ކިމް ކާޑޭޝިއަން މެރިލިން މުންރޯގެ ހެދުމުގައި

ކިމް ކާޑޭޝިއަން

މެޓް ގާލާ އަށް ކިމް ކާޑޭޝިއަން ލީ މެރެލީން މޮންރޯގެ ހެދުމަށް ގެއްލުން ލިބިއްޖެ

'އާސާރީ' ހެދުމެއްގެ ގޮތުގައި ބަލާ އެ ގައުން ހެޔޮވަރުކުރަން ހުއްދަ ނޯންނާތީ ކިމް ކާޑޭޝިއަން އަށް ޖެހުނީ އެ ހެދުން ފިޓުވާ ވަރަށް ހަށިގަނޑު ހިއްކާލަން
16 ޖޫން 2022

މި އަހަރުގެ މެޓް ގާލާ އަށް ކިމް ކާޑޭޝިއަން ލީ ހެދުމަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފި އެވެ.

މެޓް ގާލާގެ ރެޑް ކާޕެޓުގައި ކިމް ލައިގެން ހުރީ، އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ އުފަންދުވަސް ފާހަގަކޮށް ލަވަކިޔުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ މެރެލީން މޮންރޯ ލީ ގައުން އެވެ. މެރެލީން 1962 ވަނަ އަހަރު ލީ އެ ހެދުން ރައްކާކޮށްފައި އޮންނަނީ ރިޕްލޭސް ބިލީވް އިޓް އޯ ނޮޓް ކުންފުނީގެ ބެލުމުގެ ދަށުގަ އެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ހެދުމުން ބައެއް ކްރިސްޓަލްތައް ނެއްޓި ރޮދިކޮޅުގައި އެލިފައިވާއިރު، ބައެއް ކްރިސްޓަލްތައް މަދެވެ.

އެ ހެދުމަށް ލިބިފައިވާ ގެއްލުންތައް ދެއްކުމަށް އޭގެ 'ބިފޯ އެންޑް އާފްޓާ' ފޮޓޯތައް ވެސް ދަނީ އިންޓަނެޓުގައި ދައުރު ވަމުންނެވެ.

'އާސާރީ' ހެދުމެއްގެ ގޮތުގައި އެމެރިކާގައި ބަލާ އެ ހެދުން ލާން ކިމް ބޭނުންވެގެން ބެލި އިރު، ހެދުން ބާރުކޮށް ދޫ ކުރާކަށް ހުއްދައެއް ނޯވެ އެވެ. އެހެންވެ އޭނާ ޖެހުނީ އެ ހެދުން ފިޓުވާ ވަރަށް ހަށިގަނޑު ހިއްކާލާށެވެ. ގާތްގަނޑަކަށް 60 އަހަރުވީ އެ ހެދުން ލުމަށް ހަށިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ކިމް ވަނީ ތިން ހަފްތާ އިން ހަތް ކިލޯ ލުއިކޮށްފަ އެވެ.

އެ ހެދުމަކީ މިހާތަނަށް ނީލަމެއްގައި އެންމެ އަގުބޮޑުކޮށް ވިއްކާލާފައިވާ ހެދުން ވެސް މެ އެވެ. އެންމެ ފުރަތަމަ 1999 ވަނަ އަހަރު ހެދުން ނީލަން ކިޔާފައި ވަނީ 1.26 މިލިއަން ޑޮލަރަށެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ރިލްޕޭސް އިން އެ ހެދުން ގަތީ 4.6 މިލިއަން ޑޮލަރަށެވެ.

ކިމް އަތުން އެ ހެދުމަށް ގެއްލުންވި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން އޭނާ އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް