Majlis 2024

ވާހަކަ: ކަތި ފިޔަވަޅު

ވާހަކަ

ވާހަކަ: ކަތި ފިޔަވަޅު

އަޒްނާ ފުރާވަރަށް އެރުމުން، ދިރިއުޅުމެއް ފެށުމުގައި ވެސް ސާނިޔާ ބޭނުންވީ، ވަކި ގޮތަކަށް އަޒްނާއަށް ވިސްނައިދޭށެވެ. ބައިވެރިއެއް އިޚްތިޔާރު ކުރުމާއި ޒަވާޖީ ހަޔާތް ކުރިޔަށް ގެންދާނެ ގޮތް ވެސް ސާނިޔާގެ ވިސްނުމާ އެއްގޮތަށް އަޒްނާ އަށް ކިޔައިދިނީ އެ ނިޔަތުގައެވެ.
20 ޖޫން 2022

އެޕިސޯޑް 13

ސާނިޔާ އައިސް ތޯރިގުގެ އަތުގައި ހިފިއެވެ.

"މަންމާ. މީހަކު އެބަ ހުރި ހޯދަން އައިސް،" ތޯރިގު އެއްޗެއް ބުނަންވާ އިރަށް އަޒުމާ އައިސް ބުންޏެވެ. ސާނިޔާ ތޯރިގު އަތުން ދޫކޮށްލާފައި ކޮޓަރިން ނުކުތެވެ. ތޯރިގު ފުން ނޭވާއެއް ބޭރު ކޮށްލިއެވެ. އަދި ހިތްހަމަޖެހި ދެ ލޯ މަރާލެވުނެވެ.

"ކޮންމެ ކުއްޖަކު ވެސް ހަނދާން ބަހައްޓާތި އަޒީބެ އައީމަ ކިޔަންވީ އެއްޗެހި. ބުނާނީ ރޯދައަށް ހުރިހާ ކުދިން ގޭގައި ވެސް ހަދަނީ އަލަނާސި ފަންޏާއި ގެރިކިރު ބޯކިބާ ކަހަލަ އެއްޗެހި ކަމަށް. ދަރިފުޅުމެން ވެސް ކާހިތްވަނީ އެކަހަލަ މީރު އެއްޗެހި ކަމަށް. ކުޑަ އީދަށް ކޮންމެ ކުއްޖަކު ވެސް ތިން ހެދުމާއި ފައިވާނާއި ރީތިވާ އެއްޗެހި ބޭނުންވާ ކަމަށް. ދަރިފުޅުމެން އެއްފަހަރާ ވާހަކަ ނުދައްކާތި. ފަހަރަކު ކުއްޖެއް ބުނާނީ. މިރޭ އައީމަ ބުނާނީ އަޒްނާ. މާދަމާ ބުނާނީ ޝާމް. ދެން ދެތިން ދުވަސް ކޮށްލާފައި އަޒުމާ އާއި އަޒުފާ ބުނާނީ. އިނގޭ!" އަޒުމާ އާއި އަޒުފާގެ އަތުގައި ހިފާލާފައި ސާނިޔާ ބުންޏެވެ.

"އަދި ހަނދާން ކުރާތި. މަންމަ ވެސް އީދަށް ހެދުމެއް ނެތިގެން ވަރަށް ދެރަވި ވާހަކަ ބުނަން. ވަރަށް ދެރަވެފައި ތިބެން ވާނީ. ވަރަށް ހިތުގައިޖެހިފައި ވާހަކަ ދައްކާތި. މިއަދު ހަވީރު އަންނާނެ ޝަރީފްބެ. ޝަރީފްބެ އައީމަ ބުނާތި އަޒްނާ ނިދާ ގޮދަޑީގައި ނިދީމާ ގައިގައި ރިއްސަނީއޭ. މަންމަ ގާތަށް އައިސް ބުނާނީ ޝަރީފްބެއަށް އަޑު އިވޭ ގޮތަށް. މަންމަ ދުށިން ވަރަށް ރީތި ގޮދަޑިތަކެއް އިޝްތިހާރު ކޮށްފައި ހުރި ފިހާރައެއް. އެ ތަނުން ގަނުވާނީ. ނަމަނަމަ މަންމަ ބުންޏޭ ކިޔާފައި އެއްވެސް ކުއްޖަކު އެއްވެސް އެއްޗެއް ނުބުނާތި." ސާނިޔާގެ ހަތަރު ކުދިންނަށް ނަގައިދެމުން ދިޔަ ފިލާވަޅަކީ މިއީއެވެ.

އެންމެ ޅަ އުމުރުން ފެށިގެން ވެސް ސާނިޔާއަކީ ވަރަށް އެދުން ބޮޑު މީހެކެވެ. ޒުވާން އުމުރު ވެސް ހޭދަ ކުރީ އެގޮތުގައެވެ. ދަރިންނަށް ހިނގަން ދައްކަމުންދިޔަ މަގުގެ ހަނި ކަމެއް އޭރު ސާނިޔާއަކަށް ނުވިސްނެއެވެ. ކުދިންގެ މުސްތަގްބަލަށް މި އަޅާ ދެވެނީ ކޮން ކަހަލަ ފިޔަވަޅެއް ކަމެއް ވެސް ނުވިސްނެއެވެ. ދިރިއުޅުމަށްޓަކައި އެކުދިން މިކަމުގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުން ކުރާނެ ކަމެއް ކުޑަކޮށް ވެސް ހިތަކަށް ނާދެއެވެ. ވިސްނުމަކަށް ވެސް ނުގެނެވެއެވެ. ބައެއް މީހުން ދަރިންގެ ނިއުމަތުން މަހުރޫމް ވެއެވެ. އެ ފަދަ މީހުން ރެޔާއި ދުވާލު ދުއާ ކުރަނީ އެ މީހުންނަށް ހެޔޮލަފާ ސާލިހު ދަރިން ދެއްވާތޯއެވެ. ބައެއް މީހުން، ދަރިންނަކީ ނިއުމަތެއް ކަމުގައި ވެސް ނުދެކެއެވެ. އެމީހުން ދަރިން ލިބުމުން އެކަމާ ހިތާމަކޮށް ޝަކުވާ ކުރެއެވެ. އަދި ނާޖާއިޒު ގޮތުގައި ދަރިންގެ ބޭނުން ކުރާ މައިން ވެސް އުޅެއެވެ. އެއީ ދުނިޔޭގެ އާދައެވެ.

މީގެ ދުވަސް ކޮޅެއް ކުރިން ފަޒުނާ ދެއްކި ވާހަކަތައް ސާނިޔާ ހަނދާން އެބަ ހުއްޓެވެ. ފަޒުނާގެ ދޮންބެ ފަޒުނާގެ ދަރިންނަށް އެއްޗެހި ގަނެދޭ ވާހަކައެވެ. އަގު ބޮޑެތި ތަކެތި ހޯދާދޭ ވާހަކައެވެ. އެކަމުން ސާނިޔާއަށް ވިސްނުނު މޮޅު ގޮތަކީ ގެއަށް އަންނަ ރައްޓެހިންނާއި އަވައްޓެރިން އަތުން ތަކެތި ހޯދުމެވެ. ކުދިންނަށް ބޭނުންވާ ތަކެއްޗެވެ. ގެއަށް ބޭނުންވާ އެއްޗެއްސެވެ. އަދި އަމިއްލަ ބޭނުމަށް ވެސް އެކި އެއްޗެއްސެވެ. ސާނިޔާ ހިތުން އެއީ އެންމެ މޮޅު ގޮތެވެ. ތޯރިގުގެ ރައްޓެހިންނަކީ ސާނިޔާމެންނަށް ވަރަށް ރަނގަޅު ބައެކެވެ. ދަރިން ބޮޑެތިވަމުން އައި ވަރަކަށް ތަކެތި ހޯދާދެމުން ދިޔައީ ތޯރިގުގެ ރައްޓެހިންނެވެ. ގެއަށް، ބޮޑު ޓީވީއަކާއި ކޮޓަރިއަށް އެނދާއި ގޮދަޑި ގަތީ ވެސް ރައްޓެހިންނެވެ. ކާ މޭޒާއި ކޮޓަރިއަށް އަލަމާރި ގަނެދިނީ އަވައްޓެރި އާދަނެވެ.

ސާނިޔާ އާއި ތޯރިގު ތިބީ އުފަލުން ފުރިފައެވެ. މޫނުމަތިން ފެންނަމުން ދަނީ އެދުންވެރިކަމެވެ. މީހުން އަތުން އެއްޗެހި ހޯދައިގެން ދިރިއުޅުން އާރާސްތު ކުރަން ވިސްނައިގެން ކުރިއަށް ދިޔުމަށެވެ. އެ ގޮތުގައި ދުވަސްތައް ހޭދަ ވަމުން ގޮސް ދަރިން ފުރާވަރަށް އެޅިއެވެ. ކުދިންނަށް ވަކި ކޮޓަރި ބޭނުންވިއެވެ. ވުމާއެކު ހަދީޖާ އާއި ހާރޫނުގެ އެހީތެރިކަމާއެކު ގެ އެއް ފަންގިފިލާ މައްޗަށް ނެގިއެވެ. ވަރަށް އާދައިގެ ގޮތަކަށެވެ. ކޮންމެ ކުއްޖަކަށް ލިބުނީ އެނދެއް ބަހައްޓާފައި އަލަމާރިއެއް ބަހައްޓާނެ ވަރު ތަންކޮޅެކެވެ. ދެން ހުރީ ނަމާދު ކުރެވޭ ވަރުގެ ތަންކޮޅެކެވެ.

ސާނިޔާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ޝާމްގެ އުޅުމަށް ބަދަލު އަންނަން ފެށިއެވެ. ސުކޫލަށް ދިޔުން މަދުވިއެވެ. ރޭގަނޑު ހޭލާ އުޅުމާއި ދުވާލު ނިދުން ގިނަވިއެވެ. ކެއުމާ ދުރުވެ ގޭގައި އުޅޭ ވަގުތުތައް ވެސް މަދުވިއެވެ. ގޭގައި އުޅޭ ނަމަވެސް އުޅެނީ ކޮޓަރީގައެވެ. ތަޅުލައިގެންނެވެ. އިތުރު މީހަކު އެތަނަށް ވަނަކަ ނުދެއެވެ. އެ ކަންކަން ފާހަގަވީ ތޯރިގަށެވެ. އެ ވާހަކަ ސާނިޔާ ގާތުގައި ދެއްކުމުން އެކަމަށް ސާނިޔާ މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އަހަރަކީ ސްކޫލުގެ އެންމެ ފަހު އަހަރު ކަމުގައި ބުނެ ވާހަކަ ހިންދާލިއެވެ. ތޯރިގު ވެސް އެކަމާ ކަންބޮޑެއް ނުވިއެވެ. ފާހަގަވުމުން ހަމައެކަނި ބުނެލީއެވެ. ޝާމް އުޅޭ ނޫޅޭ ތަނެއް ނޭނގެއެވެ. ކުރާ ނުކުރާ ކަމެއް ވެސް ނޭނގެއެވެ.

އަޒްނާ ކިޔަވާ ނިމުމުން ކައިވެނި ކުރުމަށް ހިޔާލު ދިނީ ސާނިޔާއެވެ. މުއްސަންޖެއް ހޯދުމަށް އަޒްނާ ގާތުގައި ބުންޏެވެ.

"ދަރިފުޅާ. މަންމަ ބޭނުމެއް ނޫން މަންމައަށް މިވީ ގޮތް ދަރިފުޅަށް ވާކަށް. މާލޭގައި ގެދޮރު ހުރި މުއްސަނދި މީހެއް ހޯދާތި. އިނދެގެން އެހާ އަވަހަށް ކުދިން ނުހޯދާތި. ފިރިމީހާގެ މުދަލުން ބައެއް ހޯދާތި. އަބަދުވެސް ބުނާތި އެއްޗެއް ނެތޭ. އެއްޗެހި ގަތުމަށް ރުފިޔާ އަތަށް ދޭށޭ ބުނާތި،" ސާނިޔާ އަޒްނާއަށް ވިސްނާދެމުން ދިޔައެވެ. ސާނިޔާ އުޅެން ބޭނުންވި ދިރިއުޅުން އަޒްނާއަށް ހޯދާ ދިނުމަށް އުންމީދު ކުރަމުންނެވެ. އަދިވެސް އިތުރު ބޭނުމެއް އޮތެވެ. އެއީ އަޒްނާ ގެއިން ނުކުމެގެން ދިޔުމުން އެ ކޮޓަރި އެހެން މީހަކަށް ކުއްޔަށް ދިނުމެވެ.

ސާނިޔާ ބޭނުންވި ގޮތެއް މި ފަހަރު ވެސް ނުވިއެވެ. އަޒްނާއަށް ލޯބިވެވުނީ ރާއްޖެތެރޭ ރަށަކަށް ނިސްބަތްވާ މީހެއް ދެކެއެވެ. ނަމަކީ އަދުހަމެވެ. އަދުހަމްއާ އަޒްނާ ކައިވެނި ކުރާކަށް ސާނިޔާ ބޭނުމެއް ނޫނެވެ. ވަރަށް ނަސޭހަތް ދިނެވެ. ނަމަވެސް އަޒްނާ އަޑެއް ނޭހިއެވެ.

"މަންމާ. ތި ދެން ކޮން ކަމެއްތަ؟ އަހަރެން އިންނާނެ މީހަކު އެނގޭނީ އަހަރެންނަށް. މަންމަ ވެސް އަހަރެންގެ އަމިއްލަ ކަންކަމާ ނުބެހުނީމަ ރަނގަޅު ވާނީ،" ރުންކުރުވެފައި އަޒްނާ ބުންޏެވެ. ސާނިޔާ ހައިރާންވިއެވެ. އެފަދަ ގޮތަކަށް އަޒްނާ ވާހަކަ ދެއްކީމައެވެ. އަޒްނާއަކީ ދުވަހަކު ވެސް ސާނިޔާއާ އަޑު ހަރުކޮށް ވާހަކަ ދެއްކި ކުއްޖެއް ނޫނެވެ. އަޒްނާއަކީ ސާނިޔާގެ ދަރިންގެ ތެރެއިން އެންމެ ބަސް މަދު މަޑުމައިތިރި ކުއްޖާއެވެ. މިއަދު އެކަހަލަ ގޮތަކަށް އަޑުލައި ވާހަކަ ދެއްކުމުން ސާނިޔާ ހިތުގައި ޖެހުނެވެ. ވުމާއެކު އިތުރު އެއްޗެއް ނުބުންޏެވެ.

ސާނިޔާގެ ނުގަބޫލުގައި ކައިވެނި ކުރިއެވެ. ޕާޓީ ބޭއްވީ ގޭތެރޭގައެވެ. ކިތަންމެ ތަންކޮޅު ކުޑަ ނަމަވެސް އެއީ އަޒްނާ ބޭނުންވި ގޮތެވެ. ކުޑަ ގޮތަކަށް ބޭއްވީ ސައެކެވެ. ނަމަވެސް ސާނިޔާ އާއި ތޯރިގު ގިނަ ބަޔަކަށް ދައުވަތު ދިނެވެ. ގިނަ ހަދިޔާ ބޭނުންވާތީ އެވެ. ތަނުގައި ތިބެވެނީ އެއްފަހަރާ 12 ވަރަކަށް މީހުންނަށެވެ. ވުމާއެކު ގިނަ މީހުން އަޒްނާއަށް ހަދިޔާއެއް ދީފައި ނުކުންނަނީއެވެ.

"އައްސަލާމް އަލައިކުމް. ކައިވެންޏަށް މަރުހަބާ ދެ ކުދިންނަށް ވެސް. ވަރަށް ބާއްޖަވެރި އުފާވެރި މުސްތަގްބަލަކަށް އެދެން،" މެދު އުމުރުގެ އަންހެނަކު ސަލާމް ކޮށްލަމުން އަޒްނާ ގާތުގައި ބުންޏެވެ. ދަންނަ އަޑެއް ހެން ހީވުމުން ތޯރިގު ފަހަތް ބަލާލިއެވެ. ތޯރިގުގެ ދެ ލޯ ބޮޑު ވެގެން ދިޔައެވެ. އޭރު އެ އަންހެން މީހާ ހިނގަމުން ގޮސް ސާނިޔާ ގާތުގައި ހުއްޓުނެވެ.

"އެނގޭތަ މިއީ ކާކުކަން؟" އެ އަންހެން މީހާގެ ކައިރީގައި ހުރި 20 އަހަރުގެ އަންހެން ކުއްޖެއް ދައްކާލަމުން ބުންޏެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް