ވާހަކަ: ދައުވަތު

ވާހަކަ

ވާހަކަ: ދައުވަތު - ހަތަރުވަނަ ބައި

ހެޔޮ ނިޔަތުގައި ދިން ދައުވަތެކެވެ.
14 އޮކްޓޯބަރު 2024

އެޕިސޯޑް 4

އެ މަންޒަރު ބަލަން ބެލްކަނީގައި ފަރުހާ ހުރީ ހިތްހަމަނުޖެހިފައެވެ. ފަރުހާގެ މޫނުމަތިން ފެނުނީ ރުޅިވެރިކަމެވެ. ކީއްވެ ހެއްޔެވެ؟ ފަރުހާ ބޭނުންވީ ޝިމާނާ ގާތުގައި ވާހަކަ ދައްކަން އިންނާށެވެ. ނަމަވެސް އޭނާގެ ވާހަކަ މެދުކަނޑާލާފައި ޝިމާނާ ނުކުމެގެން ދިޔުމުން ފަރުހާ ހިތްހަމަނުޖެހުނެވެ. އެކަމާ އެއްޗެއް ބުނަން ބޭނުންވިއެވެ. ނަމަވެސް ދެން ދިން ހަބަރަކުން އަނގައިން އިތުރު ބަހެއް ބޭރެއް ނުވިއެވެ. ފަރުހާއަށް މިވަނީ ކީއްކަން އޭނާއަށް އެނގެއެވެ. ކުރަން އުޅެނީ ކޮން ކަހަލަ ކަމެއް ކަން ވެސް އޭނާއަށް ވިސްނެއެވެ. ނުވިސްނޭ ކަމަކީ ކަމުގެ ބޮޑުމިނެވެ.

"ހުރިހާ ކަމެއް ވެސް ނޯމަލް، ވަރަށް ރަނގަޅު،" ޑޮކްޓަރު ބުންޏެވެ. ޝިމާނާ އާއި ހަމީޝް އެކަކު އަނެކަކު އަތުގައި ހިފާލިއެވެ.

"އެކަމަކު ފުރަތަމަ ތިން މަހު ވަރަށް ބަލައިގެން އުޅޭތި. ރަނގަޅު ކާއެއްޗެހި ކާތި. ވިޓަމިނާއި ފައިބަރު ހުންނަ މޭވާ އާއި ތަރުކާރީ ބޭނުން ކުރަންވާނެ. ކިރާއި ބަދަން ވެސް ބޭނުން ކުރަންވާނެ،" ޑޮކްޓަރު ނަސޭހަތްދިނެވެ.

"ދެން ހިނގާބަލަ ފެމެލީ ގާތުގައި ބުނަން،" ޑޮކްޓަރު ކޮޓަރިން ނުކުމެފައި ޝިމާނާ ބުންޏެވެ. ހަމީޝް އެކަމަށް އެއްބަސްވިއެވެ.

"މަންމަ ވަރަށް އުފާވެއްޖެ. އަދި ތިކަމާ އެންމެ އުފާވާނީ ބައްޕަ،" ހަބީބާ ބުންޏެވެ. އަދި ހިތަށް އެރިއެވެ. ޝިމާނާގެ މިޒާޖަށް އައި ބަދަލަކީ އެއީތާއެވެ. އެހެންކަމުން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތެވެ.

"ދޮންތަ ވެސް ވަރަށް އުފާވެއްޖެ. ދެން ޖެހޭނީ ވަރަށް ބަލައިގެން އުޅެން. ސުކޫލުން ޗުއްޓީއެއް ނަގަންވީނު،" ސަމާ ލަފާ ދިނެވެ.

"ނޫން. އަދި ނުވޭ،" ޝިމާނާ ބުންޏެވެ.

މާބަނޑުވުމަކީ މީހާއަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތަކެއް ގޮންޖެހުންތަކެއް ކުރިމަތި ކުރުވާ ކަމެކެވެ. ހޯމޯންތަކަށް އަންނަ ބަދަލުތަކެއްގެ ސަބަބުން މީހާގެ ވިސްނުމާއި ހަށިގަނޑަށް ވެސް ނުހަނު ގިނަ ބަދަލުތަކެއް އާދެއެވެ. ޝިމާނާ ދިޔައީ ދުވަހެއް ދުވަހަކަށް އެކަންކަން ތަޖުރިބާ ކުރަމުންނެވެ. އުފާވެރި ދުވަސްތައް ގުނަމުން ދިޔަ އިރު ބަނޑަށް ހަ މަސް ފުރުނެވެ. އާއިލާ އާއި ރައްޓެހިންގެ ފަރާތުން ލޯތްބާއި އަޅާލުން ލިބެމުން ދިޔައީ އުންމީދު ވެސް ނުކުރާ ވަރަށެވެ. ޝިމާނާ އެންމެ ބޭނުންވި ގޮތަކީ އެއީއެވެ. ސުކޫލުގައި ހޭދަކުރާ ވަގުތު މަދުކުރަމުން ދިޔައެވެ. ގިނަ ވަގުތު އުޅެނީ ހަމީޝް އާއި މަންމަ ގާތުގައެވެ. ކުރިން ހިތްނުތަނަވަސްވަމުން އައި ކަންތައް މިހާރު ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ. ނަމަވެސް އެއްކޮށް އެކަމެއް ރަނގަޅެއް ނުވެއެވެ. ވިހާ ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް ގަންނަންވީ އެއްޗެހީގެ ލިސްޓް ދިޔައީ އިތުރުވަމުންނެވެ. ލިބެން އުޅެނީ ކޮން ޖިންސެއްގެ ކުއްޖެއް ކަމެއް ނޭނގެއެވެ. ވުމާއެކު އެކި ކުލަކުލައިން އެއްޗެހި ގަންނަމުން ދިޔައެވެ.

ޝިމާނާ އެންމެ ހިތްހަމަޖެހުނީ ހަމީޝް އަބަދުވެސް އޭނާ ގާތުގައި ހުންނާތީއެވެ. ބޭނުންވާ ކޮންމެ ވަގުތެއްގައި ހަމީޝް ހުންނަނީ އަޑު ފޯރާ ހިސާބުގައެވެ. ދުވަސް ކައިރިވަމުން ދިޔައީ ނުވެސް އެނގި ތިއްބައެވެ. ޝިމާނާ ވިހެއީ ލޯބިލޯބި ފިރިހެން ކުއްޖެކެވެ. ނަމަކަށް ކިއީ އަދީންއެވެ. އާއިލާގެ އެންމެން ވެސް ތިބީ ވަރަށް އުފަލުންނެވެ. ގާތް ރައްޓެހިންނާއި އެކުވެރިން ކިއީ ހޫނު މަރުހަބާއެކެވެ.

"ދަރިފުޅާ! ތިއީ ވަރަށް ބޮޑު ޒިންމާއެއް. ދަރިއަކު ބަލައި ބޮޑު ކުރުމަކީ ވަރަށް ކެތްތެރިކަމާ އެކު ކުރެވޭނެ ކަމެއް. އެހާމެ ހިތްވަރު ވެސް ހުންނަން ވާނެ. ދަރިންނަކީ މާތްﷲ ދެއްވާ ވަރަށް އަގުބޮޑު އަމާނާތެއް. އެއަށް ހިޔާނާތްތެރިނުވެ ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ އަހަރުމެން ކޮންމެ މީހެއްގެ ވެސް ޒިންމާއެއް. ދަރިފުޅުމެންނަކީ ވިސްނޭ ހެޔޮލަފާ ކުދިން. މަންމަ ގަބޫލު ކުރަން މަންމަ މި ދެއްކި ވާހަކަތައް އަޑުއަހައި އަމަލު ކުރާނެ ކަމަށް،" ހިތްހެޔޮކަމާ އެކު ހަބީބާ ވާހަކަ ދެއްކިއެވެ. ހަމީޝް އާއި ޝިމާނާ ވެސް އެ ވާހަކަތައް ގަބޫލު ކުރިއެވެ.

އެއް ރެއެއްގެ ދަންވަރެވެ. ޝިމާނާއަށް ސިއްސައިގެން ގޮސް ހޭލެވުނީ ކުރިން ރޭ ވެސް ފެނުނު ހުވަފެން ފެނިގެންނެވެ. މީހާ އިނީ ދާހިއްލާ ފޯވެފައެވެ. އެ ވަގުތު އަދީން ރޯން ފެށިއެވެ. ޝިމާނާ ގޮސް އަދީން ނެގިއެވެ. އަދި ރުއިން ހުއްޓުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އަދީން ހުއްޓާނުލާ ރޮމުން ދިޔައެވެ. ބަނޑުހައިވީ ކަމަށް ހީކޮށް ބުއް ވެސް ދިނެވެ. ނަމަވެސް ބޯކަށް ނޫޅުނެވެ. ނެޕީ ބަދަލު ކުރިއެވެ. އެތައް ކަމެއް ކޮށްގެން ވެސް ހުއްޓައެއްނުލިއެވެ.

"ކީއްވެތަ އެހާ ވަރަށް އެ ރޮނީ؟" ލޯ އުނގުޅަމުން ތެދުވެފައި ހަމީޝް ބުންޏެވެ. "ދީބަލަ އަހަރެން އަތަށް."

"ނޭނގެ. އެއްވެސް ކަމެއް ކޮށްގެން ވެސް ހުއްޓައެއްނުލި. ހަމަ ރޮނީ، ރޮނީ. ނިންދެވޭތޯ ވެސް ވަރަށް މަސައްކަތް ކުރެވިއްޖެ،" ކަންބޮޑުވެފައި ހުރި ޝިމާނާ ބުންޏެވެ.

ހަމީޝް އައިސް ދަރިފުޅު އުރާލިއެވެ. އަދި ނާނާ ކިޔާ ހެދިއެވެ. ޝިމާނާ އިނީ އެނދުގައި ބަލަހައްޓައިގެންނެވެ. ދެބަފައިންގެ އެ މަންޒަރު ފެނުމުން ހިތަށް ހަމަޖެހުން ލިބުނެވެ. ހަމީޝް ފަދަ ބައިވެރިއަކު ލިބުމުން ހިތުގައި ޝުކުރު ނޫން އެއްޗެއް ނުވެއެވެ. ކޮންމެ ކަމެއްގައި އެންމެ ގާތުގައި ހުންނަ މަދަދުގާރަކީ ހަމީޝްއެވެ. ޝިމާނާއަށް ނުކުރެވޭ ކޮންމެ ކަމެއް ހައްލުކޮށް ދެނީ ވެސް ހަމީޝްއެވެ. އެކަމާ ޝިމާނާ ވަރަށް އުފާވެއެވެ.

"ބަނޑުހައިވަނީ ކަންނޭނގެ،" އެންމެ ފަހުން ހަމީޝް ބުންޏެވެ. "އެހެން ނޫނީ މި ވަރަކަށް ނުރޯނެ."

"ނޫނެކޭ. ބުއް ވެސް ދީފިން. އެކަމަކު ހުއްޓައެއް ނުލާ. ހަމަ ރޮނީ، ރޮނީ،" ޝިމާނާ ބުންޏެވެ.

"ތަނެއްގައި ރިއްސަނީ ބާ؟" ހަމީޝް އަހާލިއެވެ.

އެ ވަގުތު ދޮރުގައި ޓަކި ޖެހި އަޑު އިވުނެވެ. ދެ މީހުން އެކަކު އަނެކަކަށް ބަލާލިއެވެ.

"މި ގަޑީގައި ކާކު؟" ޝިމާނާ އަހާލިއެވެ.

"މަންމަ ކަންނޭނގެ. މީނަ ރޯ އަޑަށް އެ އައީ،" ހަމީޝް ބުންޏެވެ. ޝިމާނާ ގޮސް ދޮރު ހުޅުވާލިއެވެ. ހުރީ ހަބީބާއެވެ.

"ދަރިފުޅާ، މީނަ މާ ވަރަކަށް އެ ރޮނީ ކީއްވެ؟" އަދީން އުރާލަމުން ހަބީބާ ބުންޏެވެ.

"ނޭނގެ. އެކި ކަންކަން ކޮށްފިން. ހުއްޓައެއް ނުލި."

"ބަނޑުގައި ރިއްސާތީ ވެސް އުޅެފާނެ. ހިނގާ ބާމް އުނގުޅާފައި ހޫނުކޮށްލަން. އެހެން ހެދީމަ ވެސް ކުދިންނަށް އަރާމު ވެގެން ނިދާނެ،" ތަޖުރިބާގެ އަލީގައި ހަބީބާ ބުންޏެވެ.

އަދީންގެ ބަނޑުގައި ބާމް އުނގުޅިއެވެ. އަދި ބަނޑަށް ހޫނު ކުރިއެވެ. އިސާހިތަކު ރުއިން ހުއްޓާލާފައި ނިދިއެވެ. އެންމެން ވެސް ހަމަޖެހުމުގެ ނޭވާއެއްލިއެވެ. ކޮންމެ މީހަކު ވެސް ގަބޫލު ކުރީ އެއީ ބަނޑުގައި ރިއްސާތީ ރުއީ ކަމަށެވެ. ނިދުނު އިރު ހަތަރެއް ޖަހަނީއެވެ.

އަދީންއަށް މަހެއް ފުރުނެވެ. ހަމީޝްގެ ފަރާތުން ލިބޭ އޯގާތެރިކަމާއި ލޯތްބާއި އަޅާލުން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަތްނބަކު ދެކެ އެހާ ލޯބިވާ ފިރިއަކު މި ދުނިޔޭގައި ވެސް ނުހުންނާނޭ ޝިމާނާ ހިތަށް އެރިއެވެ. ދަރިފުޅު ގޮވައިގެން ދެ މީހުން އެކުގައި ހިނގާލަން ދެއެވެ. ކުޑަކުދިންގެ ބަގީޗާ އާއި އަތިރިމައްޗަށް ވެސް ދެއެވެ. ހަބީބާ ބުނާ ގޮތުން އެހާ ކުޑަ އިރު ދަރިފުޅު ބޭރަށް ގެންދިޔުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ނަމަވެސް ދެމަފިރިން އެކަން ގަބޫލެއް ނުކުރެއެވެ. ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް އަދީން ގޮވައިގެން އެކި ތަންތަނަށް ދެއެވެ.

އެއް ދުވަހެއްގެ ހަވީރެވެ. ޝިމާނާ އާއި ހަމީޝް ތިބީ ރަސްފަންނުގައި ހުންނަ ޖޯއްޔެއްގައެވެ. ޝިމާނާގެ އުނގުގައި އަދީން އޮތެވެ. ނިދާފައެވެ. މީހުން މަދު ދުވަހެކެވެ. އެކި ހިސާބުތަކުގައި ކުޑަކުދިން ގޮވައިގެން މީހުން ތިއްބެވެ. މެދު އުމުރު ފުރައިގެ މީހުންނާއި ދުވަސްވީ މީހުން ވެސް ތިއްބެވެ. ހަމީޝްގެ އެކުވެރިއެއް ފެނިގެން ތަންކޮޅެއް ދުރަށް ގޮސް ވާހަކަ ދައްކަން މަޑުކޮށްލިއެވެ. ޖޯލީގައި އެ ވަގުތު އިނީ ޝިމާނާ އެކަންޏެވެ.

"މާނާ. ކިހިނެއް؟ ހާދަ ދުވަހެއް ވެއްޖޭ ނުފެންނަތާ،" އެއީ ދަންނަ އަޑެކެވެ. ޝިމާނާ ފަހަތަށް އެނބުރުނު އިރު ފަހަތުގައި ހުރީ ފަރުހާއެވެ. ފަރުހާ އައިސް ޝިމާނާ ގާތުގައި އިށީނެވެ.

"ފަރޫ؟ އަހަރެން ރަނގަޅު. އަހަރެން ހީކުރީ ފަރޫ އަހަރެންނާ ރުޅީ ކަމަށް. ވިހައިގެން މިހާ ދުވަސް ވީ އިރު ވެސް އަހަރެންގެ ހާލު ވެސް ބަލާނުލަމެއްނު،" ޝިމާނާ ބުންޏެވެ.

"ކިހިނެއް ހާލު ބަލާނީ؟ އަހަރެން އުޅުނީ ހަގު ދަރިފުޅު ވަރަށް ބޮޑަށް ބަލިވެގެން ރަށަކަށް ގޮސް. އޭނައަށް ދިވެހި ބޭސް ކުރަން. އިއްޔެ މާލެ މި އައީ ވެސް. މިހާރު އިރާދަ ކުރެއްވިއްޔާ ވަރަށް ރަނގަޅު. މިއީތަ ދަރިފުޅު؟ ހާދަ ލޯތްބޭ ދޯ؟ ހަމަ ހީވަނީ ކުޑަކުޑަ ހަމީޝްހެން،" ފަރުހާ ބުންޏެވެ.

"ކިހިނެއް ހަމީޝް ނަން އެނގުނީ؟" ހައިރާންވެފައި ޝިމާނާ އެހިއެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް