ވާހަކަ: ކަތި ފިޔަވަޅު

ވާހަކަ

ވާހަކަ: ކަތި ފިޔަވަޅު

ކައިވެނީގެ ހަފްލާ ތެރެއިން ތޯރިގަށް ފެނުނީ އެވަގުތު އެތަނަށް އައިސްގެން ވާނެ މީހެއް ނޫނެވެ. ސަހަލު ގޮތަކަށް ނުދާނެކަން ތޯރިގަށް އޭރު ވެސް އެނގުނެވެ.
23 ޖޫން 2022

އެޕިސޯޑް 14

"އެނގޭތަ މިއީ ކާކުކަން؟" އެ އަންހެން މީހާގެ ކައިރީގައި ހުރި 20 އަހަރުގެ އަންހެން ކުއްޖެއް ދައްކާލަމުން ބުންޏެވެ.

"އޭތް. ކާކުގެ ކަމެއް އެއީ؟ ކާކު އޭނަ ގާތު ބުނީ މިތަނަށް އަންނާށޭ؟" ވައި އަޑަކުން ތޯރިގު ބުނީ އަޒީޒް ގާތުގައެވެ. އެ އަންހެން މީހާއަށް އިޝާރާތް ކޮށްފައެވެ. އަޒީޒް ދެ ލޯ ބޮޑުކޮށްލިއެވެ.

"މަށަކަށް ނޭނގެ ހަމަ ހުވާ." އަޒީޒް ވެސް ވާހަކަ ދެއްކީ ވައި އަޑުންނެވެ. "ހިނގާބަލަ އެތަނަށް."

"އޭރުންނޯ؟" ތޯރިގު ބުންޏެވެ.

"ދެން ހިނގާބަލަ. ދިޔައިމައެއްނު އެނގޭނީ އޭނަ ކީއްކުރަން ކަން އެ އައީ؟" އަޒީޒް ތޯރިގް އަތުގައި ހިފަމުން ހިނގައިގަތެވެ. ތޯރިގު އެކި ދިމަދިމާލަށް ބަލަމުން ހާސްކަން ފޮރުވިއެވެ.

"އަހަނ. މިއޮތް އައީނު ތޯރިގު. ތޯރިގު މިއީ ކާކުކަން ސާނިޔާއަށް ބުނެދީބަލަ. ސާނިޔާ ބުނި އަހަރެން ނުދަންނަމޯ. ތޯރިގު ނުބުނަންތަ؟" އެ އަންހެން މީހާ އެހިއެވެ. ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. ތަނުގައި ތިބި މެހުމާނުން ވެސް އެކަކު އަނެކަކަށް ބަލަމުން ދިޔައެވެ. އަޒްނާ އާއި އަދުހަމް ވެސް އެތަނާ ކައިރިވެލިއެވެ.

"އަހަރެން މިއީ ތޯރިގުގެ ކުރީގެ އަންހެނުން ފަރީސާ. މިހުރީ ތޯރިގުގެ ދަރި ހައުލާ." ފަރީސާ އެ ދެއްކި ވާހަކަތަކުން ސާނިޔާގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ކަންފަތުގައި އަތް އެޅި ނަމަވެސް އެ އަޑު އިވޭނެއެވެ. އެހާ ވެސް ބާރަށް ސާނިޔާއަށް އަޑު އިވުނެވެ. ހޮނު ގުގުރިއެއް ފަދައިންނެވެ.

"ގެއާ އެއްޗެހި ފެންވަރުގައި ހަދާލައި ދަރިން ކައިވެނިކޮށް ހެދި އިރު އަހަރެމެން ދެމައިން މަތިން ހަނދާނެއް ނެތް ދޯ؟ ގެ ބަހަން އުޅޭ ކަހަލަ ވަހެއް ދުވައިގެން މަ މިއައީ. މަގޭ ދަރިއަށް ވެސް މިގެއިން ތަނެއް ލިބޭނެ ކަން ހަނދާން ކުރާތި. އަދި އެއް ކަންތައް. މީގެ ފަހުން ކޮންމެ މަހަކު ވެސް 500 ރުފިޔާ އަހަރެންގެ ދަރިފުޅަށް ދޭން ޖެހޭނެ." ފަރީސާ ހިތުގައި ހުރި ހުރިހާ އެއްޗެއް ބޭރު ކޮށްލާފައި ދާން ހިނގައިގަތެވެ. އަނެއްކާވެސް ފަހަތަށް އެނބުރުނެވެ.

"ތޯރިގު. ތިއީ ގޮތް ކުޑަ މީހެއް ދޯ؟ އިނދެގެން އުޅޭ އަނބިމީހާއަށް އޮޅުވާލައިގެން ތި އުޅެނީ. ކަލޭ ދުވަހަކު ވެސް ބަދަލެއް ނުވާނެ. މަށާ އެއްކޮށް އުޅުނު އިރު ވެސް ނޭނގެ ކިތައް މީހުންނާ ކަމެއް އިނދެ ވަރި ކުރީ." މިހެން ބުނެފައި ހައުލާގެ އަތުގައި ހިފައިގެން ގެއިން ނުކުތެވެ. ފަރީސާއަކީ ކެރޭ މީހެކެވެ. ދިމާލަށް ބުނަން ފަސް ނުޖެހޭ މީހެކެވެ. ތޯރިގަށް އެ ސިފަ ކަމަކު ނުދެއެވެ. ފަހަރަކު މީހަކު ނުކުންނަމުން ގޮސް ގޭތެރޭގައި ތިބީ ތޯރިގު އާއި ސާނިޔާ އެކަންޏެވެ. ކުދިން އެކުއްޖެއްގެ ކޮޓަރިއަށް ދިޔައެވެ. ރުޅިވެރި ނަޒަރުން ތޯރިގުއާ ދިމާލަށް ބަލަމުންނެވެ.

ސާނިޔާ ހުރީ އަރުބެދިފައެވެ. އަޑެއް ވެސް ނުނިކުތެވެ. ރޯން ވެސް ނޭނގުނެވެ. ތޯރިގު ހުރީ ސާނިޔާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. އިސް އުފުލާލަން ވެސް ނުކެރިފައެވެ. ނަމަވެސް ކުރެވުނު ކަންތަކާ ލަދެއް ނުގަތެވެ. ތޯރިގު ހިތަށް އެރިއެވެ. އެއީ ސާނިޔާއާ ދިމާވުމުގެ މާކުރިން ވެ ނިމިފައިވާ ކަންކަމެވެ. ހަމައެކަނި ތަފާތަކީ ސާނިޔާއަށް އެކަންކަން ސިއްރު ކުރުމެވެ. އެ ކަމަށް ވެސް ދޭނެ ޖަވާބު ތޯރިގު ހުރީ ތައްޔާރު ކޮށްގެންނެވެ. އަދިވެސް އެއް ކަންތައް ތޯރިގު ހިތުން ގަބޫލް ކުރިއެވެ. އެއީ ސާނިޔާ ތޯރިގު ދޫކޮށް ނުދާނެ ކަމެވެ. ދިރިއުޅުމުގެ މިހާ ހިސާބަށް އައިސް ދަރިން ބޮޑެތި ވުމުން ސާނިޔާއަށް ދާކަށް ނުކެރޭނެއެވެ.

ސާނިޔާ އޮތީ އެނދުގައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ތިއްކަކަށް ފަހު ތިއްކެއް ބާލީހަށް ފައިބަމުން ދިޔައެވެ. ސާނިޔާ ހިތަށް އެރިއެވެ. މީހުން މީހުންނަށް ދޮގު ހަދައި އޮޅުވާލާ އަޑު ވެސް އަހަމެވެ. މީހުންނަށް މަކަރު ހަދާ އަޑު ވެސް އަހަމެވެ. އެކަމަކު ތޯރިގު އެ ކުރީ މައާފު ކުރަން އުނދަގޫ ކަމެކެވެ. ހަނދާން ނައްތާލަން ވެސް ދަތި ކަމެކެވެ. ޒަވާޖީ ހަޔާތް ފެށުނު ހިސާބުން ފެށިގެން ވެސް ތޯރިގު އައީ ކަންކަން ސިއްރު ކުރަމުންނެވެ. ކުރިއަށް އޮތް ތަނުގައި ސާނިޔާއަށް އަޑު އިވޭނީ ކޮން ކަހަލަ އަޑުތަކެއް ކަމެއް ވެސް ނޭނގެއެވެ. ސާނިޔާ ހިތުގައި ތޯރިގަށް ދެވިފައިވީ އިހުތިރާމްގެ ކުޑަ މިންވަރު ވެސް ފުހެވިގެން ދިޔައީއެވެ. ވެވުނު ލޯބި ފަނޑުވަމުން ދިޔައެވެ.

"ސާނިޔާ،" ތޯރިގު ހުރީ ކޮޓަރި ދޮރު މަތީގައެވެ. ސާނިޔާ އެންމެ ފަހަރަކު ވެސް ތޯރިގަށް ބަލައެއްނުލައެވެ. "ސާނިޔާ. އަހަރެން މި އައީ އެކަމަށް މައާފަށް އެދެން. އެކަމަކު އެއީ ސާނިޔާއާ އިނުމުގެ މާ ކުރިން ވެ ނިމިފައި އޮތް ކަމެއް."

ސާނިޔާ ތެދުވިއެވެ. އަދި ތޯރިގަށް ފުރަގަސްދީގެން އެނދުގައި އިށީނެވެ. ސާނިޔާ އިނީ ރުޅި އައިސްފައެވެ. ހިތުގައި ޖެހިފައެވެ. ސާނިޔާއަށް ބުނެވޭނެ ކިތަންމެ އެއްޗެއް ހުއްޓެވެ. ނަމަވެސް އިހުތިޔާރު ކުރީ ހަނު ހުރުމެވެ.

"ސާނިޔާ ބޭނުން ނަމަ އަހަރެން ސާނިޔާ ވަރިކޮށްދޭނަން. އަހަރެން ދޫކޮށް ދާން ބޭނުން ނަމަ ނުހުއްޓުވާނަން،" ތޯރިގު އެހެން ބުނީ ފަހަރެއްގައި ވެސް އެ ގޮތް ބޭނުން ވެގެންނެއް ނޫނެވެ. އަދި ސާނިޔާ އެ ގޮތަށް ކަންތައް ކޮށްފާނެ ކަމަށް އުންމީދުކޮށްގެނެއް ވެސް ނޫނެވެ.

"ތިއީ ތެދެއް ކަމަށް ވަންޏާ އަހަރެން މިނިވަންކޮށްދީ،" ޖެހިލުމެއްނެތި ސާނިޔާ ބުންޏެވެ. ތޯރިގު ދެ ލޯ ބޮޑުވިއެވެ. ދެން ބުނާނެ އެއްޗެއް ވިސްނާލަން މަޖުބޫރުވިއެވެ.

"އަދި އެއް ފުރުސަތު އަހަރެންނަށް ދީ. އަހަރެންނަށް މައާފު ކުރޭ. ސާނިޔާ ވިސްނާލަބަލަ ކުދިންނަށް ވާނެ ގޮތް." ތޯރިގުއަކީ އެހާ ފަސޭހައިން ގޮތް ދޫކުރާ މީހެއް ނޫނެވެ. ދެރަވާ މީހެއް ވެސް ނޫނެވެ. ސާނިޔާ ވަރި ކުރަން ތޯރިގު ބޭނުމެއް ނުވެއެވެ. ފުރަތަމަ ކަމަކީ ސާނިޔާއަކީ ޝަކުވާ މަދު މީހެކެވެ. ދެވަނަ ކަމަކީ ޖެހޭ  ބޮޑެތި ކަންތައްތަކުގައި ސާނިޔާގެ މައިންބަފައިން ދޭ އެހީތެރިކަމެވެ.

"ކުދިން އެ ތިބީ ބޮޑެތި ވެފައި. ހެޔޮ  ނުބައި ވަކި ކުރަން އެނގޭނެ،" ސާނިޔާ ތެދުވަމުން ބުންޏެވެ.

"އެކަމަކު..." ތޯރިގަށް އެއްޗެއް ނުބުނެވުނެވެ. ސާނިޔާ ކޮޓަރިން ނުކުމެގެން ދިޔައެވެ.

"މަންމާ އަހަރެން ސަލާމަތް ކުރޭ." އެއީ ޝާމްގެ އަޑެވެ. ގެއަށް ވަންނަމުން ރޮމުން ހޭރެމުން ޝާމް ގެއަށް ވަނެވެ. ފަހަތުން ތިން ސިފައިން ވެސް އައެވެ. ސާނިޔާގެ މޭގަނޑު ހީވީ ނުކުމެދާނެ ހެންނެވެ. ސާނިޔާ ގައިގައި ހިފައިގަނެގެން އޮވެ ޝާމް ރޮމުން ދިޔައެވެ. ސިފައިން އައިސް ޝާމްގެ އަތުގައި ހިފައި އެ މީހުންގެ ބެލުމުގެ ދަށުގައި ބެހެއްޓިއެވެ.

"ކިހިނެއްތަ ވީ؟ މަގޭ ދަރި ކީއްތަ ކުރީ؟" ސާނިޔާއަށް ރޯން ފެށުނެވެ. އަޑުގަދަ ވުމުން ތޯރިގު އާއި އެހެން ކުދިން ވެސް އައެވެ. ތޯރިގު ހުރީ ހައިރާން ވެގެން ބުނާނެ އެއްޗެއް ނޭނގިފައެވެ.

"އަޅުގަނޑުމެން ބޭނުން މީނަގެ ކޮޓަރި ޗެކް ކުރަން. ކޮބާތޯ ކޮޓަރި އަކީ؟" ކޮޓަރި ދެއްކީ ތޯރިގުއެވެ. ސިފައިންގެ ފަހަތުން ތޯރިގުއާއި ސާނިޔާ ވެސް އައެވެ. ކޮޓަރި ދޮރު ހުޅުވާލުމުން އެތަނުން ދުވީ އެއްޗެހި އެންދީމަ ދުވާ ކަހަލަ ވަހެކެވެ. ސިފައިން ވަދެ ޝާމްގެ ކޮޓަރި އެތަން މިތަން ބަލަމުން ދިޔައެވެ. ފަހަރަކު އެއްޗެއް ހާވަމުން ގޮސް ބާލީސްތައް ނެގިއެވެ. ޝާމް ނިދަން އޮންނަނީ ތިރީގައި ގޮދަޑިއެއްގައެވެ. ގޮދަޑީގެ އުރަ ވެސް ކަފާލިއެވެ. އެ ވަގުތު ފެނުނީ ކުދި ޕެކެޓްތަކެކެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް