ވާހަކަ: ދައުވަތު
ވާހަކަ: ދައުވަތު - ހަތްވަނަ ބައި
އެޕިސޯޑް 7
"ދޮންތަ ކީކޭ މިކަމާ ބުނަނީ؟" ނުބުނަން އުޅުނު ވާހަކަ ޝިމާނާ ބުންޏެވެ.
"ހަގީގަތަށް ބުނަންޏާ ދޮންތަ ތިހެން ބުނަން އުޅެފިން. އެވަރުގެ ކުޑަ ކުދިންނަށް ވަރަށް ފަސޭހައިން މީހުންގެ އެސްފީނާ ޖެހޭނެ. އެކަމުން ޖެހޭނީ ރައްކާތެރިވެ ތިބެން އަހަރުމެންނަށް ކުރެވުނު ކަމެއް ކުރަން. އަޅެ ހިނގާބަލަ ރުގްޔާ ކުރާ މީހެއް ގާތަށް ދާން. ދޮންތައަށް އެނގޭ ވަރަށް ރަނގަޅު މީހެއް،" ސަމާ ބުންޏެވެ.
"އެކަމަކު މަންމަ؟" ޝިމާނާ ބުންޏެވެ.
"މަންމަ ގާތު އަހަރެން ބުނާނަން. މަންމަ މިކަމަކަށް ދެކޮޅެއް ނުހަދާނެ."
ސަމާ އާއި ޝިމާނާ ސަލާމް ގޮވައިލިއެވެ. ގޯތިތެރެއިން އެއްވެސް އަޑެއް ނީވުނެވެ. އަނެއްކާވެސް މަޑުކޮށްގެން ތިބީއެވެ. އެ ވަގުތު ދެބައި އުމުރުގެ އަންހެނެއް ނުކުތެވެ.
"ކީއްކުރާ ކުދިންނެއް؟" އޭނާ އަހައިލިއެވެ.
"މި އައީ ފައްޔާޒްއާ ބައްދަލުކޮށްލަން،" ސަމާ ވާހަކަ ދެއްކިއެވެ. ޝިމާނާ ހުރީ ކުޑަކޮށް ޖެހިލުންވެފައެވެ.
"މަޑުކޮށްލާ. މިތާ އިށީނދޭ،" ގޭތެރެއަށް ވަންނަން ތަން ދައްކަމުން އެ މީހާ ބުންޏެވެ.
ގޭތެރޭގައި ދުވަނީ އަތަރު ވަހެވެ. މޭޒެއްގެ މަތީގައި ދުންދަނޑިއެއް ރޯކޮށްފައި ހުއްޓެވެ. މަޑުމަޑުން ގުރުއާނުގެ އަޑު ވެސް އިވިއިވި ހުއްޓެވެ. ގޭތެރޭގައި ހުރީ ފަނޑު އަލިކަމެކެވެ. ނަމަވެސް އެއްޗެހި ވަކިވާވަރުވެއެވެ. ކުރިމަތީ ފެންނަން ހުރި ކަބަޑެއްގެ ތެރޭގައި އެކި ކަހަލަ ފުޅި ހުއްޓެވެ. ގިނައިން ހުރީ އަތަރު ފުޅި އާއި މާމުއި ފުޅިއެވެ. އަގު ބޮޑެތި އެ ފުޅިތަކުގެ ނަމާއި އަގުތައް ޖަހާފައި ހުރީ ކަބަޑުގެ ބޭރުގައެވެ. ސަމާ ވަރަށް ރަނގަޅަށް ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. މުސްކުޅި، ދުވަސްވީ ގެއެކެވެ. ހީވަނީ ގެ ހަދާފައި ހުރީ ހައިވަކަރު ފާޑުގެ އެއްޗަކުން ހެންނެވެ. ހަމަ ގައިމު އެންމެ ތަންކޮޅެއް ވެސް ރާނާފައެއް ނެތެވެ. ޓީވީއެއް ނެތެވެ. އެ މީހުން ތިބި ގޮނޑިތަކުގެ ވާތްފަރާތުގައި އުނދޯއްޔެއް ހުއްޓެވެ. އެހެން ދިމާލެއް ބަލަހައްޓައިގެން އިންނަ އިރަށް ހީވަނީ އެ އުނދޯލީގައި މީހަކު އިންނަ ހެންނެވެ. މަޑުމަޑުން ހެއްލޭހެން ވެސް ހީވެއެވެ. އެއިން އެއްވެސް ކަމެއް ޝިމާނާ ގާތުގައި ސަމާ ނުބުނެއެވެ. އޭނާ މާ ބޮޑަށް ބިރުގަނެފާނެތީއެވެ. ގޭތެރޭގައި މި ޒަމާނުގެ އެއްޗެއް މަދެވެ. އެއްކޮށް ވެސް ފެންނަން ހުރީ ކުރީ ޒަމާނުގެ އެއްޗެއްސެވެ.
ފަރުދާއެއް ކަހާލާފައި ދެބައި އުމުރުގެ ފިރިހެނެއް ނުކުތެވެ. ސަމާ ވެސް އޭނާ ދަންނަނީ ނަމުންނެވެ. ދުވަހަކު ވެސް ނުދެކެއެވެ. އެހެންކަމުން ލަފާކޮށްލީ އެއީ ފައްޔާޒު ކަމަށެވެ. އޭނާ ސަލާން ގޮވައިލިއެވެ.
ސަމާ އާއި ޝިމާނާ ގޮނޑިން ތެދުވިއެވެ. ނަމަވެސް ފައްޔާޒު، އިށީނުމަށް ބުންޏެވެ.
"އަހަރެންނަކީ މާ ގިނަ ވާހަކަ ދައްކާ މީހެއް ނޫން. މާ ދިގުކޮށް ވާހަކަ ދައްކާ މީހެއް ވެސް ނޫން. ސީދާ އެކަމަށް އަހަރެން ސުވާލުތައް ކުރާނީ. އެންމެ ރަނގަޅުތަ؟" ފޮތެއް ހުޅުވާލަމުން ފައްޔާޒު ބުންޏެވެ. ސަމާ ބަލައިލީ ޝިމާނާއަށެވެ. އަދި ވަގުތުން އާނއެކޭ ބުންޏެވެ.
"ސަމާ ދޯ ކިޔަނީ؟ ދަރިފުޅަށް ކިހިނެކޭ ވީ؟" ފައްޔާޒު އެހިއެވެ.
"މިއީ އަހަރެންގެ ކޮއްކޮ. ކޮއްކޮ ދަރިފުޅު މާ ގިނައިން ރޮނީ. އެއްވެސް ކަމެއް ކުރިޔަސް ހުއްޓައެއް ނުލާ. ގުރުއާން ޖެހިޔަސް ހަމަ ރޮނީ، ރޮނީ،" ވީހާ ވެސް ކުރުކޮށް ސަމާ ބުންޏެވެ.
"އެހެންވީމާ ކޮއްކޮއާ ވާހަކަ ދައްކާނީ. ކޮން ނަމެއް ކިޔަނީ؟" ސަމާ ނަން ބުންޏެވެ. އަދި ދަރިފުޅަށް ކިޔާ ނަން ވެސް ބުންޏެވެ.
"އަހަރެން ގުރުއާން ކިޔަވާލާނަން. ޝިމާނާއަށް އުނދަގޫވަންޏާ ބުނާތި. މި އުޅެނީ އެއްޗެއް ބަލާލަން. މަންމަ ފަރާތުން ވެސް ދަރިފުޅަށް ސިހުރު ނުވަތަ އެސްފީނާ ޖެހިފައި ހުރޭ. އެހެންވީމަ އެކަން ޖެހޭނެ ބަލާލަން،" ފައްޔާޒު އޮޅުންފިލުވައިދިނެވެ.
އެހެން ކިޔާފައި ކިޔަވަން ފެށިއެވެ. ޝިމާނާއަކަށް އެއްވެސް އުނދަގުލެއް ނުވެއެވެ.
އެވަގުތަކީ އަދީން ގޮވައިގެން ހަބީބާ ފިހާރައަކަށް ދާން ނުކުމެ އުޅުނު ވަގުތެކެވެ. ހަބީބާ އުރައިގެން ހުރިއިރު އަދީން ހަމަ ރޮނީއެވެ. ހަބީބާ އުޅުނީ އެ ކުއްޖާ މައިތިރި ނުވެގެންނެވެ. ފައްޔާޒް ކިޔެވި ވަރަކަށް އަދީންގެ ރުއިން އިތުރު ވަމުން ދިޔައެވެ. ހަބީބާއަށް ކެތްނުވެގެން ޝިމާނާއަށް ގުޅިއެވެ.
"ދަރިފުޅާ، މި ސޮރު ހަމަ ރޮނީ. އެއްގޮތަކަށްވެސް ހުއްޓާ ނުލާ،" ހަބީބާ ބުންޏެވެ.
"މި ދަނީ މަންމާ. އެހާ ގިނަ އިރެއް ނުވާނެ،" ޝިމާނާ ބުންޏެވެ.
"ދަރިފުޅު ރޯން އެ ފެށީ އަހަރެން ކިޔަވަން ފެށީމަ. ތި ހީވީ ރަނގަޅަށް. ދަރިފުޅަށް ވަނީ މީހެއްގެ އެސްފީނާ ވަރަށް ބޮޑަށް ޖެހިފައި،" ފައްޔާޒު ބުންޏެވެ. ޝިމާނާގެ މޫނުމަތިން ހާސްކަން ފެނުނެވެ.
"ހާސްނުވޭ. އެކަމަށް ފަރުވާ ވެސް ހުންނާނެ. އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ. އަހަރެން ދޭނަން ކިޔަވާފައި ހުރި ފެނެއް. އެ ސޮރަށް އެ ފެން ބޯންދީ. ދެން ދޭނަށް މާފެން ފުޅިއެއް. އޭތި އެ ސޮރު ހަށިގަނޑުގައި ދުވާލަކު ދެ ފަހަރު އުނގުޅާލާ. ﷲގެ ރަހުމަތުން ވަރަށް އަވަހަށް ރަނގަޅުވާނެ،" ފައްޔާޒު ބުންޏެވެ. ޝިމާނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ކަހަލައެވެ. ނަމަވެސް ހަމީޝް ގާތުގައި އެ ވާހަކަ ބުނާނެ ގޮތެއް ނުވިސްނުނެވެ. ޝިމާނާއަކީ ހަމީޝްއަށް އެއްވެސް ކަމެއް ސިއްރު ކުރާ މީހެއް ނޫނެވެ. އެއްވެސް ކަމެއްގައި މަކަރުހަދައި އޮޅުވާލި މީހެއް ނޫނެވެ. ވީމާ މިއަދު މިކަން ކުރެވުނީތީ އޭނާ ދެރަވެއެވެ. ނަމަވެސް ދަރިފުޅުގެ ރައްކާތެރިކަމަށް ކުރެވެން ހުރި ހުރިހާ ކަމެއް ޝިމާނާ ކުރާނެއެވެ.
ޝިމާނާ އާއި ސަމާ ގެއަށް ވަނެވެ. ހަބީބާ އުޅުނީ އޭރު ވެސް އަދީން ރުއިން ހުއްޓާނުލައިގެންނެވެ. އެތައް މަސައްކަތެއް ކޮށްގެން ވެސް އަދީން ހުއްޓައެއްނުލިއެވެ. ޝިމާނާ ގޮސް އަދީން އުރާލިއެވެ.
"ދަރިފުޅުމެން ދިޔަތާ އިރުކޮޅެއް ފަހުން ރޯން ފެށީ. ފެށި ގޮތަށް ހުއްޓާ ވެސް ނުލި. އެއް ކަމެއް ކޮށްގެން ވެސް ރަނގަޅެއް ނުވި. މަންމަ ހީކުރީ ބަނޑުހައި ވަނީ ކަމަށް. އެކަމަކު އެހެންނެއް ވެސް ނުވި. ނޭނގެ ކީއްވެ ކަމެއް އެ ވަރަށް އެ ރުއީ،" ހަބީބާ ކިޔައިދިނެވެ. ޝިމާނާ އާއި ސަމާ އެކަކު އަނެކަކަށް ބަލާލިއެވެ.
"ވެދާނެ ނިދިއައިސްގެން ކަމަށް ވެސް. ދާނަން ނިދާތޯ ބަލާލަން،" ހިނގައިގަންނަމުން ޝިމާނާ ބުންޏެވެ.
ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. ފެނިލާ އެންމެ ފެނިލުމަކުން ވެސް މީހަކު ދެކެ ލޯބި ވެވިދާނެއެވެ. އެ މީހަކު ވަރަށް ކަމުހިނގައިދާނެއެވެ. އެ މީހެއްގެ ކިބައިގައި ހުރި ހުރިހާ ސިފައެއް ދެކެ ލޯބިވެވިދާނެއެވެ. ނަމަވެސް ލޯތްބަކީ އެހާމެ ހިތި އެއްޗެކެވެ. ރަނގަޅު މީހަކު ދެކެ ލޯބިނުވެވިއްޖެ ނަމަ ތިމާގެ މުޅި ހަޔާތް ބަރުބާދު ކޮށްލާފާނެއެވެ. ފަރުހާއަށް ވެސް ވީ އެހެންނެވެ. ބައެއް މީހުން ބުނެއެވެ. ލޯބި ވެވޭނީ އެއް ފަހަރުއެވެ. އެއީ ފަރުހާ ގަބޫލު ކުރާ ކަމެއް ނޫނެވެ. ކަމުދާ މީހަކު ފެނުމުން ލޯތްބަށް ބަދަލުވާން ނަގަނީ ހިނދުކޮޅެކެވެ. އެ މީހެއްގެ އެންމެ ފެނިލުމަކަށް އިންތިޒާރު ކުރެވެއެވެ. އެ މީހެއްގެ އެންމެ ބަހެއް އަޑުއަހާލަން ކަންފަތް އެދި ގޮވައެވެ. ފަރުހާގެ ހިތް އެދި ގޮވަނީ އެންމެ މީހަކަށެވެ. ބޭނުންވަނީ ވެސް އެންމެ މީހެކެވެ.
"އޭނ؟" ހައިރާންވެފައި ހަމީޝް ބުންޏެވެ. "މާނާ ކީއްވެ އަހަރެން ގާތު ނުބުނީ؟ ތި ވަރުގެ ކަމެއް ކުރާ އިރު ބުނެލަން ވާނެއެއްނު. ތިއީ ހާދަ ބޮޑު ކަމެކޭ. ތިކަހަލަ ކަންކަމުގެ ތެރެއަށް ވަދެ އުޅެނިކޮށް ކޮންމެ ފަދަ ކަމެއް ވެސް ވެދާނެ."
"އަހަރެން އުޅުނިން ބުނަން. އެކަމަކު ހަމީޝް އެކަމާ ގަބޫލު ނުވެދާނެތީ..." ޖެހިލުންވެ އިނދެ ޝިމާނާ ބުންޏެވެ.
"ތިއީ މާނާ ހީކުރި އެއްޗެއްނު. ދަރިފުޅު އެ ވަރަށް ރޯތީ އަހަރެން ވެސް ވަރަށް ކަންބޮޑުވޭ. އެކަމަކު ގިނަ މީހުން ބުނަނީ އެ އުމުރުގައި ރޯނެއޭ. އެހެންވެ އަހަރެން އެހާ ވަރުން އަޅާނުލީ. އަހަރެން ވަރަށް ދެރަވެއްޖެ މިއަދު. ތި ވަރުގެ ބޮޑު ކަމެއް އަހަރެންނާ ހިއްސާ ނުކުރީތީ،" އެނދުގައި އިށީންނަމުން ހަމީޝް ބުންޏެވެ.
"ދެން ޝެއާ ކުރާނަން. ހުރިހާ ކަމެއް ވެސް ބުނާނަން. މިފަހަރު މައާފުކޮށްދީ،" އާދޭހުގެ ރާގެއްގައި ޝިމާނާ ބުންޏެވެ.
"ދެން އަޅާނުލާ. ކީކޭތަ އެ މީހާ ކިއީ؟" ހަމީޝް އަހާލިއެވެ.
"އޭނަ ވަރަށް ގިނަ ވާހަކަ ދެއްކި. ބުނި ފެންފުޅިއެއް ވެސް ދޭނަމޯ. ދެން އެ ގެއަށް ދާ ފަހަރަކުން ހަމީޝް ދާނަން ދޯ؟ އޭރުން ހަމީޝް ބޭނުންވާ ސުވާލެއް ވެސް ކުރެވޭނީ،" ޝިމާނާ އެހެން ބުނުމުން ހަމީޝް ބޯ ޖަހައިލިއެވެ. ހަގީގަތުގައި އެކަހަލަ ކަންކަން ދެކެ ހަމީޝް ވަރަށް ބިރުގަނެއެވެ. ޖެހިލުންވެއެވެ.
- ނުނިމޭ -