ވާހަކަ: މިތުރާ މަގޭ
"އެއިރުން ވެސް ބޭޒާރުވާނީ ކާކު؟ އަހަންނާއި ހޫރައިން ސިއްރުން ބައްދަލުކުރަނީއޭ އަހަރެން ބުނެފިއްޔާ އެމީހުން ދޮގުކުރާނެހެން ހީވޭތަ؟" އިމްރާނު ހޫރައިންއާ މޫނު ކައިރިކޮށްލާފައި ވިހަ ހިނިތުންވުމަކާ އެކު ސުވާލުކުރި އެވެ.
ހޫރައިންގެ މެއަށް ފިނިވެގެންދިޔަ އެވެ. ނިތްކުރިން އޮށްދާހިއްލައިލި އެވެ. ކަންބޮޑުވެގެން ހަދާނެ ގޮތް ހުސްވި އެވެ. އެ ސުވާލުގެ ޖަވާބު އޭނައަށް އެނގެ އެވެ. ބޭޒާރުވާނީ ޚުދު އޭނާ އެވެ. އެންމެން ވެސް ގަބޫލުކުރާނީ އިމްރާނުގެ ވާހަކަ އެވެ. ހައްތަހާ ބޮޑަށް އެ މީހުންގެ ކުރިމަތީ އޭނަގެ އަގު ވެއްޓުން ނޫން ކަމެއް ނުވާނެ އެވެ.
"ހެޔޮނުވާނެ..." ހޫރައިންއަށް ރޮވުނެވެ.
އޭނަ ފެން ފުޅިއާ އެކު ފަހަތަށް ޖެހިލައިފި އެވެ.
"އައްދެ އައްދެ. އަދި ރޯކަށް ނުވެއެއްނު..." އިމްރާނު ވެސް ކުރިއަށް ޖެހިލާފައި ބޮޑުވައި އިނގިލިން ހޫރައިންގެ ކޯތާފަތަށް ވެއްޓުނު ކަރުނަ ތިކި ފުހެލައިފި އެވެ.
އެ ބީހުމުން ހޫރައިންއަށް އުނދަގޫގުވި އެވެ. އިތުރަށް ބިރުގަތެވެ. އަވަހަށް އަތް ފޮޅުވާލެވުނެވެ. އަނެއް އަތުގައި ހުރި ފެން ފުޅި ވެއްޓި ޖެހުނު އަޑާ އެކު އިމްރާނު ވެސް ކުއްލިއަކަށް ދުރަށް ޖެހިލައިފި އެވެ. އެނބުރި ދޮރާ ދިމާއަށް ބަލައިލީ މީހަކު އަތުވެދާނެތީ ކަހަލަ އެވެ. ހޫރައިންއަށް އެ މަންޒަރު ފެނުނެވެ. އޭނަ އަވަހަށް އެ ދިމާއަށް ހިނގައިގަތެވެ.
"އޭ، އަދި މަޑުކޮށްބަލަ. އަދި ދާކަށް ނުވެއެއްނު..." އިމްރާނު ހުރީ އެހާ ފަސޭހައިން ދޫކޮށްލާ ގޮތަކަށް ނޫނެވެ. އޭނަ އަނެއްކާވެސް ހޫރައިން ކުރިބައްދައިފި އެވެ.
ދުރުން ފިޔަވަޅުގެ އަޑު އިވިގެން އަނެއްކާވެސް ދޮރާ ދިމާއަށް ބަލައިލެވުނީ ދެ މީހުންނަށް އެކުއެކީގަ އެވެ. ހޫރައިންއަށް ހިތާއި ހިތުން ދުއާކުރެވުނެވެ. އެ ވަގުތު އޭނަ ބޭޒާރުވިއަސް މައްސަލައެއް ނެތެވެ. ބޭނުންވަނީ އިތުރު ގެއްލުމެއް ލިބުމުގެ ކުރިން އެތަނުން ދާށެވެ. އިމްރާނުގެ ކިބައިން ސަލާމަތްވާށެވެ.
ދޮރުން އެތެރެއަށް ވަންތަން ފެނުނީ ހަމްރާއު އެވެ.
ކަކުލާ ހަމައަށް ހުރި ކަޅު ސޯޓަކާއި މަޑު ނޫ އަތްކުރު ޓީޝާޓެއްގައި އެއް އަތް ޖީބަށް ޖަހާލައިގެން އަނެއް އަތުން ލޯ އުނގުޅާލައިފައި ތިރިކޮށްލިއިރު އެ މޫނުމަތިން ނިދީގެ އަސަރު ފެންނަން ހުއްޓެވެ.
ހޫރައިންގެ މެއަށް ފިނިވެލި އެވެ.
އިމްރާނު ފޯނު ނަގައި ނަޒަރެއް ދީފައި ނޫން ކަމަށް ހެދިފައި ގޮސް ފްރިޖު ކައިރިއަށް ހުއްޓި ދޮރުފަތް ހުޅުވާލި އެވެ. ހަމްރާއު އެ ދެ މީހުންނަށް ވަކިވަކިން ބަލައިލި ނަމަވެސް އެއްޗެއް ނުބުނެ ވަދެގެން އަ އެވެ. ހޫރައިން ހިފީ އެ ފުރުސަތުގެ ބޭނުމެވެ. އޭނަ އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލި އެވެ.
ފެން ފުޅި ބަހައްޓާފައި ގޮސް އެނދުގައި އިށީން ގޮތަށް ދެ ކަކޫ ގެނެސް މެޔާ ކައިރިކޮށްލައިގެން ކަކޫމަތީ ބޯޖެހި އެވެ. އިސާހިތަކު ލޮލަށް އިތުރު ކަރުނަތައް ބޮނޑިވެގެން ފައިބަން ފަށައިފި އެވެ. އެއޮތް ބޮޑު ގޭގައި އޭނަގެ އިހްސާސްތައް ދަންނަ އެކަކު ވެސް ނެތެވެ. އޭނަ މުޅިން އެކަނިވެއްޖެ އެވެ. މިހާރު ހިތަށް އަރަނީ ރަށަށް ދެވޭނީ ކިހާ އަވަހަކަށްބާވަ އެވެ. މި ރަށުގައި މި ގޭގައި އިނުމަށްވުރެ ރަށަށް ދިއުން ވެސް މިހާރު އޭނަގެ ހިތަށް ފަސޭހަވާނެކަމުގައި ގަބޫލުކުރެވުނެވެ.
****
ހަފްތާއެއް ފަހެވެ. އެއީ ފިނި ފަތިހެކެވެ. ހޫރައިން ނަމާދުކުރަން ލީ ހެދުން ބާލާފައި އަތްދިގުކޮށް ހުރި ގަޔަށް ދޫ ނޫ ކުރުތާއަކާ އެކު ތިރިން ލީ ތަންކޮޅެއް ފުޅާކޮށް ހުރި ހަރުވާޅެކެވެ. ބުރުގާ އަޅާލައިގެން ފޯނުގައިވާ ނޯޓިފިކޭޝަންތައް ބަލަމުން ކޮޓަރިން ނިކުތްއިރު ގޭތެރެ އޮތީ ހިމޭންކޮށެވެ. އެ ގަޑީގައި އާންމުކޮށް ހޭލާ އުޅޭނީ ސަކީނާ އެވެ. އެކަމަކު ސަކީނާ ވެސް ކޮޓަރިން ނިކުންނާނީ ޒިކުރު ކިޔަން އިނދެފައި އަލިވާ ފަހުންނެވެ. ދެން ފެށޭނީ ނާސްތާގެ މަސައްކަތެވެ.
ހޫރައިން ގޮސް ބަދިގޭގެ ބޮކި ދިއްލާފައި ވަދެގެން ގޮސް ފެން ކައްކާ ތެލި ހިފައިގެން އިސްކުރު ކައިރިއަށް ޖެހިލި އެވެ. ފެން ފޮދެއް އަޅާލުމަށް ފަހު އުނދުންމަތީ ބަހައްޓާފައި އުނދުން ޖެއްސުމަށް ފަހު ކުޑަދޮރުތައް ހުޅުވާލީ ބޭރު ބަލައިލާ ހިތުންނެވެ. ކުޑަދޮރުގެ ބޭރުގައި އެދިމާގައި ހެދިފައިވާ ގަސްތައް ހުރީ ފިނިފައިބައިގެން ތެމިފަ އެވެ. ކުޑަދޮރުން ވަން ވައިރޯޅި އައިސް މޫނުގައި ބީހިލީ ވަގުތު ހޫރައިން ތުރުތުރު ލައިގަތެވެ.
އޭނަ ދެއަތް ދެއަތުން މުލައްދަނޑީގައި ފިރުމާލައިފައި ދުރު ދުރަށް ދާންދެން ނަޒަރު ހިންގައިލި އެވެ. އިރުނޭރިއެއްކަމަކު އުދަރެސް އޮތީ ފަނޑު ރަތްކަމެއް ވެރިވެފަ އެވެ. ދުރުން ކާޅު ގޮވާ އަޑާއި ގަސްތަކުގެ ތެރެއިން އުދުހިގަންނަތަން ފެނެވެ. ދުނިޔެމަތި އަދިވެސް އޮތީ އަނދިރިކޮށެވެ.
ފެން ކެކިގަތުމުން ނިވާލައިފައި ހޫރައިން ޖޯޑު ނަގައިގެން ސައިތަށި ތައްޔާރުކޮށް ނިންމައިލި އެވެ.
"މޯނިން..." އެ އިވުނީ ހަމްރާއުގެ އަޑެވެ.
ހޫރައިން ދިޔައީ ސިއްސައިގެންނެވެ. ތެޅިގަނެވުމާ އެކު އަތުގައި ހުރި ސައިތަށި ބަންޑުންވި އެވެ. ހޫރައިންއަށް މަންމާއޭ ކިޔާ ރޮއިގަނެވުނެވެ.
"ކިހިނެއްވީ؟" ހަމްރާއު އަވަސް އަވަހަށް އައިސް ކައިރިއަށް ހުއްޓެމުން އެހި އެވެ.
ވެގެން އުޅޭގޮތް އެނގުމާ އެކު އޭނަ ހޫރައިންގެ އަތުން ސައިތަށި އަތުލާފައި ކައުންޓަރުމަތީ ބެހެއްޓުމަށް ފަހު އެ އަތުގައި ހިފާލައިގެން ގެންގޮސް ސިންކު ކައިރިއަށް ހުއްޓި އިސްކުރު ދޫކޮށްލައިފި އެވެ. ފިނިފިނި ފެންތައް އަތަށް އެޅެން ފެށުމާއެކު ހޫރައިންއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.
"ވަރަށް ބޮޑަށް މާފުކުރޭ. އަހަރެން އެއްގޮތަކަށް ވެސް ހޫރައިން ސިއްސުވައިލާކަށް ގަސްތުކޮށްގެނެއް ނޫން ގޮވާލީ،" އިސްކުރުގެ އަޑާހެދި ހަމްރާއުގެ އަޑު އައީ ތަންކޮޅެއް މަޑުންނެވެ.
ހޫރައިން އެ މޫނަށް ބަލައިލި އެވެ. އޭނައަށް ވިސްނައިލެވުނީ ދެނެވެ. ހަމްރާއު އެ ހުރީ އޭނަގެ އަތުގައި ހިފަހައްޓައިގެންނެވެ. ވަގުތުން އެ މޫނު ރަތްވެއްޖެ އެވެ.
"އުނހު. އިހަށް މަޑުކުރޭ!" ހޫރައިން އަތް ދަމައިގަންނަން އުޅުމުން ހަމްރާއު އޭނަގެ އަތުން ދޫނުކޮށް އަނެއްކާވެސް އިސްކުރު ދޮށަށް ލެފި އެވެ. "އިރުކޮޅެއްވީމަ އަތް ނަގާނީ..."
ހަމްރާއުއަށް ވެސް ވިސްނުނީ ކަހަލަ އެވެ. އޭނަ އެންމެފަހުން ހޫރައިންގެ އަތުން ދޫކޮށްލާފައި ކުޑަކޮށް ދުރަށް ޖެހިލައިފި އެވެ. އިރުކޮޅަކު އެ އަތަށް ބަލަން ހުރެލާފައި ގޮސް ޖޯޑެއް ނަގައި ކޮފީ މެޝިން ކައިރީ ބެހެއްޓި އެވެ.
ހޫރައިން އިރުކޮޅަކުން އިސްކުރު ބާރުކޮށްފައި އެނބުރި އަތް ހިއްކަން ފެށިއިރު ހަމްރާއު ކޮފީ ޖޯޑު ހިފައިގެން އޭނައަށް ބަލަން ހުއްޓެވެ.
"މިހާރު ރަނގަޅު،" ހޫރައިން ބުނެލި އެވެ.
ބޯޖަހާލައިފައި ހަމްރާއު ފެށީ ކޮފީ ބޯށެވެ. ހޫރައިން އެތަން ސާފުކުރަންވެގެން އުޅުނުއިރު އޭނަ އައިސް ގޮނޑިއެއް ދަމާލައިގެން މޭޒު ދޮށުގައި އިށީނދެއްޖެ އެވެ. އަތުގައި އޮތް ފޯނުން ސްކްރޯލްކޮށްލަ ކޮށްލާ އެހެން އިނެވެ.
މަސައްކަތް ނިންމާފައި ހޫރައިން އަނެއްކާވެސް ސައިތަށި ނަގައި ރަހަ ބަލައިލި އެވެ. ނަސީބަކުން ހިހުލެއްނުވެ އެވެ.
"ދަނީތަ؟ އާދޭ މިތާ އިށީނދެލަން!" ހޫރައިން އެތަނުން ދާން ކަމަށް ހީކޮށް ދޮރާ ދިމާއަށް ބަލައިލިތަން ފެނިގެން ހަމްރާއު ވާހަކަދެއްކި އެވެ.
އޭނަ ހޫރައިންގެ ހަރަކާތްތަކަށް ސަމާލުވެ އިންކަން ވެސް އެނގުނީ އެހެންވެ އެވެ. ކުއްލިއަކަށް މިއަދު ހަމްރާއު މިހާ ގާތްކޮށް ކަންތައް ކުރާތީ އޭނަ ހައިރާންވި އެވެ. އެއް ގެއެއްގައި އުޅުނަސް ހަމްރާއު އަކީ އޭނައާ އެކުވެރިކަން ބަދަހިކުރަން އެއްވެސް އިރަކު މަސައްކަތްކުރި މީހެއް ނޫނެވެ. ދެ މީހުންގެ އުމުރު ތަފާތުވެފައި އަދި އޭނައަކީ ރިޒްވާންބެމެންގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖަކަށްވާތީ ކަންނޭނގެ އެވެ. ރިޒްވާންގެ ދެމަފިރިންނާއި ހަމްރާއުގެ ދެމަފިރިންގެ ގުޅުން މާ ރަނގަޅު ނޫންކަން ހޫރައިންއަށް އަބަދުވެސް އެނގެ އެވެ.
ހޫރައިން އައިސް ގޮނޑި ދަމާލައިގެން އިށީނދެލީ ހަމްރާއުއާ ކުރިމަތިވާ ގޮތަށް އަނެއް ފަރާތުގައި އެންމެ ފުރަތަމަ ހުރި ގޮނޑީގަ އެވެ. އޭނަ ވެސް މިއަދު އެތާ އިށީންނަން ބޭނުންވެއްޖެ އެވެ. ދެން އަލުން ހަމްރާއުއާ ދުވަހަކު ބައްދަލުވާނެކަމެއް ވެސް ނޭނގެ އެވެ.
"މި އުޅެނީ ރަށަށް ދާންވެގެން،" ހޫރައިން އިސްވެ ފެށި އެވެ.
"ބަންދު އަންނަނީ ދޯ؟" ހަމްރާއު އެހި އެވެ.
އޭނަ ފޯނުން ނަޒަރު ވަކިކޮށްލާފައި ފޯނު މޭޒުމަތީ ބާއްވައިފި އެވެ. ހޫރައިންއަށް އެ މޫނަށް ރަނގަޅަށް ބަލައިލެވުނެވެ. ކުރިއަށްވުރެ ތުނބުޅިމަތިމަސް ދިގުވުމުގެ އިތުރަށް ހަމްރާއުގެ އިސްތަށިގަނޑު ވެސް އަބަދު އެ ހުންނަ ކުރުކަމަށްވުރެ ކުޑަކޮށް ދިގުވެއްޖެ އެވެ. ކޯކަށިގަނޑު ތަންކޮޅެއް ބޮޑަށް އުފުލިލައި ދެކޯތާފަތް ކުރިއަށްވުރެ ވަޅުވަދެފައިވާހެން އެ ހީވަނީ ހިކުމުގެ ސަބަބުން ކަމަށްވެދާނެ އެވެ. އެކަމަކު އެ ދެއަތުގެ މުލައްދަނޑިން އަބަދުވެސް ފެންނަން ހުންނަ ވަރުގަދަކަން އަދިވެސް ހާމަވޭވޭ ހުރެ އެވެ.
އޭނަ ހަމްރާއުގެ ސިފަތަކަށް ބަލައި ހިތާއިހިތުން ކިތަންމެ ވަރަކަށް ތައުރީފް ކުރިއަސް ހަމްރާއު އަބަދުވެސް އޭނައާ ދޭތެރޭ ދެކޭނީ ކުޑަކުއްޖަކު ފަދައިންނެވެ. ކަންތައް ކުރާނީ ވެސް އަދި ވާހަކަދައްކާނީ ވެސް ކުޑަކުއްޖަކާ ދޭތެރޭ ކަންތައް ކުރާހެންނެވެ. ހޫރައިން ކުއްލިއަކަށް ހަނދާންވި އެވެ.
"ބަންދުގަ ރަށަށް ގޮސް ދެން ނާންނަ ގޮތަށް،" ހޫރައިން މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރާލައިފައި އޮޅުންފިލުވައިދިނެވެ.
"އެއީ ކީއްވެ؟" ހަމްރާއުއަށް ބުމަ ކައިރިކޮށްލެވުނެވެ.
ހޫރައިން ބޭނުންވީ އަތް އުފުލާލައިފައި އިނގިލިތަކުން އެ ދެބުމަ ދޭތެރޭ ޖެހިފައިވާ ރޫތައް ފިލުވާލަދޭށެވެ. އޭނައަށް ޖަވާބު ނުދެވި އެދިމާއަށް ބަލަން އިނދެވުނެވެ.
"އަސްލުވެސް ނޭނގޭތަ ކީއްވެކަން؟ ނޫނީ ނޭނގޭ ކަމަށް ހެދެނީތަ؟" ހޫރައިން ހިނިތުންވެލީ ގޮތުން ހަމްރާއުއަށް ސިފަވީ ޅަ އަންހެންކުއްޖެކެވެ. އެކަމަކު އޭނަ ހޫރައިންއާ ދޭތެރޭ ކުޑަކުއްޖަކާ ދޭތެރޭ ކަންތައް ކުރާ ގޮތަށް ކުރަން ބޭނުން ނުވަނީ ކީއްވެކަމެއް ނޭނގެ އެވެ.
"އަޑުއަހާ ކޮންމެ ވާހަކައަކީ ހަގީގަތެއް ނޫނެއްނު،" ހަމްރާއު އަނެއްކާވެސް ކޮފީ ކޯވަރެއް ބޯލި އެވެ.
"އެކަމަކު އެންމެން ވެސް ރޫމާޒް އިވުނީމަ ގަބޫލުކުރާނެ. އެކަކު ވެސް ނުބަލާނެ އަސްލު ރިއާލިޓީއަކީ ކޮބާކަމެއް،" ހޫރައިން ދެރަވެލާފައި ގޮނޑީގައި ލައްގަނެލި ގޮތަށް ދުރު ބަލާލައިފި އެވެ. އެ ހުރިހާ ދުވަހު އެ ގޭގައި އެ މީހުން ކުރިމަތީ އުޅުނީމަ ވެސް ރީޝް ހަދައިލި ދޮގަކަށް އެމީހުން އިތުބާރުކުރީ އެއްފަހަރު ވެސް އޭނަ ކައިރީ ހަގީގަތް އަހައިނުލަ އެވެ.
ހަމްރާއު އިރުކޮޅަކު އެ މޫނުގެ ކުލަވަރު ދިރާސާކޮށްލި އެވެ. ހޫރައިންގެ ފެންކަޅިވެފައިވާ ދެލޯ އޭނަގެ މާޔޫސްކަން ކިޔައިދެ އެވެ. ހަގީގަތަކީ އޭނައަށް ވެސް އެ ގޭތެރޭ މީހުން ދައްކާ ވާހަކަތައް އިވިފައިވާ ކަމެވެ. އެކަމަކު އެ ވާހަކަ އޭނަ ގަބޫލެއް ނުކުރެ އެވެ. ހޫރައިން ބޮޑުވީ އޭނަގެ ލޯކުރިމަތީގައި އެ ގޭގަ އެވެ. ހޫރައިންގެ އުޅުމާއި އަހުލާގު ދުރު މީހަކަސް އޭނައަށް ވެސް އެނގެ އެވެ.
"ބޭނުންތަ އަމިއްލަ ކުށެއް ނެތްކަން ސާބިތުކޮށްދޭން؟" ހަމްރާއު ކުރި ސުވާލަކުން ހޫރައިންގެ ސަމާލުކަން ލިބުނެވެ.
އެ މޫނަށް ބަލާލައިފައި ހޫރައިން ކުޑަކޮށް ބުމަ ކައިރިކޮށްލި އެވެ.
"މިހާރު ބޭނުންވަނީ ދެން ރަށަށް ދާން. އައިމް ފެޑް އަޕް ވިތު ދިސް ހޯމް،" ހޫރައިން ތެދުވެއްޖެ އެވެ.
ހަމްރާއު އެތާ އިންދާ އޭނަ ތަށި ދޮވެފައި ހަރުގަނޑުގައި ޖެހުމަށް ފަހު ނިކުމެގެން ހިނގައްޖެ އެވެ. ހަމްރާއު އަނެއްކާވެސް ސަމާލުކަން ހުއްޓައިލީ އަތުގައި އޮތް ފޯނަށެވެ. އޭނަ ތެދުވީ ސަކީނާ އައިސް ވަދެފައި މަސައްކަތް ފެށި ފަހުން ސަކީނާއާ ވާހަކަދައްކައިލަން އިނދެފަ އެވެ.
ހޫރައިން ފުރަން އޮތް ދުވަސް ވީ ވިއްސާރަ ދުވަހަކަށެވެ. ބައްޕަ އައީ ހެނދުނުގެ ވަގުތެއްގަ އެވެ. ހޫރައިން އެއިރު ފޮށި ތައްޔާރުކޮށްފި އެވެ. އަތްދަބަސް ވެސް ހުރީ ނިމިފަ އެވެ. މިވަގުތު ބުންޏަސް ނިކުމެގެން ދާން ތައްޔާރުގަ އެވެ. ރިޒްވާން އާއި ހައުލަތުގެ ފުށުން އެތައް ދުވަހަކަށް ފަހު އަނެއްކާވެސް ގާތްކަން ފެނުނު ދުވަހެކެވެ. ޝަކުވާތަކާއި ހިތް ނުރުހުން މާޒީކަމުގައި ހަދާފައި ސާފު ހިތަކައިގެން ވަދާއުގެ ސަލާން ކުރަން ގަސްތުކުރީ ކަމަށް ވެދާނެ އެވެ.
ފަންސާހުގެ އަހަރުތައް ގުނަމުންދާ ހޫރައިންގެ ބައްޕަ އަމްރުއަކީ އިސްކޮޅުން ދިގުކޮށް ހިކިކޮށް ހުންނަ މީހެކެވެ. ފެންނަ ފެނުމަށް ރީތި މީހެކެވެ. ބޮލުގައި ނުރަ ކޮންމެވެސް ވަރަކަށް ފެންނަން ހުއްޓަސް ހަށިގަނޑު ވަރުގަދަ ކަމަށް ދައްކަ އެވެ. ހެދުން އެޅުމުގެ ވައްޓަފާޅި އާއި ހަށިގަނޑުގެ ސާފުތާހިރުކަމުން ޝާހީ ގޮތެއް ހުރެ އެވެ.
ބައްޕަ ނާސްތާކޮށްގެން ނިކުމެ ވަރަށް ގިނައިރު ސިޓިންރޫމް ސޯފާގައި އިނެވެ. އެތާގައި ހޫރައިންގެ ބައްޕައާ އެކު ގިނަ ވަގުތު އިނީ ސަކީނާ އެވެ. ހަމްރާއު ވެސް އެއްފަހަރު މަޑުކޮށްލައިގެން އިންދާ ފެނުނެވެ. ހެނދުނު ބައްޕައާ އެކު ނާސްތާކޮށްގެން ރިޒްވާންގެ ދެމަފިރިން އޮފީހަށް ހިނގައްޖެ އެވެ. ރީޝް އޮތީ އެނދަށް އަރައި އަމިއްލަ ދުނިޔެއަކަށް ގެއްލިފަ އެވެ.
ފުރަން ކިޔާފައި އޮތް ވަގުތު ނުޖެހޭތީ ހޫރައިން ވެސް އިނީ ކޮޓަރީގަ އެވެ. އެކަމަކު ދޭތެރެއަކުން ދޮރު ހުޅުވާލައިފައި ބައްޕަ ކޮބައިތޯ ބަލައިލަ އެވެ.
ގަޑިއެއްހާއިރަށް ވެފައި އޮއްވާ ބައްޕަ ނިކުމެގެން ދިޔައީ ފުރަންވީމައި ބަލާ އަންނާނެ ވާހަކަ ބުނެފަ އެވެ.
ގަޑި ކައިރިވާން ފެށުމުން ހޫރައިންގެ ހިތް ތެޅެން ފެށި އެވެ. ރަށަށް ދާން އޭނަ ބޭނުމެވެ. އެ ގެ ދޫކޮށްލަން މިހާރު އުނދަގުލެއް ވެސް ނުވާނެ އެވެ. އިރެއްގައި ލޯތްބާއި ގާތްކަން ލިބުނަސް އެ ގޭގެ އެންމެ ފަހުގެ ހަނދާންތަކަކީ އަލުން އާކުރަން ބޭނުންވާ ހަނދާންތަކެއް ނޫނެވެ. ހަމައެކަނި ދެރަވަނީ ހަމްރާއު ދެން ނުފެންނާނެއޭ ހިތަށް އަރާފަ އެވެ.
ބައްޕަ ކާރުގައި އައީ އެންމެ ވާރޭ ބޯކޮށްލި ގަޑީގަ އެވެ. ޑްރައިވަރު ޑިކީ ހުޅުވައިދިނުމުން ބައްޕަ ޖެހިލީ ފޮށިތައް އަރުވާށެވެ. ހޫރައިން ދޮރު ކައިރީ ބަލަން ހުރެފައި ދާން އުޅުނު ވަގުތު ފަހަތުން ކޮންމެވެސް މީހަކު އޭނަގެ އަތުގައި ހިފަހައްޓައިފި އެވެ.
(ނުނިމޭ)
ކޮމެންޓް (2)
ފޭން
ޔަސްކޮ