ވާހަކަ: ދައުވަތު
ވާހަކަ: ދައުވަތު - އެއްވަނަ ބައި
ފުރަތަމަ އެޕިސޯޑް
ލޯބި އެކި މީހުން މާނަކުރަނީ އެކި ގޮތަށެވެ. ލޯބީގައި ކާމިޔާބު މީހުންނަކީ ނަސީބުވެރިންނޭ ބައެއް މީހުން ބުނެއެވެ. ލޯބީގައި ނާކާމިޔާބު މީހުންނަކީ ބަދުނަސީބުވެރިންނޭ ވެސް ކިޔާ އުޅެއެވެ. ޝިމާނާއަކީ މީގެ ތެރެއިން ނަސީބު ގަދަ މީހެކެވެ. ސަބަބަކީ އޭނައަށް ހަގީގީ ލޯބިވެރިއަކު ލިބުމެވެ. ދެ ފަރާތުގެ ރުހުމާ އެކު ކައިވެނީގެ ގޮށް ޖަހާލެވުނީ ކުލަ ގަދަ ރަސްމިއްޔާތެއް ބޭއްވުމަށް ފަހުގައެވެ. ހަމީޝްއަކީ އުތުރުގެ ރަށަކަށް ނިސްބަތްވާ ޒުވާނެކެވެ. ޝިމާނާއަކީ މާލޭގައި ގެދޮރު ހުރި މީހެކެވެ. ދިރިއުޅެނީ ބައްޕަ ދީފައި ހުރި އެޕާޓްމެންޓެއްގައެވެ. ޝިމާނާގެ އާއިލާ އުޅެނީ އެއް އިމާރާތެއްގައެވެ. އެންމެ ތިރީ ފަންގިފިލާގައި މަންމަ އާއި ބައްޕައެވެ. ދެވަނަ ބައިގައި ޝިމާނާއެވެ. ތިންވަނަ ބައިގައި ޝިމާނާގެ ދޮންތަ ސަމާއެވެ. މައްޗައް ހުރި ތިން ފަންގިފިލާ ހުރީ ކުއްޔަށް ދީފައެވެ.
ދިރިއުޅުން ކިތަންމެހާ ވެސް ހިތްގައިމެވެ. ކައިވެންޏަށް އެއް އަހަރު ވީ އިރު ހަމީޝްގެ އޯގާތެރިކަމާއި ލޯބި ދެ ގުނައަށް އިތުރުވެގެން ދިޔައެވެ. ދުވަހަކު ވެސް ކަމެއް ނުކޮށްދީގެން ޝިމާނާ ޝަކުވާ ކުރާކަށް ނުޖެހެއެވެ. ހަމީޝް ހުންނަނީ ވަގުތުން ވަގުތަށް އެ ކަމެއް ކޮށްދީފައެވެ. ޝިމާނާ ބައްޔެއް ވިޔަސް އޮފީހަށް ދަމުން ފިރިއެއްގެ ވާޖިބުތައް ބަރާބަރަށް އަދާކުރެއެވެ. އޭނައަށް ދޭން ޖެހޭ ސަމާލުކަން ދެއެވެ. އަޅާލުމާއި އޯގަތެރިކަން އިންތިހާއަށް ދެއެވެ. ޝިމާނާ ނުބުންޏަސް ކޮންމެ ކަމެއް ވެސް ކޮށްދެނީ އަމިއްލައަށް ފެނިގެންނެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއްގައި އެހީތެރިވެދެއެވެ. އެއީ އެއްޗެހި ދޮވެ އިސްތިރި ކުރުމާއި ކައްކުމާއި ގޭތެރެ ސާފުކުރުމުގައެވެ. އަދި ގެއަށް ބޭނުންވާ އެއްޗެހި ގަތުމާއި ތަންތަނަށް ގޮސް ގެންނަންވާ އެއްޗެހި ގެނައުމުގައެވެ. ޝިމާނާ ހުންނަނީ އުފަލުން ފުރިފައެވެ. އެފަދަ ފިރިއެއް ލިބޭނީ މަދު މީހަކަށެވެ. ހަމީޝްގެ ކިބައިން އުނި އެއްވެސް ސިފައެއް ޝިމާނާއަކަށް ނުފެނެއެވެ. ބަރާބަރަށް ނަމާދުކުރެއެވެ. ގުރުއާން ކިޔަވައި މީހުންނަށް އެހީތެރިވެދެއެވެ. ޝިމާނާގެ އާއިލާ އާއި ރައްޓެހިންނަށް އެހާ ރަނގަޅެވެ. ކުޑަކުދިން ދެކެ ލޯބިވެއެވެ. ބޮޑެތި މީހުންނަށް އިހުތިރާމް ކުރެއެވެ. ޝިމާނާ ބޭނުންވީ އެކަހަލަ ފިރިއެވެ. ހަމީޝްގެ ކިބައިގައި ނުފެންނަ ފަރާތެއް އޮވެދާނެ ކަމަކަށް ޝިމާނާ ގަބޫލެއް ނުކުރެއެވެ.
ހަމީޝް މަސައްކަތް ކުރަނީ ޝިމާނާގެ ބައްޕަ ޖާވިދުގެ އޮފީހުގައެވެ. ޖާވިދުގެ ދުލު ކުރިން ވެސް ހަމީޝްއާ ބެހޭ ގޮތުން އޮހެނީ ތައުރީފުގެ ބަސްތަކެވެ. ބައެއް ފަހަރު ޝިމާނާ ހިތަށް އަރައެވެ. މިއީ ހުވަފެނެއް ބާއެވެ؟ ނުވަތަ ހަމީޝްއަކީ ރޮބަޓެއް ހެއްޔެވެ؟ ކަންކަން އެހާ ފުރިހަމައަށް ކޮށް ވަރުބައްޔެއް ނުވެއެވެ. ހުސް ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައެވެ. ޝިމާނާ ދެރަވެ ހިތުގައި ޖެހޭ ފަދަ އެންމެ ލަފުޒެއް ވެސް ނުބުނެއެވެ. އަބަދުވެސް ވާހަކަ ދައްކަނީ ލޯބިންނެވެ. ބޭނުންކުރަނީ ލޯބިވެތި، އޯގާތެރި ބަސްތަކެވެ. އެފަދަ ވަގުތުތަކުގައި ޝިމާނާގެ ހިތް އުފަލުން ފޮޅެއެވެ.
ޝިމާނާއަކީ ޕްރީ ސުކޫލެއްގައި ވަޒީފާ އަދާކުރާ މީހެކެއެވެ. އެއީ ކުޑަ އިރުއްސުރެ އޭނާ އެންމެ ދާން ބޭނުންވި ދާއިރާއެވެ. އެންމެ ބޮޑު ސިއްރަކީ ކުޑަކުދިން ދެކެ ވާ ލޯތްބެވެ. އޭނައަކީ މީހުންނާ ގުޅޭ، ހިތްހެޔޮ މީހެކެވެ. ސުކޫލުގައި އުޅޭ ގިނަ ޓީޗަރުންނަކީ ޝިމާނާގެ ވަރަށް ގާތް އެކުވެރިންނެވެ. ބޭނުން ކޮންމެ ވަގުތެއްގައި އެހީތެރިވެދޭ މީހުންނެވެ. ހެޔޮ ނަސޭހަތްދޭ ރަހުމަތްތެރިންނެވެ. ޝިމާނާ ގަބޫލުކުރާ ގޮތުގައި އޭނާގެ ވަށައިގެން ތިބީ ހުސް އޭނައަށް ހެޔޮ އެދޭ މީހުންނެވެ. ހަތުރުންނެއް ނެތެވެ. ހަސަދަވެރިންނެއް ނެތެވެ. އެސްފީނާ ޖެހުމަކީ ގަބޫލުކުރަން ބޭނުންނުވާ ކަމެކެވެ.
"އެކަމަކު އެއީ ވަރަށް ގިނަ މީހުންނަށް ޖެހޭ ކަމެއް،" މަދީހާ ބުންޏެވެ. ސުކޫލުގެ ބްރޭކް ގަޑިކަމުން ހުރިހާ ޓީޗަރުން ތިބީ ސައި ބޯށެވެ.
"އަހަރެން ގަބޫލުކުރާ ކަމެއް ނޫން އެއީ،" ބަޖިޔަލެއް ކާލަމުން ޝިމާނާ ބުންޏެވެ.
"ގަބޫލުނުކުރަނީތަ ނޫނީ ގަބޫލުކުރަން ބޭނުން ނުވަނީތަ؟" ޒައިނާ އަހާލިއެވެ. ޝިމާނާ ޗޮކެއް ކަނޑައިލިއެވެ.
"އެ ކަހަލަ ކަންކަމުގައި އެބަ ހުރި މީހުންގެ ދިރިއުޅުން ހަލާކުވެފައި. އެސްފީނާ އާއި ސިހުރަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ކަންތައް،" މަދީހާ ކުރިއަށް ދިޔައެވެ.
"މަ އަޑު އެހިން މިތަނުގެ ވެރިމީހާގެ ވައިފަށް ވެސް ސިހުރު ޖެހިފައޭ. އޭނާ ރޭގަނޑު ދަންވަރު ބޭރަށް ވެސް ދެޔޯ. އަދި އެ ވެސް އެހެން މީހުން ނިދީމާ. ދާ ތަނެއް ނޭނގެޔޯ،" ވަރަށް މަޑުމަޑުން ޒައިނާ ބުންޏެވެ.
"އެހެންތަ؟ ކާކު އޭނައަށް ސިހުރު ހެދީ؟" ކުއްލިއަކަށް ހައިރާން ވެފައި ޝިމާނާ އެހިއެވެ.
"ނޭނގެ ހެދި މީހެއް. ހަދާނީ އެ މީހުން ދެކެ ވަރަށް ރުޅިއަރާ މީހެއް ނުވަތަ ބައެއްނު،"
"ދެން އެ ކަހަލަ ކަންތަކުގައި މީހާ މަރުވަނީ؟" ޝިމާނާ އަނެއްކާވެސް އަހާލިއެވެ. އެ ކަހަލަ ކަންކަމާ ބެހޭ މާ ގިނަ މައުލޫމާތު ނޭނގޭތީ އޭނާ އިނީ ސުވާލުން ފުރިފައެވެ.
"ބައެއް މީހުން މަރު ވެސް ވޭ. އަނެއް ބައި މީހުން ދިގު މުއްދަތަކަށް ބަލިވެ އުޅެނީ. އަނެއް ބަޔަކު ވަރަށް ހާލުގައި ވެސް އުޅޭ،" ޒައިނާ ބުންޏެވެ.
"އޭތް، ތިއެއް ނޫނޭ ކޮބާތަ އެއްކަލަ އަލަށް ވަން ކުއްޖާ؟" މަދީހާ އަހާލިއެވެ.
"އޭނާ އެބައިން ކްލާސް ރޫމެއްގައި. އަންނާށޭ ސައިބޯން ދާން ބުނީމަ ބުނީ ބަނޑުހައި ނުވެޔޯ،" ޒައިނާ ބުންޏެވެ.
އެ ވަގުތު ޝިމާނާ ތެދުވިއެވެ. އަދި އެ ކޮޓަރިން ބޭރަށް ދާން ހިނގައިގަތެވެ.
"ކޮން ތާކަށް؟" ޒައިނާ އަހާލިއެވެ.
"އެބަ އަންނަން،" ޝިމާނާ ބުންޏެވެ.
ޝިމާނާ ގޮސް ކްލާހަށް ވަން އިރު އޭނާ އިނީ މޭޒުގައި ބޯ ޖައްސައިގެންނެވެ. މަޑުމަޑުން ގިސްލާ އަޑު ވެސް އިވެއެވެ. އިރުކޮޅަކު ދޮރުމަތީގައި ހުރެފައި ކްލާސް ރޫމް ތެރެއަށް ވަދެގެން ގޮސް އޭނާ ގާތަށް ހުއްޓުނެވެ.
"އައްސަލާމް އަލައިކުމް،" ޝިމާނާ ބުންޏެވެ. އޭނާ އިސް އުފުލާލިއެވެ. ރަތް ވެފައިވާ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.
"ކީއްވެ ތި ރޮނީ؟ ބުނަން ބޭނުން ވަންޏާ ބުނާނީ އިނގޭ،" ހިނިތުންވެލާފައި ޝިމާނާ ބުންޏެވެ. އޭނާ ޖަވާބެއް ނުދިނެވެ. އިސްޖަހައިގެން އިނީއެވެ. އޭރު ވެސް އޭނައަށް ގިސްލެވެއެވެ.
"ކޮން ނަމެއްތަ ކިޔަނީ؟" ގޮނޑިއެއް ކައިރިކޮށްލާފައި އިށީންނަމުން އަހާލިއެވެ.
"ފަރުހާ،" ހިނިތުންވެވޭތޯ މަސައްކަތް ކުރަމުން ފަރުހާ ބުންޏެވެ.
"ފަރޫ ކިޔަސް އެންމެ ރަނގަޅުތަ؟" ޝިމާނާ ބެލީ ގުޅުން ބަދަހިކުރެވޭތޯއެވެ.
"އާނ،" ފަރުހާގެ ޖަވާބުކުރެވެ.
ސުކޫލު ނިންމާފައި ޝިމާނާ ގެއަށް ދިޔަ މަގުމަތީގައި އިނީ ފުން ހިޔާލަކަށް ގެއްލިފައެވެ. ޓްރެފިކުގައި ޖެހިފައި އިންކަން ހަނދާންވީ ފަހަތުން ސައިކަލުތައް ބަރުގޮނު އަޅަން ފެށީމައެވެ. އަވަސް އަވަހަށް ޖެހިގެން އޮތް ގޯޅިއަށް އެޅިއެވެ. ގެއަށް ވަދެވުނު އިރު ހަވީރު ފަހެއް ޖަހަނީއެވެ. އެނދުގައި އޮށޯވެލިއެވެ. ދެން ވެސް ވިސްނަމުން ދިޔައީ ފަރުހާއާ މެދުގައެވެ. އޭނާ އެ ވަރަކަށް ރޯން ޖެހޭ ސަބަބަކަށް އޮންނާނީ ކޮން ކަމެއް ހެއްޔެވެ؟ މީހުންގެ ދިރިއުޅުމުގެ ތެރެއަށް ވަދެގެން ކަންކަން ބެލުމަކީ ޝިމާނާ މާ ކުރާ ހިތްވާ ކަމެއް ނޫނެވެ. ނަމަވެސް ފަރުހާ ހިތުގައި ޖެހިފައި އިންލެއް ބޮޑުކަމުން ޝިމާނާއަށް އޭނާއާ ދޭތެރޭ ހަމްދަރުދީ އުފެދުނެވެ. ނަމަވެސް ދެ ވަނަ ފަހަރު އެ ސުވާލު ކުރާކަށް ނުކެރުނެވެ. މީހެއްގެ ގޮތެއް ނޭނގޭނެއެވެ. ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. މީހާގެ މިޒާޖާއި އުޅުމަކީ ވެސް ވަރަށް ތަފާތު ކަންކަމެވެ. ކުއްލިއަކަށް ގޮސް އެހެން އެހުމުން ފަރުހާއަށް ވެސް ޖަވާބު ދޭން އުނދަގޫވީ ކަންނޭނގެއެވެ.
އެރޭ ނިދަން ޝިމާނާއަށް އުނދަގޫވިއެވެ. މަދީހާ ދެއްކި ވާހަކައާ މެދު ވެސް ވިސްނެއް ފެށިއެވެ. ސިހުރާއި އެސްފީނާއަކީ ހަގީގަތެކެވެ. ނަމަވެސް ކޮންމެ މީހަކު ވެސް ބޭނުންވާނީ އެކަމުން ސަލާމަތްވެ ރައްކާތެރިވެގެން ހުންނާށެވެ. އެކަން ގަބޫލުކުރުމަކީ ވެސް އުނދަގޫ ކަމެކެވެ. ހިޔާލުގެ ފުން ދުނިޔެއެއްގައި އޮއްވައި ނިދުނީ ދޭއް ޖަހަނިކޮށެވެ.
ޝިމާނާ ހުރީ އަތިރިމަތީގައެވެ. ރާޅުތައް ޝިމާނާގެ ދެ ފައިގައި ބޮސް ދެމުން ދިޔައެވެ. ދޮންވެލިގަނޑު މަތީގައި ޝިމާނާ ހުރީ ހަމީޝްގެ އިންތިޒާރުގައެވެ. ލޯމަތީގައި މީހަކު އަތް އެޅުމުން ހިނިތުންވެވުނެވެ. އެއީ ހަމީޝްކަން ހިތާ ހިތުން ބުނެލެވުނެވެ. އެ ހުރި ގޮތަށް ހުރެފައި ފަހަތަށް ޖެހިލިއެވެ. އަދި ފަހަތުގައި ހުރި މީހާގެ މޭގައި ލައްކޮށްލެވުނެވެ. ދެ ވަނަ ސިކުންތުގައި އަތް ފޮޅުވާލާފައި ފަހަތަށް ޖެހިލިއެވެ. ޝިމާނާ ވަގުތުން އަނެއް ފަރާތަށް އެނބުރުނެވެ. ކުރިމަތިން ފެންނަން ހުރީ ނުދަންނަ މީހެކެވެ. އަންހެނެއް ކަމެއް ފިރިހެނެއް ކަމެއް ވަތްކެއް ނުވިއެވެ. އަވި ގަދަކަމުން އިރުގެ ދޯދިތައް ވަނީ ލޮލަށް އެޅިފައެވެ. ކުއްލިއަކަށް އެ މީހާ އައިސް ޝިމާނާގެ ކަރުގައި ހިފިއެވެ.
- ނުނިމޭ -