ވާހަކަ: ދައުވަތު
ވާހަކަ: ދައުވަތު - ދިހަވަނަ ބައި
އެޕިސޯޑް 10
އަދި އެ ލޮލަކަށް އައިބެއް ނުފެނެއެވެ. ފެންނަ އިރު ވަގުތު ފާއިތު ނުވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.
ދުވަހަކީ އޮކްޓޯބަރު މަހުގެ ހިތްގައިމު ދުވަހެކެވެ. ހޮނިހިރު ދުވަހެވެ. ހެނދުނުގެ ނާސްތާއަށް މިއަދު ޝިމާނާ ހެދީ މަސްރޮށްޓާއި ބިސްގަނޑެވެ. އެއީ ހަމީޝްއަށް ވަރަށް މީރު ކެއުމެކެވެ. އެހެންވެ ޝިމާނާ ވަރަށް ގިނައިން އެ ތަކެތި ތައްޔާރު ކުރެއެވެ.
"އެހެން ދުވަސް ދުވަހަށް ވުރެ މިއަދު ހީވަނީ މާ މީރުހެން،" މަސްރޮށްޓެއް ކާލަމުން ހަމީޝް ބުންޏެވެ.
"ކޮންމެ ދުވަހަކު ވެސް ހަމީޝް ބުނާނެ ތިހެން،" ހިނިތުންވެލަމުން ޝިމާނާ ބުންޏެވެ.
"އަހަރެން މި ހިތަށް އަރަނީ ފަރުހާގެ ތިންމައިން މި ގެއަށް ސައިބޯން ގެންނަން،" ޝިމާނާ ބުންޏެވެ. ހަމީޝް ކޮށިނޭރީ ކިރިޔާ އެވެ.
"ސައިބޯށޭ؟ އެ ކީއްކުރަން؟ އެއީ މާނާއާ އެހާ ކްލޯޒް މީހެއް ވެސް ނޫނެއްނު،" ފެންފޮދެއް ބޯލަމުން ހަމީޝް ބުންޏެވެ.
"މިހާރު ވަރަށް ކްލޯޒްވާނެ. އޭނަ ލައިފްގެ ހުރިހާ ވާހަކައެއް ޝެއާ ކުރާނީ އަހަރެންނާ. ގައިމު އަހަރެންނަށް ޓްރަސްޓް ކުރާތީއެއްނު. އަހަރެން ބުނިން ކޮންމެ ކަމެއް ޖެހުނަސް ބުނައްޗޭ. ކަމެއް ބޭނުން ވިޔަސް ބުނައްޗޭ. އެއީ އެކަނިވެރި މައެއް. ކުދިންގެ ކަންކަމުގައި ވެސް އަހަރެން ބޭނުން ފަރޫއަށް ހެލްޕްވާން. އެފަދަ މީހުންނަށް އެހީތެރިކަން ދީގެން އަހަރުމެން އަތުން އެއްޗެއް މަދެއް ނުވާނޭ،" ޝިމާނާ ބުންޏެވެ.
"ހެލްޕް ވާތީއެއް ނޫނޭ. އެކަމަކު ގޮތް ނޭނގޭ މީހުން ގެއަށް ގެންނާކަށް ނުވާނެ. މި ޒަމާނަކީ އެހާ ބޮޑަށް މީހުންނަށް އިތުބާރު ކުރަންވާ ކަހަލަ ޒަމާނެއް ނޫން. އަދި މި އުޅެނީ އަދީންގެ ކަންކަމުން އަރައިނުގަނެވިގެން. އަހަރެން ބޭނުމެއް ނޫން އެފަދަ ކަމެއް ތަކުރާރު ވާކަށް. މާނާއަށް ވިސްނޭތަ އަހަރެން މި ބުނާ އެއްޗެއް؟" ހަމީޝް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުގަ އެވެ.
"އަހަރެންނަށް ވިސްނޭ. އެކަމަކު މީހަކު ސައިބޯން ގެނެސްގެން ތިހާ ހިސާބަށް ކަންކަން ދާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން،" ފޫހިވެފައި ޝިމާނާ ބުންޏެވެ.
"މާނާއަށް އެނގޭނެ މާނާ ކުރާ އެއްވެސް ކަމަކާ އަހަރެން ދެކޮޅެއް ނުހަދާނެކަން. އަދި ބަހެއް ވެސް ނުކިޔާނެކަން. މާނާ ބޭނުން ގޮތެއް ހަދާ. އެ ވަގުތު އަހަރެންނަށް ވިސްނުނު އެއްޗެއް ހަމަ ބުނެލީ އިނގޭ،" ޝިމާނާގެ ބޮލުގައި ފިރުމާލަމުން ހަމީޝް ބުންޏެވެ.
ދެވަނަ ވިސްނުމަކަށް ނުގޮސް ޝިމާނާ ވަގުތުން ފަރުހާއަށް ގުޅި އެވެ. އަދި ހަވީރުގެ ސަޔަށް ދައުވަތު ދިނެވެ. ފަރުހާއާ އެހާ ގާތް ގުޅުމެއް އުފެދުނީ ކުއްލިއަކަށެވެ. އެކަން ޝިމާނާއަށް ވެސް ވިސްނެ އެވެ. ނުވިސްނޭ ކަމަކީ ފަރުހާގެ މަގުސަދެވެ. ޝިމާނާގެ ހަމްދަރުދީ ހޯދަން ފަރުހާ ކުރަމުންދާ މަސައްކަތެވެ. ފަރުހާ އެންމެ ބޭނުންވާ ކަންތައް ހާސިލްކުރުމަށްޓަކައި އޭނާ ހުރީ ކޮންމެ ފަދަ ހިސާބަކަށް ވެސް ދާން ތައްޔާރު ވެގެންނެވެ. އެކަމަށްޓަކައި ބޭނުންވާ ކޮންމެ ކަމެއް ކުރުމަށް އަތުކުރި އޮޅާލައިގެންނެވެ. ޝިމާނާއަށް ނުފެނުނީ ބޯމަތިވަމުން އައި ކަޅު ވިލާގަނޑެކެވެ. އެ ވިލާގަނޑުގައި ކަނޑު ގަދަވާނެ އެވެ. ވައި ގަދަވާނެ އެވެ. ވިއްސާރަ ކުރާނެ އެވެ. ބެހިގެންދާނީ ކާކު ކަމެއް ނުވިސްނެ އެވެ.
އެހީތެރިވާން ދިއްކޮށްލި އަތުގައި އެހާ ބާރަށް ދައިގަންނަން ތައްޔާރުވެފައި ހުރި ކަމެއް ފަރުހާއަކަށް ނޭނގެ އެވެ. ވިސްނުމަކަށް ވެސް ނާދެ އެވެ. ފަރުހާ އެހާ ވެސް ކުޅަދާނަ އެވެ. ފަރުހާއަކީ ވަރަށް ކުޑަ އިރުން ފެށިގެން ވެސް މަކަރުހެދުމާއި ދޮގުހެދުމުގައި ވަރަށް ކުރީގައި އުޅޭ މީހެކެވެ. މައިންބަފައިންނަށް ދޮގުހެދި އެވެ. ކައިވެނި ކުރި މީހާއަށް ދޮގުހަދާ އޮޅުވާލަ އެވެ. ރައްޓެހިންނާއި ތިމާގެ މީހުންނަށް ވެސް މަކަރުހަދަ އެވެ. ކަމެއް ފަޅާއެރުމުން އެކަން ވީ މިހެންވެއޭ އެހެންވެއޭ ކިޔައި ވާހަކަ ހަމަޖައްސާލައެވެ. ފަރުހާ ކޮންމެ ކަމެއް ވެސް ކުރާނީ މޮޅު ވާހަކައިންނެވެ. އޭނަގެ ވާހަކަ ދެއްކުން އެހާ ވެސް މޮޅުވާނެ އެވެ.
ޝިމާނާއަށް ނުފެނުނީ ކަރަށް ވެއްޓެން އުޅޭ މަޅި އެވެ. އެ ގޮށް ޖަހާފައިވަނީ ނިކަން ބާރަށެވެ. ވާފަށަށް ދަމާލުމުން ވާން ވެގެން ނޭވާނުލެވި މީހާ ހާސްވެގެން މަރުވާ ހިސާބަށް ދާނެ އެވެ. ނަމަވެސް އެ ހިސާބަށް ކަންކަން ދާ އިރު އޮންނާނީ ވަގުތު ފާއިތުވެފަ އެވެ. އެހީ އާއި މަދަދަށް އެދި އަތް ދިއްކޮށްލާނެ މީހަކު ނުހުންނާނެކަން ޔަގީނެވެ.
ޝިމާނާގެ ފޯނު ކޯލު ނިމުމުން ފަރުހާ އުފަލުން ނަށައިގަތެވެ. ތިންވަނަ ފިޔަވަޅު އެޅުމުންނެވެ. އެ ދެމަފިރިން އުޅޭ ގެއަށް ދިޔުމަކީ ފަރުހާ ވަރަށް ބޭނުންވި ކަމެކެވެ. އެކަމަށް ވެސް މާ ބޮޑު ކަމެއް ނުކޮށް ކާމިޔާބުވާ ގޮތް ވުމުން ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވައިދިނެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. ޓެރަސް މަތީގައި ސައި ތައްޔާރުކޮށްފައި ހުރީ ކުދިވެރިން ކުޅޭނެ ތަނެއް ވެސް އެތާ ހުރުމުންނެވެ. އެ ތަނަށް އެރުމުން ހީވީ ފަރުހާ ބޭނުންވާ ކަންތަކުގެ %50 ކާމިޔާބު ވީ ހެންނެވެ. ވަށައިގެން މުޅި ތަނަށް ނަޒަރު ހިންގާލި އެވެ. އެ ތަނުގައި ވެސް ހުރީ އަގުބޮޑެތި ފަރުނީޗަރެވެ. ރީތި ބަގީޗާ ގަސްތަކާއި މާ ގަސްތަކެވެ.
"ދަރިފުޅުމެން ދޭބަލަ އަދީންއާ އެއްކޮށް ކުޅެލަން. އެއީ ވެސް ކޮއްކޮއެކޭ،" އުފަލުން އިން ފަރުހާ ބުންޏެވެ.
ކުޅޭ އެއްޗެހި ފެނުމުން އެ ކުދިން އެއްވެސް ބީރައްޓެހި ކަމެއް ނެތެވެ. އެކުގައި ކުޅެ، ސަކަރާތް ޖަހަން ފެށި އެވެ.
"އަޅެ މިހާ ލޯބި ކުދިންތަކެއް ދޫކޮށްލާފައިތަ ފަރޫގެ ފިރިމީހާ އެ ދިޔައީ؟" ޝިމާނާ ބުންޏެވެ.
"އޭނައަކަށް ލޯތްބެއް ނޫނޭ. ކުޑަކުދިންދެކެ ލޯބިވާ މީހެއް ނޫން އެއީ،" ފަރުހާ ބުންޏެވެ. ފަރުހާ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އޭނަގެ ނަޒަރު ހޯދަމުން ދިޔައީ އެހެން މީހެކެވެ. އެއީ ހަމީޝްއެވެ.
"ކޮބާ މިގޭ އެހެން މީހުން؟" ފަރުހާ އަހައިލި އެވެ.
"މަންމަ އާއި ބައްޕަވީ ހޮސްޕިޓަލަށް ގޮސް. ތިމާގެ މީހަކަށް ގޮވާލަން. ދޮންތަވީ ދޮންތަބެއާ އެއްކޮށް ބޭރަށް ގޮސް،" އެ ވަރުން ވެސް ހަމީޝް ވީ ތަނެއް ޝިމާނާއަކަށް ނުބުނެވުނެވެ.
"ދެން ހަމީޝްއޯ؟" އެންމެ ފަހުން ފަރުހާ އަހައިލި އެވެ.
"އޭނަ އެބަ އާދޭ. ކޮޓަރީގައި އެބައިން ކޯލެއްގައި. ބުނި ނިންމާލާފައި މިދަނީއޭ،" ޝިމާނާ އެހެން ބުނުމުން ފަރުހާގެ ހިތް އުފަލުން ފުރުނެވެ.
"ކޮބާ ފެށީތަ؟" އެ އިވުނީ ހަމީޝްގެ އަޑެވެ.
"މަރުވާކަށް ވެސް ނޫޅޭނެ،" ގޮނޑިން ތެދުވަމުން ޝިމާނާ ބުންޏެވެ.
"އަހަރެން އެހާ އަވަހަކަށް މަރެއް ނުވާނަމޭ. އޭރުން މާނާ އެކަނިވާނެއެއްނު،" ޝިމާނާއާ ގާތް ވެލަމުން ހަމީޝް ބުންޏެވެ. ފަރުހާގެ ހިތަށް ތޫނު ތަދެއްވި އެވެ. އޭނާ އެ ވަރަށް ރީތި ވެގެން އައީ އެ މަންޒަރު ބަލާކަށް ނޫނެވެ. އެ މަންޒަރު ބަލާކަށް ބޭނުމެއް ވެސް ނޫނެވެ. ވުމާއެކު އިތުރަށް އެ ދިމާ ނުބަލައި އެހެން ދިމާލަކަށް މޫނު އަނބުރާލި އެވެ.
"ހިނގާ ފަށަމާ،" ތަށްޓަށް ކޮފީ އަޅަމުން ޝިމާނާ ބުންޏެވެ.
"މިހާރު އަހަރުމެންނެއް ނުފެނޭ ވިއްޔަ ދޯ؟" ޒައިނާ ބުނެލި އަޑު އިވުނެވެ. "އަބަދުވެސް އުޅެނީ އެ ފަރޫއަކާ އެކީގައި."
ޝިމާނާ އައިސް ޒައިނާ އާއި މަދީހާ ގާތުގައި އިށީނެވެ. އަދި ފޮތްތަކެއް ނަގާފައި އެ ގުނަން ފެށި އެވެ. ޒައިނާ ބުނި އެއްޗެއް އަޑުއިވުނު ކަމަށް ނުހެދީ އެވެ.
"މަ ބުނީ..." ޒައިނާއަށް ބުނެވުނެވެ.
"ކަލޭމެން ކިޔާނެ އެއްޗެއް ކިޔާ. އެކަމަކު މަށަކީ ރައްޓެހިން ތަފާތު ކުރާ މީހެއް ނޫން،" ޝިމާނާ ބުންޏެވެ.
"ތިއެއް ނޭނގެ. ހުސް ގަޑިއެއް ލިބިއްޖެއްޔާ އަބަދު އިންނަނީ އޭނައާ ތުން ގުޅައިގެން. އަހަރުމެން ފެންނަ ކަމަކަށް ވެސް މިހާރު ނުވޭ،" ހިތްހަމަނުޖެހިފައި ޒައިނާ ބުންޏެވެ. "މަދީ ކީއްވެތަ އެއްޗެއް ނުބުނެ ތި އިންނަނީ؟"
"އަހަރެން ނޫޅެން ތި ކަމަކަށް އެއްޗެއް ބުނާކަށް. އެ މީހަކު އުޅޭނީ ވެސް ގާތް ކުރާނީ ވެސް އެ މީހަކަށް އެންމެ އިތުބާރު ކުރެވޭ މީހެއް. އެއީ މަ ގަބޫލު ކުރާ ގޮތް. އަދި މަ އުޅޭ ވެސް ގޮތް،" މަދީހާ ބުންޏެވެ.
"އައްދެ. ތި ބުނެލީ އެއްޗެކޭ ދޯ؟" ޝިމާނާ ބުންޏެވެ.
"މާނާ ބޭނުން ގޮތަކަށް މީން ކުރަންވީ. އެކަމަކު އެއީ ހަގީގަތް،" ޒައިނާ ބުންޏެވެ. "އަހަރެން ވެސް އެކަން ގަބޫލު ކުރަނީ އެހެން."
"ދެ މީހުން ތި ތިބީ އަހަރެން އަންނާނެ ވަގުތަކަށް އިންތިޒާރުގައިތަ؟" ޝިމާނާ ބުންޏެވެ. "އަހަރެންނާ އަބަދުވެސް އެންމެ ކްލޯޒް ދެ ފްރެންޑްސްއަކީ ތިއީ. އެކަން ބަދަލެއް ނުވާނެ. އެކަމަކު ތެދެއް ތި ބުނީ. މިހާރު ފަރުހާ ވެސް ވަރަށް ގާތް ވެއްޖެ."
"އޭނަ ކީއްވެތަ އަހަރުމެންނާ ވާހަކަ ނުދައްކާ ހަމައެކަނި މާނާއާ ވާހަކަ ދައްކަނީ؟ އަނެއްކާ އެހެން މަގުސަދެއް އުޅެނީބާ؟" ދެ ބުމަ ގޮށްޖަހާލަމުން ޒައިނާ ބުންޏެވެ.
- ނުނިމޭ -