ވާހަކަ: ދައުވަތު
ވާހަކަ: ދައުވަތު - ސާދަވަނަ ބައި
އެޕިސޯޑް 14
ޝިމާނާ އިނީ ވިސްނާށެވެ. ފަރުހާއަށް އެހީތެރިވާން އޭނަ ބޭނުމެވެ. ނިތްކުރިއަށް ޖަމާވަމުން ދިޔަ ރޫތައް ފިލީ ހިޔާލެއް އައުމުންނެވެ.
ކުރަން މި އުޅެވެނީ ކިހާ ވަރެއްގެ ކަމެއްކަން ޝިމާނާއަކަށް ނުވިސްނެ އެވެ. އޭނާ ހިތުން އެއީ ރަނގަޅު ކަމެކެވެ. ހެޔޮ ނިޔަތުގައި ކުރާ ހެޔޮ ކަމެކެވެ. މީހަކާ އެ ވާހަކަ ހިއްސާ ކުރާކަށް ވެސް ބޭނުމެއް ނޫނެވެ. ފުރަތަމަ ވެސް އެޅީ ފުރަތަމަ ފިޔަވަޅެވެ.
"ހަމީޝް، ދެވަނަ ކައިވެންޏެއް ކުރަންވީނު؟" ޝިމާނާ ބުންޏެވެ.
"އޭނ؟" ބޮމުން ދިޔަ ފެންތަށި އަތުން ނުވެއްޓުނީ ކިރިޔާ އެވެ. ހަމީޝް ކޮށިއެރި އެވެ. ކެއްސަމުން ކަހަލަ ގޮތަކަށް ގޮނޑިން ތެދުވެގެން ގޮސް ސޯފާގައި އިށީނެވެ.
"ސަމާސާއަކަށް ވެސް ތި ނޫން އެއްޗެއް ބުނަން ނޭނގުނީތަ؟" މޭގައި ފިރުމަމުން ހަމީޝް ބުންޏެވެ.
"މިއީ ސަމާސާއެއް ނޫން. މިއީ ހަމަ ހަގީގަތެއް. އަހަރެންގެ އެކުވެރި ފަރޫއާ ކައިވެނި ކުރަންވީނު. އޭނަގެ ހާލަތު ހަމީޝްއަށް އެނގޭނު؟" ހިތްވަރުކޮށްފައި ޝިމާނާ ވާހަކަ ދައްކަމުން ދިޔަ އެވެ.
"އަހަރެން މިހެން މި ބުނަނީ ހިތުން ރުހުމުން. އަހަރެން ބޭނުން އޭނައަށް އެހީތެރިވާން. އޭނަ އުޅެނީ ވަރަށް ހާލުގައި. ދަރިންކޮޅަށް ވެސް ބައްޕައެއްގެ ލޯތްބާއި އޯގާތެރިކަން ބޭނުންވާނެ. ޕްލީސް ހަމީޝް. ނޫނެކޭ ނުބުނާތި،" ޝިމާނާ ގޮސް ހަމީޝް ގާތުގައި އިށީނެވެ.
"މާނާ. ކީކޭތަ ތި ކިޔަނީ؟" ހަމީޝްއަކީ އަޑު ހަރުކޮށް ވާހަކަ ދައްކާ މީހެއް ނޫނެވެ. ޝިމާނާ ދެރަވާނެހެން އެންމެ ބަހެއް ވެސް ނުބުނާނެ އެވެ. އެކަމަކު މިއަދު ޝިމާނާ އެ އެދޭ އެދުމަކީ ހަމީޝްއަށް ކޮށްދޭން އުނދަގޫ ކަމެކެވެ. ނުވެސް ކުރެވޭނެ ކަމެކެވެ. އެއީ ހަމީޝް ހިތަށް އެރި އެއްޗެކެވެ.
"އަހަރެން މި ކިޔާ އެއްޗެއް ހަމީޝްއަށް އެނގޭނެ. ނިކަން ވިސްނާލަބަލަ. ދީނުގައި އޮވޭނު ހަތަރު އަނބިން ވެސް ފިރިހެނުންނަށް ހުއްދަ ކަމަށް. އަހަރެން މި ބުނަނީ ދެވަނަ ކައިވެންޏެއް ކުރުމަށް. އަހަރެން ދޫކޮށްލާށެކޭ ނޫން. އެހެން މީހަކާ ކައިވެނި ކުރުމަކުން އަހަރެން ދެކެ ވާ ލޯތްބަށް ބަދަލެއް އަންނާނެތަ؟ ނާންނާނެއެއްނު. ފަރޫ ވެސް ވާނީ މި އާއިލާގެ މީހަކަށް. އޭނަގެ ކުދިން ވެސް ވާނީ މި އާއިލާގެ ކުދިންނަށް. އެފަދަ ކުދިންތަކަކަށް އެހީތެރިކަމެއް ވެދިނުމަކީ ދެ ދުނިޔޭގައި ވެސް އަހަރުމެންނަށް ސަވާބާއި ހެޔޮ ދަރުމަ ލިބޭނެ ކަމެއް،" ޝިމާނާ ވަރަށް ވާހަކަ ދެއްކި އެވެ.
"އެކަމަކު މާނާ. ތިއީ ހާދަ ބޮޑު ކަމެކޭ. އަހަރެން ހިތަށް ވެސް ނާރާ ކަހަލަ ކަމެއްގެ ވާހަކަ ތި ދައްކަނީ. އަހަރެން ހިޔާލަކަށް ވެސް ނުގެންނަން ތިފަދަ ކަމެއް ކުރާކަށް. ބޭނުމެއް ވެސް ނޫން ކުރާކަށް. މާނާ ދެކެ ވާ ލޯބި އެހެން މީހަކާ ހިއްސާ ކުރާށޭ ތި ބުނަނީ،" ހަމީޝް ކަންތައް ބޮޑުވި އެވެ.
"ނޫންނޫން. ފަރޫ މި ގެއަށް އަޔަސް އަހަރެން ދެކެ ވާ ލޯތްބަށް އެއްވެސް އުނިކަމެއް އަންނާކަށް ނުޖެހޭނެ. އެއީ އަހަރެން ގަބޫލު ކުރާ ގޮތް. އެ އަށް ވުރެ ހަމީޝް އަހަރެން ދެކެ މާ ލޯބިވާނެ. އޭރުން އަހަރުމެން ދެ މީހުންނަކީ ވެސް ހަމީޝްގެ އަނބިންނަށް ވާނީ. ހަމީޝް ކަންކަން ކޮށްދޭންވާނީ ހަމަހަމަކޮށް. އެކަކު އަނެކަކަށް އަޅާލައި ހޯދައިދޭ އެއްޗެހީގައި ވެސް ތަފާތެއް ހުރެގެން ނުވާނެ. އަހަރެން ވަރަށް ބޭނުން ހަމީޝް މިކަން ކުރަން. މިއީ އަހަރުމެން ދެ މީހުންގެ އަމިއްލަ ކަމެއް. މިކަމުގެ ތެރެއަށް އާއިލާ އާއި ރައްޓެހިން ވައްދާކަށް އަހަރެން ބޭނުމެއް ނޫން. އެ މީހުންގެ ހިޔާލާ އެއްގޮތަށް ކަންކަން ކުރަން ހަދައިގެން ލިބޭނީ އިތުރު އުނދަގޫ ކަމެއް. ހަމީޝްއަށް ވިސްނޭ ދޯ އަހަރެން މި ދައްކާ ވާހަކަ؟" ޝިމާނާ ވާހަކަތައް ދައްކަމުން ދިޔަ އެވެ.
"މީގައި އެންމެ މުހިންމު ކަމަކީ ފަރޫއަކީ ވަރަށް ރަނގަޅު ކުއްޖެއް. ވަރަށް ހިތްހެޔޮ މިޒާޖެއް ހުންނަ ކުއްޖެއް. އަދި އެހާމެ އެކަނިވެރިއެއް. ދެން އޭނަގެ ހިތާމަތައް އުފަލަށް ބަދަލުކޮށްލަން އަހަރުމެންނަށް ފުރުސަތު ލިބުމަކީ ވެސް އުފަލެއްނު؟" ޝިމާނާ ބުންޏެވެ.
"އަހަރެން ހިތަށްއަރާ މާނާ ތި އިނީ ހަމަ ހޭގައި ބާވައޭ؟" ހަމީޝް ބުންޏެވެ.
"ހަމަ ހޭގައި އިނދެގެން މިކަހަލަ ވާހަކަ ދެއްކޭނީ. މޮޔަ ވެފައި އިން ނަމަ ދައްކާނީ މޮޔަ ވާހަކަ. އަހަރެން މި ދައްކަނީ ދެ ދުނިޔޭގައި ވެސް ހަމީޝްއަށް ކާމިޔާބު ލިބޭނެ މޮޅު ކަމެއްގެ ވާހަކަ."
"ކާކުތަ އެ މީހެއްގެ ފިރިމީހާ އެހެން މީހަކާ ހިއްސާ ކުރަން ބޭނުންވާނީ؟ ހަމަ ގައިމު ވެސް އަހަރެންނަކަށް މާނާ އެހެން މީހަކާ ހިއްސާއެއް ނުކުރެވޭނެ. އެއީ ދީނުގައި ހުއްދަ ކަމެއް ކަމުގައި ވީ ނަމަވެސް،" ހަމީޝް ބުންޏެވެ.
"ޕްލީޒް ހަމީޝް. އާއެކޭ ބުނެބަލަ،" އާދޭހުގެ ރާގެއްގައި ޝިމާނާ ބުންޏެވެ.
"ޕްލީޒް މާނާ. ތިކަހަލަ ވާހަކަ ނުދައްކަބަލަ. އަހަރެންނަށް ކޮށްދެވޭ ވަރުގެ ކަމެއް ނަމަ މިހާރުން މިހާރަށް ވެސް ކޮށްދޭނަން. އެކަން މާނާއަށް ހަމަ ރަނގަޅަށް އެނގޭނެ. އެކަމަކު މާނާ ތި އެދެނީ އަހަރެންނަށް ކުރެވޭ ވަރުގެ ކަމަކަށް ނޫނޭ. މުޅި ދިރިއުޅުން އުމުރަށް މުޅިން ބަދަލުކޮށްލާވަރުގެ ކަމެއް ތި ކިޔަނީ،" ހަމީޝް ބުންޏެވެ.
"ހަމީޝް ވިސްނާލަބަލަ. ފަރޫއާ ހަމީޝް މެރީ ކުރުމަކުން އަހަރުމެންގެ ދިރިއުޅުމަކަށް އެއްވެސް ބަދަލެއް ނާންނާނެ. ހަމަ މިހާރު ވެސް މި އުޅޭހެން އުޅޭނީ. ފަރޫއަށް ވެސް ލޯބި ދީގެން. ކުދިންނަށް ވެސް ހިޔާވަހިކަން ދީގެން. އަހަރެންނާއި ފަރޫ ނުލާހިކު ގުޅޭ. އެހެންވީމަ ކިހާ ފަސޭހަވާނެ. މިއީ ހަމީޝް ތި ހީކުރާ ވަރަށް ބޮޑު ކަމެއް ނޫނޭ. ހަމައެކަނި ވިސްނާލަބަލަ. އަހަރެން މި ދެއްކި ހުރިހާ ވާހަކައަކާ މެދު ވިސްނާލާފައި ޖަވާބެއް ދީބަލަ،" ޝިމާނާ މަޑުމަޑުން ހިނގަމުން ގޮސް ކޮޓަރިއަށް ވަނެވެ.
އެ ވާހަކައަށް ފަހު ދެ މީހުން ދެމެދުގައި މަޑުމައިތިރިކަމެއް އުފެދުނެވެ. އެކަކު އަނެކަކު އިންތިޒާރު ކުރީ ވާހަކަ ފަށާނެ ކޮޅެކެވެ. އެއް ގެއެއްގައި އުޅުނު ނަމަވެސް ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ނުބުނެ އެވެ. ދެ މީހުން ދޭތެރޭގައި ރުޅިވެރިކަމެއް ނުވަތަ ނަފުރަތެއް ވެސް ނެތެވެ. ހަމީޝް ބޭނުންވީ ޝިމާނާއަށް ވިސްނައިދޭށެވެ. ޝިމާނާ އެ ބޭނުންވާ ގޮތަށް އެއްވެސް ކަމެއް ނުވާނެ އެވެ. މައްސަލަތައް ގިނަވެ އާއިލީ ގިނަ ކަންކަން ހައްލުނުވާ ހިސާބަށް ކަންކަން ދާނެ އެވެ. އެކަހަލަ މަންޒަރުތަކާއި އަޑު ވަނީ ހަމީޝްއަށް އިވިފަ އެވެ.
ފިޔާޒަކީ ހަމީޝްގެ ގާތް އެކުވެރިއެކެވެ. ތިން އަނބިން ގެންގުޅެ އެވެ. އޭނާ ބުނާ ގޮތުން ނަމަ އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ކޮންމެ އަތްނބަކަށް ވެސް ވަނީ ދަރިން ލިބިފަ އެވެ. ކޮންމެ އަތްނބެއް ވަކި އެޕާޓްމެންޓަކަށް ލައިގެން ކުލި ދައްކަމުން ދެކޮޅުޖެހެނީ ކިރިޔާ އެވެ. ގެއަށް ވަދެފިއްޔާ އޮންނަނީ ޝަކުވާ ކުރުމެވެ. އެއް އަނބި ގާތުގައި މާ ގިނަ ވާގުތު ހޭދަކޮށްގެން އަނެކަކު ޝަކުވާ ކުރެ އެވެ. އަނެއް އަނބީގެ ޝަކުވާއަކަށް ވަނީ ދޮށީ އަނބިމީހާގެ ދަރިންނަށް ގިނަ ވަގުތު ދޭތީ އެވެ. ނުވަތަ ގިނަ އެއްޗެހި ގަނެދޭތީ އެވެ. ދުވަހަކު ވެސް ތިން މީހުން ހިތްހަމަޖެހޭ ގޮތަށް ފިޔަވަޅެއް ވެސް ނޭޅެ އެވެ. ކޮންމެ ކަމެއް ކުރިޔަސް އޮންނަނީ އެކަމެއް ގޯސްވެފަ އެވެ. ފިޔާޒު ބުނާ ގޮތުން އޭނަ ހުންނަނީ ބޯގޮވާފަ އެވެ. ތިން ކައިވެނި ކުރެވުނު މޮޔަ ހީވެފަ އެވެ. އެއްވެސް މީހަކު ވަރި ކުރެވޭކަށް ނެތެވެ. އެކި އަނބިންނަށް އެކި ސަބަބުތަކެވެ. ދޮށީ އަނބި އުޅެނީ ބޮޑު މުސާރަ ލިބޭ ވަޒީފާއެއްގަ އެވެ. އެކަމުން ފިޔާޒަށް ވެސް ބައެއް ފަހަރު ފަސޭހަވެ އެވެ. އެންމެ ބޮޑު ސަބަބަކީ ދަރިން ތިބުމެވެ. ދަރިން ދެކެ އޭނާ ވަރަށް ލޯބިވެ އެވެ.
މިކަހަލަ ވާހަކަތައް ހަމީޝްއަށް އަޑު އިވިފައިވުމުން އެކަހަލަ ކަމެއް ކުރަން ހިތަށް ވެސް ނާރުވަ އެވެ. އެއީ ހަމީޝްއަށް ކުރެވޭނެ ކަމެއް ނޫނޭ ހިތް ބުނަމުން ދިޔަ އެވެ. ޝިމާނާއާ ވާހަކަ ދައްކަން ކިތަންމެ ފަހަރަކު ހިތަށް އަރަ އެވެ. ނަމަވެސް ބުނެވޭ އެއްޗަކުން އޭނަގެ ހިތުގައި ޖެހިދާނެތީ ދެރަވެ އެވެ. ހަމީޝްއާ ހެދި ޝިމާނާގެ ލޮލުން އެންމެ ކަރުނައެއް އަޅާކަށް ވެސް އޭނާ ބޭނުމެއް ނުވެ އެވެ. ކުރެވޭ ނަމަ މުޅި ދުނި ވެސް ޝިމާނާގެ އުނގަށް ލައިދޭނެ އެވެ. އެހާ ވެސް ޝިމާނާ ދެކެ އޭނަ ލޯބިވެ އެވެ. އެ ލޯބި ބައިބައިވެގެން ދާކަށް ހަމީޝް އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ.
ޝިމާނާގެ ފަރާތުން ދެން ފެންނަން ފެށީ އެހެން ސިފައެކެވެ. ހަމީޝް ހީނުކުރާ ކަހަލަ ސިފައެކެވެ.
- ނުނިމޭ -