ވާހަކަ: މިތުރާ މަގޭ
ބައްޕަ ކާރުގައި އައީ އެންމެ ވާރޭ ބޯކޮށްލި ގަޑީގަ އެވެ. ޑްރައިވަރު ޑިކީ ހުޅުވައިދިނުމުން ބައްޕަ ޖެހިލީ ފޮށިތައް އަރުވާށެވެ. ހޫރައިން ދޮރުކައިރީ ބަލަން ހުރެފައި ދާން އުޅުނު ވަގުތު ފަހަތުން ކޮންމެވެސް މީހަކު އޭނަގެ އަތުގައި ހިފަހައްޓައިފި އެވެ. އެނބުރުނުއިރު އެއީ އޭނަ އެތަނުން ފެނިދާނެ ކަމަށް އެންމެ އުންމީދު ނުކުރާ މީހާ އެވެ.
ރީޝް ހުރީ ލުއި ހިނިތުންވުމެއް ވެރިކޮށްލައިގެންނެވެ.
ރަށާ ހަމައަށް ދެވެންދެން ވެސް ރީޝް އެ ގަޑީގައި ދެއްކި ވާހަކަތައް ހޫރައިންގެ ސިކުނޑީގައި ހަރުލާފައި ހުއްޓެވެ.
***
ރަށުގައި ދެ ހަފްތާއެއްހާ ދުވަސް ޗުއްޓީ ހޭދަކުރުމަށް ފަހު ބައްޕަގެ އެދުމުގެ މަތިން ހޫރައިން ބަދަލުވީ މާލެ އަށެވެ. ބައްޕަގެ އަންހެނުން ނަބީލާއަކީ ދޮންމަންމައަކަށް ވުރެ ބޮޑަށް އެކުވެރިއެއް ކަމުގައި ހޫރައިންއަށް ވި އެވެ. ބައްޕައާ ނޯންނަ ގާތްކަން ދެ އަހަރެއްހާ ދުވަސްތެރޭ ނަބީލާއާ ދެމެދު އުފެދިއްޖެ އެވެ. ކުޑަ ކޮއްކޮއެއް އުޅޭތީ ހޫރައިންގެ ފޫހި ދުވަސްތަކަށް ދިރުން ލިބުނެވެ. ރިސޯޓުގައި ވަޒީފާއަދާކުރާ ބޭބެ ވެސް އޮފް ދުވަސްތަކުގައި މާލެ އައިސް މަޑުކުރަނީ އެ ގޭގަ އެވެ.
ނަބީލާއަކީ މަސައްކަތްތެރި އަންހެނެކެވެ. ހިނދުކޮޅަކަށް ވެސް ހިމޭނުން ހުންނަ ތަނެއް ނުފެންނާނެ އެވެ. ބޮޑުފަތިހާ ތެދުވެ މަސައްކަތަށް ފަށަ އެވެ. ރޭގަނޑު ނިދާނީ ވެސް ޖެހިގެން އަންނަ ދުވަހަށް ހުރިހާ ކަމެއް ތައްޔާރުކޮށްފަ އެވެ. ފިރިމީހާއަށް އެކަނި ލިބޭ މުސާރައިން ގޭގެ ހަރަދުތައް ނުބެލެހެއްޓޭނެކަން ނަބީލާ ދަނެ އެވެ. ހެދިކާ ހެދުމާ އެކު ފެހުމުގެ މަސައްކަތް ނަބީލާ ކުރަނީ ނުހަނު ގަޔާވެހުރެ އެހާމެ ކެރިގެންނެވެ. އެ މަސައްކަތުގައި ހޫރައިންއަށް ވެވުނުވަރަކުން އެހީތެރިކަން ފޯރުކޮށްދެ އެވެ.
ކޮލެޖުން ގެއަށް އާދެވުމާއެކު ހޫރައިންގެ ހުރިހާ ވަގުތެއް ހުސްކުރަނީ ކުޑަ ކޮއްކޮއަށެވެ. ހަނާން ދެކެ ހޫރައިން ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. މުޅި ދުވަހު އެ ކުއްޖާ ގޮވައިގެން އުޅުނަސް އޭނަ ފޫއްސެއް ނުވެ އެވެ. ވާ ލޯބި ވަނީ ހައްތަހާ އިތުރެވެ. ހަނާންއަށް ވާހަކަދައްކަން ދަސްވީއްސުރެ ހޫރައިންއާ މުހާތަބުކުރަނީ ވެސް މަންމައޭ ކިޔާފަ އެވެ.
މެންދުރުގެ އެންމެ ހޫނުގަދަ ވަގުތެވެ. ކޮލެޖުން ނިކުމެ ހޫރައިން ދެކޮޅު ބަލައިލީ އަބަދުވެސް އެ ގަޑިއަށް އޭނަ ބަލައި އަންނަ ބައްޕަގެ އެއްވެސް އިޝާރާތެއް ފެންނަން ނެތީމަ އެވެ. ފޯނު ނެގިއިރު ފޯނު އޮތީ ނިވިފަ އެވެ. ބައްޕައަށް ނާދެވޭކަން އަންގަން ނުގުޅާކަމެއް ނޭނގެ އެވެ. ރޭގައި ނިދަމުން ފޯނު ޗާޖުކުރަން ހަނދާން ނެތުމުގެ ނަތީޖާ އެވެ. ފައިމަގުގައި ދާންޖެހޭ ދުވަސްތަކުގައި އާންމުކޮށް އެކީގައި ދާނީ އީމާ އެވެ. އެކަމަކު އީމާ މިއަދު ބަލިވެ ކުލާހަކަށް ހާޒިރެއްނުވެ އެވެ.
އެހެން ގޮތެއް ނެތުމުން ހޫރައިން ހިނގައިގަތެވެ. ހޫނުގަދައެއްކަމަކު މަގުމަތިން މީހުން މަދެއް ނުވެ އެވެ. ދުއްވާ އެއްޗެހި ވެސް އެހާ ގިނަ އެވެ. އިމާރާތްތަކުގެ ހިޔަލުން އޭނަ ގޮސް ފުރަތަމަ ޖެހުނު ގޯޅިން އެޅިތަނާ ފަހަތުން މީހަކު ގޮވާލި އަޑު އިވުނުހެން ހީވި އެވެ.
އެނބުރި ބަލައިލި އެވެ. ހޫރައިންއަށް ހީވީ ތެދެކެވެ. ސައިކަލުގައި އެދިމާއަށް އައީ އޭނަ ދަންނަ މީހެކެވެ.
ނަބީލާގެ ފުރަތަމަ ކައިވެނިން ލިބިފައިވާ ދެ ދަރިންގެ ތެރެއިން ފިރިހެން ދަރިފުޅު ސާއިމްއަކީ ދޮށީ ދަރިއެވެ. އަތްދިގު ކްރީމްކުލައިގެ ގަމީހަކާއި ނޫ ފަޓްލޫނެއްގައި އިންއިރު ކަރުގައި ވަޒީފާއަދާކުރާ ތަނުގެ ކާޑް އަޅާފައި އޮތެވެ. ވާތުގައި ސްމާޓް ގަޑިއެކެވެ. ބުޅި އިސްތަށިކޮޅު އަބަދުވެސް ރީތިކޮށް ސްޓައިލްކޮށްލާފައި އޮންނައިރު ހީވަނީ ދެންމެ ފެންވަރާލައިގެން ނިކުމެ އިންނަހެންނެވެ. މުށިކުލައިގެ ދެލޮލާއި ރީތި އަލި މޫނެއްގެ ވެރިއެކެވެ. ހިތްހެޔޮވެފައި އެކުވެރި މިޒާޖެއްގެ ޒުވާނެކެވެ.
ހޫރައިން ފުރަތަމަ އެ ގެއަށް އައިސް ސާއިމްއާ ބައްދަލުވީއިރު އުޅުނީ ނިކަން ދުރުންނެވެ. ފަހުން ސާއިމްގެ މިޒާޖު ދަސްވެ އިތުބާރު ކުރެވެން ފެށުނެވެ. ބައްޕައަށް ނާދެވޭ ދުވަސްދުވަހު އޭނަ ބަލައި ފޮނުވުމާއި އެ ނޫން ވެސް ދާންޖެހޭ ތަންތަނަށް އޭނައާއެކު ސާއިމް ފޮނުވަ އެވެ. ނަބީލާ ކަމަކު އެދެފި ނަމަ ބޮލާލައި ޖެހުމަކީ ސާއިމް ކުރާނެ ކަމެއް ނޫނެވެ. ހޫރައިންއަށް ސާއިމްއާ މެދު އިތުބާރު އުފެދުނު އެންމެ ބޮޑު ސަބަބަކީ ވެސް މަންމައަށް އެ ހުންނަ ތެދުވެރިކަމާއި ވަފާތެރިކަމެވެ.
"ފޯނު ކޮބާ؟ ނިއްވާލާފައޭ ކިޔަނީ. ހޫރައިން ބައްޕަ ގުޅާފަ ބުނީ ތަންކޮޅެއް ލަހުން. އެހެންވެ ލަސްވީ،" ހޫރައިން ހުއްޓުނު ހިސާބުން ސައިކަލު މަޑުކޮށްލާފައި ސާއިމް ވާހަކަދެއްކި އެވެ.
"ފޯނު ނިވިފަ މި އޮތީ،" ދަބަހާ ދިމާއަށް އިޝާރާތްކޮށްލާފައި ހޫރައިން ޖަވާބުދިނެވެ.
އޭނަ އަރައި އިށީނުމާ އެކު ސާއިމް ސައިކަލު ދުއްވައިލި އެވެ.
ދިޔަ މަގުމަތީގައި ފިހާރައެއްގެ ކައިރިއަށް މަޑުކުރި އެވެ. ހަނާންއަށް ކާއެއްޗެއްނުލާ ގެއަށް ވަދެފި ނަމަ ޝަކުވާ ހުސްނުވާނެ އެވެ. ސާއިމް ހަނާންގެ އެއްޗެހި ހަމަކުރަން ފެށިތަނާ ހޫރައިން އެތެރެއަށް ވަދެގެން ދިޔައީ އޭނަ ގަންނަންވެފައި ހުރި އިތުރު އެއްޗެއް ހަނދާންވެގެންނެވެ.
އެނބުރި އައިސް ފައިސާ ދައްކަންވެގެން ކައުންޓަރު ކައިރީ ހުރެފައި ވޮލެޓް ނަގަން ފެށުމުން ސާއިމް މަނާކުރި އެވެ. ހޫރައިން ލޯ ހަނިކޮށްލި ނަމަވެސް ސާއިމް އަޅައެއްނުލި އެވެ.
ގެއަށް ވަދެފައި ދަބަސް ސޯފާމަތީ ބެހެއްޓުމަށް ފަހު ދެ ޒުވާނުން އެކީ ގޮސް ވަނީ ބަދިގެއަށެވެ. ހޫރައިން ދެ ތަށި ގެނެސް އައިސްކްރީމް އަޅަން ފެށި އެވެ. ސާއިމް ހުރީ ފޯނު ނަގައިގެން ކޮންމެވެސް އެއްޗެއް ކިޔާށެވެ.
"ހަނާން އައިސްކްރީމް ބޯން އާދޭ!" ސާއިމް އެނބުރި ކޮޓަރިއަށް ބަލާލައިފައި ގޮވި އެވެ.
"ހަނޫ އައިސްކްރީމް ބޯން އާދޭ، ހުސްވަނީ!" ދެ ތަށްޓަށް އަޅައިގެން މޭޒު ދޮށުގައި އިށީނދެފައި ހޫރައިން ވެސް ގޮވި އެވެ.
"ކޮބާ މަށަށް؟" ސާއިމް ފޯނު އަނބުރާ ޖީބަށް ކޮއްޕާލައިފައި އެހި އެވެ.
"ގަންނަ މީހާއެއް ނުކާނެ،" ހޫރައިން ޝަހާދަތް އިނގިލިން މަނާކުރަމުން އެންގި އެވެ.
"ތި އަދި މާ ހެއްވާ ގޮތެއް،" ސާއިމް ޖެހިލީ ސަމުސާ އަޅާފައި ހުރި ދިމާއަށެވެ. އޭނަ ސަމުސަލެއް ނަގައިގެން އައިސްކްރީމް ޓަބާ ކައިރިވާން އުޅެނިކޮށް ހޫރައިން ތެދުވެފައި އެ ދަމައިގެންފި އެވެ.
"ސާއިމް ކިހިނެއް ތިއުޅެނީ؟ އަހަރެން ތަށި ނުދިނީމަ ސީދާ ޓަބަށް އެޓޭކަށް ތި އައީ. އަނގައަށް ލައިފަ މިއަށް ލީމަ އަހަރެމެން ނުކާނެ ގޮތަށް ދޯ،" ހޫރައިން ހުރީ ލޯ އަޅާލައިގެންނެވެ.
"އަހަރެން އެންމެ ސަމުސަލެއް ރަހަ ބަލާލަން އުޅުނީ،" ސާއިމް ހުރީ ހޫރައިން އުޅޭ ގޮތުން ކުޑަކޮށް ހިނިއައިސްފަ އެވެ.
ނޫންކަމަށް ހެދިފައި އޭނަ އެންމެފަހުން ދުރަށް ޖެހުނީ ހޫރައިން ކާން ފެށި ތަށި އަތުލައިގެންނެވެ.
"ވިޔާނުދާ މީހާގަނޑު!" ހޫރައިން ހަޅޭއްލަވައިގަތެވެ.
ސާއިމްގެ ހިނިގަނޑު ފަޅައިގެންދިޔަ އެވެ. އޭނައަށް ކާން ވެސް އުނދަގޫވި އެވެ. ހޫރައިން ކައިރިއަށް އަންނަން އުޅޭހެން ހީވުމުން އަވަސް ފިޔަވަޅުތަކެއްގައި ނިކުމެގެން ގޮސް ސިޓިންރޫމު ސޯފާގައި ޖައްސައިލި އެވެ. އެވަގުތު ހަނާން އާއި ނަބީލާ ނިކުތީ ކޮޓަރިންނެވެ. ނަބީލާގެ އުރުގައި ހަނާން އިންއިރު އެ މޫނުމަތިން ދެންމެ ނިދާހޭލި ކުލަވަރު ފެންނަން ހުއްޓެވެ. އިސްތަށިގަނޑު ވެސް އޮތީ ހޭވިފަ އެވެ.
"ދޮންބެ!" ހަނާންއަށް ސާއިމް ފެނުމާ އެކު އެދިމާއަށް ދެ އަތް ދިއްކޮށްލި އެވެ.
ނަބީލާ އެ ކުއްޖާ ތިރީގައި ބެހެއްޓުމާ އެކު ގޮސް ސާއިމްގެ އުރަށް އަރައިފި އެވެ. ނަބީލާ ގޮސް ވަނީ ބަދިގެއަށެވެ. ހަނާން އައިސްކްރީމް ކާން ބޭނުން ވުމުން ސާއިމް ގޮވީ ހޫރައިންއަށެވެ.
"ދެ މީހުން އައިސްކްރީމް ނުކައި ބަތް ކާން އުޅެބަލަ!" ނަބީލާ ނިކުމެ ސާއިމްއަށް ބަލާލައިފައި ވާހަކަދެއްކި އެވެ. އޭނަ އެހެން ބުނީ ފަހަތުން ނިކުތް ހޫރައިންއަށް ވެސް ބަލައިލާފަ އެވެ.
ހެދުން ބަދަލުކުރާށޭ ކިޔާފައި ހޫރައިން ވަނީ ކޮޓަރިއަށެވެ. މަންމަ ހަނާންއާ ހަވާލުވުމުން ސާއިމް ވެސް ފާހާނާއަށް ވަދެލަންވެގެން ގޮސް މަންމަގެ ކޮޓަރިއަށް ވަނެވެ. އެ ގަޑީގައި ހޫރައިންގެ ބައްޕަ އުޅޭނީ ބޭރުގަ އެވެ. ގެއަށް އަންނާނީ އިރު އޮއްސެން ކައިރިވެފައި ހުއްޓަ އެވެ.
ނަމާދުކޮށްލައިގެން ހޫރައިން ނިކުތްއިރު ސާއިމް އިނީ ކާށެވެ. އެއް އަތުގައި އެ ވަގުތު ވެސް ފޯނު އޮތެވެ. ބެގީ ނައްޓާލައިގެން އިންއިރު ކަރުގައި ކުރިން އޮތް ޓައީއެއް ވެސް ނެތެވެ. ކަރުގޮށް ނައްޓާފައި ހުރިއިރު މޭމަތީ ފަޅާފައިވާ އިސްތަށިތަކުން ބައެއް ފެންނަން ހުއްޓެވެ.
"ތީ ކުޑަކުއްޖެއްތަ ފޯނަށް ބަލައިގެން ނޫނީ ނުކެވެނީ؟" ހޫރައިން ގޮސް ކުރިމަތީ ހުރި ގޮނޑި ދަމާލައިގެން އިށީނެވެ.
ސާއިމް ހޫރައިންއަށް ނަޒަރެއްދީފައި ހަމައެކަނި ވެރިކޮށްލީ ހިނިތުންވުމެކެވެ.
"ހަނާންއަށް ވެސް ނާސަރީ ރައިމްސް ނުބަލާ ތަށި ހުހެއްނުވާނެ،" ސާއިމް ޖަވާބު ނުދިނީމައިވެސް ހޫރައިން އެ ވާހަކަ ފަށައިގެން ކުރިއަށް ގެންދިޔަ އެވެ.
"ބަލާބަލަ ފޯނު!" ސާއިމް ފޯނު މޭޒުމަތީ ބާއްވަމުން ހޫރައިންގެ ފޯނަށް އިޝާރާތްކޮށްލި އެވެ.
"ކޯއްޗެއް؟" ހޫރައިން ފޯނު ނަގައި ވައިބާކޮށްފައި އިން ފައިލު ހުޅުވައިލި އެވެ.
އެއީ ދައުވަތު ކާޑެކެވެ. ހޫރައިންއަށް ބުމަ ކައިރިކޮށްލެވުނެވެ. ސާއިމްގެ އޮފީހުން ބާއްވާ އަހަރީ ހަފްލާއެއްގެ ދައުވަތު ކާޑު އޭނައަށް އެވަރަކުން ދައްކަން ބޭނުންވީ ކީއްވެ ހެއްޔެވެ؟
"ސްކޯލާޝިޕަށް އެޕްލައިކޮށްގެނެއްނު ތިއުޅެނީ،" ހޫރައިންގެ ހައިރާންކަން ފެނިގެން ސާއިމް ބުނެލި އެވެ.
"ދެން؟" ހޫރައިންއަށް އަދިވެސް ސުވާލުގެ ޖަވާބެއް ނުލިބުނެވެ.
ސާއިމް ފެންފޮދެއް ބޯލާފައި ތަށި ބެހެއްޓި އެވެ.
"ޕާޓީއަށް ދާނެ އެކަމުގަ އިސްކޮށް އުޅޭ މީހުން. ހޫރައިންއަށް އެ މީހުންނާ ބައްދަލުކޮށް ވާހަކަދައްކާލެވިއްޖެއްޔާ އަހަންނަށް ޔަގީން އެ މީހުން ވެސް ގަބޫލުކުރާނެ އެކަމަށް އެކަށީގެންވާ ކުއްޖަކީ ތީކަން،" ސާއިމް އެންމެފަހުން ކިޔައިދިނެވެ.
ހޫރައިންއަށް އަނގަމަތީ އަތް އަޅައިލެވެން އުޅެވުނެވެ. ކާން އިނދެވުނުކަން ހަނދާންވެގެން އަތް އަނގައާ ހަމައިން ތިރިކޮށްލީ އެވެ.
"އެކަމަކު... ފެއާ ވާނެތަ؟" ހޫރައިންއަށް ފަސްޖެހެވުނެވެ.
"ލެޓް ދެމް ޑިސައިޑް ގާލް!" ސާއިމް އިނީ ހަމަޖެހިލާފަ އެވެ.
ހޫރައިން އިތުރަށް ވާހަކަނުދައްކައި ކެއުން ނިންމައިލީ ފުން ވިސްނުމެއްގައި އިނދެގެންނެވެ. ސާއިމް ވެސް ފޯނުން ކޮންމެވެސް އެއްޗެއް ބަލަނީ އެވެ. ދޭތެރެއަކުން ހޫރައިންއަށް ނަޒަރެއް ދެ އެވެ. އެންމެފަހުން އޭނަ ކުރީގައި ކައި ނިންމާފައި ތެދުވެގެން ގޮސް އަތް ދޮންނަން ފަށައިފި އެވެ. މަންމަގެ އިރުޝާދުގެ ދަށުން އަބަދުވެސް ކަންތައް ކުރާގޮތުގެ މަތިން ތަށި ވެސް ދޮވެލާފައި ހަރުގައި ޖެހި އެވެ.
އެރޭ ހޫރައިން ނިދަން އަރާ އެނދުގައި އޮއްވާ އެކުވެރިންގެ ޓެލެގްރާމް ގުރޫޕަށް މެސެޖުތައް އަންނަން ފެށި އެވެ. އެ ގަޑީގައި ނުނިދާ އެންމެން މާ ފޯރިއެއް ދައްކާތީ އޭނަ ވެސް ވެގެން އުޅޭ ގޮތެއް ބަލައިލަން ނިންމި އެވެ. ހުޅުވާލިއިރު އެތަނުން އެކަކުގެ ކައިވެނީގެ ވާހަކަ އެވެ.
ރަޝާ އަބަދުވެސް ކިޔާނެ އެވެ. މުއްސަނދި ފިރިހެނަކު އިންނަން އަހައިފި ނަމަ އޭނަ ކިޔެވުން ދޫކޮށްލާފައި ކައިވެނިކުރާނީ އެވެ. އެކަމަކު ދެން ތިބި މީހުންގެ ހިޔާލު ތަފާތެވެ. އީމާ ބޭނުންވަނީ ލޯބިވާ މީހަކާ އިންނާށެވެ. މުއްސަނދި ވިއަސް ބަލާލަން ރީތި ނޫން މީހަކާ އޭނަ އިންނާކަށް ބޭނުމެއް ނުވެ އެވެ. ވަރުދާއަށް ކަމުދަނީ "ބޭޑް ބޯއީޒް" އެވެ. އެއިން ކޮންމެ މީހަކު އަމިއްލަ ހޮވުމުގެ ވާހަކަ ދައްކާއިރު ހޫރައިން ކައިރީ ވެސް އަހަ އެވެ. އެއަށް ދޭނެ ޖަވާބެއް ހޫރައިންއަކަށް ނޭނގެ އެވެ.
"ޝީ ލައިކްސް އޯލްޑާ މެން،" އީމާ އެއް ދުވަހަކު ކުއްލިއަކަށް ބުނެފި އެވެ.
"ވަޓް؟" ހޫރައިން ސިހިފައި އެކުވެރިޔާއަށް ބަލައިލި އެވެ.
ކުލާސްތެރޭ ހަތަރު އެކުވެރިން އަމިއްލަ ވާހަކައިގައި ތިބީ އެ ގަޑީގައި އަދި ޓީޗަރު ނާންނާތީ އެވެ. އެހެން ކުދިން ވެސް އެ ބައެއްގެ އަމިއްލަ ކަމެއްގައި އެ ބަޔަކު އުޅެ އެވެ.
"ކޮބާ ރަނގަޅަށެއްނު މި ބުނެވުނީ. ބަލާބަ އޭނަގެ މޫނަށް ވީގޮތް." އީމާ ފުންމައިގެން ތެދުވެފައި ފަހަތަށް ޖެހުނީ ހޫރައިން އޭނަގެ އަނގަމަތީ އަތް އަޅަން އުޅުނީމަ އެވެ.
"އެހެންވީމަ ރާޑަރަށް އަރާފަ އިންނާނެ ކޮންމެވެސް މީހަކު،" ވަރުދާ ވެސް އެންމެންނާ އެއްބައިގައި ހޫރައިންއާ ދިމާކުރަން ފެށި އެވެ.
"މިހާރު ނޭނގެ ވީތަނެއް. ކުރިން ކިޔަވަން އުޅުނުއިރު ފެނުނު މީހެއް،" އެންމެ ފަސޭހައިން އެ މައުލޫއުއާ ދުރަށް ދެވޭނީ އެގޮތް ކަމުގައި ނިންމައިގެން ހޫރައިން އެންމެފަހުން ކިޔައިދިނެވެ.
އެކުވެރިންގެ ވާހަކަ އަހާފައި ހޫރައިން ފަހުން ވެސް ވިސްނި އެވެ. އެކަމަކު އީމާ ބުނި ވާހަކައާ މެދު އޭނަ މުޅިން އެއްބަހެއްނުވެ އެވެ. އެންމެ ޅަ މީހުންނަށް ވުރެ އޭނައަށް ވެސް ރަނގަޅީ ހަރުދަނާ މީހެކެވެ. އަދި ހަރުދަނާ ކަމަކީ ގިނަ ފަހަރު ތަންކޮޅެއް ދުވަސްވުމުން އަންނަ ސިފައެކެވެ. އެކަމަކު މަގުމަތިން ފެންނަ އެއްވެސް މީހަކަށް އޭނަގެ ހިތެއް ނުކިޔަ އެވެ. ކޮލެޖަށް ކިޔަވައިދޭން އަންނަ ޓީޗަރުންގެ ތެރޭގައި ވެސް އެންމެން ގަޔާވާ ވަކި މީހަކު އުޅެ އެވެ. އެކަމަކު ހޫރައިންއަކަށް އޭނަ ވެސް ކަމަކުނުދެ އެވެ.
ދޮރުގައި ޓަކި ދޭ އަޑަށް ހޫރައިން ތެދުވެގެން ގޮސް ހުޅުވާލި އެވެ.
(ނުނިމޭ)
ކޮމެންޓް (1)
ޒާނާ