ވާހަކަ: އަބްލާޖް

ވާހަކަ

ވާހަކަ: އަބްލާޖް

31 މާރިޗު 2022

އެޕިސޯޑް 26

ޒިޔާދު އިސް ޖަހާލިއެވެ. ސުވާލު ކުރަން ބޭނުންވިއެވެ. އެހެނަސް އެ ފުރުސަތެއް ރައިޝާ ނުދިނެވެ. ރައިޝާ ބުނަންވާ ވާހަކަ ބުނުމަށް ފަހު ކޮޓަރިއަށް ދިޔައެވެ. ފަހަތުން ނިޔާފު ވެސް ދިޔައެވެ. ޒުބޭދާ ހިނގައިގަތުމާއެކު ބޮލުގެ އިޝާރާތުން މަޑު ކުރުމަށް ނިޔާފު ބުންޏެވެ.

"ދަރިފުޅާ. ބައްޕައަށް އަހާލެވިދާނެތަ ތި ވަރުގެ ބޮޑު ނިންމުމެއް ތި ނިންމީ ކީއްވެކަން؟" ނިޔާފު ކަންބޮޑުވެފައި އެހިއެވެ.

"ބައްޕާ. އަހަރެން ވަރަށް ވިސްނާފައި މި ނިންމުން ނިންމީ،" ރައިޝާ މަޑުމައިތިރި ކަމާއެކު ބުންޏެވެ.

"އެކަމަކު އޭރުން އިނާއަށް ވާނީ ކިހިނެއް؟ އޭނަ ކިހާ ދެރަވާނެ؟ ގަސްދުގައި ދަރިން، މައިންބަފައިންގެ ލޯބިން މަހުރޫމް ކުރާކަށް ނުވާނެ،" ނިޔާފު، ރައިޝާއާ ވާހަކަ ދެއްކީ އޯގާތެރިކާއެކުގައެވެ. "ބައްޕަ މިއައީ ދަރިފުޅަށް ވިސްނައިދޭކަށް ނޫން. އެކަމަކު ތި ކަހަލަ ފިޔަވަޅެއް ދަރިފުޅު އަޅަން ތި ނިންމީ ކީއްވެތޯ އަހާލަން."

"ބައްޕަ ބޭނުން ކޮންމެ ވާހަކައެއް އަހަރެން ގާތު އެހޭނެ. ބައްޕާ! އަހަރެން ޒިޔާދަށް ވަރަށް އިތުބާރު ކުރިން. އިނާއަށް ބައްޕައެއްގެ ލޯބި އެންމެ މުހިއްމުވާ ދަނޑިވަޅުތަކުގައި ޒިޔާދު އޭނަ ގާތަކު ނުހުރޭ. ފިރިއެއްގެ ފަރާތުން އަހަރެންނަށް މަދުވި ކިތަންމެ ކަމެއްގައި ޝަކުވާ ނުކޮށް ކެތްތެރިކަމާއެކު ހަޔާތުގެ ބޮޑު ބައެއް ހޭދަ ކުރެވިއްޖެ. ދިރިއުޅުމުގެ އެކި ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ޒިޔާދުގެ އެހީތެރިކަމާއި އެއްބާރުލުން އަހަރެންނަކަށް ނުލިބުނު." ރައިޝާ ފުން ނޭވައެއް ބޭރު ކޮށްލިއެވެ.

"އިރާދަ ކުރެއްވިއްޔާ އަހަރެން އިނާއަށް ބައްޕައެއްގެ ލޯބި މަދު ވިޔަ ނުދޭނަން. އަހަރެން ނޫޅެމޭ މުޅި އުމުރަށް ޒިޔާދުއާ އިނާ ވަކި ކޮށްލާކަށް. ޒިޔާދު ބޭނުން ކޮންމެ އިރަކު އިނާއާ ބައްދަލު ކުރެވޭނެ. އިނާއަކީ އަބަދުވެސް ވަރަށް ހިތްވަރުގަދަ ކެތްތެރި ކުއްޖެއް. ދެން ވެސް އަހަރެން އޭނަ ތަރުބިއްޔަތު ކުރާނީ އެގޮތުގައި. އަހަރެން އިނާއަށް ވިސްނައިދޭނަން. ނަސޭހަތް ވެސް ދޭނަން. އެންމެ ފުރިހަމަ ގޮތުގައި ނުބެލުނު ކަމުގައި ވިޔަސް އަހަރެންނަށް ބެލޭ އެންމެ ރަނގަޅަކަށް އަހަރެންގެ ދަރިފުޅު އަހަރެން ބަލާނަން." ރައިޝާ ފެންކަޅި ވިއެވެ. ނަމަވެސް މިއަދު ރައިޝާ ރޯކަށް ބޭނުމެއް ނުވިއެވެ. ހިތްވަރު އެލުވާލާކަށް ބޭނުމެއް ނުވިއެވެ.

"ތިޔަ ނިންމުމާ މެދު އިތުރަށް ބައްޕަ ބުނާނެ އެއްޗެއް ނެތް. ދަރިފުޅުގެ ކޮންމެ ނިންމުމެއްގައި މަންމަ އާއި ބައްޕަ ތިބޭނީ ދަރިފުޅާ އެކުގައި،" ނިޔާފު ރައިޝާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. އެ ފިރުމާލުމުގައި ވަނީ ބަފައެއްގެ ކުލުނާއި ލޯތްބެއެވެ.

ރަފީގް ބުނި އެންމެ ފަހު ރޭ ކިޔެވުމަށް އައެވެ. އެހެން ރޭރެއާ ހިލާފަށް ރަފީގަށް މިރޭ ރައިޝާ ފެނުނީ ވަރަށް ތާޒާވެފައި ހުއްޓައެވެ. މިލާ މޯޅިވެފައިވާ މޫނުމަތި ވަނީ އުޖާލާ ވެފައެވެ. ޒުބޭދާއާ ދިމާލަށް ބަލާލުމަށް ފަހު ރަފީގް ހިނިތުންވެލިއެވެ.

ރައިޝާ އެނދުގައި އޮށޯވެލިއެވެ. ރަފީގް ކިޔަވަން ފެށިއެވެ. ރަފީގް ބޭނުންވީ ސިހުރު ބާތިލްވި ގޮތަށް އަބްލާޖްގެ ހިޔަނި ވެސް ރައިޝާގެ ހަޔާތުން ފުހެވުނުކަން ޔަގީން ކުރާށެވެ. ގަޑިއެއް ހާއިރު ކިޔެވި ފަހުން ރައިޝާގެ ހަށިގަނޑު ތުރުތުރު އަޅަން ފެށިއެވެ.

"އަހަރެން ބުނީމެއްނު އިސްލާމް ވާން ބޭނުމޭ. އަހަރެމެންނަށް އަނިޔާ ތި ކުރަނީ ކީއްވެ؟" އަބްލާޖްގެ އަޑު މިރޭ ތަފާތެވެ. ވާހަކަ ދެއްކުމުގައި ހިތްހަމަ ނުޖެހުމެއް ހުރި ނަމަވެސް ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

"ކަލޭ އިސްލާމް ކުރާށޭ މި ގެނައީ. އަދި ކަލޭ ޖެހޭނީ މުޅި އުމުރަށް ރައިޝާ ދޫކޮށްލާފައި ދާން. ދުވަހަކު ވެސް ރައިޝާ ފެންނަ ހިސާބަށް ވެސް އައިސްގެން ނުވާނެ. އެއްވެސް ގޯނާއެއް ނުކުރެވޭ ގޮތަށް އަހަރެން އޭނަ ފަރުދާ ކުރާނަން." ރަފީގްގެ ވާހަކަ ދެއްކުން ސާފެވެ.

"އެންމެ ރަނގަޅު. އެކަމަކު އަހަރެންގެ މުޅި ދަރިފަސްކޮޅު މިރޭ ތިބީ ހަނގުރާމައަށް އައިސް،" އަބްލާޖް ވާހަކަ ދެއްކިއެވެ.

އޭގެތެރޭގައި ޖިންނިންނާއި މާރިދުންނާއި އިފުރީތުން ހިމެނެއެވެ. އެކި އުމުރުފުރާގެ އެކި ސިފަ ޖަހާ މަހުލޫގުން ތިއްބެވެ.

"ހަނގުރާމައަށް ތައްޔާރު. އެކަމަކު ކަލެއަށް ވެސް ޔަގީންކަން އޮންނާނެ. އަހަރެންގެ އެންމެ ކިޔެވުމަކުން ކަލޭމެން ނެތިދާނެކަން. މިރޭ އަލިވުލުނަސް އަހަރެންގެ ކިޔެވުން ނުހުއްޓާނަން،" ރަފީގް ވާހަކަ ދެއްކީ ޔަގީން ކަމާއެކުގައެވެ. ޒުބޭދާ ގާތު، ސްޕްރޭ ކުރާ ކަހަލަ ފެންފުޅިއެއް ގެނައުމަށް ބުންޏެވެ. ޒުބޭދާ ފެންފުޅި ގެނައުމުން އޭގެ މަތި ނަގާފައި ރަފީގްގެ ކިޔެވުން ފެށިއެވެ. އަޑު ހަރުކޮށް ގުރުއާނުގެ މާތް ކަލިމަތައް ކިޔެވިއެވެ. ބައެއް އާޔަތްތައް ތަކުރާރު ކުރިއެވެ. އަދި އަތުން މައްޗަށް އިޝާރާތްކޮށް ޝަހާދަތް އިނގިލި ދިއްކޮށްލައެވެ. އަދި މަތީގައި އިނގިލި އަނބުރާލާފައި ގޮށެއް ޖަހާ ގޮތަށް އިނގިލިތައް ހަރަކާތް ކޮށްލައެވެ.

އަބްލާޖަށް ފެނުނީ އަބްލާޖްގެ ދަރިފަސްކޮޅު ފަހަރަކު ބައެއް ހައްޔަރު ކުރެވެމުން ދާ ތަނެވެ. ހައްޔަރު ކުރެވޭ އިރު ފަހަރަކު މިލިއަނެއްހާ ޖިންނި ހައްޔަރު ވެއެވެ. ބަނދެލާފައި ވަނީ ފެނުން އުފެދިފައިވާ ކަޅު ކުލައިގެ ވާގަނޑަކުންނެވެ. އަލިފާނަށް، ފެނަކީ ދިލަ ނަގާ ވޭން ހުރި އެއްޗެކެވެ. އެވެރިން ރޮއި ހޭރޭ އަޑު އަބްލާޖަށް އިވެއެވެ. ސަލާމަތަށް އެދި އާދޭސް ކުރަނީއެވެ. ފަހަރަކު ބައެއް ހައްޔަރު ކުރަމުން ގޮސް ޖުންދުއާ ހިސާބަށް އައެވެ. ރަފީގްގެ އަޑު ކޮށިވާ ގޮތްވިއެވެ. ނޭވާ ކުރުވާ ގޮތްވެސް ވިއެވެ. ނަމަވެސް ރައްކާތެރިކަން ވަށައިގެންވާކަން ޔަގީން ކުރަމުން ރަފީގް ކިޔެވުން ކުރިއަށް ގެންދިއައެވެ. އެ ގޮތުގައި އެތައް އިރެއް ހޭދަވިއެވެ. އެންމެ ފަހުން ޖުންދު ވެސް މާތްވެގެންވާ ގުރުއާނުގެ ކުރިމަތީގައި ކުޑަ ކަކޫ ޖަހަން ޖެހުނެވެ. ރޮއި ހޭރެން ފެށިއެވެ. ކުރިން ބަނދެލާފައިވާ އެތައް މިލިއަން ޖިންނިންނެއް އޭރު ވަނީ އަނދާ އަޅިއަށް ވާން ކައިރިވެފައެވެ.

ރައިޝާއަށް ކިތަންމެ ހަމަލާއެއް ދޭން ޖުންދު މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެންމެ ބޮޑު ސަބަބަކީ ސިހުރު ބާތިލު ވެފައި ވުމެވެ. އަދި ރައިޝާގެ އުޅުން އިސްލާހުވުމާއި ދީނީ ކަންކަމަށް ދޭ ފަރުވާތެރިކަމެވެ.

"އަދިވެސް ބޭނުންތަ ހަނގުރާމަ ކުރަން؟" ރަފީގް ސުވާލު ކުރިއެވެ.

"އަހަރެން ބޭނުން ވެގެންނެއް ނޫނޭ އެކަމަށް އެމީހުން އައީ. އަހަރެން މި ބުނީ އިސްލާމް ވާން ބޭނުމޭ. އެމީހުން ބޭނުމެއް ނުވޭ އިސްލާމް ވާކަށް،" އަބްލާޖް ޖަވާބު ދިނެވެ.

ރަފީގް ކިޔަވަމުން ފެން ފުޅި ރައިޝާ ވަށައިގެން ސްޕްރޭ ކުރިއެވެ. އަދި ގޭގެ ހަތަރު ކަނަށް ވެސް ފެން ޖެހިއެވެ. ނަމަވެސް ރަފީގް ބަނދެލާފައިވާ ޖިންނީންގެ ލަޝްކަރު މިނިވަނެއް ނުކުރިއެވެ. ލުޔަކަށް ދިނީ ވަގުތުން ނާނދައި ގުދުރަތީ ގޮތުން މަރުވަންދެން އެ ގޮތުގައި ބަނދެލާފައި ބޭތިއްބުމެވެ. އެއަށް ފަހު އަބްލާޖަށް ޝަހާދަތް ކިޔައިދިނެވެ. އެތައް ހުވާ ވައުދެއް ކުރުވިއެވެ. ދީނީ ގޮތުން ނަސޭހަތްދިނެވެ.

މަދު އިރުކޮޅެއްގެ ތެރޭގައި ރައިޝާ ދެ ލޯ ހުޅުވާލިއެވެ. ހިނގާ ދިޔަ ހުރިހާ ކަމެއް ރައިޝާ ހަނދާން ވިއެވެ. އަދި ކަރުނައާއެކު ޝުކުރުގެ ސަޖިދައެއް ކުރިއެވެ. ހަމަ އެއާއެކު ހުރިހާ އެންމެން އެކުގައި ދުއާއެއް ވެސް ކުރިއެވެ. މާތް ﷲއަށް ހަމްދު ކުރިއެވެ.

ޒިޔާދު އެތައް އާދޭހެއް ކުރި ނަމަވެސް ރައިޝާ ވަރިވިއެވެ. އިނާ ހުރީ ރައިޝާ ގާތުގައެވެ. ރަހިމުގެ ގުޅުން ނުކަނޑައި ރައިޝާގެ ބޭބެ އާއި ދައްތައަށް މައާފު ކުރިއެވެ. އެމީހުން ރައިޝާއާ ދޭތެރޭ ދެކޭ ގޮތް ބަދަލު ކުރާކަށް މަސައްކަތެއް ނުކުރެއެވެ. މިއަދު އެ ކަމެއް މުހިންމެއް ނޫނެވެ. ރައިޝާ އާއި ޒިޔާދު އެކުގައި ގަނެފައިވާ ގެ ދެ ބަޔަށް ބެހިއެވެ. އަދި ރައިޝާގެ ބައި ކުއްޔަށް ދިނެވެ. ރައިޝާއަށް މައިންބަފައިންގެ ފަރާތުން ލިބުނު ހިޔާވަހިކަން ވެސް ކުއްޔަށް ދިނެވެ. އަދި މައިންބަފައިންނާއި ދަރިފުޅު ގޮވައިގެން ޖެނީވާއަށް ދިރިއުޅުން ބަދަލު ކުރިއެވެ.

ރައިޝާގެ މާޒީއަށް ބަލާފައި ރަނގަޅު ވަޒީފާއެއް ލިބުނެވެ. އިނާ ސުކޫލަށް ލިއެވެ. ރައިޝާގެ މައިންބަފައިން ބަލަމުން، މަންމައެއްގެ ޒިންމާ ފުރިހަމައަށް އަދާ ކުރުމުގައި ދެމިހުރުމަށް އަޒުމު ކަނޑައެޅިއެވެ. ދީނީ ވާޖިބުތައް ބަރާބަރަށް އަދާ ކުރެއެވެ. ހަޔާތުގެ ބައިވެރިއެއް ނެތް ކަމުގެ އިހުސާސެއް ރައިޝާ އަކަށް ނުވެއެވެ. ކައިރީގައި އަބަދުވެސް ރައްކާތެރިކަމާއި ހިމާޔަތްދޭ ކަމުގެ އިހުސާސްވެއެވެ. މަގުމަތިން ދިޔަޔަސް އެކްސިޑެންޓް ނުވެ ސަލާމަތްވެއެވެ. ހަދަމުން ދާ އިމާރާތްތަކުން ވެއްޓޭ އެއްޗެހި ރައިޝާގެ ބޮލަކު ނުޖެހެއެވެ. ރައިޝާއާ ދިމާލަށް ފޭރެން މީހަކު އަޔަސް ކައިރި ނުވެވެނީސް އެ މީހަކު ބިރުން ދުވެ ފިލައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން ރައިޝާގެ އުޅުމަކަށް ބަދަލެއް ނާދެއެވެ. ހިނިތުންވެލާފައި ކުރިއަށް ދަނީ ފަހަތް ނުބަލައެވެ.

- ނިމުނީ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް