ވާހަކަ: ދައުވަތު

ވާހަކަ

ވާހަކަ: ދައުވަތު - އެގާރަވަނަ ބައި

ހެޔޮ ނިޔަތުގައި ދިން ދައުވަތެކެވެ.
7 ނޮވެމްބަރު 2024

އެޕިސޯޑް 11 

"އަނެއްކާ އެހެން މަގުސަދެއް އުޅެނީބާ؟" ދެ ބުމަ ގޮށްޖަހާލަމުން ޒައިނާ ބުންޏެވެ. 

"އެއްކަލަ ޒައި. މަ މީ ފިރިހެނެއްތަ އަޅެ؟ އެހެން ދެން ކޮން މަގުސަދެއް އޮންނާނީ؟ އަސްލު އޭނަގެ ލައިފް ވަރަށް ލޯންލީއޭ. ވަރަށް ޓްރަސްޓް ކޮށްފައި މަށަށް ވެސް ކިޔައިދިނީ،" ހާވަމުން ދިޔަ ގަނޑުތައް ތަރުތީބު ކުރަމުން ޝިމާނާ ބުންޏެވެ. 

"އެކަމަކު ވެސް ދެން އަހަރުމެން އެންމެންގެ ތެރެއިން ވެސް މާނާ ހިޔާރު ކުރީމާ ދޯ. އަހަރުމެންނެއް ކަމަކުނުދޭ އޭނަގެ އެކުވެރިންގެ ގޮތުގައި ތިބޭކަށް. ހަމައެކަނި މާނާ. މިތާ އުޅޭ އިރު ވެސް އެހެން މީހަކާ ވާހަކައެއް ނުދައްކާ. މާނާއާ އެކަނި ވާހަކަ ދައްކަނީ." 

ދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. ޝިމާނާ އާއި ފަރުހާ ތިބީ ކުދިން ގޮވައިގެން ރަސްފަންނުގަ އެވެ. އެކި ހިސާބުގައި އެކި އުމުރު ފުރައިގެ މީހުން ތިއްބެވެ. އިރު އޮއްސެމުން ދިޔަ އިރު އެ މަންޒަރު ހިތްގައިމެވެ. އުޑުމަތީގައި ވަނީ މަޑު އޮރެންޖް ކުލައެއް ފެތުރިފަ އެވެ. ދުރުދުރުން ފެންނަމުން ދިޔަ ވިލާތަކުގައި ހުރީ މަޑު ދަނބު ކުލައެކެވެ. ހީވަނީ ކުރަހާފައިވާ މަންޒަރެއް ހެންނެވެ. 

"އަހަރެންގެ ހަޔާތަށް އިރު އެރި. އެކަމަކު އޮއްސުނު ގޮތަށް ދެން ނޭރި،" އޮއްސެމުން ދިޔަ އިރާ ދިމާލަށް ބަލަހައްޓައިގެން އިނދެ ފަރުހާ ވާހަކަ ދައްކަމުން ދިޔަ އެވެ. "އޭގެ އަލިކަމެއް ވެސް ނުފޯރި." 

"އަދި އަރާނެ. ބަލައްޗޭ. ހަޔާތަކީ ކިހާ ކުލަވަރު ރީތި އެއްޗެއްކަން ފަރޫއަށް ވެސް ވިސްނޭނެ،" ވިސްނައިދޭ ރާގެއްގައި ޝިމާނާ ބުންޏެވެ. 

"ކޮން އިރަކުންތަ؟" ޝަކުވާގެ ރާގެއްގައި ފަރުހާ ބުންޏެވެ. 

"އެ ދުވަސް ވަރަށް ކައިރިހެން ހީވަނީ. ފަރޫއަށް ވެސް ލޯބިވާ ފިރިއެއް ލިބޭނެ. އެ ތިބަ ކުދިންނަށް އޯގާތެރި ބައްޕައެއް ލިބޭނެ. އަސްލު އަހަރެންނަށް އެނގޭ ފަރޫ ވިސްނާނެ ވަރު. އަހަރެން ތި މަގާމުގައި ހުރި ނަމަ މިހާރު ބޯ ގޮވާނެ. ފަރޫ ހާދަ ހިތްވަރުގަދައޭ،" ޝިމާނާ ބުންޏެވެ. 

"ކޮންމެ މީހަކަށް ވެސް އެ ކަމެއް ދިމާވީމަ އުޅެން އެނގޭނީ. ކަށިން މަދު ނަގާފައި ހިތްވަރު ވެސް ނުކުންނާނެ. ކުރިން އަހަރެންނަކީ ވަރަށް ބަލިކަށި މީހެއް. އެކަމަކު މިހާރު އެހެންނެއް ނުވާނެ. އަހަރެންގެ އުފާތައް ފޭރިގަތީ އަންހެނެއް. ބައެއް ފަހަރު ހިތަށް އަރާ ބަދަލު ހިފާފާނަމޭ ވެސް. އެކަމަކު ކުރާނީ ކޮން ފައިދާއެއް؟ ވިއްޔާ ވާނީ ގެއްލުން،" ފަރުހާ ބުންޏެވެ. 

"ތިކަހަލަ ކަންތައް ކުރަން ހެޔޮ ނުވާނެ. މީހަކަށް ދެރައެއް ދީފައި އަނެކާއަށް އުފަލުގައި ނޫޅެވޭނެ." 

"އެ އުޅެނީއެއްނު. އަހަރެން ދެރަކޮށް ހިތުގައި ޖައްސާފައި، އަހަރެންގެ ދަރިން ރޮއްވާފައި ގޮސް އެ މީހުން ކިހާ އުފަލުގައި އެ އުޅެނީ. އަހަރެން ފަކީރެއްނު ހާލުގައި މި ޖެހުނީ. ބައެއް ފަހަރު ހިތަށް އަރާ ދެ އަތްނބަށް މީހަކާ އިންނަން ވެސް. އެކަމަކު އަހަރެންނާ އިންނާނީ ކާކު ދޯ؟" އަސްލު މިސްރާބަށް ފަރޫ ދިޔަ އެވެ. 

އެ ވަގުތު ޝިމާނާ މަޑު ޖެހުނެވެ. އެއްޗެއް ނުބުނެވި އިރުކޮޅަކަށް ލަސްވެލި އެވެ. އޭނާ ވިސްނާލި އެވެ. 

"ނޫނޭ. ދެ އަތްނބަށް އިންނާނެ ރަނގަޅު މީހުން ވެސް ވާނެ،" ޝިމާނާ ބުންޏެވެ. 

ސަމާގެ ފިރިމީހާ ހުސެން ވަރަށް ބޮޑަށް ބަލިވި އެވެ. މާލެއިން އެތައް ޑޮކްޓަރުންނަކަށް ދެއްކި އެވެ. ވާ ގޮތެއް ނޭނގެ އެވެ. ކޮންމެ މީހަކު ވެސް އެތައް ޓެސްޓްތަކެއް ހަދުވަ އެވެ. ބައްޔެއް ނުފެނެ އެވެ. ނަމަވެސް އޭނައަށް ވާގޮތެއް ނޭނގެ އެވެ. ބޮލުގައި ރިއްސާފާނެ އެވެ. ވަރަށް ގިނައިން ހޮޑުލާފާނެ އެވެ. ބަނޑުގައި ރިއްސާފާނެ އެވެ. ހޭނެތިގެން ވެއްޓިދާނެ އެވެ. އެންމެ ފަހުން އާއިލާއިން ނިންމީ ބޭރަށް ދިޔުމަށެވެ. 

"މަންމަ މަޑުކުރޭ އަދީން ގާތު. ދޮންތައާ އެކީ ދާނީ އަހަރެން،" ޝިމާނާ ބުންޏެވެ. 

"އެކަމަކު ދަރިފުޅުގެ ވަޒީފާޔޯ،" ހަބީބާ ބުންޏެވެ. 

"އެކަން ހަމަޖެހޭނެ. އަހަރެންނަށް ޗުއްޓީ ލިބޭނެ. މަންމަ ވެސް ތި އުޅެނީ ކުޑަކޮށް ބަލިވެ. އެކަހަލަ ތަނަކަށް ގޮސް އުޅެނިކޮށް އިތުރަށް މީހާ ވަރުބަލިވާނީ. މިކޮޅުގައި ހަމީޝް ވެސް ހުންނާނެ. އަދީންގެ ހުރިހާ ކަމެއް ކުރާކަށް މަންމައަކަށް ނުޖެހޭނެ،" ޝިމާނާ ބުންޏެވެ. 

ދަތުރުގެ ދިގެއް ކުރެއް ނޭނގެ އެވެ. ނަމަވެސް ޝިމާނާ ނެގީ ދިހަ ދުވަހުގެ ޗުއްޓީއެކެވެ. އެއަށް ފަހު ވަޒީފާއަށް ނުކުންނަން ޖެހޭނެ އެވެ. ޝިމާނާ ހުރީ ހިތްހަމަޖެހިފަ އެވެ. ސަމާއަށް އެހީތެރިކަމެއް އޭނަގެ ފަރާތުން ދެވޭތީ އެވެ. އެހެން މީހެއްގެ ހިތުގައި ރޭވެމުން ދިޔަ ކުޅިގަނޑެއްގެ ހަބަރު ވެސް ޝިމާނާއަށް ނުވެ އެވެ. 

"މާނާ ދިޔައިމާ އަހަރެން ވަރަށް ފޫހިވާނެ،" ހަމީޝް ބުންޏެވެ. 

"މަށަށް އެނގޭ. އެކަމަކު ހަމީޝް ވިސްނާލަބަލަ. މި ދަނޑިވަޅުގައި އެހެން މީހަކަށް ދެވޭކަށް ނެތް. ދޮންތަބެ އެޑްމިޓްކޮށް އެކަހަލަ ކަމެއް ވެއްޖިއްޔާ ދޮންތައަށް އެކަނި ނޫޅެވޭނެ. އޭނަ ވެސް ބަލިވާނެ. މަށަށް އެނގޭ ހަމީޝް ފޫހިވާނެކަން ވެސް އަދި ދެރަ ވާނެކަން ވެސް،" ހަމީޝްގެ އަތުގައި ހިފާލަމުން ޝިމާނާ ބުންޏެވެ. 

"މަންމަ ބަލި ނޫން ނަމަ، މަންމަ ދޯ ދާނީ؟" ވިސްނާލަމުން ހަމީޝް ބުންޏެވެ. 

"އާނ. އެކަމަކު މަންމަގެ ހާލަތު ހުންނަ ގޮތް ވެސް ހަމީޝްއަށް އެނގޭނެ. އެހެންވެ ކޮންމެހެން ވެސް އަހަރެން އެބަ ޖެހޭ މި ދަތުރުގައި ދާން،" ޝިމާނާ ހުރީ އިސްތިރި ކުރާށެވެ. 

"އަސްލު ދޮންތަބެއަށް ކިހިނެއްތަ ވަނީ؟" ދެ ބުމަ ގޮށް ޖަހާލަމުން ހަމީޝް ބުންޏެވެ. 

"ނޭނގެއޭ ވާ ގޮތެއް. މިކޮޅުން ވެސް މިހާރު ވަރަށް ގިނަ ޑޮކްޓަރުންނަށް ދެއްކިއްޖެ. ޓެސްޓްތައް ވެސް ހަދައިފިން. އެކަމަކު ހުރިހާ ކަމެއް ނޯމަލް ކަމަށް ދައްކަނީ. އެހެންވެ އިތުރު ޓެސްޓްތައް ހަދަން ދާން ދޮންތަ އެ އުޅެނީ،" ޝިމާނާ ބުންޏެވެ. 

"އަހަރުމެންނަށް ދިމާވި ކަހަލަ އެސްފީނާގެ ކަމަކަށް ވެސް ވެދާނެއެއްނު." 

"ދޮގެއް ވެސް ނޫން،" އިސްތިރި ކުރުން ހުއްޓާލާފައި ޝިމާނާ ބުންޏެވެ. 

"މިއީ މަށަށް ހީވާ ގޮތް. މި ނުވެދާނެ ތެދަކަށް. އެކަމަކު އަޅެ ދޮންތަ ގާތު ސުރުހީ އަޅާލަބަލަ،" ހަމީޝް ބުންޏެވެ. 

ޝިމާނާ ބޭނުންވީ އެ ވާހަކަ ދައްކާށެވެ. ނަމަވެސް ފުރަން އެއް ދުވަހަށް ވީ އިރު ވެސް ވަގުތެއް ނުލިބުނެވެ. ކޮންމެ ފަހަރަކު ކޮންމެވެސް ކަމަކާ ހުރެ އެ ވާހަކަ ދެއްކޭ ގޮތެއް ނުވި އެވެ. އެއީ ރަނގަޅު ފާލެއް ހެއްޔެވެ؟ ޝިމާނާ ވިސްނާލި އެވެ. ފޮއްޓަށް އެއްޗެހި އަޅަމުން ދިޔަ އިރު ބޮލު ތެރޭގައި އެނބުރެމުން ދިޔައީ އެއީ ވެދާނެ ކަމެއް ކަމަށެވެ. އެއީ އެއް ފަހަރު ޝިމާނާމެން އެކަން ތަޖުރިބާކޮށްފައި ވުމުންނެވެ. ހަމީޝް ބުނި ބުނުން ތެދަކަށް ނުވެއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. އެކަހަލަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ވާކަށް ޝިމާނާ ބޭނުމެއް ނުވެ އެވެ. އެ ބާބު އެ ނިމުނީ އެވެ. އެއީ ހަޔާތުގައި އައި އުނދަގޫ އަދި ދެރަވި ބާބެކެވެ. ކޮންމެ ޖުމްލައެއްގައި ވެސް ވަނީ ހިތްހަމަނުޖެހުމެވެ. 

"ކީކޭ؟" ފްލައިޓްގައި އިނދެފައި ސަމާއަށް ބުނެވުނެވެ. "އަދި ކިރިޔާތަ ތިހެން ތި ބުނެވުނީ؟" 

"ދޮންތާ! އަހަރެން އުޅުނިން ކުރިން ވެސް ބުނަން. އެކަމަކު ޓައިމް ނުލިބުނީ،" ޝިމާނާ ބުންޏެވެ. 

"ހުސެން ނުކުރާނެ ތިކަހަލަ ކަންކަން ގަބޫލެއް. އެކޮޅަށް ގޮސްފައި ދެއްކީމައި ބުނާ އެއްޗަކުން ދެން ހަދަންވީ ގޮތެއް އެނގޭނީ،" ސަމާ ބުންޏެވެ. 

"އެކަމަކު ދޮންތަބެއަށް ނޭނގި އެކަމަށް ފަރުވާއެއް ވެސް ނުކުރެވޭނެ،" ވައި އަޑަކުން ޝިމާނާ ވާހަކަ ދައްކަމުން ދިޔަ އެވެ. 

"އާނ. ދެން ހިނގާބަލަ ވާ ގޮތެއް ބަލަން. މަ މިހާރު ވެސް ބޮލުގައި ރިއްސަން ފަށައިފި،" ސަމާ ދެލޯ މަރާލަމުން ބުންޏެވެ. 

ފަރުހާ އިނީ ކުޑަކުދިންގެ ބަގީޗާގަ އެވެ. ދެ ކުދިން ކުޅޭ މަންޒަރު ބަލާށެވެ. އެއީ ހިތްގައިމު މަންޒަރެކެވެ. ނަމަވެސް ކުދިންނަށް މަދުވާ ލޯތްބާއި އޯގާތެރިކަން ނުލިބުމުން ފަރުހާ ދެރަވެ އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ހަޔާތަށް އެ މަދުވާ އުނިކަން ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަކީ ގޯހެއް ނޫނެވެ. ކުއްލިއަކަށް ފަރުހާއަށް ކޮޅަށް ތެދުވެވުނެވެ. ހުރި ފިޔަވަޅު މަތީ ގަނޑުވި ކަހަލަ އެވެ. 

- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް