ވާހަކަ: ދައުވަތު

ވާހަކަ

ވާހަކަ: ދައުވަތު - ތިންވަނަ ބައި

ހެޔޮ ނިޔަތުގައި ދިން ދައުވަތެކެވެ.
10 އޮކްޓޯބަރު 2024

އެޕިސޯޑް 3

"އަސްލުވެސް؟" ހަމީޝްގެ ދެ ލޮލުން ކަރުނަ ފާއްދާލިއެވެ. ޝިމާނާގެ ފަރާތުން އިވުނު އުފާވެރި ހަބަރުން ހަމީޝް އިނީ ބަސް ހުއްޓިފައެވެ.

"އަހަރެން މި ދުވަހަށް ހާދަ އިންތިޒާރެއް ކޮށްފީމޭ. މިއީ އަހަރެންގެ ހަޔާތުގައި މިހާތަނަށް އައި އެންމެ އުފާވެރި އެއް ދުވަސް. މާނާ ތިޔަ ދޭން އުޅެނީ ވަރަށް އަގު ބޮޑު ހަދިޔާއެއް. ތިކަމަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭނގެ،" ޝިމާނާގެ ދެ އަތުގައި ހިފާލަމުން ހަމީޝް ބުންޏެވެ.

ޝިމާނާ ވެސް އިނީ އުފަލުންނެވެ. ނަމަވެސް ބުނަން ނޭނގޭ ކަހަލަ ތަދު އިހުސާސެއް ހިތުގައި ވިކަމުން ދިޔައެވެ. އެއީ ކީއްވެ ކަމެއް ނޭނގެއެވެ. ދެމަފިރިންގެ އެ ވަގުތުކޮޅަކީ ދިރިއުޅުމުގެ މުހިންމު ވާހަކަތައް ބަދަލު ކުރެވެމުން ދިޔަ އުފާވެރި ވަގުތުކޮޅެކެވެ.

"ފެމިލީ ގާތުގައި ބުނާކަށް އަދި ނުވޭ،" ހަމީޝް ބުންޏެވެ.

"އެ ކީއްވެ؟ އެ މީހުން ކިހާ އުފާވާނެ،" ހައިރާންވެފައި ޝިމާނާ އެހިއެވެ.

"އެކަހަލަ ކަންކަން އެހާ އަވަހަށް މީހުން ގާތު ހިއްސާ ކުރާކަށް ނުވާނެ. ދިރިއުޅުމުގައި އަންނަ އުފާވެރި ކަންކަމަށް މީހުންގެ އެސްފީނާ ޖެހޭނެ،" ދުރު ބަލަހައްޓައިގެން އިނދެ ހަމީޝް ބުންޏެވެ.

"އޭނ؟ އެކަހަލަ ކަންކަން ހަމީޝް ގަބޫލުކުރަންތަ؟" ޝިމާނާ އަހާލިއެވެ.

"އާނ. އެއީ ވަރަށް ގިނައިން ދިމާވާ ކަންކަމެއްނު. އެހެން ނޫނަސް ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހަދާފައި ނޫނީ އަހަރެން ބޭނުމެއް ނޫން ބުނާކަށް. މާނާ އެގޮތަށް ގަބޫލުތަ؟" ލޯތްބާ އެކު ހަމީޝް އަހާލިއެވެ.

"އެންމެ ރަނގަޅު،" ހިނިތުންވަމުން ޝިމާނާ ބުންޏެވެ.

"ކޮންމެ ކަމެއްގައި ވެސް ފެށުމެއް އޮންނާނެ. މިއީ އަހަރުމެންގެ ލައިފްގެ އާ ބާބެއް ފެށުން. މިއީ ބޮޑު ޒިންމާއެއް. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވޭތޯ މަސައްކަތް ކުރުމަކީ އަހަރެން ވަރަށް ބޭނުން ކަމެއް،" ހަމީޝް ބުންޏެވެ. ޝިމާނާ އުފާވިއެވެ. އެހާ ޒިންމާދާރު، ވިސްނޭ ފިރިއެއް ލިބުމުންނެވެ.

"މަންމާ، ފަހަކަށް އައިސް މާނާ އެ ހުންނަނީ ކިހިނެއް ވެފައި؟" ޝިމާނާގެ ދޮންތަ ސަމާ ބުންޏެވެ.

"މަންމަ ވެސް ތި ސުވާލު ދަރިފުޅާ ކުރަން މިއުޅެނީ. މިހާރު ހުންނަނީ ވަރަށް މަޑުމަޑުން. އެއްޗެއް ބުނިއްޔާ ޖަވާބު ދެނީ،" ހަބީބާ ބުންޏެވެ.

"މަށަކަށް ވެސް ނޭނގެ. އިއްޔެ ކުދިން ގޮވައިގެން އެ ބަޔަށް ދިޔައިން. ވަރަށް ފާޑަކަށް ހުރީ. ވަރަށް މަދުން ވާހަކަ ދެއްކީ ވެސް. ބުނީ ރޯގާޖެހިގެންނޭ. ނިދާލާށޭ ބޭނުންވަނީ. އެހެންވެ ގިނަ އިރު ނުކޮށް ނުކުމެގެން އައީ،" ސަމާ ބުންޏެވެ.

"މަންމައަކަށް ވެސް ނޭނގެ ވެގެން އުޅޭ ގޮތެއް. އެހެން ނޫނީ އޭނައަކީ މަންމައާ ހުރިހާ ކަމެއް ހިއްސާ ކުރާ ކުއްޖެއް. މިއަދު ވެސް މަންމަ އެތައް ވާހަކައެއް ދެއްކީމަ ވެސް އެހާ ބޮޑަކަށް ސަމާލުކަމެއް ނުދޭ. އަޅެ ދަރިފުޅު އޭނައާ ވާހަކަ ދައްކަބަލަ،" ވިސްނާލަމުން ހަބީބާ ބުންޏެވެ.

މީހެއްގެ ހިތުގައި ވާ އެއްޗެއް ނޭނގޭނެއެވެ. މޫނުމަތިން ކިތަންމެ އުފާވެރިކަމާއި ހިތްހަމަޖެހުން ދައްކައިގެން އުޅޭ މީހެއްގެ ހަޔާތުގައި ވެސް ހިތާމައިގެ ކަންކަން ހިނގާފާނެއެވެ. އުސްގަނޑަކަށް ފަހު އަޑިގަނޑެއް އަންނާނޭ ބުނާ ބީދައިން މިއީ ވެސް ދިރިއުޅުމަށް އަންނާނެ ކަންކަމެވެ. މީހުން ކިޔާ އެއްޗަކަށް ބަލައިގެން ދުނިޔޭގައި ނޫޅެވެއެވެ. ހަމަ އެގޮތަށް މީހުންގެ އަނގައިގައި އަތެއް ވެސް ނޭޅޭނެއެވެ. ވުމާއެކު އެންމެ ބުއްދިވެރި ގޮތަކީ އޭރަކު ކަންކަން މަގުފަހި ވެފައިވާ ގޮތަކަށް ކުރިއަށް ދިޔުމެވެ. ކެތްތެރިކަމާއި ހިތްވަރާއެކުގައެވެ. ދިމާވާ ކޮންމެ ދަތި ކަމަކީ މާޒީގައި ތިމާ އުޅެފައިވާ ގޮތުން އަންނަ ކަންކަމޭ ހީކޮށްގެން ނުވާނެއެވެ. އެކި މީހުންގެ ހަޔާތުގައި ކަންކަން ދިމާވާނީ އެކި ގޮތަށެވެ. ތިމާ އެންމެ އެދެވޭ ގޮތުގައި ކަންކަން ނުހިނގުމަކީ އެންމެ ގޯސް ގޮތް ކަމުގައި ދެކިގެން ނުވާނެއެވެ. ޝިމާނާގެ ހިތުގައި އެނބުރެމުންދާ ހިޔާލުތަކަކީ ވެސް މިފަދަ ކަންތައްތަކެކެވެ. ހިތާއި ސިކުނޑީގެ ކޯޅުންގަނޑުގެ ތެރެއަށް ޝިމާނާ ވަނީ ތާށި ވެފައެވެ. އެ ވާހަކަތައް އެއްވެސް މީހަކާ ހިއްސާ ކުރާކަށް ބޭނުމެއް ނުވެއެވެ. އެއީ އެއްވެސް މީހަކަށް އިތުބާރު ނުކުރެވޭތީ ހެއްޔެވެ؟

"ދޮންތަ ނުބުނަމޭ ތިއީ ދޮގެކޭ. އެކަމަކު ވެގެން ތި އުޅޭ ގޮތެއް ނުބުނެވޭހާ ދުރު މީހެއް ނޫނެއްނު މިއީ. ކުރީގައި ވެސް މާނާ އެންމެ ގިނައިން ކަންކަން ޝެއާ ކުރަނީ ދޮންތައާ. މާނާ ތިހެން ހުންނާތީ މަންމަ ވެސް އެ ހުންނަނީ ވަރަށް ކަންތައް ބޮޑުވެފައި. އަދި ބައްޕައަށް އެނގިޖެއްޔާ މާ ސަކަރާތްވާނެ،" ސަމާ އާއި ޝިމާނާ ތިބީ ޓެރަހުގައެވެ.

"އެކަމަކު ދޮންތާ! ކަމެއް ނުވަންޏާ ނުވެއޭއެއްނު ބުނާނީ. މި ދުވަސްކޮޅު ސުކޫލް ވަރަށް ބިޒީކޮށް މި އުޅެނީ. ފޯޓްފޯލިއޯތައް ތައްޔާރު ކުރުމުގައި. ދޮންތައަށް ވެސް އެނގޭނު، މިއީ އެންމެ ބިޒީ ދުވަސްތައް. އެހެންވެ އަސްލު ހުންނަނީ ވަރަށް މޫޑީ ވެފައި،" ޝިމާނާ އޮޅުވާލިއެވެ.

"ޔަގީންތަ އިތުރު ކަމެއް ނޫޅޭކަން؟ މާނާ އަބަދުވެސް ހަނދާން ބަހައްޓާތި ދޮންތަ ހުންނާނެކަން. މާނާ ކޮންމެ އިރަކު ކޮންމެ ވާހަކައެއް ޝެއާ ކުރަން ބޭނުންވިޔަސް ބުނޭ އިނގޭ،" އިތުރަށް ސަމާ ބުންޏެވެ.

"މަށަށް އެނގެއޭ. މަންމަ ގާތުގައި ބުނެބަލަ ވޮރީ ނުވާށޭ، މަ އޯކޭއޭ. ކަމެއް ވެއްޖިއްޔާ އެންމެ ފުރަތަމަ ވެސް ބުނާނީ ދޮންތަ އާއި މަންމަ ކައިރީގައި،" ހިނިތުންވެލަމުން ޝިމާނާ ބުންޏެވެ.

ސުކޫލަށް ވަން އިރު ވެސް ޝިމާނާ ހުރީ ނުތަނަވަސްވެފައެވެ. ވެގެން އުޅޭ ގޮތް ބުނެދޭން އުނދަގޫވެފައެވެ. ކުދިންނަށް ކިޔަވާދެމުން ދިޔަ އިރު ވެސް އެކަމަށް ދޭން ޖެހޭ ޝައުގުވެރިކަން ކުޑަވެފައެވެ. ކޮންމެ ކުއްޖަކު އެއްޗެއް އަހާލިޔަސް ދެވެނީ ނުބައި ޖަވާބެކެވެ. އެކަން ފާހަގަކުރެވުނީ އެކުގައި ކުލާހުގައި އުޅުނު ފަރުހާ އަށެވެ. ފަރުހާ އެތައް ސުވާލެއް ކުރިއެވެ. ނަމަވެސް ޝިމާނާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ.

"އެންމެ ރަނގަޅު ނުބުންޏަސް. އަހަރެން މިއީ މީހުން މާ ލައިކްވާ މީހެއް ނޫން. އެހެންވެ މާނާ ވެސް މަށަށް ޓްރަސްޓް ނުކުރަނީ ދޯ؟" ފަރުހާ ބުންޏެވެ.

"ކީއްވެ ތިހެން ތި ބުނީ؟" ޝިމާނާ ބުންޏެވެ. ސެޝަން ނިމުމުން ދެ މީހުން ވެސް ތިބީ ކުލާސްރޫމް ތެރޭގައެވެ.

"އަހަރެން ވަރަށް ކުޑަ އިރު މަންމަ އާއި ބައްޕަ ވަކިވެއްޖެ. ދުވަސްކޮޅެއް ނުވެ އެކަމުގެ ހިތާމައިގައި މަންމަ ނިޔާވެއްޖެ. ދެން ހުރީ ބައްޕަ. ބައްޕަ ކައިވެނިކުރީ އެހެން މީހަކާ. ދޮންމަންމަ އަހަރުމެން ދެކެ އެއްވެސް ލޯތްބެއް ނުވޭ. ބައްޕަ އާއި ދޮންމަންމައަށް ތިން ކުދިން ލިބިފައިވޭ. ދޮންމަންމަ އެ ކުދިން ދެކެ ވަރަށް ލޯބިވާނެ. އަހަރެންނާއި ދޮންބެ ދެކެ ވަރަށް ފޫހިވާނެ،" ފަރުހާ ކިޔައިދެމުން ދިޔައެވެ.

"ދޮންމަންމަ އައި ފަހުން ބައްޕަ ވެސް އެއްކޮށް ބަދަލުވި. ބައްޕަ ވެސް އަހަރުމެން ދެކެ ވަރަށް ރުޅިއަންނާނެ. ވަރަށް އަނިޔާ ވެސް ކުރާނެ. ދޮންބެ މީހަކާ އިނދެގެން ނުކުމެގެން ދިޔަ ފަހުން އަހަރެންގެ ދިރިއުޅުން އެފުށްމިފުށަށް ޖެހުނު. އަހަރެން އުޅުނީ ވަރަށް ހާލުގައި. ދޮންމަންމަގެ އުނދަގުލާ ހެދި އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭ. ކިޔެވުނީ ވެސް ވަރަށް މަސައްކަތުން. ބައްޕަގެ ގޯނާ ފޯރަން ފެށީ އެ ހިސާބުން. އެކަމަށް ހިތްވަރު ދޭން ހުރީ ދޮންމަންމަ،" އެ ހިސާބުން ފަރުހާއަށް ރޮވޭ ގޮތްވިއެވެ.

"ދެން ހުއްޓާލާ. ތިއީ އަޑުއަހަން ވަރަށް އުނދަގޫ ވާހަކަތަކެއް،" ޝިމާނާ ބުންޏެވެ. "ފަރޫ ހާދަ ކެތްގަދައޭ. އަހަރެން ނަމަ ތި ހުރިހާ ކަންކަމަކަށް ކެތެއް ނުކުރެވޭނެ."

"އޭރުގައި ކެތްކުރުން ނޫން ގޮތެއް ނެތޭ. ކޮން ތާކަށް ކާކު ކައިރިއަށް އަހަރެން ދާނީ؟ އަދި އަހަރެން ބޭނުން މި ވާހަކަތައް ކޮންމެވެސް މީހަކާ ހިއްސާ ކުރަން،" ފަރުހާ ބުންޏެވެ.

"އެންމެ ރަނގަޅު. އަހަރެންނަށް އިތުބާރު ކުރެވެންޏާ ކިޔައިދީ. އެކަމަކު މިއަދަކު ނޫން. މިއަދު މި ދަނީ ޑޮކްޓަރަށް ދައްކަން ދާން،" ޝިމާނާ ބުންޏެވެ.

"އެހެންތަ؟ އެއީ އަނެއްކާ ކިހިނެއްވީ؟"

"އަހަރެން ޕްރެގްއޭ،" ނުބުނަން އުޅުނު ވާހަކަ އެއްވެސް އިހުތިޔާރަކާނުލައި ޝިމާނާއަށް ބުނެވުނެވެ. އެކަމަށް މާ ބޮޑު ފަރުވާލެއް ނެތި ނުކުމެގެން ދިޔައެވެ. އަދި ހަމީޝްގެ ސައިކަލު ފަހަތަށް އަރައިގެން ދިޔައެވެ. އެ މަންޒަރު ބަލަން ބެލްކަނީގައި ފަރުހާ ހުރީ ހިތްހަމަނުޖެހިފައެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް