ވާހަކަ: ދައުވަތު

ވާހަކަ

ވާހަކަ: ދައުވަތު - ފަސްވަނަ ބައި

ހެޔޮ ނިޔަތުގައި ދިން ދައުވަތެކެވެ.
17 އޮކްޓޯބަރު 2024

އެޕިސޯޑް 5

"ކިހިނެއް ހަމީޝްގެ ނަން އެނގުނީ؟" ހައިރާންވެފައި ޝިމާނާ އެހިއެވެ.

"މާނާ ވާހަކަ ދެއްކި ދުވަހެއްގައި ބުނީމެއްނު. ހަނދާނެއް ނެތްތަ؟" ފަރުހާ ދޮގެއް ހަދާލިއެވެ.

"އެހެންތަ؟ ބުނެވުނީ ކަންނޭނގެ،" ޝިމާނާ ހަނދާންކޮށްލަމުން ބުންޏެވެ.

"އެކަނިތަ ތި އުޅެނީ؟ ކޮބާ ކުދިން؟" ޝިމާނާ އަހާލިއެވެ.

"އެތިބަ ކުޅެނީ. އެކަނިވެރިން އުޅޭނީ އެކަންޏެއްނު. ހުރިހާ އެންމެން މާނާހާ ނަސީބު ރަނގަޅެއް ނުވާނެ. ހެޔޮ ފިރިއެއް ލިބުން އެއީ ހާދަ ބޮޑު ނިއުމަތެކޭ،" ފަރުހާ ބުންޏެވެ. ފަރުހާ ވާހަކަ ދައްކަމުން ދިޔަ އިރު ވެސް ނަޒަރު އަމާޒު ވެފައި ހުރީ ދުރުން ފެންނަން ހުރި ހަމީޝްއަށެވެ. އެއީ ބަލާ ފޫހިނުވާ ކަހަލަ މޫނެކެވެ. ފަރުހާއަށް އެހެން ދިމާލެއް ނުބެލެއެވެ. ނަމަވެސް އެކަން ޝިމާނާއަކަށް ފާހަގައެއް ނުވެއެވެ.

"އާނ. ތި ބުނީ ވަރަށް ބޮޑު ތެދެއް. ހަމީޝްއަކީ ހަމަ ނިއުމަތެއް. އޭނަ ހާދަ ރަނގަޅޭ. ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި ވިޔަސް އަހަރެންނާ މެދު ވިސްނާނެ. ހާލު ބަލާނެ. އެހާ ވަރަށް ކެއާ ކުރާނެ،" ހަމީޝްއާ ދިމާލަށް ބަލާލަމުން ޝިމާނާ ބުންޏެވެ.

"އެހެންވެއޭ މި ބުނީ އެންމެން ތިހާ ނަސީބުގަދައެއް ނުވާނޭ. އަހަރެން ބުނީމެއްނު ޝެއާ ކޮށްލަން ބޭނުން ވާހަކަތަކެއް އެބަ ހުއްޓޭ،" ފަރުހާ ހަނދާންކޮށްދިނެވެ.

"އާނ. އަހަރެން މި ހުންނަނީ ހަނދާން ނެތިފައޭ. އެކަމަކު މި ގަޑީގައި..."

"އިރުއޮއްސެނީއެއްނު. ހިނގާ ގެއަށް ދާން،" ހަމީޝް އައިސް ބުންޏެވެ.

"ހަމީޝް. މިއީ ފަރޫ. އަހަރެންގެ ކޮލީގެއް. ފަރޫ، މިއީ ހަމީޝް. އަހަރެންގެ ފިރިމީހާ،" ދެ މީހުން އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލިއެވެ. އެހާ ގާތުން ހަމީޝް ފެނުމުން ފަރުހާގެ ހިތަށް ވީ ގޮތް ބުނެދޭކަށް ނޭނގުނެވެ. މުޅި ހަށިގަނޑުގައި އަވަސް ވިންދެއް ޖަހަން ފެށިއެވެ. އަތްފައި ފިނިވިއެވެ. ހިތުގައި މަޑު މިއުޒިކެއް ކުޅެވެމުން ދިޔައެވެ. މޫނުމައްޗަށް ވެރިވި ހިނިތުންވުން ފަނޑުވެގެންނެއް ނުދިޔައެވެ. އެންމެ ހިމަ ނާރާ ހިސާބަށް އެ ފޮނި އިހުސާސްތައް އަސަރު ކުރުވިއެވެ.

ކުއްލިއަކަށް ކުރިމަތިން ހަމީޝް ގެއްލުނެވެ. ފަސްދީފައި ދާތަން ފެނުމުން، ކުރެވުނު އިހުސާސްތައް ބިލާހަކަށްވިއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހިތަށް ގެނުވި ހަމަޖެހުން ނުތަނަވަސްކަމަކަށް ބަދަލުވެގެން ދިޔައެވެ. ޖޯލިން ތެދުވެފައި ބަލަހައްޓައިގެން ހުރެވުނީ ދެމަފިރިން އެކުގައި ހިނގާފައި ދާ މަންޒަރަށެވެ. އެއީ ބަލަން އުނދަގޫވި ކަމެކެވެ. ތުންފަތަށް ވެރިވި ހިނިތުންވުން ބަދަލުވީ ރުޅިވެރި ކަމަކަށެވެ.

އަދީންއަށް ހަތަރު މަސްވުމުން ޝިމާނާ ވަޒީފާއަށް ނުކުންނަން ފެށިއެވެ. ހަބީބާއާ އަދީން ހަވާލުކޮށްފައި ދާން ހިޔާލު ދިނީ ހަމީޝްއެވެ. ޝިމާނާ ސުކޫލަށް ދާން ފެށީ ދާ ހިތަކުން ނޫނެވެ. ފުރަތަމަ ކަމަކީ ދަރިފުޅު އެހާ ކުޑަ އިރު ދާން ބޭނުން ނުވަނީއެވެ. ދެވަނަ ކަމަކީ މިހާރު ވަޒީފާއަށްދާ ހިތް ނުވަނީއެވެ. އޭނަގެ ހުރިހާ ވަގުތެއް ހުސް ކުރަން ބޭނުންވަނީ އަދީންއަށެވެ. އެއީ އޭނައަށް ލިބޭ ހިތްހަމަޖެހުމެވެ. ލިބޭ އުފާވެރިކަމެވެ. ނަމަވެސް ކިޔެވި އެއްޗެއްގެ ބޭނުން ކުރުމުގެ ނިޔަތުގައި ސުކޫލަށް ދާން ފެށިއެވެ. ދުވަސްގަނޑެއް ކޮށްފައި ސުކޫލަށް ދިޔުމުން އާ ކަންކަން ފެންނަން ފެށިއެވެ. ހުރިހާ އެންމެން ވެސް ތިބީ ޝިމާނާގެ އިންތިޒާރުގައި ކަމަށް ހީކުރެވުނެވެ. ކީ މަރުހަބާގެ ހޫނުކަމުންނެވެ.

ފަރުހާ އިނީ ކުލާސް ނިންމާފައި ގެއަށް ދާ ހިތް ނުވެފައެވެ. އެ މަންޒަރު ޝިމާނާއަށް ފެނުނެވެ. މިލާމޯޅިވެފައިވާ ފަރުހާގެ މޫނު ފެނުމުން، ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ޝިމާނާއަށް ވިސްނުނެވެ.

"ހާދަ ފާޑަކަށް ތި އިންނަނީ. ގެއަށް ވެސް ނުދަނީތަ؟" އިށީންނަމުން ޝިމާނާ އަހާލިއެވެ.

"އާނ. ނުވޭ ގެއަށް ދާ ހިތެއް. ގެއަށް ދިޔަޔަސް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭ. ދަރިން ފަރާތުން ވެސް ފެންނަނީ ބޯ ހަލާކުވާ ކަހަލަ ކަންކަން،" ފޫހިވެފައި ފަރުހާ ބުންޏެވެ.

"އެ އުމުރުގައި ކުދިން އުޅޭނީ އެހެން. މިތާގައި ވެސް ކުދިން އުޅެނީ އެހެންނެއްނު. އެކަން ޖެހޭނެ ގަބޫލުކޮށް އެކަމުން ވެސް ހިތްހަމަޖެހުން ލިބިގަންނަން. އެއީ އަނބުރާ އަންނާނެ ދުވަސްވަރެއް ނޫން. އަހަރެން ހީކުރީ ފަރުހާއަކީ ވަރަށް ވިސްނޭ މީހެއް ކަމަށް،" ޝިމާނާ ބުންޏެވެ.

"އެކަމެއް ދިމާ ނުވާ މީހަކަށް ތިހެން ބުނެލަން ފަސޭހަވާނެ. މާނާ ތި އަންނަނީ މަންމަ ގާތު ދަރިފުޅު ބާއްވާފައި. އިތުބާރު ވެސް ކުރެވޭނެ. އެކަމަކު އަހަރެން މި އަންނަނީ ކުދިން ބަލަން ބޭރު މީހެއް ގެއަށް ލާފައި. އަނެއްކޮޅުން މިތާ މިހާ ވަރުބަލިކޮށް އުޅެފައި ގޮސް ކައްކާފައި ކުދިންނަށް ކާން ދޭން ޖެހޭނެ. އެނދުގައި ޖައްސާލެވޭ އިރު ހުންނަނީ ރޭގަނޑު އެގާރަ ޖަހާ ބޮޑު ވެފައި. އެހީތެރިވާން ފިރިއެއް ހުރީކީ ނޫން،" ހިތްހަމަނުޖެހިފައި އިނދެ ފަރުހާ ވާހަކަ ދައްކަމުން ދިޔައެވެ.

"އަހަރެން ބުނީމެއްނު އެންމެން މާނާހާ ލަކީއެއް ނުވާނޭ. ފިރިމީހާ އަހަރެން ވަރިކޮށްފައި ދިޔަ ފަހުން މިހާރު ދެ އަހަރު ވެއްޖެ. އޭރުން ފެށިގެން އެކަނިމާއެކަނި މި އުޅެނީ. ކުދިންނަށް ހަރަދު ދޭނީ ވެސް އޭނަ ހިތަށް އެރިއްޔާ. އެހެންނޫނީ ނުދޭނެ. އަނެއްކޮޅުން ބައެއް ފަހަރު އަހަރެން އަތުން ވެސް ފައިސާ ނަގާނެ. ކުއްޔަށް މި އުޅެނީ. ލިބޭ އެއްޗަކުން ހަމަ ކިރިޔާ މި ވަނީ. އަސްލު މި ދިރިއުޅުން މަތިން މިހާރު އަހަރެން ފޫހިވެއްޖެ،" އިސްޖަހާލަމުން ފަރުހާ ބުންޏެވެ.

"ފަރޫ ކީއްކުރަންތަ އޭނައަށް ފައިސާ ދެނީ؟" ޝިމާނާއަށް ބުނެވުނެވެ.

"އޭނައަކީ ވަރަށް އަނިޔާ ކުރާ މީހެއް. ނުދީފިއްޔާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ. ދަރިންނަށް ވެސް އެހާ ރަނގަޅެއް ނުވާނެ،" އިސްއުފުލާލަމުން ފަރުހާ ބުންޏެވެ.

"ދެން، އަދިވެސް އެކަހަލަ މީހުން އުޅޭތަ؟" ޗޮކެއް ކަނޑާލަމުން ޝިމާނާ ބުންޏެވެ.

"މާނާއަށް ތި ފެންނަނީ ހަގީގީ ދިރިއުޅުމުގެ ކުޑަކުޑަ ފަޅިއެއް. އެއީ ހިތްހަމަޖެހުމާއި އުފާވެރިކަން. ހިތްދަތިކަމާއި ވޭނާއި ތަކުލީފެއް މާނާގެ ލައިފްގައި ތަޖުރިބާއެއް އަދި ނުކުރެވޭ ކަންނޭނގެ. އެއީ ވެސް ބައެއް މީހުން ތަހައްމަލު ކުރަމުންދާ ދިރިއުޅުމުގެ ހަގީގަތެއް،" ހިނިތުންވާން މަސައްކަތް ކުރަމުން ފަރުހާ ބުންޏެވެ.

"ތި ބުނީ ތެދެއް. އަހަރެންގެ ދިރިއުޅުން ވަރަށް އުފާވެރި. ލޯބިވާ، އޯގާތެރި ފިރިއެއް އެބަ ހުރި. ދެ ފަރާތުގެ އާއިލާ ވެސް އެހާ ހިތްހެޔޮ. އަހަރެންގެ ރައްޓެހިންނާއި ރަހުމަތްތެރިން ވެސް އެހާ ރަނގަޅު. ފަރޫ ބުނާހެން އަހަރެން ވަރަށް ލަކީ. ފައިސާގެ ތަނަވަސްކަން ވެސް އެބަ ހުރި. ނަސީބަކުން ދަރިއަކު ވެސް ލިބިއްޖެ. ދެން ލައިފަށް މަދު އެއްޗެއް ނެތް،" ހިތްހަމަޖެހިލާފައި ޝިމާނާ ބުންޏެވެ.

"ދެން ތިހާ ތަނަވަސްކަން ލިބިފައިވާ އިރު ކީއްވެ ޖޮބަކަށް ތި އަންނަނީ؟" ޝިމާނާއާ ދިމާލަށް ބަލާލަމުން ފަރުހާ ބުންޏެވެ.

"އެއީ އެ ދާއިރާއިން ކިޔަވާފައި ހުރީމަ. އަނެއްކޮޅުން ގޭގައި އިންނަން ވީމައި ވަރަށް ފޫހިވާނެ. ކޮންމެވެސް ކަމެއް ކުރަން ވާނެއެއްނު. އެހެންވެ މި ތަނާ ޖޮއިންވީ. ދެން ކުޑަކުދިން ދެކެ އަހަރެން ވަރަށް ލޯބިވޭ،" ޝިމާނާ ބުންޏެވެ.

"ބައެއް މީހުން ހާދަ ތަފާތޭ ދޯ؟" ނިދަން އޮށޯވެފައި ޝިމާނާ ބުންޏެވެ.

"ކިހިނެއްވީ؟ ކާކު ތަފާތުވީ؟" އެނދުގައި ދަރިފުޅު ބާއްވަމުން ހަމީޝް ބުންޏެވެ.

"މި ބުނީ ބައެއް މީހުންގެ ލައިފް ވަރަށް ސޭޑް ވާހަކަ،" ޝިމާނާ ބުންޏެވެ.

"މަށަކަށް ނުވިސްނޭ މާނާ ތި ކިޔާ އެއްޗެއް. ކާކު ލައިފެއްތަ ސޭޑްވީ؟" ހަމީޝް ސުވާލު ކުރިއެވެ.

"އެއީ ސުކޫލުގައި އުޅޭ ޓީޗާއެއް. ފަރޫ. އޭނަ ޑިވޯސްވެފައި. އެ މީހާ ވެސް ވަރަށް ގޯސް. އެނގޭތަ؟ ފަރޫއަށް ވަރަށް އަނިޔާ ވެސް ކުރޭ. އަހަރެން ވަރަށް ފޫހިވޭ އެކަހަލަ މީހުން ދެކެ،" ހިތްހަމަނުޖެހިފައި ޝިމާނާ ބުންޏެވެ. ފަރުހާގެ ބައެއް ވާހަކަތައް ޝިމާނާ ހިއްސާކޮށްލިއެވެ.

"އެހެންވީމަ ފަރޫ ތި ހުރީ ވަރަށް އެހެން ކަހަލަ ހާލަތެއްގައި ދޯ؟" ޝިމާނާއާ ދިމާލަށް ބަލާލަމުން ހަމީޝް ބުންޏެވެ.

"އާނ. އޭނަ ކުދިން އުޅޭ ގޮތުން ވެސް ހުންނަނީ ވަރަށް ބޮލަށް އުނދަގޫވެފައި. އަހަރެން ބުނިން ކުޑަކުދިން އުޅޭނީ އެހެންނޭ. އެ އުމުރު ވެސް އަދި ދާނެ ނޫންހޭ،" ޝިމާނާ ބުންޏެވެ.

"އާނ. އޭނައަށް ވިސްނާދީ. ބުނޭ ދިރިއުޅުމުގައި ކެތްކުރަންވާނޭ. ކޮންމެ ކަމަކީ ވެސް އިމްތިހާނެކޭ،" އޮށޯވެލަމުން ހަމީޝް ބުންޏެވެ.

"އެކަމަކު ފިރިއެއްގެ އޯގާތެރިކަން ވެސް އޭނައާ ކުދިންނަށް ވަރަށް މުހިންމުވާނެ ދޯ؟" ޝިމާނާ ބުންޏެވެ.

- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް