ވާހަކަ: ދައުވަތު

ވާހަކަ

ވާހަކަ: ދައުވަތު - ބާރަވަނަ ބައި

ހެޔޮ ނިޔަތުގައި ދިން ދައުވަތެކެވެ.
11 ނޮވެމްބަރު 2024

އެޕިސޯޑް 12

ކުއްލިއަކަށް ފަރުހާއަށް ކޮޅަށް ތެދުވެވުނެވެ. ހުރި ފިޔަވަޅު މަތީ ގަނޑުވި ކަހަލަ އެވެ. ކުރިމަތިން ހިނގާފައި އެ އަންނަނީ ހަމީޝް އެވެ. ހީވަނީ ފަރުހާއާ ދިމާލަށް ހެންނެވެ. އޭނަގެ ހަރަކާތްތައް އަވަސްވި އެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގުނެވެ. އަތްމަތި ހަލުވި ވި އެވެ. ހެދުން ރީތިކޮށްލެވުނެވެ. މޫނުގައި މަޑުމަޑުން އަތް ޖައްސާލެވުނެވެ. ހަމީޝްގެ އަތުގައި ހިފާލައިގެން ހުރީ އަދީން އެވެ. އެކި ވާހަކަ ދައްކަމުން ދެބަފައިން ހިނގަމުން ދިޔަ އެވެ. ވަކި ހިސާބަކުން ހަމީޝްގެ ހިނގުމުގެ މިސްރާބު ބަދަލުވި އެވެ. ފަރުހާގެ މޫނުމަތި މިލާމޯޅިވި އެވެ. ހަމީޝްއާ ވާހަކަ ދައްކާލަން ފަރުހާ ހުރީ ބޭނުންވެފަ އެވެ. އެ ދެއަތުގައި ހިފާލައިގެން މުޅި ދުނިޔެ ވަށާ ބުރެއް ޖަހާލަން ހުރީ ކެތްމަދުވެފަ އެވެ. ލޯބީގެ ބަގީޗާތަކުގައި އުދުހިލަން ހުރީ ހިތްއެދިއެދި އެވެ. އެ ނަން އަޑު އިވުމުން ފަރުހާގެ ހިތަށް ހަމަޖެހުން ގެނުވަ އެވެ. އެ ސޫރަ ފެނުމުން ފަރުހާގެ ސިކުނޑިއަށް ލުޔެއް ލިބެ އެވެ. ބޭނުންވަނީ ހަމީޝްގެ މީހެއްގެ ގޮތުގައި މުޅި އުމުރު ހޭދަ ކުރާށެވެ. ދުވަހަކު ވެސް ވަކި ނުވާނެހެން އެކުގައި ދުވަސްތައް ގުނަމުން ދާށެވެ. އެއީ ކުލަ ޖެހޭނެ ހުވަފެނެއް ހެއްޔެވެ؟ ނުވަތަ ބިލާހެއް ހެއްޔެވެ؟

"ހަމީޝް؟ ކުޑަ މީހާ ގޮވައިގެން ކުޅެލަން އައިސްތަ؟" ނޭނގޭ ކަމަށް ހަދާފައި ފަރުހާ ގޮސް އިނީ ހަމީޝްގެ ކުރިމަތީ ހުރި ގޮނޑިއެއްގަ އެވެ.

"އާނ. ފަރޫ ކީއްތިކުރަނީ؟ ކޮބާ ކުދިވެރިން؟" ދުރަށް ބަލާލަމުން ހަމީޝް ބުންޏެވެ.

"އެ ތިބަ އުޅެނީ،" އެ ކުދިން ދައްކާލަމުން ފަރުހާ ބުންޏެވެ.

"ކިހިނެއްތަ ކަންކަން؟" އަހާނެ ސުވާލެއް ނޭނގިގެން ފަރުހާ އަހައިލި އެވެ.

"ވަރަށް ރަނގަޅު. މާނާ ނެތީމައި ވަރަށް ފޫހި. އެހެންވެ ބޭރަށް މި ނުކުމެލީ،" ހަމީޝްގެ ދުލުން ޝިމާނާގެ ނަން އަޑު އިވުމުން ފަރުހާ ފޫހިވި އެވެ. އެ ވަގުތަކީ ހަމަ އެކަނި އެ ދެ މީހުންގެ ވަގުތެކެވެ. އެ ތަނަށް އިތުރު މީހަކު ވެސް އައިސްގެން ނުވާނެ އެވެ. އެ ކަހަލަ ދަނޑިވަޅަކަށް ބަލަބަލައި ހުންނަތާ މިހާރު ކިތަންމެ ދުވަހެކެވެ. އެއީ ފޮނި އިންތިޒާރެކެވެ. އެންމެ ބޭނުންވި ކަހަލަ ބައްދަލުވުމެއް ނޫން ނަމަވެސް އެ ވަރުން ވެސް ފަރުހާއަށް ފުދެ އެވެ.

"އާނ. ސުކޫލުގައި އަހަރެން ވެސް ވަރަށް އެކަނިވޭ މާނާ ނެތީމަ،" ފަރުހާ ދޮގެއް ހަދައިލި އެވެ.

"އިއްޔެ އަދި އެ ފުރީ. އަދި އެބަ އޮތް ނުވަ ވަރަކަށް ދުވަސް. މިހާރު ވެސް އެކަނި ވެގެން ހަލާކު ވެއްޖެ. އަދީން ވެސް އަބަދު ދައްކަނީ މަންމަގެ ވާހަކަ،" ހަމީޝް ބުންޏެވެ.

"ކުދިން ފޫހިވާނެ މަންމަ ދިޔައިމާ. ހަމީޝް ބޭނުމިއްޔާ އަދީން އަހަރުމެންގެ ގެއަށް ގެންނަންވީނު. މި ބުނީ އޭނަ ފޫހިިވެގެން އުޅޭ ގަޑިތަކުގައި. އޭރުން އަހަރެންގެ ކުދިން ވެސް ފޫހި ވެގެން ނޫޅޭނެ،" ވައްކަޅިން ހަމީޝްއަށް ބަލާލަމުން ފަރުހާ ބުންޏެވެ.

"ތި ވެސް ރަނގަޅު ގޮތެއް. ދަނީ އިނގޭ،" ތެދުވަމުން ހަމީޝް ބުންޏެވެ. ފަރުހާ ހިތަށް އަސަރު ކުރުވި އެވެ. އެހާ އަވަހަށް އެ ބައްދަލުވުން ނިމޭކަށް އޭނާ ބޭނުމެއް ނުވި އެވެ. ދައްކަން ބޭނުންވާ ވަރަށް ގިނަ ވާހަކަ ހުއްޓެވެ. އަޑުއަހަން ބޭނުންވާ ލޯބީގެ އެތައް ލަފުޒުތަކެއް ހުއްޓެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އެކަން ފުނޑުފުނޑު ވެގެން ދިޔަ އެވެ. ފަރުހާ ކޮޅަށް ތެދުވި އެވެ. އަދި ހަމީޝް ގޮސް އޮބާލަންދެން ބަލަހައްޓައިގެން ހުއްޓެވެ. ބޭނުންވީ ހަމީޝްއަށް ގޮވާށެވެ. އަންނާށޭ ބުނާށެވެ. އޭނާ ގާތުގައި މަޑުކުރުމަށް ބުނާށެވެ. ހިތުގައި ފުނި ޖެހެމުން ދިޔަ ޝަކުވާތައް ހަމީޝްގެ ކުރި މައްޗަށް ބަންޑުންކޮށްލާށެވެ. ފަރުހާއަށް އެއް ކަމެއް ޔަގީންވިއެވެ. ފަރުހާއަށް ހަމީޝްދެކެ ލޯބި ވެވިއްޖެ އެވެ. އެއީ ހަގީގީ ލޯބި ކަމެއް ނުވިސްނެއެވެ. ވިސްނާކަށް ބޭނުމެއް ވެސް ނުވި އެވެ.

"ދެން ކިހިނެއް ހަދާނީ؟" ސަމާ ބުންޏެވެ. އޭނައަށް އިނީ ރޮވިފަ އެވެ.

"ދޮންތަ ހާސްނުވެބަލަ. އެއް ގޮތް ނެތިއްޔާ އަނެއް ގޮތް ވެސް އޮންނާނެ. އަހަރެން އަޖައިބު ވަނީ މާލެއިން މިއިން އެއްވެސް ކަމެއް ނޭނގުނީމަ،" ޝިމާނާ ބުންޏެވެ.

"އެ މީހުން ރަނގަޅަށް ނުބަލަނީ ކަންނޭނގެ،" ސަމާ ބުންޏެވެ.

"ދޮންތަބެއަށް އެނގޭތަ މިއިން އެއްވެސް ކަމެއް؟" ޝިމާނާ އަހައިލި އެވެ. "އަދި ނުބުނާތި އިނގޭ."

"އަހަރެން ހުރިހާ އެއްޗެއް ކިޔައިދީފިން. އޭނައަށް ސިއްރުކޮށްގެން ކިހިނެއް އުޅޭނީ. މިއީ ކުޑަކުޑަ ކަމެއް ނޫނޭ. މަންމައަށް އެނގިއްޖިއްޔާ އަދި އެހާ ދެރަވާނެ،" ސަމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ބުންޏެވެ.

"އަހަނަށް އެނގެއޭ. ކުޑަ ކަމެއް ނޫން ވީމައޭ އަދި ނުބުނަން އަހަރެން މި އުޅުނީ. ގޮތެއް ފެނުނީމާ ބުނަން މަޑު ކުރި ނަމަ. ދޮންތަބެ މިހާރު އެކަމާ ވިސްނާނެއެއްނު،" ޝިމާނާ ބުންޏެވެ.

"ކޮން ގޮތެއްތަ؟" ސަމާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.

"ޑޮކްޓަރު ކީ ހުރިހާ އެއްޗެއް ދޮންތަ އަޑެއް ނާހަންތަ؟ ބުންޏެއްނު މިއީ ފަރުވާ އޮތް ކަމެކޭ،" ޝިމާނާ ބުންޏެވެ.

ޝިމާނާ އުޅުނީ ނިދާ ހެދުން ނުފެނިގެންނެވެ. ފޮށި ރަނގަޅަށް ހާވައި ބެލި އިރު ވެސް ނިދާ ހެދުމެއް ނުގެނެވެ އެވެ. ވީ ފޫހިން އެނދު މައްޗަށް ވެއްޓިގަތެވެ. އަދި ފޯނު ނެގި އެވެ. އެ ވަގުތު ހަމީޝް ގުޅި އެވެ.

"ކޮބާ ޑޮކްޓަރު ކީކޭ ބުނީ؟ ރިޕޯޓްތައް ދެއްކުނުތަ؟" ހަމީޝް އަހައިލި އެވެ.

"ދޮންތަބެ ދެ ކިޑްނީ ފެއިލްވެފަ،" ޝިމާނާއަށް އެހެން ބުނެވުނީ ވަރަށް އުނދަގުލުންނެވެ. އެކަން ހަމީޝްއަށް ފާހަގަ ކުރެވުނެވެ.

"ވަރަށް ދެރަ ހަބަރެއް ތި ދިނީ. ދެން ކޮބާ ފަރުވާއަކީ؟" ހަމީޝް އަހައިލި އެވެ.

"ކިޑްނީއެއް ލައްވަން ޖެހޭނީ. ގުޅޭ މީހެއް ހޯދަން ޖެހެނީ. ޑޮކްޓަރު ބުނީ މިކޮޅުން އެކަން ވާނެޔޯ. އެކަމާ ހާސްނުވާށޯ. އެކަމަކު ދޮންތަ ހަމަ ރޮނީ ރޮނީ،" ޝިމާނާ ބުންޏެވެ.

"މާނާ ޖެހޭނެ ހިތްވަރު ދޭން އިނގޭ،" ހަމީޝް ބުންޏެވެ.

"ކޮބާ އަދީން؟ ނިދީތަ؟"

"އާނ. މިރޭ ވަރަށް އަވަހަށް ނިދައިފި. މާނާ ކޯއްޗެއް ކެއީ؟" ހަމީޝް ސުވާލު ކުރި އެވެ.

"މިރޭ ކެއީ ތަރުކާރީ ބަތާއި ކުކުޅާ،" ޝިމާނާ ބުންޏެވެ.

ޑޮކްޓަރު ބުނިހެން ގުޅޭ މީހެއްގެ ކިޑްނީ ވަރަށް ފަސޭހައިން ލިބުނެވެ. އެކަމަށް ދާ ހަރަދު ބޮޑެވެ. ނަމަވެސް އެ ކަމަކަށް ޝިމާނާމެން ނުބަލަ އެވެ. ބެލީ ކަން ކުރެވޭތޯ އެވެ. އެކަމަށް ވެސް ދުވަސް ނަގަ އެވެ. ޝިމާނާއަށް އެހާ ގިނަ ދުވަހު އެ ތަނުގައި މަޑު ކުރެވޭކަށް ނެތެވެ. ސުކޫލާ ވާހަކަ ދައްކައިގެން އިތުރު ދެ ދުވަސް ލިބުނެވެ. އެ ވަރު ވެސް ޝިމާނާއަށް ރަނގަޅެވެ. ކަންތައްތައް ވެގެން އުޅޭ ގޮތް ހަބީބާމެންނާ ވެސް ހިއްސާ ކުރި އެވެ. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް މަޑުމަޑުން ކުރިއަށް ދާ ކަމުގައި ޝިމާނާ ބުންޏެވެ.

ފަރުހާ އިނީ އިންތިޒާރުގަ އެވެ. ދެން ހަމީޝްއާ ބައްދަލުވާނީ ކޮން ވަގުތެއްގައި ކަން ނޭނގިފަ އެވެ. ކޮންމެ ގޮތެއް ވިޔަސް ޝިމާނާ ނޫޅޭ ދަނޑިވަޅެއްގައި ހަމީޝްއާ ގާތްވުން އެއީ ފަރުހާ ބޭނުންވާ ގޮތެވެ. އެ ގެއަށް ހަމީޝް ގެންދާނެ ގޮތެއް ވިސްނަން ފެށި އެވެ. ހަމީޝްގެ ނަންބަރު ހޯދުމަށް ވެސް ބޭނުންވި އެވެ. ދެވަނަ ސިކުންތުގައި އެ ހިޔާލު ދޫކޮށްލި އެވެ. އެކަން އެގޮތަށް ކޮށްފި ނަމަ ކަންކަން ބޮއްސުންލާނެ އެވެ. ފަރުހާ ބޭނުންވާ ގޮތަށް އެއްވެސް ކަމެއް ނުކުރެވޭނެ އެވެ. އެހެންކަމުން ހަމީޝްގެ ނަންބަރު ހޯދައިގެން އޭނައަށް ގުޅުން އެއީ މޮޔަ ކަމެއް ކަމުގައި ވިސްނުމަށް އަ އެވެ.

"ފަރޫ ކުރަން ތި އުޅެނީ މޮޔަ ކަމެއް،" އެކުވެރި ހަމީދާ ބުންޏެވެ. ހަމިދާއަކީ ފަރުހާއާ އެއް ސުކޫލެއްގައި ކިޔެވި މީހެކެވެ. ފަރުހާގެ ހުރިހާ ސިއްރުތަކެއް ހިފަހައްޓައިދޭ ބައިވެރިއެކެވެ. ހަމަ އެ ފަދައިން ދިރިއުޅުމުގެ ގިނަ ކަންކަމުގައި ނަސޭހަތްދޭ، ހެޔޮއެދޭ ރަހުމަތްތެރިއެކެވެ.

"މަ ވިއްޔާ މޮޔަ ކަމެއް. އެހެން މީހުން ކުރަންޏާ އެއީ އެކަން ކުރުން އެންމެ ލާޒިމު ގޮތް،" ފޫހިވެފައި ފަރުހާ ބުންޏެވެ.

"ފަރޫއަށް އަހަރެން ބުނާ އެއްޗެއް ނުވިސްނެނީތަ ނޫނީ ނުވިސްނޭ ކަމަށް ހަދަނީތަ؟" ހަމީދާ ބުންޏެވެ.

"މަށަށް ވިސްނޭ. އެކަމަކު މަ ބޭނުމެއް ނޫން މިހެން އަބަދު ހުސްކޮށް ހުންނާކަށް. މަ އެއްލައިގެން މި އުޅޭ ބުޅީގައި އެބަ ކޮށާ. އަދި ގަންނާނެ. ހަމީ ބަލަން ހުންނައްޗޭ،" ޔަގީންކަމާއެކު ފަރުހާ ބުންޏެވެ.

"މަ ބުނާނެ ވާހަކައެއް ނެތް، ތިކަމުން ނުކުންނަ ނަތީޖާ ރަނގަޅެއް ނުވާނެ،" ހަމީދާ ބުންޏެވެ.

"ރަނގަޅުވާނެ. މިފަހަރު މަ ހެދި އެތިފަހަރުގެ އަސަރު ގަދަވާނެ،" ނިތް އަރުވާލަމުން ފަރުހާ ބުންޏެވެ.



- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް