ވާހަކަ: ދައުވަތު

ވާހަކަ

ވާހަކަ: ދައުވަތު - އަށްވަނަ ބައި

ހެޔޮ ނިޔަތުގައި ދިން ދައުވަތެކެވެ.
28 އޮކްޓޯބަރު 2024

އެޕިސޯޑް 8

ހަގީގަތުގައި އެކަހަލަ ކަންކަން ދެކެ ހަމީޝް ވަރަށް ބިރުގަނެއެވެ. ޖެހިލުންވެއެވެ. ބުނެދޭން ނޭނގޭ ކަހަލަ ނުތަނަވަސްކަމެއް ހިތުގައިވެއެވެ. ރައްޓެއްސެއްގެ ފަރާތުން އިވިފައިވާ ވާހަކަތަކެއްގެ ސަބަބުންނެވެ. އެކަހަލަ ކަންކަމުގެ ތެރޭގައި އުޅުމަކީ މީހާއަށް ބައެއް ފަހަރު ވަރަށް ބޮޑެތި ގެއްލުންތައް ވާ ކަންކަމެވެ. ނޭނގި ހުއްޓައި މީހާގެ ދުވަސް ވެސް ހިނގައިދާނެއެވެ. އެހެންކަމުން ހަމީޝް އެކަމާ ވަރަށް ޖެހިލުންވެއެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއް ޝިމާނާއާ ހިއްސާ ކުރާކަށް ބޭނުމެއްނުވިއެވެ. ޝިމާނާ އިތުރަށް ބިރުގަނެފާނެތީއެވެ.

"ހަމީޝް އެކަހަލަ ކަންކަން ގަބޫލު ކުރަން ދޯ؟" ހަމީޝްގެ ބަސް މަދުވުމުން ޝިމާނާ ބުންޏެވެ.

"އާނ. އެއީ ވާ ކަންކަން. މީހުންނަށް ވަރަށް ގިނައިން ދިމާވާ ކަންކަން. ބަޔަކު އުފަލުގައި އުޅެންޏާ ބައެއް މީހުންގެ ލޮލަށް ނިދިވެސް ނާންނާނެ. އެކަމާ ހަސަދަލާނެ. އެކަމާ އެ މީހުންނަށް އަސަރު ކުރާނެ. އެއަށް މި ކިޔަނީ އެސްފީނާ. ދެން އެ މީހުންގެ ނުބައި ނިޔަތް އަނެއް ބައެއްގެ މައްޗަށް ލާނެ،" ހަމީޝް ބުންޏެވެ.

"ތިހާ ތަފުސީލްކޮށް އެކަހަލަ ކަންކަން ހަމީޝްއަށް އެނގެނީ ކިހިނެއް؟" ޝިމާނާ އަހައިލިއެވެ.

"ފްރެންޑެއް ކިޔައިދިނީ،" ހަމިޝް ދިނީ ކުރު ޖަވާބެކެވެ.

ފެންފުޅި ގެނެސްގެން ފައްޔާޒު ބުނި ގޮތަށް ކަންތައް ކުރަން ފެށިއެވެ. އޭނާ ބުނި މުއްދަތަށް ކަންކަން ކުރަމުން ދިޔައީ ވަރަށް ތަރުތީބުންނެވެ. ހަމީޝް އާއި ޝިމާނާ ވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. ދެ މީހުންނަށް ވެސް ކަންކަން ފާހަގަ ކުރެވެމުން ދިޔައެވެ. ދަރިފުޅުގެ ރުއިން މަދުވާން ފެށިއެވެ. ރަނގަޅަށް ނިދައި، ކައިބޮއި ހަދަން ފެށިއެވެ. އަދީންއަށް ހަ މަސް ފުރުނު އިރު ކުއްޖާގެ ބަރުދަން އިތުރުވިއެވެ. ހަށިގަނޑު ރަނގަޅުވެ ރޫފަ ރަނގަޅުވެލިއެވެ. ދެ މީހުން ވެސް ހިތަށްއެރީ އެއީ ފައްޔާޒު ބުނި ގޮތަށް ކަންކަން ކުރުމުން އައި ހެޔޮ ބަދަލެއް ކަމަށެވެ.

އެސްފީނާ އާއި ހަސަދައަކީ އޮންނަ ކަންކަމެވެ. އެކަމުން ސަލާމަތްވާން ކުރަން ޖެހޭ ކަންކަން ވެސް އޮވެއެވެ. އުޅެން ޖެހޭ ގޮތްތަކެއް ވެސް އޮވެއެވެ. ނަމަވެސް ހުރިހާ ކަމެއް ރަނގަޅު ވުމުން އެއީ އެކަމުގެ ސަބަބުންނޭ ހީކުރުމަކީ ގޯހެކެވެ. އެކަމަށް ގޮސް މީހާ ހެއްލުމަކީ ވެސް ގޯހެކެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކީ އެކަހަލަ ކަމެއްގެ ސަބަބުން ދިމާވާ ކަންކަން ކަމަށް ގަބޫލު ކުރުމަކީ ނުރައްކާތެރި ކަމެކެވެ. އޭގެ ސަބަބުން ދިރިއުޅުމަށް ނޭދެވޭ އަސަރުތައް ކުރަން ފަށާނެއެވެ. ހީވާ ހީވުންތައް ޔަގީނަށް ބަދަލުވާހެން މީހާއަށް އިހުސާސް ކުރެވޭނެއެވެ. ދެން ވާން ފަށާ ގޮތަކީ ތިމާ އެދޭ ކަންކަމާއި ބޭނުންވާ ކަންކަން ކުރުވުމެވެ. އެފަދަ މީހުން ގާތަށް ގޮސް ތިމާގެ އެފަދަ ކަންކަން ހިއްސާ ކުރެވޭނެއެވެ. ބޭނުންވާ ކަންކަން ކިޔައިދެވޭނެއެވެ. އަދި އެކަންކަން ކޮށްދިނުމަށް އެދެވޭނެއެވެ. މިކަހަލަ ކަންކަމުގައި އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް ރުގްޔާ ކުރުމެވެ. އެކަން ދަސްކޮށްގެން ދީނުގައި އޮންނަ އެންމެ ފުރިހަމަ ގޮތުގައި ކުރުމެވެ. ނޫންނަމަ ގިނަ މީހުންނަށް ވާ ގޮތަކީ ނުބައި މަގަކުން މީހާއަށް ދެވުމެވެ. ދާ އިރުގައި މި ދެވެނީ ކޮން ފަދަ މަގަކުން ކަމެއް ފުރަތަމަ ނުވިސްނޭނެއެވެ. ހީވާނީ މިއީ އެންމެ ރަނގަޅު ގޮތް ހެންނެވެ. ވިސްނޭ އިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ.

މަދީހާ އާއި ޝިމާނާ ތިބީ ރެސްޓޯރެންޓެއްގައެވެ. ދެ މީހުން ވެސް އެކި ވާހަކަ ދައްކަމުން ދިޔައެވެ. އެ މަންޒަރު ބަލަން ދުރުގައި މީހަކު އިން ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ޝިމާނާ އުޅޭ ނޫޅޭ ގޮތް ބެލުމަކީ އެ މީހާގެ އާދައަކަށް ވެއްޖެއެވެ. އެ މީހާ އެކަން ކުރަނީ ވަކި ހާއްސަ މަގުސަދެއްގައެވެ.

"އަސްލުވެސް؟" މަދީހާއަށް ބުނެވުނެވެ. "ކޮބާ އަހަރެން އޭރު ވެސް ބުނީމެއްނު އެއީ ވާ ކަމެކޭ. ދަރިފުޅު މިހާރު ރަނގަޅުތަ؟"

"އާނ. އިރާދަ ކުރެއްވީތީ ވަރަށް ބޮޑަށް ރަނގަޅު. އެކަމަކު ބައެއް ފަހަރު އަހަރެން ހިތަށްއަރާ އަދިވެސް އެއްކޮށް ރަނގަޅެއް ނުވެއޭ. އަދީން ރަނގަޅަސް އަހަރެންނަށް އުނދަގޫތަކެއް ވޭ،" ނުތަނަވަސްވެފައި ޝިމާނާ ބުންޏެވެ.

"ކޮން ކަހަލަ އުނދަގުލެއް؟" ޝައުގުވެރިވެފައި މަދީހާ އަހައިލިއެވެ.

"އަބަދު ހުންނަނީ ނިދި އައިސް ވަރުބަލިވެފައި. އެއްވެސް ކަމެއް ކުރާ ހިތެއް ނުވޭ. ހާއްސަކޮށް އެންމެ ބޮޑަށް ނިދި އަންނަނީ ދެ ނަމާދު ދޭތެރޭގައި. މި ފަހަކަށް އައިސް މީހުންނާ އެހާ ވާހަކަ ދައްކާ ހިތެއް ވެސް ނުވޭ،" ޝިމާނާ އޭނަގެ ހާލަތު ބަޔާންކޮށްދިނެވެ.

"ތި ވެދާނެ އެކަމުގެ އަސަރު ކަމަށް ވެސް. ނޫނީ ދަރިފުޅަށް އެހެންވީމާ މާނާއަށް މާ ބޮޑަށް ވިސްނެނީ ކަންނޭނގެ. ތި ވާހަކަތައް ހަމީޝްއާ ހިއްސާކޮށްފިންތަ؟" ކޮފީ ތަށިން ފޮދުވަރެއް ބޯލަމުން މަދީހާ އަހާލިއެވެ.

"ނޫން. އަދި ނުބުނަން. އޭނަ އުޅެނީ މިހާރު އަމިއްލަ ކަމެއް ފަށައިގެން އެކަމުގެ ތެރޭގައި. ބައްޕަގެ އޮފީސް ދޫކޮށްލައިފި. އިރާދަ ކުރެއްވީތީ އެކަން ވެސް ވަރަށް ކުރިއަރައިފި. އެކަމަކު އެހާ ބުރަކޮށް އުޅެނިކޮށް މިކަހަލަ ވާހަކައެއް ދެއްކީމަ އޭނަގެ ބޮލަށް އުނދަގޫވާނީ. އެހެންވެ ނުބުނަން މި ހުންނަނީ،" ވިސްނާލަމުން ޝިމާނާ ބުންޏެވެ.

"އެކަމަކު ކުރިން ވެސް އަދީންގެ ވާހަކަ ނުބުނީމަ އޮތީ ގޯސް ވެފަ. މަށަށް ފެންނަނީ ތި ވާހަކަތައް ހިއްސާކުރަން،" މަދީހާ އޭނަގެ ހިޔާލު ހުށައެޅިއެވެ.

"ތިއީ ވެސް ދޮގެއް ނޫން. ކިޔައިދޭންވީ ކަންނޭނގެ. އަސްލު މިހެން އުޅުނަސް މިފަހަކަށް އައިސް ވަރަށް އުނދަގޫވޭ މަށަށް. ބޮލުގައި ވެސް ރިއްސާފައި ހުންނަނީ. ދޭތެރެއަކުން ރިހުން ގަދަވެސް ވޭ. މޭނުބައިކޮށްފައި ހުންނަނީ،" ޝިމާނާ ބުންޏެވެ.

"އަނެއްކާ ޕްރެގްނެންޓްތަ؟"

"ދެން ނޫން،" ދެ މީހުން އެކުގައި ހިނިގަނޑެއް ޖަހާލިއެވެ.

ޝިމާނާއަށް ސުކޫލަށް ދެވުނީ ގަޑިޖެހިގެންނެވެ. އެއީ ދުވަހަކު ވެސް ނުވާ ކަމެކެވެ. ނަމަވެސް މިއަދު އެހެންވީ ކީއްވެ ހެއްޔެވެ؟ ޝިމާނާ ގަޑިއަށް ތައްޔާރުވިއެވެ. ގެއިން ނުކުތް އިރު ވެސް ވަގުތު އޮތެވެ. މަގުމަތިން އެއްވެސް ކަމެއް ދިމައެއް ނުވެއެވެ. ސުކޫލަށް އައީ އެހެންޏާ ވެސް އަންނަހެންނެވެ. އެކަމަކު ގަޑިޖެހުނީ ކީއްވެ ކަމެއް ޝިމާނާއަކަށް ނުވިސްނުނެވެ. ޝިމާނާގެ ކުލާހުގައި ހުރީ ފަރުހާއެވެ. ޝިމާނާ އައުމުން ފަރުހާ ނުކުމެގެން ދިޔައެވެ.

"އާންޓީ. އާންޓީ ކީއްވެ މިއަދު އެހާ ލަސްވީ؟" ޔޫހާ އަހައިލިއެވެ. އެއީ މިދިޔަ ހަފުތާގައި ސުކޫލަށް ވަން ކުއްޖެކެވެ. ބަސް މަދުކޮށް އިންނަ ކުއްޖެކެވެ. ނަމަވެސް ތޫނުފިލި، ކިޔެވުމަށް މޮޅު ކުއްޖެކެވެ. ކުދިންނާ އެހާ ބޮޑަށް ނުގުޅޭ އެކަނި އުޅުމަށް ލޯބި ކުރާ ކުއްޖެކެވެ. ކުއްލިއަކަށް މިއަދު އެހެން އަހާލުމުން ޝިމާނާ ހައިރާންވިއެވެ.

"މިއަދު ލަސްވީ އާންޓީއަށް ތަންކޮޅެއް މަޑުން އާދެވުނީ. ޔޫހާ ރަނގަޅުތަ؟" ޝިމާނާ އަހައިލިއެވެ.

"އަހަރެން އަބަދުވެސް ރަނގަޅު،" ޔޫހާ ބުންޏެވެ. ޝިމާނާ ހައިރާންވިއެވެ. ޝިމާނާއާ ހުރިހާ ކުދިން ވެސް ވާހަކަ ދައްކާނީ އަޅުގަނޑު ކިޔައިގެންނެވެ. އެކަމަކު ޔޫހާ ވާހަކަ ދެއްކި އިރު ހީވަނީ ބޮޑު މީހަކު ވާހަކަ ދެއްކިހެންނެވެ.

"އާންޓީގެ ކަންކަން ރަނގަޅުތަ؟" މިފަހަރު ޔޫހާ އެހެން ބުނެފައި ހިނގައިގަތެވެ. ގޮސް މޭޒުގެ ކަނެއްގައި އިށީނެވެ. ޝިމާނާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ގައިމު ވެސް އެއީ ހީވާ ހީވުމެއް ނޫނެވެ.

ގަޑިޖެހުނު އިރު ވެސް ޝިމާނާއަށް ވިސްނުނީ އެކަމާއެވެ. މީހަކާ އެ ވާހަކަ ހިއްސާކޮށްފި ނަމަ ހޭން ވެސް ފަށާފާނެއެވެ. އެހެންކަމުން ޝިމާނާއަށް އެ ވާހަކަ މީހަކު ގާތުގައި ދައްކާކަށް ނުކުރުނެވެ.

"ހާދަ ކަންބޮޑުވެފައި ތި އިންނަނީ؟" ފަރުހާ ބުންޏެވެ. އޭރު ކުލާސް ނިމިގެން ހުރިހާ ކުދިން ގެއަށް ހިނގައްޖެ އެވެ. "ކިހިނެއްވީ؟"

"ކަމެއް ނުވޭ. އެކި ކަންކަމާ ވިސްނާލަން އިނދެވުނީ."

"މާނާ މެން ވިސްނަން އޮންނާނީ ކޮން ކަމެއް؟" ފަރުހާ ބުންޏެވެ. "ވިސްނަން ޖެހޭނީ އަހަރުމެންނެއްނު. ދިރިއުޅުމުގައި ލޯބި ނުލިބުނުތާނގައި އޯގާތެރިކަމެއް ވެސް ނުލިބުނު. ހެޔޮ ފިރިއެއް ނުލިބުނު."

"ފަރޫގެ ހާލަތާ މެދު އަހަރެން ހަމްދަރުދީވަން،" ޝިމާނާ ބުންޏެވެ.

"ކޮންމެ މީހަކު ވެސް ތިހެން ބުނާނެ. އެކަމަކު އެއްވެސް މީހެއް އެހީއެއް ނުވާނެ." އިސްޖަހާލަމުން ފަރުހާ ބުންޏެވެ.

"ނޫނޭ. ހަމަ އަސްލުވެސް. އަހަރެން ވަރަށް ދެރަވޭ ފަރޫގެ ހާލަތާމެދު."

"ކީއްކުރާނީ؟ އެކި މީހުންނަށް ލިބޭނީ އެކި ނަސީބު. އަހަރެންނަކީ ބަދުނަސީބުވެރިއެއް،" ދެރަވެލާފައި ފަރުހާ ބުންޏެވެ.

- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް