ފެށިއެވެ. އަހަރެން ޑިއުޓީ ނިންމާފައި ސައިކަލު ދުއްވަން ދާން ފެށީމެވެ. އަހަރެން މާލޭގައި ހުރި އިރު ސައިކަލެއް ނެގީ އިންސްޓޯލްމަންޓަށެވެ. އަދިވެސް ފައިސާ ދައްކާ ނުނިމެއެވެ.

އަހަރެން ޑިއުޓީ ނިންމާފައި ގެއަށް ދިޔަ ރެއެކެވެ. ނިމުނުލެއް ލަސްކަމުން ނިޝާއަށް ދުއްވާލަން ނުދެވޭނެ ކަމުގައި ހިތަށް އެރިއެވެ. އެ ވަގުތު ފޯނު ރިންގްވިއެވެ. އަހަރެން ފޯނު ނެގި އިރު ނިޝާއެވެ.

"މިރޭ މާ ލަސްވީމަ ނުގުޅީ. ނިޝާ އަދިވެސް ނުނިދަންތަ؟" އަހަރެން ސައިކަލު މަޑުކޮށްފައި ފޯނު ނެގީމެއެވެ.

"ފަހަތް ބަލާބަލަ،" ނިޝާ ބުންޏެވެ. އަހަރެން ބަލާލީމެވެ. ނިޝާ ހުރީ ގެއެއްގެ ދޮރާށި ކައިރީގައެވެ. އަހަރެން ސައިކަލު އަނބުރާލާފައި އެތަނަށް ދިޔައީމެވެ.

"ކީއް ކުރަނީ މިތާ؟" އަހަރެން އެހީމެވެ. "މިއީ އަހަރެންގެ ގެއެއްނު؟" ނިޝާ ހިނިތުންވެލަމުން ބުންޏެވެ. އަދި ސައިކަލު ފަހަތަށް އެރިއެވެ. "ދެން ލަސް ނުކޮށް ހިނގާދާން." އެހެން ބުނުމުން އަހަރެން އެ ގެއަށް ބަލާލީމެވެ. ތެދެކެވެ. އެއީ ނިޝާ އުޅޭ ގެއެވެ.

އަހަރެން ވިސްނާލީމެވެ. ނިޝާގެ ގެ ހުންނަނީ ރަށުގެ މެދުތެރޭގައެވެ. އަހަރެންގެ ގެ ހުންނަނީ ދެކުނު ކޮޅުގައެވެ. އަހަރެން ގެއަށް ދާން ދުއްވަމުން ދިޔައީ ދެކުނު ކޮޅަށެވެ. ވުމާއެކު މި ދިމާލަށް އަހަރެންނަށް އާދެވުނީ ކިހިނެއް ހެއްޔެވެ؟ ނިޝާ ގާތު އެއްޗެއް އަހާލުމަށް ހިތަށް އެރިއެވެ. ހަމަ އެ ސިކުންތުގައި ފޯނަށް މެސެޖެއް އައެވެ. ސައިކަލު މަޑުކޮށްފައި ފޯނު ބަލާލީމެވެ.

"މިރޭ މާ ލަސް ވީމަ މި ނިދަނީ އިނގޭ. ގުޑްނައިޓް. ލަވް ޔޫ." އެއީ ނިޝާގެ މެސެޖެކެވެ. އަހަރެން ތުރުތުރު އަޅަން ފެށިއެވެ. ފަހަތް ބަލާލާކަށް ނުކެރުނެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް