ވާހަކަ: ދައުވަތު

ވާހަކަ

ވާހަކަ: ދައުވަތު - ފަނަރަވަނަ ބައި

ހެޔޮ ނިޔަތުގައި ދިން ދައުވަތެކެވެ.
6 ގަޑިއިރު ކުރިން

އެޕިސޯޑް 15

ޝިމާނާގެ ފަރާތުން ދެން ފެންނަން ފެށީ އެހެން ސިފައެކެވެ. ހަމީޝް ހީނުކުރާ ކަހަލަ ސިފައެކެވެ. ކުދިކުދި ކަންކަމާ ރުޅިގަދަވާން ފެށިއެވެ. ހަމީޝްއާ ދިމާލަށް ބާރަށް އެއްޗެހި ބުނެވެން ފެށި އެވެ. ހަމީޝްއަށް ވިސްނުނީ އެއީ އެކަމުގެ ސަބަބުން އައި ބަދަލެއް ކަމަށެވެ. ދެން ކަންތައް ކުރަންވީ ގޮތެއް ވިސްނުމަކަށް ނަ އެވެ. ކޮންމެ ގޮތެއް ވިޔަސް އެ ވާހަކަ އެހެން މީހަކާ ހިއްސާނުކުރުމަށް ޝިމާނާ އޮތީ ބުނެފަ އެވެ. އެހެންކަމުން އެހެން މީހެއް ގާތު ދެއްކޭކަށް ވެސް ނެތެވެ. ނަމަވެސް ހަމީޝްގެ ވިސްނުން ހުރީ ސުމަކަށް ގޮހެވެ. ޝިމާނާ އެ އެދޭ އެދުމަކީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. އަނެއްކޮޅުން ހަމީޝް ކުރަން ބޭނުންވާ ވެސް ކަމެއް ނޫނެވެ. ވުމާއެކު އޭގެ ހައްލަކީ ގޮތުގައި ހުރުމޭ އޭނާ ހިތަށްއެރި އެވެ.

"މާނާ. ތިހެން ނޫޅެބަލަ،" އެންމެ ފަހުން ހަމީޝް ބުންޏެވެ.

"އަހަރެން ގޮތަކަށް އެބަ އުޅޭތަ؟" ހިތްހަމަނުޖެހިފައި ޝިމާނާ ބުންޏެވެ.

"މާނާއަށް އެނގޭނެ އަހަރެން މި ބުނަން އުޅޭ އެއްޗެއް. ވިސްނާލަބަލަ. އެކަހަލަ ކަމެއް ކޮށްފިއްޔާ އަދީންއަށް ވާނީ ކިހިނެއް؟ އޭނަގެ ލައިފްއާ މެދު ވެސް ވިސްނާލަން ވާނެއެއްނު،" ހަމީޝް ބުންޏެވެ.

"އޭނައަށް ވެސް ވިސްނާފައޭ އަހަރެން ބުނި އެއްޗެއް ބުނީ. އޭނައަށް ވެސް ބޭބެއަކާއި ދައްތައެއް ލިބޭނެއެއްނު. އެއްބަނޑު އެއްބަފާ ނޫނަސް އެ ކުދިން ވެސް ވާނީ މި އާއިލާގެ ކުދިންނަށް. އަސްލު މިކަމުގައި އަހަރެން މާ ގިނަ ވާހަކަ ދައްކާކަށް ދެން ބޭނުމެއް ނޫން. ބޭނުންވަނީ ހަމީޝްގެ އާނ ބަސް،" ޝިމާނާ ވެސް ހުރީ ގޮތުގައިކަން ހަމީޝްއަށް އެ ހިސާބުން ވިސްނުނެވެ.

"އެކަމަކު ތިއީ އަހަރެންނަށް ކުރަން ފަސޭހަ ކަމެއް ނޫނޭ. މާނާ އަކީ އަހަރެންގެ ލައިފްގައި އެންމެ މުހިންމު މީހާ. މާނާގެ ޖާގަ އެހެން މީހަކަށް ދޭށޭ ތި ބުނަނީ. ކިހިނެއް އަހަރެން އެކަން ކުރާނީ؟ ކޮންތާކުން އެހާ ހިތްވަރު އަހަރެން ނެރޭނީ؟" އާދޭހާއެކު ހަމީޝް ބުންޏެވެ.

"އަހަރެން ނުބުނަން އަހަރެންގެ ޖާގަ އެހެން މީހަކަށް ދޭށޭ. ފަރޫއާ ހަމީޝް ކައިވެނި ކުރިޔަސް އަހަރެންގެ މަގާމަކަށް ބަދަލެއް ނާންނާނެ. އަހަރެން ހުންނާނީ މި މަގާމުގައި ހަމަ މި ގޮތުގައި،" ޝިމާނާ ބުންޏެވެ. "ކީއްވެތަ އެކަމަށް އެއްބަސް ނުވެވިގެން ތި އުޅެނީ؟ މިކަމުގައި އަހަރެންގެ މައްސަލައެއް ނެތް. ދެން ކީއްވެތަ ހަމީޝް ތި މައްސަލަ ޖައްސަނީ؟"

"އެއީ ތި ކައިވެންޏެއްގެ ފަހުން ވާނެ ގޮތް އަހަރެންނަށް އެނގޭތީ. އަހަރެންނަށް އެބަ ފެނޭ އެ މަންޒަރު."

"ކޯއްޗެއް ފެންނަނީ؟" ހަމީދާ އަހައިލި އެވެ.

"އަހަރެން އުޅޭނެ އުފާވެރި ދިރިއުޅުން. ހަމީޝް އަހަރެންގެ މީހަކަށް ވާ ދުވަހުން ހަމީދާއަށް އައިސްކްރީމް ދޭނަން،" ފަރުހާ ބުންޏެވެ.

"ތިއީ ހިޔާލީ ފޮލާއެއް ނޫން ބާ؟" ހަމީދާ ނޫން ގޮތަކަށް ބުނެލި އެވެ.

"އެ ފެށީ. ހަމީދާއަކަށް ނުބުނެވޭނެ ޕޮސިޓިވް އެއްޗެއް،" ތުން އަނބުރާލަމުން ފަރުހާ ބުންޏެވެ.

"ފަރޫ ދައްކަނީ އެކަހަލަ ވާހަކަ ވިއްޔަ. މިހާރު ވެސް ތި ދައްކަނީ ކޮޅެއް މެދެއް ނޭނގޭ ވާހަކައެއް. މީހެއްގެ ފިރިއެއް ޖަހައިގަންނަން ތި އުޅެނީ. ފަރޫ ކިހިނެއް ތިކަން ކުރާނީ؟ ތި ބުނީ އޭނަ ހުންނަނީ އޭނަ ވައިފްއާ ހެދި ދީވާނާ ވެފައޭ. ދެން ކިހިނެއް އެހެން އަންހެނަކާ ދިމާލަށް ބަލާ ވެސް ލާނީ؟ ހަމީދާ ސުވާލުތަކެއް ކުރި އެވެ.

"ހަމީދާއަކަށް ނޭނގޭނެ. އަހަރެން ކޮށްގެން މި އުޅެނީ އެހެން ކަމެއް. އެކަމުން ނުކުންނަ ނަތީޖާ ފޮނި ވާނެ. އަދި އެކަން އޮތީ ވެސް ވަރަށް ގާތުގައި."

"އާނ. މަށަކަށް ނޭނގޭނެ ތިހެން ވައްބަހުން ބުނާ އެއްޗެއް. އެއް ފަހަރު ވެސް ނިކަން ސާފުވާހެން ވާހަކަ ދައްކަބަލަ،" ހަމީދާ ބުންޏެވެ.

"ނޫން. މިކަން ކާމިޔާބުކޮށްފައި ހަމީދާ ގާތު ވެސް ބުނާނީ. އެހެން ނޫނީ މިކަން ނުވާ ގޮތް ވެދާނެ. އަހަރެން ބޭނުމެއް ނޫން މީހެއްގެ އެސްފީނާއެއް މިކަމަށް ޖެހޭކަށް. އަހަރެން ހާދަ ދުވަހަކު މިކަމަށް އިންތިޒާރުކޮށްފީމޭ. ދެން މި ވީހާ ދުވަހެއް ނުވާނެ،" ފަރުހާ ބުންޏެވެ.

ދުރުން އުދުހެމުން ދިޔަ ދޫނިތަކަށް ބަލަހައްޓައިގެން ޝިމާނާ އިނެވެ. ޓެރަހުގައި ހުރި ޖޯލިފަތީގައި އޭނާ އިނީ ވިސްނާށެވެ. އަދީން އުޅުނީ ބޯޅަ ކުޅޭށެވެ. އިރު އޮއްސެމުން ދިޔަ އިރު އުޑުމަތި ހިތްގައިމެވެ. ހަޔާތުގައި ޖެހެމުން ދިޔަ ކުލަތައް އެހާމެ ރީތިވާނެ ކަމަށް ޝިމާނާ އުންމީދު ކުރެ އެވެ. ޝިމާނާގެ ނިޔަތް ކިތަންމެހާ ވެސް ރަނގަޅެވެ. ނަމަވެސް އޭނައަށް ވެސް އެއީ ކުރަން އުނދަގޫ ކަމެކެވެ. އެހެން އަންހެނަކު އައިސް ފިރިމީހާއާ އެކު އެއް ގެއެއްގައި އުޅޭތަން ދުށުމަކީ އޭނަގެ ހިތަށް ވެސް އަސަރު ކުރުވާނެ ކަމެކެވެ. އެހެނަސް ޝިމާނާ ބޭނުންވަނީ ހެޔޮ ހިތުން އެކަން ކުރާށެވެ. ހިތުގައި އެއްވެސް ކަހަލަ ލައްގަނޑެއް ނުވަތަ މަކަރުވެރިކަމެއް ނުބާއްވަ އެވެ. ހާލުގައި ޖެހިފައިވާ އަންހެނަކަށް ދިރިއުޅުމެއް ހޯދައިދޭށެވެ. ހިތްވަރެއް ހުރިއްޔާ އެކަން ވާނެ އެވެ. ބޭނުންވަނީ ކެތްތެރިކަމެވެ. ޝިމާނާގެ ކިބައިގައި އަދި އެ ކެތްތެރިކަމާއި ހިތްވަރު އެބަ ހުއްޓެވެ. ވިސްނައިދޭން ބޭނުންވަނީ ހަމީޝްއަށެވެ. ކޮންމެ ގޮތެއް ވިޔަސް އެކަން ކުރުމަކީ އުނދަގޫ ކަމެކެވެ. ހާއްސަކޮށް ހަމީޝްއަށެވެ. ޝިމާނާއަށް ވިސްނެ އެވެ. ހަމީޝް އޭނާ ދެކެ އިންތިހާއަށް ލޯބިވެ އެވެ. އެހެން އަންހެނަކާ ދޭތެރޭ ވިސްނާނެ ޖާގައެއް ހަމީޝްގެ ހިތަކު ނޯންނާނެ އެވެ. އެކަން އޭނަ ގަބޫލު ކުރެ އެވެ. އެހެން ވިޔަސް ޝިމާނާ މިއަދު އެ އެދޭ އެދުމަކީ ހަމީޝް ކޮންމެހެން ވެސް ކޮށްދޭން ޖެހޭ ކަމެކޭ ޝިމާނާގެ ހިތަށްއެރި އެވެ. އެކަމުން ދެ ދުނިޔޭގައި ފައިދާ އާއި މަންފާ ކުރާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

"މާނާ! މާނާ މޮޔަވީތަ؟" ސަމާއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެ ވާހަކަ ހިއްސާ ނުކުރަން ހިތު އަޅައިގެން ހުރި ޝިމާނާއަކަށް ނުހުރެވުނެވެ. ސަމާ ގާތުގައި އެ ވާހަކަތައް ދެކެވުނެވެ.

"ތިއީ މީހުން ކުރާ ޒާތުގެ ކަންކަމެއް ނޫނޭ،" ސަމާ ބުންޏެވެ.

"މަށަކަށް ނޭނގެ މީހުން ކުރާ ކަންކަން ނޫންކަމެއް. އެކަމަކު މިއީ ގޯސް ކަމެއް ނޫން. ދީނުގައި ހަރާމް ކަމެއް ނޫން. ދެން ކޮބާތަ މައްސަލައަކީ؟ ކޮންމެ މީހެއް ގާތުގައި އެ ވާހަކަ ބުނާ އިރަށް އަހަރެންނާ ދިމާލަށް ހަޅޭއްލަވައިގަނޭ. މިކަމުގައި އެއްވެސް މައްސަލައެއް އަހަރެންނަކަށް ނުފެނޭ. ދެން ކީއްވެތަ އެހެން މީހުންނަށް ފެންނަނީ؟" ޝިމާނާ ސުވާލު އުފެއްދި އެވެ.

"މަށަށް ހީވަނީ މާނާ ތި ހުރީ ހަމަހޭގައެއް ނޫންހެން. އަނެއްކާ މީހަކު އެއްޗެއް ކާން ދިނީތަ؟ އެހެން ނޫން ނަމަ ރީތި ދިރިއުޅުމެއް ލިބިފައި އޮއްވައި އަމިއްލަ އަތުން އެކަން ވެއްޔާ މޮޑެލާކަށް ނޫޅޭނެ. އެ ދިރިއުޅުން ހަލާކުކޮށް ފުނޑުފުނޑުކޮށްލާކަށް ނޫޅޭނެ. ލޯބިވާ ފިރިއެއް ލިބިފައި ހުއްޓައި، އެހެން އަންހެނަކަށް އޭނާ ހިބައިން ދޭކަށް ބޭނުމެއް ނުވާނެ. ދަރިފުޅުގެ މުސްތަގުބަލް ތި ގޮތަށް ހަލާކުކޮށްލާކަށް ނޫޅޭނެ،" ހިތްހަމަނުޖެހިފައި ސަމާ ބުންޏެވެ.

"މަ މިހިރީ ހަމަ ހޭގައި. އަދި މީހަކު އެއްޗެއް ކާކަށް ވެސް ނުދޭ، ބޯކަށް ވެސް ނުދޭ. އަހަރެން ކިޔާ އެއްޗެއް ތި މީހުންނަށް ނުވިސްނިގެން ތި އުޅެނީ. ދިރިއުޅުން ވެއްޔާ މޮޑެލާކަށް އަހަރެން ނޫޅެން. މީހަކަށް އުފަލެއް ދީގެން އަމިއްލާ އުފާތައް ގެއްލިގެނެއް ނުދާނެ. މީހަކަށް ދިރިއުޅުމެއް ހޯދައިދީގެން އަމިއްލަ ދިރިއުޅުން ހަލާކު ވެގެންނެއް ނުދާނެ. ދޮންތަމެން ތި އުޅެނީ އަދި އަހަރެން ކިޔާ އެއްޗެއް ނޭނގިގެން،" ޝިމާނާ ބުންޏެވެ.

"މާނާ! މަންމަމެންނަށް ތިކަން އެނގިއްޖިއްޔާ ކިހާ ދެރަވާނެ. ތިި ވިސްނުން ދޫކޮށްލާ،" ޝިމާނާގެ ކޮނޑުގައި ހިފާލަމުން ސަމާ ބުންޏެވެ.

"މަންމަމެން އުފާ ވެސް ވެދާނެއެއްނު. އަހަރެން މި ކިޔާ އެއްޗެއް މަންމަމެންނަށް ވިސްނި ވެސް ދާނެއެއްނު،" ޝިމާނާ ބުންޏެވެ.

ޝިމާނާ ބޭނުންވީ އެ ވާހަކަ ފަރުހާ ގާތުގައި ދައްކާށެވެ. ނަމަވެސް އޭނަ ދޭނެ ޖަވާބެއް ނޭނގޭތީ ޖެހިލުންވެ އެވެ. ޝިމާނާ ފަރުހާއަށް ގުޅި އެވެ. އަދި ކޮފީއަކަށް ދާން ދައުވަތު ދިނެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި ދެ މީހުން ވެސް ތިބީ މީހުން މަދު ކެފޭއެއްގަ އެވެ. ވާހަކަ ފަށާނެ ގޮތެއް ޝިމާނާއަކަށް ނުވިސްނުނެވެ. ނަމަވެސް ކޮންމެވެސް ހިސާބަކުން ވާހަކަ ފަށަން އެބަ ޖެހެ އެވެ. ފަރުހާ އޭރު ވެސް އެކިއެކި ވާހަކަ ދައްކަމުން ދިޔަ އެވެ.

"ފަރޫ، އަހަރެންގެ ފިރިމީހާއާ ދެ އަތްނބަށް އިންނަންވީނު؟" ހިތްވަރުކޮށްފައި ޝިމާނާ ބުންޏެވެ.


- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް