ވާހަކަ: ދައުވަތު

ވާހަކަ

ވާހަކަ: ދައުވަތު - ދެވަނަ ބައި

ހެޔޮ ނިޔަތުގައި ދިން ދައުވަތެކެވެ.
7 އޮކްޓޯބަރު 2024

އެޕިސޯޑް 2

ކުއްލިއަކަށް އެ މީހާ އައިސް ޝިމާނާގެ ކަރުގައި ހިފިއެވެ. ޝިމާނާ ސަލާމަތްވާން ވަރަށް މަސައްކަތް ކުރިއެވެ. އޭނާގެ އަތް ނައްޓުވައެއް ނުލެވުނެވެ. ޝިމާނާއަށް ލޯ ވެސް ހުޅުވައި ނުލެވުނެވެ. އެތައް މަސައްކަތެއް ކޮށްގެން އޭނާގެ ކިބައިން ސަލާމަތް ވެވުނު އިރު ޝިމާނާ ހުރީ ވަރުބަލިވެފައެވެ. ގުދަށް އޮވެގެން ކެއްސަކެއްސާފައި ބަލާލި އިރު އެމީހާ ފެންނާކަށް ނެތެވެ. ދެން ހީވީ މީހަކު އައިސް ވަރަށް ބާރަށް ކޮއްޕާލި ހެންނެވެ. އެއާއެކު ހޭލެވުނެވެ. ފެނުނީ ހުވަފެނެކެވެ. ދުވަހަކު ވެސް ނުފެންނަ ޒާތުގެ ހުވަފެނެއް ފެނުމުން ޝިމާނާ ވަރަށް ބޮޑަށް ބިރުގަތެވެ. މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. އޭރު ވެސް މާނޭވާ ލެވެމުން ދިޔައެވެ. ގަޑިން ފަތިސް ވަނީއެވެ. ހަމީޝްއަށް ގޮވާފައި ވީ ގޮތް ކިޔައިދިނެވެ.

"އެއީ ހުވަފެނެއްނު؟ އެކަމާ އެހާ ބޮޑަށް ނުވިސްނާ. އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ،" އޯގާތެރިކަމާ އެކު ހަމީޝް ބުންޏެވެ.

"އެކަމަކު ހީވީ ހަމަ އަސްލުހެން،" ޝިމާނާ ބުންޏެވެ.

"ހުވަފެން ހީވާނީ އަސްލުހެން. އެކަމަކު އެއީ ބިލާހެއް،" ޝިމާނާގެ ބޮލުގައި ފިރުމާލަމުން ހަމީޝް ބުންޏެވެ. "އެ އިވެނީ ބަންގި ގޮވި އަޑު، ހިނގާ ނަމާދަށް."

ޝިމާނާ ހުރީ މޭ ނުބައި ކޮށްފައެވެ. އެއްވެސް އެއްޗެއް ކާ ހިތެއް ނުވިއެވެ. ހަމީޝް އެހާ ގިނައިން ކިޔުމުން ވެސް ކަޅު ސައި ތައްޓެއް ނޫން އިތުރު އެއްޗެއް ނުބުޔެވެ. ޝިމާނާ ލަފާކުރީ އެއީ ފެނުނު ހުވަފެނުގެ ސަބަބުން ވީ ގޮތެއް ކަމަށެވެ. ސުކޫލަށް ދިޔަ އިރު ވެސް ހުރީ މީހާ ހިތް ނުތަނަވަސްވެފައެވެ. އެކުވެރިއަކާ އެކަން ހިއްސާކޮށްލަން ބޭނުންވެފައެވެ. ނަމަވެސް ދުވަހަކީ ވަރަށް ބުރަ ދުވަހެކެވެ. އާ ކުދިންތަކެއް އައުމުން އެ ކުދިންގެ ބެލެނިވެރިންނާ ވާހަކަ ދައްކަން ވެސް ވަރަށް ގިނަ ވަގުތު ހޭދަވިއެވެ. ކުލާހުގައި އުޅުނު އިރު ޝިމާނާއަށް ކަމެއް ފާހަގަކުރެވުނެވެ. ފަރުހާ އައިސް ދޭތެރެއަކުން ޝިމާނާގެ ކުލާހަށް ބަލާލައެވެ. ދޮރުމައްޗަށް އަރާފައި ދަނީއެވެ. ޝިމާނާ ހުރީ ވީ ކިހިނެއްތޯ އަހާލަން ބޭނުން ވެފައެވެ. ދެ ސެޝަން ދޭތެރެއިން ބައި ގަޑި އިރުގެ ވަގުތު ކޮޅެއް ލިބުނެވެ.

"މާނާ ނުދަނީތަ ބްރޭކަށް؟" މަދީހާ އަހާލީއެވެ.

"ތި މީހުން ދޭ. މަ އިރުކޮޅަކުން ދާނަން،" ޝިމާނާ ބުންޏެވެ. އެހެން ކިޔާފައި ފަރުހާ ކޮބާތޯ ޝިމާނާ ހޯދަން ފެށިއެވެ. ސުކޫލަކީ މާ ބޮޑު ސުކޫލެއް ނޫނެވެ. ވުމާއެކު އެއީ އުނދަގޫ ކަމަކަށް ނުވިއެވެ.

"ފަރޫ،" ކުލާހެއްގެ ކަނުގައި އިން ފަރުހާއަށް ޝިމާނާ ގޮވާލިއެވެ. ފަރުހާ ސިއްސައިގެން ދިޔައެވެ. އަދި ޝިމާނާއާ ދިމާލަށް ބަލާލިއެވެ.

"ކީއްވެ އަހަރެންގެ ކުލާސް ދޮރުމަތީގައި އުޅުނީ؟ ފަރޫ ކިޔަވައިދޭ ކުލާސް ނެތީތަ؟ ނޫނީ އަހަރެން ގާތުގައި އެއްޗެއް ބުނަން ބޭނުންވަނީތަ؟" ޝިމާނާ އިށީނެވެ.

"ވަކި އެއްޗެއް ބުނާކަށް ނެތް. ހަމަ ވާހަކަ ދައްކާލަން ބޭނުންވީ،" ހިނިތުންވެލަމުން ފަރުހާ ބުންޏެވެ.

"ކޮން ވާހަކައެއް؟" ގަޔާވެލަމުން ޝިމާނާ އަހާލިއެވެ.

"އަހަރެން ހިތަށްއަރާ ބައެއް މީހުން ހާދަ ލަކީއޭ. ދިރިއުޅުމުގެ ގިނަ ކަންކަމުގައި އަނެއް ބަޔަކީ ފެއިލް ވެފައި ތިބޭ މީހުން. އެ މީހުންނަށް އެއްވެސް ފަރާތަކުން ހެޔޮ ގޮތެއް ނުވާނެ. އަބަދުވެސް ލިބޭނީ ލަނޑު،" ފަރުހާ ކިޔާ އެއްޗެއް ޝިމާނާއަށް އޮޅުމެއް ނުފިލިއެވެ. ނަމަވެސް ކޮންމެ ލަފުޒެއް ވަކިވަކީން އަޑު އިވުނެވެ.

"އަހަރެން ވަރަށް ލޯބިން ގެންގުޅޭ ބުޅަލެއް އޮންނާނެ. މީހަކު އެއަށް ވިހަ ލާފައި ކާން ދިނީ. އިއްޔެ އޭތި މަރުވެފައި އޮއްވައި ފެނުނީ. އެކަހަލަ ކަންތައް ކުރާކަށް ނުވާނެއެއްނު،" ދެރަވެފައި ފަރުހާ ބުންޏެވެ.

"އަހަރެން އެ ބުޅާ ގެންގުޅޭތާ މިހާރު ތިން އަހަރު ވެއްޖެ. އަހަރެންގެ ކުދިން ވެސް އެ ބުޅާ ދެކެ ވަރަށް ލޯބިވާނެ. ނަމެއް ވެސް ދީގެން އުޅެނީ. ލޯބިން އެއަށް ގޮވަނީ ޖޯޖީ،" ފަރުހާ ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން ޝިމާނާ އިނެވެ.

"އެހެންވެތަ އިއްޔެ ރޮވުނީ؟" ނުކުރަން އިން ސުވާލު ޝިމާނާ ކުރިއެވެ. ފަރުހާ ބޯޖަހާލިއެވެ.

"ކޮން ތާކުންތަ ތި އައީ؟" ސައި ކޮޓަރިއަށް ވަދެގެން އައި ޝިމާނާއާ ދިމާލަށް މަދީހާ ބުންޏެވެ.

"މި އައީ ފަރޫއާ ވާހަކަ ދައްކާލާފައި. އޭނާ އެއީ ވަރަށް ދޮށީ މީހެއް ދޯ. ބަލާބެލުމަށް ހީވަނީ ތަންކޮޅެއް ދުވަސް ވެފައިހެން،" ޝިމާނާ ބުންޏެވެ.

"އާނ. ތާޓީ ފޯ ވެއްޖެ. މަވެސް އިއްޔެ ކުޑަކޮށް އޭނާ ކޮނެލިން. ވަރަށް ފާޑަކަށް ވާހަކަ ދައްކަނީ. ހީވަނީ ވަރަށް ބޮޑު ކަމަކާ ފިކުރު ކުރާހެން،" ޒައިނާ ބުންޏެވެ.

"އޭނާ ބުނީ އޭނާ ވަރަށް ލޯބިން ގެންގުޅުނު ބުޅަލެއް މީހަކު މަރާލީޔޯ. އެހެންވެ އެކަމާ ދެރަވެފައި އިއްޔެ އެ އިނީ،" ކަޅު ސައި ތައްޓެއް ހަދަމުން ޝިމާނާ ބުންޏެވެ.

"އެހެންތަ؟ މާނާއަށް ވެސް ވަރަށް އެއްޗެހި ކިޔައިދީފި ދޯ؟ ދެން ކީއްވެތަ މާ އެކަހެރިކޮށް އެ އުޅެނީ؟" މަދީހާ އަހާލިއެވެ.

"ނޭނގެ. ތި ހުރިހާ އެއްޗެއް އަހަރެން ނާހަން،" ހެދިކާތައް ފެނުމުން ޝިމާނާ އޯކަށް ދެމެން ފެށިއެވެ. އަދި ފާހާނާއަށް ވަދެ ހޮޑުލިއެވެ.

"ކިހިނެއް ތި ހެދީ؟" މަދީހާ ބުންޏެވެ.

"ނޭނގެ މިވާ ގޮތެއް. މިއަދު ހެނދުނު ވެސް ސައި ނުބޮއި މި އައީ،" ފެން ފޮދެއް ބޯލަމުން ޝިމާނާ ބުންޏެވެ.

"ތި ވާނީ ވައިގަނޑެއް ކަމަށް. ރަނގަޅަށް ނުކެވެންޏާ ވެސް ވާނެ އެހެން،" ޒައިނާ ބުންޏެވެ.

"އިއްޔެ ތި މީހުން ފަހުން ކީކޭތަ ކީ؟" ޓިޝޫއަކުން އަނގަމަތި ފުހެލަމުން ޝިމާނާ ބުންޏެވެ.

"ކޮން ވާހަކައެއް؟ ސިހުރު؟" މަދީހާ ބުންޏެވެ. ޝިމާނާ ދެ ބުމަ އަރުވާލިއެވެ.

"ކޮބާ މީނަ ވެސް އެ ކަމަށް ޝައުގުވެރިކަން އެބަ ހުއްޓެއްނު."

"އަސްލު މަށަކަށް ނޭނގެ އޭގައި ވަނީ ކިހިނެއް ކަމެއް؟" ޝިމާނާ ބުންޏެވެ.

"އޭގެ ހުރޭ އެކި ބާވަތް. ސިހުރަކީ ވަރަށް ބާރުގަދަ އެއްޗެއް. މީހުން މަރާ، މީހުން ނަފުސާނީކޮށްލާ އަދި ނުވިތާކަށް މީހުން އެކަހެރިކޮށް ބާކީ ވެސް ކޮށްލާ އެއްޗެއް. އޭގެ ސަބަބުން އާއިލާތައް ރޫޅި، އެކަކު އަނެކަކަށް ނަފުރަތުކޮށް، ބައިބައިވެ، ދެމަފިރިން ދުރުކުރުވާ ކަހަލަ ކަންކަން ވެސް ވޭ،" މަދީހާ ކިޔައިދިނެވެ. ޝިމާނާ އިނީ ކަނުލާ އަޑު އަހައިގެންނެވެ. އެކަމާ ކުޑަކޮށް ޖެހިލުންވެ ހާސްވާ ގޮތް ވެފައެވެ.

"ދެން ކިހިނެއް އެކަމުން ސަލާމަތް ވާނީ؟" ޝިމާނާ އެހިއެވެ.

"ކީއްވެތަ އެކަމާ ބެހޭ ގޮތުން މާ ގިނަ ތަފުސީލު ތި އަހަނީ؟" މަދީހާއަށް ނީދެވިގެން ބުންޏެވެ.

"އެއީ އާންމު މައުލޫމާތަށް،" ބުނާނެ ނުބުނާނެ އެއްޗެއް ނޭނގިގެން ޝިމާނާ ބުންޏެވެ.

ހަމީޝް އާއި ޝިމާނާ ނުކުތީ ފިނި ރެއެއްގައެވެ. އިރު އޮއްސުނު އިރު ވެހުނު ވާރޭގެ ފިނިކަން އަދިވެސް ޖައްވުގައި ހުއްޓެވެ. މަގުމަތީގެ އެކި ހިސާބުގައި ފެންގަނޑުތައް ހެދިފައި އޮތެވެ. މީހުން މަދު ރެއެކެވެ. ހުޅުމާލެއަށް ދާ ބްރިޖް މަތިން ލާފައި ދެ މީހުން ދިޔައެވެ. ހުޅުމާލެއަށް ފޭބުމުން ހެލްމެޓް ނެގިއެވެ. އަތިރިމަތީގައި ދެ މީހުން ވެސް އިށީނެވެ. ތެމިފައިވުމުން މުޅި ހަށިގަނޑަށް އޭގެ ފިނިކަން އިހުސާސް ކުރެވެމުން ދިޔައެވެ. ހޫނު ވެފައިވާ ޝިމާނާގެ ދެ އަތުގައި ހަމީޝް ހިފާލިއެވެ. ޝިމާނާ ވަގުތުން ހަމީޝްގެ ކޮނޑުގައި ބޯ އަޅާލިއެވެ.

"ކީއްވެ މި ތަނަށް އަންނަން ބުނީ؟" ހަމީޝް ބުންޏެވެ.

"ހަމީ ހަނދާން ނެތުނީ؟ މިއީ އަހަރުމެން އެންމެ ފުރަތަމަ ބައްދަލުވި ތަން،" ޝިމާނާ ބުންޏެވެ.

"އޯހް. ހަނދާން އެބަ ހުރި. އެރޭ މަތިން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ،" ހަމީޝް ބުންޏެވެ. ޝިމާނާއަށް ހީވީ ފަހަތުން މީހަކު ގޮވާލި އަޑު އިވުނު ހެންނެވެ. ފަހަތް ބަލާލިއެވެ. އޭރު ވެސް ހަމީޝް އިނީ ވާހަކަ ދައްކާށެވެ.

ޝިމާނާއަށް ކަޅު ހިޔަންޏެއް ފެނުނުހެން ހީވިއެވެ. އެތަނުގައި އެ ވަގުތު މީހުން މަދެވެ. ހީވި ގޮތެއް ކަމަށް ބަލާފައި ޝިމާނާ އަނެއްކާވެސް ހަމީޝްއާ ވާހަކަ ދައްކަން ފެށިއެވެ. ދެ މީހުން އެކުގައި އެތައް ވާހަކައެއް ދެއްކިއެވެ. ކުރިމަގަށް ރާވާފައި ހުރި އެކި ކަންކަމުގެ ވާހަކަތަކެވެ. ފޮނި މުސްތަގުބަލަށް ކުރާ އުންމީދެވެ.

"އަސްލުވެސް؟" ހަމީޝްގެ ދެ ލޮލުން ކަރުނަ ފާއްދާލިއެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް