ވާހަކަ: ދައުވަތު
ވާހަކަ: ދައުވަތު - ހަވަނަ ބައި
އެޕިސޯޑް 6
"އެކަމަކު ފިރިއެއްގެ އޯގާތެރިކަން ވެސް އޭނައާ ކުދިންނަށް ވަރަށް މުހިންމުވާނެ ދޯ؟" ޝިމާނާ ބުންޏެވެ.
"ކޮންމެ މީހަކަށް ވެސް ބައިވެރިއަކު މުހިންމުވާނެ،" ހަމީޝް ބުންޏެވެ.
އަދީން ގޮވައިގެން ޝިމާނާ އިނީ އާޓިފިޝިއަލް ބީޗްގައެވެ. ކައިރީގައި ސަމާ ވެސް އިނެވެ. ދެ މީހުން ދައްކަމުން ދިޔައީ ދިރިއުޅުމުގެ މުހިންމު ވާހަކަތަކެވެ. ދިރިއުޅުމަކީ ތިމާ ބޭނުންހާ ގޮތަކަށް ގެންދެވޭނެ އެއްޗެއް ނޫނެވެ. ކިތަންމެ ބޭނުންނުވާ ކަންކަމާ ވެސް ކުރިމަތިލާން ޖެހެއެވެ. ވަކި އަމާޒެއްނެތި، މިސްރާބެއް ނެތި ދަތުރު ކުރަމުން ދާ މީހުން ވެސް މަދެއް ނުވާނެއެވެ. އަމާޒަށް ތީރު ޖަހަން ދޫނުކޮށްލާހާ ހިނދަކު އެއީ ތިމާގެ ބާރުގެ ދަށުގައިވާ އެއްޗެކެވެ. އެކަމަކު ތީރު ދޫކޮށްލުމަށް ފަހު އެއަކަށް ތިމާގެ އެއްވެސް ބާރެއް ނުފޯރުވޭނެއެވެ. ތީރު ދާންވީ މިސްރާބު ވެސް ތިމާއަކަށް ކަނޑައެއް ނޭޅޭނެއެވެ.
"މާނާ ކޮން ކަމަކާ ތި ހާސްވަނީ؟" ސަމާ އަހާލިއެވެ.
"ކަމަކާ ހާހެއް ނުވޭ. އެކަމަކު ހުންނަނީ ހިތްނުތަނަވަސްވެފައި. ފަހަކަށް އައިސް ވާން ފެށި ގޮތެއް މިއީ،" ޝިމާނާ ބުންޏެވެ.
"އަޅެ ވިސްނާލާފައި ބުނެބަލަ. ދުލުކުރިއަށް ނަޔަސް ހިތުތެރޭގައި އެކަމެއް ފޮރުވައިގެން ހުރުމުން އިތުރަށް ލިބޭނީ ތަކުލީފާއި ވޭން،" ސަމާ ބުންޏެވެ. "ހަމީޝްއާ މައްސަލައެއް ޖެހުނީތަ؟"
"ނޫން. ތިކަހަލަ އެއްވެސް ކަމެއް ނުވޭ. ހަމީޝް އެއީ ހަމަ ބެސްޓް،" އަވަސްއަވަހަށް ޝިމާނާ ބުންޏެވެ.
"ހަޔާތުގައި ތިމާ ބޭނުންވާ ހުރިހާ ކަމެއް ފުރާ ފުރިހަމައަށް ލިބިފައި ހުއްޓަސް ހިތުގައި ނުތަނަވަސްކަން ވަނީ ކީއްވެބާއޭ އަހަރެން ހިތަށް އަރަނީ. ދަތުރު ކުރަމުން މިދާ ކަނޑުގައި އެންމެ ބާންޏެއް ވެސް ނެތް. ވައި އެހާ މަޑު. ނަމަވެސް އެ މަޑުވުމުގެ އަޑީގައި ކޮންމެވެސް ކަހަލަ ސިއްރެއް ވާނެ. ނަގަން ތައްޔާރުވެފައިވާ ކޮންމެ ރާޅެއްގެ ފުންމިނުގައި ތޫފާނެއް ވާނެޔޭ ހިތް ބުނަމުން ދަނީީ،" ޝިމާނާ އިނީ މޫދާ ދިމާލަށް ބަލަހައްޓާއިގެންނެވެ.
"ތިއީ ވާހަކައެއްގެ ތަންކޮޅެއްތަ ނޫނީ ބަންޖެއްތަ؟" ސަމާސާކޮށްލަމުން ސަމާ ބުންޏެވެ.
"ދޮންތައަކަށް ނޭނގޭނެ."
"އެހެންވެތާ މި ބުނީ ކިޔައިދޭށޭ. އޭރުންނެއްނު އެނގޭނީ،" ސަމާ ބުންޏެވެ.
"އަޅާނުލާ. ހިނގާ ގެއަށް ދާން. މިހާރު އެ އުޅެނީ އިރުއޮއްސެން،" ޝިމާނާ ބުންޏެވެ.
ސުކޫލުގައި ކިޔަވައިދެމުން ދިޔަ ގަޑިއެކެވެ. ޝިމާނާ ހުރީ ފިލާވަޅެއް ކިޔައިދޭށެވެ. ބައެއް ކުދިން ސަމާލުކަން ދިނެވެ. އަނެއްބައި ކުދިން ތިބީ އަމިއްލަ ވާހަކައިގައެވެ. ފިލާވަޅު ނަގައިދެމުން ދިޔަ އިރު ވެސް ޝިމާނާގެ ވިސްނުން ހުރީ އެހެން ދިމާލަކަށެވެ. ހިތާ ހަނގުރާމަ ކުރަމުން މޫނުމަތިން ދައްކަމުން ދިޔައީ ހިނިތުންވުމެވެ.
ކުލާސް ނިމުނު އިރު ހަތަރެއް ޖަހައިފިއެވެ. ފައިލްތަކާއި ފޮތްތައް ހަމަކޮށްފައި ކަބަޑުތެރެއަށް އެޅިއެވެ. އަދި ގޮނޑިތަކާއި މޭޒުތައް ތަރުތީބުކޮށްލިއެވެ. ކުލާހުން ނުކުމެގެން ގޮސް ބެލްކަނީގައި ޝިމާނާ އިށީނެވެ.
"ހާދަ އެކަނިވެރިން ގިނައޭ މި ސުކޫލުގައި،" ކައިރީގައި އިށީންނަމުން މަދީހާ ބުންޏެވެ. "އަނެއް ކުލާހުގައި އެބަ އިން ފަރުހާ ވެސް. ހަމަ އެކަނިމާއެކަނި."
"މާނާ ވެސް ފަރޫ ކައިރިން ދަސްކުރީ ކަންނޭނގެ އެކަނި އުޅެން،" ޒައިނާ ބުންޏެވެ.
"ނޫނޭ. އަހަރެން ހަމަ މިތާ މަޑުކޮށްލައިގެން ހުރީ،" ޝިމާނާ ބުންޏެވެ.
"ކޮބާތަ ދަރިފުޅު؟ އޭނަ ރަނގަޅުތަ؟" ޒައިނާ އަހައިލިއެވެ. "އަދި އެއް ދުވަހުން ތިގެއަށް ދާނަން އަދީން އުރާލަން."
"ދަރިފުޅު ވަރަށް ރަނގަޅު. އެކަމަކު މި ފަހަކަށް އައިސް ރޭގަނޑަށް ވަރަށް ގިނައިން ރޯނެ. ނޭނގެ ކީއްވެ ކަމެއް. އެއްވެސް ކަމެއް ކޮށްގެން ހުއްޓާނުލާ،" ކަންބޮޑުވެފައި ޝިމާނާ ބުންޏެވެ.
"އެސްފީނާއަށް ފެން އަޅާބަލަ،" ވަގުތުން މަދީހާ ބުންޏެވެ.
"އެއްކަލަ މަދީ،" ޒައިނާ ބުންޏެވެ. "ހަމަ ކަމެއް ވާ އިރަށް އެސްފީނާ އާއި ސިހުރާ ގުޅުވާލާނެ."
"އެއީ ދިމާވާ ކަންކަމޭ. ހާއްސަކޮށް އެ އުމުރުގެ ކުދިންނަށް ވަރަށް ފަސޭހައިން ޖެހޭނެ. އެކަމަށް ފޔަވަޅު އެޅުން އެއީ ގޯސް ކަމެއް ނޫނޭ،" މަދީހާ ސީރިއަސްވިއެވެ.
"އެކަމަކު ތިކަހަލަ ކަންކަން ހަމީޝް ގަބޫލެއް ނުކުރާނެ،" ޝިމާނާ ބުންޏެވެ.
"މަންމަ ގާތު ބުނެބަލަ. މަންމައާ ދެ މީހުން ވެގެން އެކަން ކުރޭ. ހަމީޝް ގަބޫލު ނުކުރަންޏާ އޭނައަށް އެކަން އަންގާނެ ކަމެއް ނެތް. އެއީ މާ ބޮޑު ކަންތައްގަނޑެއް ކުރުމެއް ނޫނޭ،" މަދީހާ ބުންޏެވެ. "ދަރިފުޅުގެ ފޮޓޯ މީހުންނަށް ފޮނުވަންތަ؟"
"ނޫން. ވަރަށް މަދުން އާއިލާ މީހުންނަށް. ދެން ތި މީހުންނަށް. ދެން އާއިލާ އާއި ރައްޓެހިންތެރޭގައި ނޫޅޭނެއެއްނު މަށަށް ގެއްލުން ދޭ ކަހަލަ މީހެއް،" ހަމަޖެހިލާފައި ޝިމާނާ ބުންޏެވެ.
"ތިއެއް ނޭނގޭނެ. ރަނގަޅަށް އަޑުއަހާތި. ޢާއިލާ މީހުންނާއި އެކުވެރިންނަށް ވެސް އިތުބާރު ކުރަން ވާނީ ވަކި ވަރަކަށް. ކީއްވެ؟" ޒައިނާއާ ދިމާލަށް ވައްކަޅިން ބަލާލަމުން ޝިމާނާ ގާތު މަދީހާ ބުންޏެވެ.
"ތިހެން ތި ބުނީ ކީއްވެ ކަމެއް ނުވިސްނުނު،" ޝިމާނާ ބުންޏެވެ. އަހަރެން ހަމަ ގައިމުވެސް އަހަރެންގެ ފިރިމީހާ އާއި އާއިލާ މީހުންނަށް ވަރަށް އިތުބާރު ކުރަން. މީހުންނަށް އިތުބާރު ނުކޮށެއް ދުނިޔެއަކު ނޫޅެވޭނެ."
މަދީހާ ވެސް ކުރިން ހީކުރީ ހަމަ އެހެންނެވެ. ނަމަވެސް އުފާވެރި ހަޔާތުގެ މައްޗަށް ކަޅު ވިލާގަނޑެއްގެ ނުބައި އަސަރު ކުރުވީ އެހެން އަންހެނެއްގެ ސުންޕާކަމުންނެވެ. ނަމަވެސް އެކަމުގައި މަދީހާ ކުށްވެރިކުރާނީ އެ އަންހެން މީހާ އެކަންޏެއް ނޫނެވެ. މަދީހާގެ ފިރިމީހާ ވެސް އެ ކަމުގައި ދާދި އެއްވަރެވެ. އުފާވެރި ފެށުމަކުން ހަޔާތް ފެށުނީ އެކަހަލަ ކަމަކަށް އެއްވެސް އުންމީދެއް ނުކޮށް ހުއްޓައެވެ. ހީކުރެވުނީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނީ ކަމަށެވެ. ދެ ކުދިން ލިބުނީ ނުވެސް އެނގި ހުއްޓައެވެ. ބަލަބަލާ ހުއްޓާ ދެ ދަރިން ބޮޑެތިވިއެވެ. ކިޔަވާ ނިމުނެވެ. ކުރިން ހީކުރެވިފައިނުވާ މައްސަލައެއް ފެންމަތިވިއެވެ. ފިރިމީހާ އެހެން ގެއަކުން މާ ގިނައިން ރޭގަނޑު ފެންނަ ވާހަކައެވެ. އެ ގެއިން ވަދެ ނުކުންނަ މަންޒަރު ރައްޓެހިންނަށް ފެނި އެ ވާހަކަ މަދީހާއާ ހިސާބަށް އައީއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަދީހާ ވަރިކޮށް އެ އަންހެންމީހާއާ ކައިވެނި ވެސް ކުރީއެވެ. ފަހުން އެނގުނު ގޮތުގައި އެއީ ސިހުރު ހަދާ އަންހެނެކެވެ. މަދީހާގެ ފިރިމީހާއަށް ހުރީ ރަނގަޅު އެއްޗެއް ކާންދީފައެވެ.
"އެކަމަކު އެހެން އެވީ އޭނަ ވެސް އެ އަންހެންމީހާ ގާތަށް ދިޔައިމަ ދޯ؟" ޒައިނާ ބުންޏެވެ.
"އަހަރެން ފިރިމީހާއަށް އިތުބާރު ކުރަން،" ޝިމާނާ އެހެން ބުނެފައި ހިނގައިގަތެވެ.
"އޭތް، މާނާ ރުޅިއައީތަ؟ އަހަރެން ނުބުނަމޭ ހަމީޝް އެހެން އުޅޭނޭ. ދަރިފުޅުގެ ވާހަކަ ބުނީމަ އަހަރެންގެ ހަޔާތުގައި ދިމާވި ކަމެއް މި ހިއްސާ ކޮށްލީ. މަޑުކޮށްބަލަ. މިތާ އިށީނދެބަލަ،" ޝިމާނާގެ އަތުގައި ހިފާފައި ބައިންދަމުން މަދީހާ ބުންޏެވެ.
"އެއީ ތެދެއް މާނާ. ތިހާ ވަރަށް ދަރިފުޅު ރޮންޏާ ޖެހޭނެ އެސްފީނާއަށް ވެސް ބަލާލަން،" ޒައިނާ އެއްބަސްވިއެވެ. ޝިމާނާ ވިސްނާލިއެވެ.
އެ ވަގުތު ޝިމާނާ ބަލާ ހަމީޝް އައެވެ. ސައިކަލުގައި ގެއަށް ދިޔަ އިރު ވެސް ޝިމާނާ އިނީ މަދީހާ ދެއްކި ވާހަކައާ މެދު ވިސްނާށެވެ. އެހެން ވެދާނެބާވައެވެ؟ ވެއްޖެ ނަމަ އެއީ ކާކުގެ އެސްފީނާއެއް ހެއްޔެވެ؟ ޝިމާނާ ހިތްބިރުގަންނަ ގޮތްވިއެވެ. އެ ވާހަކަ ހިއްސާ ކުރަން އެންމެ ރަނގަޅު ވާނީ ސަމާއާއޭ ހިތަށް އެރިއެވެ.
"ދޮންތަ ގަބޫލު ކުރަންތަ ސިހުރާއި އެސްފީނާ؟" ޝިމާނާ އަހާލިއެވެ. ދެ މީހުން ތިބީ ޓެރަހުގައެވެ.
"އޭނ؟" ޝިމާނާ ކުރި ސުވާލުން ސަމާ ސިއްސައިގެން ދިޔައެވެ. "ކީއްވެ ކުއްލިއަކަށް ތި މައުލޫއުއަށް ތި ދިޔައީ؟ ކަމެއް ވީތަ؟"
"ބުނެބަލަ ދެން. ގަބޫލު ކުރަންތަ؟" ޝިމާނާ ބުންޏެވެ.
"އާނ. އެއީ ވަރަށް ނުރައްކާތެރި ދެ ކަންތައް. މާނާ އަޑެއް ނާހަންތަ؟ މާމަ ވެސް ނިޔާވީ ސިހުރު ޖެހިގެންނޭ. މާނާ ވަރަށް ކުޑަވާނެ އޭރު. އެހެންވެ ހަނދާނެއް ނުހުންނާނެ ދޯ؟" ސަމާ ބުންޏެވެ.
"މާމައަށް ކިހިނެއްވީ؟" ޝިމާނާގެ ޝައުގުވެރިކަން އިތުރުވިއެވެ.
"އިހަށް ބުނެބަލަ، މާނާއަށް ކިހިނެއް ވެގެން ތި އުޅެނީ؟" ސަމާ އަހާލިއެވެ.
"ކަމެއް ނުވެއޭ، މިއަދު ސުކޫލު ތެރޭގައި އެކަހަލަ ވާހަކައެއް ދެކެވުނީމަ ހިތަށްއެރީ ދޮންތަ ގާތު އަހާލާނަމޭ އެއީ ހަމަ އަސްލަށް ވެސް ވާ ކަމެއްތޯ،" ޝިމާނާ އިނީ އެކަހަލަ ކަންކަން ގަބޫލު ކުރަން ބޭނުން ނުވެފައެވެ. ނަމަވެސް މިއަދު ހާލަތު ތަން ދެނީ އެ ދިމާލަށެވެ.
"ކޮންމެވެސް ކަމެއް ވެއްޖެ. އެހެން ނޫން ނަމަ ތިހާ ސީދާކޮށް އަހަރެން ގާތު ތި ސުވާލެއް ނުކުރާނެ. ބުނެބަލަ، ކިހިނެއްވީ؟" ސަމާ އަނެއްކާވެސް ސުވާލު ކުރިއެވެ.
"އަދީން މާ ގިނައިން ރޯތީ އެކަހަލަ ޝައްކެއް ވަނީ. މަދީހާ ބުނީ އެކަން ބަލާލަންވީ ނޫންހޯ. އަހަރެން ބުނިން އެކަހަލަ ކަންކަން ހަމީޝް ގަބޫލެއް ނުކުރާނޭ. ދޮންތަ ކީކޭ މިކަމާ ބުނަނީ؟" ނުބުނަން އުޅުނު ވާހަކަ ޝިމާނާ ބުންޏެވެ.
- ނުނިމޭ -