ވާހަކަ: ދައުވަތު

ވާހަކަ

ވާހަކަ: ދައުވަތު - ސޯޅަވަނަ ބައި

ހެޔޮ ނިޔަތުގައި ދިން ދައުވަތެކެވެ.
25 ނޮވެމްބަރު 2024

އެޕިސޯޑް 16

"ފަރޫ، އަހަރެންގެ ފިރިމީހާއާ ދެ އަތްނބަށް އިންނަންވީނު؟" ހިތްވަރުކޮށްފައި ޝިމާނާ ބުންޏެވެ.

ފަރުހާއަށް ވީ ގޮތެއް ނޭނގުނެވެ. ބޯން އިން ކޮފީތަށިން އެތިފޮދެއް ގަޔަށް ވެސް އެޅުނެވެ. ސިއްސައިގެން ދިޔުމުންނެވެ. ދެލޯ ބޮޑުކޮށްގެން ޝިމާނާއާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. އަނގައިން ބަސް ހުއްޓިފަ އެވެ. ބުނާނީ ކީކޭ ކަމެއް، ދެން ހަދަން ވީ ކިހިނެއް ކަމެއް ނުވިސްނިފަ އެވެ.

"ފަރޫ ކޮންމެވެސް އެއްޗެއް ބުނެބަލަ،" ޝިމާނާއަށް ނީނދެވިގެން ބުންޏެވެ.

"އަހަރެން... ކީކޭ ބުނާނީ؟" ފަރުހާއަށް ބުނެވުނެވެ.

"ކޮންމެ އެއްޗެއް ވިޔަސް. ހިތްހަމަނުޖެހެންޏާ އެ ވާހަކަ ވެސް ބުނޭ. އޭރުން މިއީ ނުދައްކާ ވާހަކައެއް،" ޝިމާނާ ބުންޏެވެ.

އެއީ ނުދައްކާ ވާހަކައަކަށް ވާކަށް ފަރުހާ ބޭނުމެއް ނޫނެވެ. އެ ދުވަހަށް އިންތިޒާރުކޮށްގެން ހުންނަތާ މިހާރު ކިތަންމެ ދުވަހެކެވެ. ޝިމާނާއަށް ނޭނގުނަސް އޭނާއަށް އެ ބުނެވުނީ ފަރުހާ އެންމެ އަޑުއަހަން ބޭނުންވާ ޖުމްލަ އެވެ. މި ހުރިހާ ދުވަހު ބޭނުން ވެގެން އުޅުނު ކަންތައް މިހާ ފަސޭހައިން ވާނެ ކަމަކަށް ފަރުހާ ކުޑަކޮށް ވެސް ހިއެއް ނުކުރެ އެވެ. ފަރުހާއަކީ ކިހާ ބޮޑު އެކަނިވެރިއެއްކަމާއި ފިރިއެއްގެ މުހިންމުކަން އިންތިހާއަށް ބޭނުންވެފައިވާ މީހެއްކަން އެކި ދުވަސް މަތިން ފަރުހާ އައީ ޝިމާނާއަށް ކިޔައިދެމުންނެވެ. ހަނދާން ކޮށްދެމުންނެވެ. ޝިމާނާ އާއި ފިރިމީހާ ހަމީޝްގެ ގުޅުން އޮތީ ފަރުހާއަށް އެނގިފަ އެވެ. މަދީހާމެން ގާތުގައި ދައްކާ ވާހަކަތައް އަޑުއަހަމުން ދިޔައީ ދާދި ގާތުންނެވެ. ޝިމާނާއަށް ލިބިފައިވާ ނަސީބުގެ ވާހަކަ މަދީހާމެން ގާތުގައި ދެއްކީ އެންމެ ފަހަރަކު ނުވަތަ ދެ ފަހަރަކު ނޫނެވެ. ވަރަށް ގިނައިން ދައްކަ އެވެ. އެ އަޑުތައް ފަރުހާގެ ކަންފަތަށް އިވުމުން ކެތެއް ނުކުރެވުނެވެ. އެކަން ކާމިޔާބު ކުރެވޭތޯ ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ޝިމާނާގެ ހަމްދަރުދީ އާއި އިތުބާރު ދިޔައީ ހޯދަމުންނެވެ. މަޑުމަޑުން ލަސްލަހުންނެވެ. އެކަން ފަރުހާއަށް ކާމިޔާބުވި އެވެ. ޝިމާނާއަށް އެ ވަރެއް ނުވިސްނެ އެވެ. ފަރުހާގެ ގިނަ ވާހަކަތަކުގައި އެކުލެވިގެން ވަނީ ދޮގާއި މަކަރެވެ. ނަމަވެސް ފަރުހާގެ މޫނުމަތިން އެއްވެސް ވަރަކަށް އެއިން ކަމެއް ނުފެނެ އެވެ. ނުދައްކަ އެވެ. އެހާ ވެސް އޭނަ ކުޅަދާނަ އެވެ. އޭނަގެ މަޅީގައި ޝިމާނާ ވަނީ ރަނގަޅަށް ޖެހި ހައްޔަރުވެފަ އެވެ. ދައުވަތު މި ދެވުނީ ކޮން ކަހަލަ ވިހަ ގަދަ ހަރުފައަކަށް ކަމެއް ޝިމާނާއަކަށް ނުވިސްނެ އެވެ. އަމިއްލަ އަތުން ތިމާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލެވޭ ކަމެއް ވެސް ނުދެނެހުއްޓެވެ. ޝިމާނާ ހިތުން އޭނައަށް މި ކުރެވެނީ ރަނގަޅު ކަމެކެވެ. މޮޅު ކަމެކެވެ. ހެޔޮ ނިޔަތުގަ އެވެ.

"އަޅެ ރުޅިއައީތަ؟" ޝިމާނާ ބުންޏެވެ.

"ނޫން، ނޫން. އެކަމަކު ތިކަމަށް އަހަރެން އެއްބަސް ވާނީ ކިހިނެއް؟" ނޫން ކަމަށް ހެދެމުން ފަރުހާ ބުންޏެވެ. އޭނައަށް ވާ ނަމަ އެ ވަގުތު އުފަލުން ނަށައިގަތީހެވެ. ނަމަވެސް ކެތްތެރިކަން އިސްކުރި އެވެ.

"ކީއްވެ ނުވާންވީ؟ އަހަރެން ހިތުން ރުހުމުންނޭ މި ބުނަނީ. އަހަރެން ވެސް ބޭނުން ތިހާ ރަނގަޅު އެކުވެރިއަކަށް ރަނގަޅު ލައިފެއް ލިބެން. ކުދިންނަށް ވެސް ލޯބި ލިބެން. އެ ކުދިން މިހާރު ތި އުޅޭ މާހައުލުން އެ ކުދިންނަށް ދަސްވާނީ ކޮން އެއްޗެއް؟ އަބަދު އެ ކުދިންގެ ބައްޕަ އައިސް ހަޅޭއްލަވައި އަޑުގަދަކޮށްފައި އެ ދަނީ. އެ ކުދިން ކިހާ ބޮޑަކަށް ވިސްނާނެ. މުސްތަގުބަލަށް ކިހާ އަސަރެއް ކުރާނެ. ފަރޫ ނިކަން ވިސްނާލަބަލަ. ކުދިންނަށްޓަކައި ވެސް އާނއެކޭ ބުނެބަލަ،" ފަރުހާގެ އަތުގައި ހިފާލަމުން ޝިމާނާ ވާހަކަ ދެއްކި އެވެ.

"ފަރޫ. ބޭނުން ނަމަ ވިސްނާލަން އަހަރެން ވަގުތު ދޭނަން. އެކަމަކު ހަނދާން ކުރާތި އަބަދު މިކަހަލަ ފުރުސަތެއް ނުލިބޭނެ. ނަސީބު އައިސް ދޮރުގައި ޓަކި ޖެހީމަ ހުޅުވަންވާނެ. ބަދުނަސީބުވެރިއަކަށް އެއް ފަހަރު ވެއްޖެއެއްނު. މިފަހަރު ނަސީބަށް ފުރުސަތު ދީބަލަ. ފަރޫ ގާތު އަހަރެން އާދޭހެއް ނުކުރާނަން. އެކަމަކު އަހަރެން މި ވާހަކަ މި ދެއްކީ ވަރަށް ހެޔޮ ނިޔަތެއްގައި. ފަރޫއަށް ވެސް އެ ވަރު ވިސްނޭނެހެން ހީވަނީ،" ޝިމާނާ ބުންޏެވެ.

"އަހަރެން ގަބޫލު ކުރަމޭ. އަދި ތި ދައުވަތަށް އަހަރެން ގަދަރު ވެސް ކުރަން. ޝުކުރު ވެސް ކުރަން. އެކަމަކު ކުއްލިއަކަށް ތިހެން ބުނީމަ ވިސްނާލަން ކޮންމެވެސް ވަރެއްގެ ވަގުތުކޮޅެއް އަހަރެން ބޭނުން. އެންމެ ރަނގަޅުތަ؟" ފަރުހާގެ ހިތް އުޅެނީ އާސްމާނުގަ އެވެ. މޫނުމަތިން ދައްކަމުން ދިޔައީ މައުސޫމުކަމާއި މަޑުމައިތިރިކަމެވެ.

"އެންމެ ރަނގަޅު. އަދި އެއް ވާހަކަ. ފަރޫ ކައިވެނިކޮށްގެން އުޅެންވާނީ އަހަރުމެން ގޭގައި. ފަރޫ އާއި ކުދިންނަށް ވެސް ހުންނާނެ ރޫމް. ތަނެއް ކުއްޔަށް ހިފައިގެން ކުލި ދައްކާނެ ކަމެއް ނެތް. އަހަރެން ބޭނުން ވަނީ އަހަރުމެން ތެރޭގައި ވަރަށް ގާތް ގުޅުމެއް އޮންނަން. ޒުވާބު ކުރުމާއި އެކަކު އަނެކަކަށް ހިތްހަމަނުޖެހުން ފާޅުކޮށްގެން އުޅޭކަށް ބޭނުމެއް ނޫން. އަހަރެންގެ ދަރިފުޅު ފަރޫގެ ކުދިންނާ ވެސް ގުޅޭނީ އެ ގޮތަށް އެއް ތަނެއްގައި އުޅުނީމަ. މިއީ އަހަރެން އެދޭ ވަރަށް ބޮޑު އެދުމެއް،" ޝިމާނާ ވާހަކަ ދެއްކުމުން ފަރުހާ ހިނިތުންވެލި އެވެ. އިތުރަށް ބުނާނެ އެއްޗެއް އޭނައަކަށް ނުވިސްނުނެވެ. ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އެކަނި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އޭނައަށް ލިބުނު އުފާވެރިކަން އެހެން މީހަކަށް ދައްކާކަށް ބޭނުމެއް ނުވި އެވެ.

"މާނާގެ ހަސްބަންޑް މިކަމަށް އެއްބަސްވާނެތަ؟" ކުއްލިއަކަށް އެއްޗެއް ހަނދާންވުމުން އަހާލާ ގޮތަށް ފަރުހާ އަހައިލި އެވެ.

"އެކަމާ ފަރޫ ނުވިސްނާ. އޭނަ އެއްބަސް ކުރުވުމަކީ އަހަރެންގެ ކަމެއް. ފުރަތަމަ ފަރޫ މިއަށް އާއެކޭ ނުވަތަ ނޫނެކޭ ބުނޭ."

ފަރުހާއަށް ކޮޓަރިއަށް ނުވެސް ވަދެވެ އެވެ. އުފަލުން ހަޅޭލައްވައިގަނެވުނެވެ. ކުދިން ވީ ސުކޫލުގައި ކަމުން ގޭގައި މީހަކު ނޫޅެ އެވެ. ފަރުހާއަށް އެނބުރިލެވުނެވެ. އަދި މައްޗަށް ބަލާލާފައި ލޯ މަރައިލިއެވެ. ހީވަނީ މަތީގައި އުދުހެވޭހެންނެވެ. ހަމީޝްއާ އެކު ލޯބީގެ ގަނޑުވަރު ބިނާ ކުރަން ފުރަތަމަ ކުރަންވީ ކަމަކީ ބިންގާ އެޅުމެވެ. އޭނަ އެކަން ކުރާނެ އެވެ. ހަމީޝްގެ ބާބު ފަރުހާގެ ދިރިއުޅުމުގެ ފޮތުގައި ލިޔެވެމުން ދިޔަ އެވެ. ޖުމްލަތައް ކުރުވެފައި ފަށުވި އެވެ. ލޯބީގެ ނަމުގައި ލިޔަމުން ދިޔަ ޕެރެގްރާފްތަކުގައި އެކުލެވިގެން ވަނީ މަކަރާއި ހީލަތެވެ. ފަރުހާގެ އަސްލު އެނގޭ މީހަކު މި ދުނިޔޭގައި ހުންނާނެ ހެންނެއް ހިއެއް ނުވެ އެވެ. ދުވާލަކު ދެ ދަޅާގައި ކުލަ ބަދަލުކޮށްލާނެ އެވެ. ކުރިން ކުރި ކައިވެނި ވެސް ރޫޅުނީ އެފަދަ މައްސަލަތަކެއް ކުރިމަތިވެގެންނެވެ. ނަމަވެސް އެންމެންގެ ކުރިމަތީގައި މައުސޫމު މީހަކަށް ވީ ފަރުހާ އެވެ. ހުރިހާ އިލްޒާމެއް އެޅުވީ ކުރީގެ ފިރިމީހާގެ ބޮލުގަ އެވެ. އަދިވެސް ވާހަކަ ދައްކަމުން އެ ދަނީ ހަމަ އެހެންނެވެ. ފަރުހާގެ އެއްވެސް ކުށެއް ނެތް ގޮތަށެވެ.

ޝިމާނާގެ އާއިލާގެ ގިނަ މީހުންނަށް އެކަން އެނގުނެވެ. އެންމެން ވެސް އެ ކަމަށް ދިނީ ނަސޭހަތެވެ. އެއްވެސް މީހަކު އެއްބާރުލުމެއް ނުދިނެވެ. ދިން ނަސޭހަތުގައި ޝިމާނާ ނުހިފި އެވެ. ދެއްކި ވާހަކަތައް އަޑެއް ނޭހިއެވެ. އޭނާ ބޭނުންވީ އޭނާ އެދޭ ގޮތަށް ހަމީޝް ކަންތައް ކޮށްދޭށެވެ. އެތައް ވަރަކަށް ކިޔައިގެން އެތަކެއް ވާހަކައެއް ދައްކައިގެން ހަމީޝް އެއްބަސް ކުރެވުނެވެ. ފަރުހާ އިންތިޒާރު ކުރީ އެ ދަނޑިވަޅަށެވެ. ހަމީޝް އެއްބަސްވިކަން އެނގުމުން ފަރުހާ ވެސް ވަގުތުން އެއްބަސްވި އެވެ. ޝިމާނާ އުފާވި އެވެ. ނަމަވެސް ނޭނގޭ ބިރުވެރިކަމެއް ހިތުގައި ރަސްކަން ކުރަމުން ދިޔަ އެވެ. ހިނދުކޮޅަކަށް ނަމަވެސް ޝިމާނާގެ ހިތުގެ ހިނގުން އަވަސްވި އެވެ. ދެވަނަ ސިކުންތުގައި ވިންދު ހުއްޓުނެވެ. ޝިމާނާ ބެލީ ހަމައަކަށް އެޅޭތޯ އެވެ. ކައިވެނި ކުރަން ހަމަޖެހިފައިވީ ހޯމަ ވިލޭރޭގަ އެވެ. ޝިމާނާ ހުރީ އަދިވެސް ހަމައަކަށް ނޭޅި އެވެ. ބައެއް ފަހަރު ބުނެވޭ އެއްޗެހި ހަނދާން ނެތެ އެވެ. އަނެއްބައި ފަހަރު ކުރެވޭ ކަންތައް ދެ ފަހަރަށް ކުރެވެ އެވެ.

"މާނާ، އަދިވެސް ވަގުތު އެބަ އޮތް. މިއީ ހަމަ މާނާ ބޭނުންވެގެން އަހަރެން ލައްވާ ކުރުވާ ކަމެއްތަ؟" ހަމީޝް އަހައިލި އެވެ. ޝިމާނާއަކަށް ޖަވާބެއް ނުދެވުނެވެ. އޭނާގެ ހިތުގެ މައްޗަށް ބާރު ފޯރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި އެވެ.

"މާނާ! އަޅެ އެއްޗެއް ބުނެބަލަ. މިހާރު މާނާ ބުންޏަސް އަހަރެން މި ކައިވެނި ހުއްޓާލާނަން،" ޝިމާނާގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން ހަމީޝް ބުންޏެވެ. ހަމީޝް އުންމީދު ކުރީ ޝިމާނާ ވިސްނަނީ ކަމަށެވެ. އޭނަގެ ވިސްނުން ބަދަލު ވާނެ ކަމަށެވެ.

"އަހަރެން..." ޝިމާނާއަށް ބުނެވުނެވެ. "މި ކުރެވެނީ ކީއް؟"


- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް