ވާހަކަ: ދައުވަތު

ވާހަކަ

ވާހަކަ: ދައުވަތު - ނުވަވަނަ ބައި

ހެޔޮ ނިޔަތުގައި ދިން ދައުވަތެކެވެ.
31 އޮކްޓޯބަރު 2024

އެޕިސޯޑް 9

"ކީއްކުރާނީ؟ އެކި މީހުންނަށް ލިބޭނީ އެކި ނަސީބު. އަހަރެންނަކީ ބަދުނަސީބުވެރިއެއް،" ދެރަވެލާފައި ފަރުހާ ބުންޏެވެ. "އޯގާތެރި ފިރިއެއް ނެތުން އެއީ ހަޔާތުގައި ހާދަ ފަޅުކަމެއް ގެނެސްދޭ ކަމެކޭ. އަހަރެން ހިތަށް އަރާ އަހަރެންނަށް ވެސް ރީތި ދިރިއުޅުމެއް ލިބޭނެ ނަމައޭ."

"އަދި ލިބޭނެ. ފަހު ރޯދި ބޮޑު ވާނެ. އިރާދަ ކުރެއްވިއްޔާ ފަރޫއަށް ފަރޫ ދެކެ ލޯބިވާ، އަޅާލާ، އޯގާތެރި ބައިވެރިއެއް ލިބޭނެ،" ޝިމާނާ ބުންޏެވެ.

"ތިކަހަލަ މީހުން މި ދުނިޔޭގައި ވަރަށް މަދު ވާނެ. މިހާރު ވެސް އަހަރެންގެ ކުރީގެ ފިރިމީހާ އަހަރެންނަށް ލިބޭ ފައިސާކޮޅު ބަލާ އެ އަންނަނީ. މިހާރު ވެސް އަހަރެންނަށް ބިރުދައްކާ. ނަފުސާނީ ވާ ވަރަށް އެއްޗެހި ގޮވާ. ދަރިންގެ ކުރިމަތީ ހަޅޭއްލަވާނެ. މިކަމުން އަރައިގަނެވޭނީ ކޮންމެވެސް މީހަކު އެހީތެރިކަމުގެ އަތެއް ދިއްކޮށްލައިގެން. އެކަމަކު ކާކު އަހަރެންނަށް އެހީވާނީ؟ ކާކު އަހަރެން ކަހަލަ މީހަކާ ކައިވެނި ކުރާނީ؟" ހިތްދަތިވެފައި ފަރުހާ ބުންޏެވެ.

"ތިކަހަލަ އެއްޗެހި ނުކިޔަބަލަ. ފަރޫއަށް ވެސް ހަމަ ލޯބިވާ ފިރިއެއް ލިބިދާނެއެއްނު. ފަރޫ ހަނދާން ބަހައްޓާތި ކޮންމެ ކަމެއް ޖެހުނަސް އެންމެ ގާތުގައި ހުންނާނީ އަހަރެން. ފަރޫ ބޭނުންވާ ކޮންމެ ކަމެއް އަހަރެން ކޮށްދޭނަން. ފައިސާގެ ގޮތުން ވިޔަސް އަދި އެހެން ގޮތްގޮތުން ވިޔަސް އަހަރެންނަށް ކޮށްދެވޭ ވަރުގެ ކޮންމެ ކަމެއް ކޮށްދޭނަން،" ފަރުހާގެ އަތުގައި ހިފާލަމުން ޝިމާނާ ބުންޏެވެ.

ޝިމާނާ އާއި ހަމީޝް ކާރު ދުއްވާލަން ނުކުތް ދުވަހެކެވެ. އެކުގައި ދަރިފުޅު ވެސް ގެންދިޔައެވެ. މާލެ ވަށައިގެން ދުއްވާލުމަށް ފަހު ހުޅުމާލެއަށް ދިޔައެވެ. ހުޅުމާލެ މަގުތަކުގައި ދުއްވަން ވަރަށް ފަސޭހައެވެ. ދުއްވާ އެއްޗެހި މަދުކަމުންނެވެ. ދެ މީހުން އެކި ވާހަކަ ދައްކަމުން ސަކަރާތްޖަހަމުން ދިޔައެވެ. ހަމީޝް ކުއްލިއަކަށް ކާރު ހުއްޓިއެވެ.

"ކިހިނެއްވީ؟" ސިއްސައިގެން ގޮސްފައި ޝިމާނާ އަހާލިއެވެ.

"ހިނގާ އައިސް ކްރީމް ބޯން،" ރެސްޓޯރެންޓެއް ފެނުމުން ހަމީޝް ބުންޏެވެ.

"އަހަރެން ހީކުރީ އަނެއްކާ ކަމެއް ގޯސްވީ ކަމަށް. ކުއްލިއަކަށް ތިހެން ހެދީމަ ނޭނގޭނެއެއްނު."

ހަމީޝް އިތުރު އެއްޗެއް ނުބުނެ ކާރު ޕާކްކޮށްލިއެވެ. އަދި އަދީން އުރާލައިގެން މަގު ހުރަސްކޮށްފައި ރެސްޓޯރެންޓަށް ވަނެވެ. ޝިމާނާ ވެސް ފަހަތުން ކަހަލަ ގޮތަކަށް ގޮސް އެތަނަށް ވަނެވެ.

"މިތާ ހުންނާނެ ވަރަށް މީރު އައިސް ކްރީމެއް. މާނާ ޖެހޭނެ މިއަދު އެ ރަހަ ބަލަން،" ހަމީޝް ބުންޏެވެ.

"ކިހިނެއް ހަމީޝްއަށް އެނގުނީ؟ މިތަނަށް ވަރަށް ގިނައިން އަންނަންތަ؟" ގޮނޑިއެއްގައި އިށީންނަމުން ޝިމާނާ އަހައިލިއެވެ.

"ނޫން. ވަރަށް ގިނައިންނެއް ނޫން. އެކަމަކު ދެ ފަހަރަކު އައިން. ނިޒާރުމެންނާ އެއްކޮށް އައީ. އޭނަގެ ވަރަށް ފޭވަރިޓް ތަނެއް މިއީ،" އޯޑަރު ދެމުން ހަމީޝް ބުންޏެވެ.

"މާނާ؟" ފަހަތުން ގޮވައިލި އަޑަށް ޝިމާނާ ބަލައިލިއެވެ. ކައިރީގައި ހުރީ ފަރުހާއެވެ. ގާތުގައި ދެ ކުދިން ވެސް ތިއްބެވެ. ބަލާބެލުމަށް އެއީ އޭނަގެ ދެ ދަރިންނާ ވައްތަރެވެ.

"އަހަނ. ފަރޫ. މިތާ އައިސް ކްރީމް ބޮނީތަ؟" އެ ތަނުން ކުއްޖެއްގެ ކޮލުގައި ކޮއްޓާލަމުން ޝިމާނާ އަހައިލިއެވެ.

"ނޫން. ބޭރުން ދަނިކޮށް މިތަނުން މާނާ ފެނިގެން މި ވަނީ،" ޝިމާނާމެން ތިބީ ބިއްލޫރިގަނޑު ކައިރީގައެވެ.

"މިއީ ފަރޫ. އެއްކަލަ އަހަރެން ބުނީމެއްނު،" ހަމީޝްއަށް އެކަނި އަޑުއިވޭ ވަރަށް ބުންޏެވެ. ނަމަވެސް އެ އަޑު ފަރުހާއަށް ވެސް އިވުނެވެ. ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ.

"މިއީ އަހަރެންގެ ފިރިމީހާ ހަމީޝް،" ޝިމާނާ ބުންޏެވެ.

"އެނގޭ،" ފަރުހާއަށް ބޭއިހުތިޔާރުގައި ބުނެވުނެވެ. "ކޮންމެ ދުވަހަކު ސުކޫލަށް މާނާ ބަލާ އަންނާތީ ފެނޭ،" އަވަސް އަވަހަށް ފަރުހާ ރީތިކޮށްލިއެވެ. ހަމީޝް ހިނިތުންވެލިއެވެ.

"ފަރޫ ވެސް ޖޮއިން ކޮށްލަންވީނު؟" ޝިމާނާ ބުންޏެވެ.

"އޭރުން ކަމަކުނުދާނެ. ތިއީ ފެމިލީ ޓްރީޓެއްނު،" ހިތުގައިވާ ޖުމްލަ ކަފުންކޮށްފައި ދުލު ކުރިއަށް އައީ އެހެން ޖުމްލައެކެވެ.

"އޯކޭ ވާނެ. އާދެބަލަ،" ޝިމާނާ އެހެން ބުނުމުން ހަމީޝް ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުނެވެ. އާއިލީ ހަވީރެއް ގޮތުގައި ހޭދަކޮށްލަން ބޭނުންވި ވަގުތުކޮޅު ތެރެއަށް އެހެން މީހަކު ވެއްދީމައެވެ. ނަމަވެސް އެކަން މޫނުމަތިން ފާޅެއް ނުކުރެއެވެ.

"ފަރޫ ކީއް ތިކުރަނީ ހުޅުމާލޭގައި؟" ޝިމާނާ އަހައިލިއެވެ.

"ދައްތައެއް ބަލިވެ އުޅޭތީ އޭނައަށް ގޮވާލަން އައީ،" ފަރުހާ ބުންޏެވެ. އެ ތަނުގައި އިން އިރު ވެސް ފަރުހާއަށް ބެލެނީ ހަމީޝްއާ ދިމާލަށެވެ. ވައްކަޅިންނެވެ. ހިތް ފުރެންދެން ބަލާކަށް ނުކެރެއެވެ. ކުރިމަތީ އިނީ ފަރުހާ މިހާރު އެންމެ ބޭނުންވާ އިންސާނާއެވެ. ކޮންމެ ހާލެއްގައި ވެސް އޭނާ ހާސިލްކުރަން ފަރުހާ ބޭނުންވެއެވެ. އެކަން ކުރަން އެންމެ ފުރަތަމަ އަޅަންވީ ދެ ފިޔަވަޅު ކުރިއަށް އަޅައިފިއެވެ. ދެން އޮތީ ތިންވަނަ ފިޔަވަޅެވެ.

އެންމެން އެކުގައި އެތަނުން ބޭރަށް ނުކުތެވެ. އަދި ޝިމާނާމެން ގޮސް ކާރަށް އެރިއެވެ.

"މާލެ ނުދަނީތަ؟" ފަރުހާ ގާތުގައި ޝިމާނާ އަހައިލިއެވެ.

"ނޫން. ދާން މިއުޅެނީ. ޓެކްސީއެއް ހޯދަންވީ،" މަގު އެއްކޮޅަށް ބަލާލަމުން ފަރުހާ ބުންޏެވެ.

"ހިނގާ އަހަރުމެންނާ އެއްކޮށް،" ޝިމާނާ ބުންޏެވެ.

"މާނާ؟" ޝަކުވާގެ ރާގެއްގައި ހަމީޝް ބުންޏެވެ. ޝިމާނާ ލޯ ފިއްތާލިއެވެ.

ފަރުހާ ހުރީ އެ ދަނޑިވަޅަށް ބަލަބަލައެވެ. އެހާ ފަސޭހައިން އެކަން ވާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ނަމަވެސް ލިބުނު ފުރުސަތު ގެއްލުވާލާކަށް ފަރުހާ ބޭނުމެއް ނުވިއެވެ. އަވަސް އަވަހަށް ކާރުގެ ފަހަތު ސީޓަށް އެރިއެވެ. ދެ ކުދިން ވެސް އެރުވިއެވެ. ފަރުހާ އިނީ ލޯގަނޑުން ހަމީޝްގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ ތަނުން އެއް ވަގުތެއްގައި ހަމީޝްއަށް ވެސް ނޭނގި ބަލާލެވުނެވެ. ދެ މީހުންގެ ހަތަރު ކަޅި ހަމަވި ވަގުތު ބުނެދޭން ނޭނގޭ އިހުސާސްތަކެއް ފަރުހާއަށް ކުރެވުނެވެ. ފަރުހާ އިނީ ލަދުންނެވެ. އެހާ ގިނަ އިރު ހަމީޝްއަށް ބަލަހައްޓައިގެން އިންނަން އޭނާ ފޫއްސެއް ނުވެއެވެ. ވަރުބައްޔެއް ވެސް ނުވެއެވެ. ޝިމާނާ ދިޔައީ އެކި ވާހަކަ ދައްކަމުންނެވެ. ގިނަ ސުވާލަށް ޖަވާބު ދެވެނީ ދެ ފަހަރު ޝިމާނާ އެހުމުންނެވެ. ފަރުހާ އިނީ އެހެން ދުނިޔެއެއްގައެވެ.

ކުދިން ނިންދަވަން ބައިތިއްބާފައި ފަރުހާ އެނދުގައި އޮށޯވެލިއެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ލޮލުގައި ކުރެހުނީ ހަމީޝްގެ ތަސްވީރެވެ. ހިތުގައި ފެވެމުން ދިޔައީ ހަމީޝްގެ ނަމެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ މިއަދު ހިނގައިދިޔަ ކަންކަމެވެ.

"އަހަރެންނަކީ ބަދު ނަސީބުވެރިއެއް ނޫން. އިރާދަ ކުރެއްވިއްޔާ ދެން މާ ލަހެއްނުވެ އަހަރެންގެ މަގުސަދު އަހަރެންނަށް ހާސިލްވާނެ. ބޭނުންވަނީ ހަމަ ކުޑަ ހިތްވަރެއް. އަހަރެން ހިތްވަރު ކުރާނަން. އަދި ކެތްތެރި ވެސް ވާނަން. އަހަރެންނަށް ވެސް ދިރިއުޅުމުގައި ލޯތްބާއި އަޅާލުން ލިބޭނެ. ވަފާތެރިކަމާއި އޯގާތެރި ފިރުމުންތައް ލިބޭނެ. ޝިމާނާއަށް ވުރެ އަހަރެންގެ ނަސީބު މާ ގަދަ ވާނެ. ވަގުތު އައިސް ޖެހުނީމަ ކޮންމެ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަށް. އަހަރެން މި އިންތިޒާރު ކުރަނީ އެ ވަގުތަކަށް. އެ ދުވަހުން އަހަރެންގެ ހިތް ވެސް އުފަލުން ނަށާނެ. އަހަރެންގެ މި ކުޑަކުޑަ ބަގީޗާގައި މިލާމޯޅިވެފައިވާ މާތައް ފޮޅެން ފަށާނެ. މަރުވެފައި ގަސްތަކަށް ދިރުން ގެނުވައިދޭނެ. ބައްޕަގެ ލޯބިން މަހުރޫމު ވެފައިވާ ދެ ދަރިންނަށް އެ ލޯބި ވެސް ލިބޭނެ." ހިތާ ވާހަކަ ދައްކަމުން ދިޔަ ފަރުހާއަށް ނިދުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ.

ފަރުހާގެ މަގުސަދު ވަރަށް ސާފެވެ. ނަމަވެސް އެކަން ނޭނގެނީ ޝިމާނާއަށެވެ. މި ގާތް ކުރެވެނީ ކިހާ ވިހަ ގަދަ ހަރުފައެއް ކަމެއް ޝިމާނާއަކަށް އޭރަކު ނުވިސްނެވެ. ގަބޫލު ކުރެވެމުން ދިޔައީ ފަރުހާ ދެއްކި ވާހަކަތެކެވެ. ޖެއްސި ކުލަތަކާއި ކުރަހައިދިން މަންޒަރުތަކެވެ. އަދި އަޅައިދިން ފޮޅުވަތްތަކެވެ. ކޮންމެ ގޮތެއް ވިޔަސް ޝިމާނާއަށް މި ކަންކަން ގަބޫލު ކުރެވެނީ ހިތާއި ރުހުމުންނެވެ. އަދި އެ ލޮލަކަށް އައިބެއް ނުފެނެއެވެ. ފެންނަ އިރު ވަގުތު ފާއިތު ނުވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް