ވާހަކަ: ދައުވަތު
ވާހަކަ: ދައުވަތު - ތޭރަވަނަ ބައި
އެޕިސޯޑް 13
"ރަނގަޅުވާނެ. މިފަހަރު މަ ހެދި އެތިފަހަރުގެ އަސަރު ގަދަވާނެ،" ނިތް އަރުވާލަމުން ފަރުހާ ބުންޏެވެ.
"އޭނ؟ ކޯއްޗެއް ހަދައިގެން އަނެއްކާ ތި އުޅެނީ؟" ހައިރާންވެފައި ހަމީދާ އެހި އެވެ. "މަ ބުނާނެ ވާހަކައެއް ނެތް، ޅަ އެއްޗެއް ނާޅައްޗޭ!"
"އެއްޗެއް ހަދައިގެން ނޫނަސް މިފަހަރު ކާމިޔާބު ލިބޭނީ މަށަށް. ހަމީ ބަލަން ހުންނާތި. އަބަދު ކެއްސާއި ހިތާމައެއް މަށަކަށް ނުލިބޭނެ،" ފަރުހާ ބުނެލި އެވެ.
"ތި ކަންކަމުން ނުކުންނަ ނަތީޖާ ފޮންޏެއް ނުވާނެ އިނގޭ!" ހަމީދާ ބުންޏެވެ.
"ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެ. ހަމީ ކީއްވެތަ ހުސް ނެގަޓިވް އެއްޗެހި ތި ކިޔަނީ؟ ނިކަން މަ ހިތްހަމަޖެހޭ ކަހަލަ އެއްޗެއް ވެސް ބުނެލަބަލަ،" ހިނިގަނޑެއް ޖަހާލަމުން ފަރުހާ ބުންޏެވެ.
ހަމީދާ އިތުރު އެއްޗެއް ނުބުންޏެވެ. ފަރުހާގެ ގޮތް އޭނައަށް ރަނގަޅަށް އެނގެ އެވެ. ބޭނުންވާ އެއްޗެއްސާއި ކަންކަން ހާސިލް ކުރުމަކީ ފަރުހާގެ ސިފައެކެވެ. ކޮންމެ ހާލަތެއްގައި ވެސް އޭނަ އެ ކަންކަން ކާމިޔާބު ކުރާނެ އެވެ. ވީމާ ފޫނެތް ފަޔަށް ފެން ފުރުމުގެ ބޭނުމެއް ނެތޭ ހަމީދާ ހިތަށް އެރި އެވެ. ނަމަވެސް ނަސޭހަތް ދިނުމަކީ ރައްޓެއްސެއްގެ ހައިސިއްޔަތުން އެދެވޭ ކަމެކެވެ.
ފަރުހާއާ ހަމީޝް މިފަހަރު ދިމާވީ މަގުމަތިންނެވެ. ހަމީޝްއަށް ގޮވާލުމުން އޭނާ ބަލައިލި އެވެ. ފަރުހާ ބޭނުންވީ އެ ގެއަށް ހަމީޝް ގެންދާށެވެ. އެ ތަނަކީ ފަރުހާމެން ގޭ ދޮށެވެ. ސައިކަލަށް އަރައި ސްޓާޓް ކޮށްލި އިރު ވެސް ފަރުހާއަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. ގެއަށް ގެންދާނީ ކީކޭ ކިޔާފައި ކަމެއް ވިސްނުމަކަށް ނަ އެވެ. ހަމީޝް ފެނުމުން ފަރުހާއަށް ވާ ގޮތެއް ނޭނގެ އެވެ. މީހާ ގަނޑުވާ ކަހަލަ އެވެ. ހީވަނީ އަލަތު ލޯބި ވެވިގެން އުޅޭ ހެންނެވެ. ފަރުހާއަކީ ރީތި އަންހެނެކެވެ. ފިރިހެނުން ހިތް ކިޔާ ފަދަ ހުރިހާ ސިފައެއް ފަރުހާގެ ހުރެ އެވެ. ދެ ފަހަރު ވިހާފައި ހުރި ނަމަވެސް އެކަން ހަށިގަނޑަކުން ނުދައްކަ އެވެ. ކަސްރަތަށް ލޯބި ކުރެ އެވެ. ބޭނުންހާ އެއްޗެއް ނުކަ އެވެ. ކަނީ ސިއްހަތަށް ފައިދާ ހުރި އެއްޗެއްސެވެ. މީހާ ހުންނަނީ އަބަދުވެސް ނަލަ ވެގެންނެވެ. މަޑު ކުލަތަކުން މޭކަޕް ކުރުމަކީ ވެސް ފަރުހާ ލޯބި ކުރާ ކަމެކެވެ. މިފަދަ ހުރިހާ ސިފައެއް ހުރި އިރު ހަމީޝްގެ ލޮލުގައި މި ކަންކަން އަޅައިނުގަންނަނީ ކީއްވެ ކަމެއް އޭނައަކަށް ނުވިސްނެ އެވެ. އޭނާ ބޭނުންވަނީ ހަމީޝް އޭނައަށް ތައުރީފު ކުރާށެވެ. އޭނާ ލަދުގަންނަންދެން ބަލަހައްޓައިގެން އިންނާށެވެ. އެ ދުވަހަކަށް އިންތިޒާރު ކުރެވޭތާ ކިތަންމެ ދުވަހެކެވެ. އެ ދުވަސް އަދި އަންނާނެ އެވެ. ފަރުހާ ހިތާހިތުން ބުނެ އެވެ.
ޝިމާނާއަށް މާލެ އާދެވުނީ ސުކޫލަށް ނުކުންނަ ދުވަހަށެވެ. ގެއަށް ވަން އިރު ހަމީޝްއެއް ނޫޅެ އެވެ. އަދީން ވީ މަންމަ ހަބީބާގެ ބައިގައިކަން އެނގުނީ ހަމީޝްގެ މެސެޖެއް ލިބުމުންނެވެ. ހަމީޝް އިނީ މީޓިންއެއްގައިކަން ވެސް މެސެޖުގައި އޮތެވެ. ޝިމާނާ ފާހާނާއަށް ވަދެ ފެންވަރާލައިގެން ނުކުތެވެ. ގަޑިއަށް ބަލަމުން އަވަސް އަވަހަށް ރީތިވެލި އެވެ. އަދި ދަބަސް އަޅުވާލައިގެން ނުކުމެ ސައިކަލަށް އަރައިގެން ސުކޫލަށް ދިޔަ އެވެ. އެކުވެރިންނަށް ގެނައި ހަދިޔާކޮޅު ނުގެނެވޭކަން ހަނދާންވީ އެ ވަގުތެވެ. ދެން ގެންނާނީ މާދަމާއޭ ހިތަށް އަރަމުން ސުކޫލަށް ވަނެވެ.
"ކޮބާ ދަތުރު ކިހިނެއް؟ ދޮންތަބެ ރަނގަޅުތަ މިހާރު؟" މަދީހާ އަހައިލި އެވެ.
"ކުރިއަށް ވުރެ ރަނގަޅު. އެކަމަކު ކަމުގެ ބާވަތުން މީހާ އުޅެން ޖެހެނީ ވަރަށް ހާލުގައި. އަހަރެން ކަންތައް ބޮޑުވަނީ ދޮންތައާ މެދު،" ކަންބޮޑުވެފައި ޝިމާނާ ބުންޏެވެ.
"ކަންބޮޑުނުވޭ. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ. އަންހެނުންނަކީ ވަރަށް ހިތްވަރުގަދަ ބައެއް،" މަދީހާ ބުންޏެވެ.
"ތިހެން ބުނީމަ މި ހަނދާންވީ. ކޮބާތަ ފަރޫ. އަހަރެން އިންޑިއާގައި ހުއްޓާ ދެ ފަހަރަކު ގުޅި. އެކަމަކު މަށަކަށް ފޯނެއް ނުނެގުނު. ފަހުން ގުޅާކަށް ވެސް ހަނދާނެއް ނެތް،" ޝިމާނާ ބުންޏެވެ.
"ތި ވާހަކަ ނުދައްކާ. އަހަރުމެން މިހާ ދުވަހު މިތަނުގައި އުޅުނު އިރު ވެސް މުސާރަ ވެސް ބޮޑުނުކޮށްދޭ. އެކަމަކު ފަރޫއަށް ޕްރޮމޯޝަން ދީފި. އޭނަ އެއީ މި ތަނަށް އެންމެ ފަހުން ވަން މީހާ،" ތުންފިއްތާލަމުން މަދީހާ ބުންޏެވެ.
"އެހެންތަ؟ ތިއީ އުފާވެރި ކަމެއްނު. އެހެން މީހުންގެ އުފަލުގައި ބައިވެރިވުމަކީ އަހަރެން ވަރަށް ހިތްހަމަޖެހޭ ކަމެއް. އެ ކަހަލަ ކަންކަމާ ހަސަދަލާކަށް ނުވާނެ،" ހިނިތުންވެލަމުން ޝިމާނާ ބުންޏެވެ.
"ހޫނ. މާނާ ދޭ އޭނައަށް މަރުހަބާ ކިޔަން. މަށެއް ނޫޅެން. އޭނަ ހާދަ އެހެން ކަހަލަ ގޮތަކަށޭ އުޅެނީ. އަދިވެސް ހަމަ ކުރިން އުޅުނުހެން. މިހާ ދުވަސް ވީ އިރު ވެސް އެއްވެސް މީހަކާ ވާހަކައެއް ނުދައްކާ. އެއްވެސް މީހަކާ ގުޅުމެއް ނުބާއްވާ. ހަމައެކަނި މާނާއާ އެކަނި ރަހުމަތްތެރިކަން ބާއްވައިގެން އެ އުޅެނީ. ކޮން ކަހަލަ މިޒާޖެއްގެ މީހެއްތަ؟ ވަރަށް ފޫހިވޭ އެހެން އުޅޭތީ،" ޝަކުވާ ކުރަމުން މަދީހާ ވާހަކަ ދެއްކިއެވެ. "މާނާ ތިހެން އުޅޭ އިރު ވިސްނައިގެން އުޅޭތި."
"އަހަރެން ކޮން ކަމަކާ ވިސްނަން؟ އޭނައަށް ލައިފްގައި ދިމާވެގެން އުޅޭ ކަންކަމާ ހުރެއޭ އޭނަ އެހެން އެ ހުންނަނީ. އަސްލު ފަރޫއަކީ ވަރަށް މަޑުމައިތިރި ވަރަށް ރަނގަޅު ކުއްޖެއް،" ޝިމާނާ ބުންޏެވެ.
"މާނާއަށް ރަނގަޅުވާނެ ކޮންމެ މީހަކު ވެސް،" މަދީހާ ބުންޏެވެ.
ދެ މޫނުގެ ވެރިންނަކީ ދުނިޔޭގައި ގިނަ ބައެކެވެ. އެއް ބަޔަކު އުޅެނީ ވަރަށް ހިތާމައިގަ އެވެ. އުފާވެރިކަން މޫނުމަތިން ދައްކައިގެން ހިތާމަތައް ފޮރުވައިގެންނެވެ. އަނެއް ބަޔަކު އުޅެނީ މަކަރުންނެވެ. އެކަހަލަ މީހުންނަކީ އެންމެ ނުރައްކާތެރި މީހުންނެވެ. މޫނުމަތިން ވަރަށް ހިތްހެޔޮކަމާއި އޯގާތެރިކަން ދައްކައިގެން އުޅޭ މިކަހަލަ މީހުންގެ ހިތުގައި އުފެދެމުން ދާނީ ނަފުރަތާއި ރުޅިވެރިކަމާއި ހަސަދަ އެވެ. އެފަދަ މީހުންނަށް ހިތްހަމަޖެހުން ލިބޭނީ އަނެކާ ހިތާމަ އާއި ހިތްދަތިކަމުގައި އުޅޭ މަންޒަރު ފެނުމުންނެވެ. އެފަދަ މީހުންގެ ކިބައިން ސަލާމަތް ވެގެން އުޅުމަކީ ފަސޭހަކަމެއް ނޫނެވެ. ހާއްސަކޮށް އެއީ ތިމާގެ ގާތް މީހެއް ނަމަ އެވެ. ދުނިޔޭގައި އެ މީހުންނަށް އެހެން ކަމެއް ނޯންނާނެ އެވެ. އަބަދުވެސް އެހެން މީހުންގެ ދިރިއުޅުން ދަނީ ކިހިނެއްތޯ ބަލާނެ އެވެ. އެހެން މީހުންގެ ދިރިއުޅުމުގައި ހިނގަނީ ކޮން ކަހަލަ ކަންކަމެއްތޯ އަހައި އޮޅުންފިލުވާނެ އެވެ. މިފަދަ މީހުންގެ މަޅީގައި ޖެހުމަކީ ތިމާއަށް ގެއްލުމާއި ހަލާކު ހުރި ކަންކަމެވެ.
"ފަރޫ، ކޮން ހިޔާލަކަށް ގެއްލިފައި؟" ޝިމާނާ ގޮވައިލި އެވެ. ފަރުހާ އިސް އުފުލާލި އެވެ. އެ ލޮލުގައި ވަނީ ކަރުނަ އެވެ. ޝިމާނާގެ ހަނދާނަށް އައީ ފަރުހާ ފުރަތަމަ ފެނުނު ދުވަހެވެ.
"ކިހިނެއްވީ؟" ފަރުހާ ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ޝިމާނާ އަހައިލި އެވެ.
"ދުވަހެއް ދުވަހަކަށް އަހަރެންގެ ދިރިއުޅުން ދަނީ ހަލާކުވަމުން. އަހަރެންގެ ސެލެރީ ބޮޑުވިކަން އެނގުނީމަ ކުރީގެ ފިރިމީހާ އަހަރެންނަށް އުނދަގޫކުރުން އިތުރު ވެއްޖެ. މިހާރު އޭނައަށް ދޭން ޖެހޭ ރުފިޔާ ވެސް ގިނަ ވެއްޖެ. ދަރިންނަށް ވެސް ބިރުދައްކަނީ. އަހަރެން ނޫޅޭ ގަޑިތަކުގައި ވެސް ގެއަށް ދާން ފަށައިފި،" ފަރުހާ ވަރަށް ދެރަވެފައި ވާހަކަ ދެއްކި އެވެ.
"ހިނގާ ޕޮލިހަށް ދާން،" ޝިމާނާއަށް ވިސްނުނު އެންމެ މޮޅު ހިޔާލު ހުށައެޅި އެވެ.
"ތިކަމުން ނުކުންނާނެ އެއްވެސް ރަނގަޅު ނަތީޖާއެއް ނޯންނާނެ. މާނާއަށް ހީވޭތަ އަހަރެން ތިކަން ނުކޮށް ހުންނާނޭ؟" ފަރުހާ ދޮގުހެދި އެވެ.
"އެކަމަކު ދެން ތިކަމަށް ކޮންމެވެސް ހައްލެއް އޮންނަން ވާނެއެއްނު. ތިހެން ކިހިނެއް އަބަދު އުޅޭނީ؟" ޝިމާނާ ބުންޏެވެ.
"އަހަރެން މީހަކާ އިން ދުވަހަކުން މިކަން ހައްލުވާނީ. ފިރިމީހާގެ ހިމާޔަތް ލިބުނު ދުވަހަކުން އަހަރެންނާއި ދަރިން މިކަމުން ސަލާމަތްވާނީ،" ފަރުހާ އިނީ ޝިމާނާ މިއަދު އަންނާނެ ކަމަށް ދުރާލައި ތައްޔާރު ވެގެންނެވެ. ދައްކަންވީ ވާހަކަތަކާއި ދައްކަންވީ އުކުޅުތައް ދަސްކޮށްގެންނެވެ.
"އެހެންވިއްޔާ ދެން ހިނގާބަލަ މީހަކާ އިންނަން،" ޝިމާނާ ބުންޏެވެ.
"ތިހެން ބުނާ އިރަށް މީހަކު ލިބޭނެތަ؟ މީހުން ތިބެނީ ފިހާރައިގައި ސޭލް އަޅުވާފައިތަ؟" ފަރުހާ ބުންޏެވެ.
"އެހެންނެއް ނޫނޭ މި ބުނީ. ފަރޫގެ ނަޒަރުގައި ރަނގަޅު މީހަކު އެބަ ހުރިތަ؟"
"އެބަ ހުރި. އެކަމަކު އެއީ މީހެއްގެ ފިރިއެއް. އޭނަ މަށަކާ ނީންނާނެ. އެހެން ނޫނަސް ދެ ކުދިން ތިބި މީހަކާ ކާކު އިންނާނީ. އަހަރެން މުޅި އުމުރު މިހާލުގައި އުޅެން ކަންނޭނގެ ޖެހޭނީ،" ފަރުހާގެ މަކަރުވެރި ކަރުނައިގެ އަވާގައި ޝިމާނާ ޖެހުނެވެ.
"ހުއްޓާލަބަލަ. ދެން ނުރޮއި. ބަލާބަލަ އަހަރެންނާ ދިމާލަށް،" އިސްޖަހައިގެން ރޮމުން ދިޔަ ފަރުހާ އިސް އުފުލުވަން މަސައްކަތް ކުރަމުން ޝިމާނާ ބުންޏެވެ.
"ފަރޫއަށް އިންނާނެ ރަނގަޅު މީހަކު ވާނެ،" ޝިމާނާ ބުންޏެވެ.
"އަހަރެންނަށް ދޮގު އުންމީދު ދޭނެ ކަމެއް ނެތް،" ކަރުނަތައް ފޮހެލަމުން ފަރުހާ ބުންޏެވެ. އަދި ކުލާސް ރޫމުން ނުކުމެގެން ދިޔަ އެވެ.
ޝިމާނާ އިނީ ވިސްނާށެވެ. ފަރުހާއަށް އެހީތެރިވާން އޭނަ ބޭނުމެވެ. ނިތްކުރިއަށް ޖަމާވަމުން ދިޔަ ރޫތައް ފިލީ ހިޔާލެއް އައުމުންނެވެ.
- ނުނިމޭ -