ވާހަކަ: މިތުރާ މަގޭ
ނޮވެމްބަރު 13ގެ ބަޔާ ގުޅޭ
އޭނަ ފޯނަށް ޖަވާބުދޭންވެގެން ކަންފަތުގައި ޖެހިވަގުތު ބަލާފައި ހޫރައިން އަވަހަށް ރީޝް ދިޔަ ދިމާއަށް ހިނގައިގަތެވެ. މަތި ބަލަމުން ސިޑިން އަރައިގެން ގޮސް ނުގެއްލެނީސް އައިޒިކް ފޯނު ބާއްވާފައި ހޫރައިން ފަހަތުން ނައްޓާލައިފި އެވެ. އެވަގުތު ހޫރައިންއަށް ފިޔަވަޅުގެ އަޑު އިވިގެން ފަސް އެނބުރި ބަލައިލާފައި ކުރިއަށް ވުރެ އަވަސްކޮށްލި އެވެ.
"ހޭއި ވެއިޓް. އަހަރެންގެ ގޭގައި އަހަންނަށް ފިލަންތަ ތި ދުވަނީ؟" އައިޒިކް ގާތަށް ހިނިއަންނަގޮތް ވި އެވެ.
"މީ އައިޒިކްގެ ގެކަން އެނގުނު ނަމަ އަހަރެން ނުވެސް އައީމުސް،" އެންމެ މަތީ ހަރުފަތުގައި ހުރެ ޖަވާބު އިއްވާލައިފައި ހޫރައިން ދުއްވައިގަތެވެ.
ކުރިމަތިން ފެންނަމުންދިޔަ ކޮރިޑޯ އާއި ދެފަރާތުގައިވާ ކޮޓަރިތަކަށް ނަޒަރު ހިންގައިލުމަށް ފަހު ވަންނަންވީ ދިމާއެއް ނޭނގިފައި ހުއްޓާ އައިޒިކް އައިސް ކައިރިއަށް ހުއްޓިއްޖެ އެވެ. ހޫރައިން އައިޒިކްގެ މޫނަށް ބަލާލައިފައި ތަންކޮޅެއް ދުރަށް ޖެހުނެވެ.
"ރީޝް ވީ އެ ކޮޓަރީގަ،" ކޮޓަރިއަކަށް އިޝާރާތްކޮށްލާފައި އައިޒިކް ބުނެދިނެވެ.
ހޫރައިންއަށް އެ މޫނަށް ބަލައިލެވުނެވެ. ޔަގީންނުވާ ފަދަ ގޮތަކަށެވެ. އައިޒިކްއަށް އެ ބަލައިލުމުގެ މާނަ ދޭހަވި އެވެ. އޭނަ ހިނިގަނޑެއް ޖަހާލައިފައި ކުރިއަށް ހިނގައިގަތެވެ. ފަހަތުން ހޫރައިން ވެސް ހިނގައިގަތެވެ.
ދޮރު ހުޅުވާލުމާ އެކު އެތެރޭގެ ގަދަ އަޑު އައިސް ކަންފަތުގައި ޖެހުމާއެކު ދޮރުމަތީ ހުރެ ވެސް ހޫރައިންގެ ކަންފަތް ފަޅައިގެންދާވަރު ވި އެވެ. އެތެރެއަށް ނަޒަރު ހިންގާލިއިރު މީހުންތަކުން ފުރިފަ އެވެ. އެހާ އަލި ވެސް މަޑެވެ. އެތާހުރެ ރީޝް ހޯދާކަށް ފަސޭހައެއް ނުވާނެ އެވެ.
ހަދާނެ ގޮތެއް ނޭނގިފައި ހޫރައިން ހުއްޓާ އައިޒިކް އޭނަގެ ކޮނޑުގައި ކުޑަކޮށް ޖެހިގެންފައި އެތެރެއަށް ވަދެއްޖެއެވެ. ހޫރައިން ގާތަށް ރުޅިއައިސްގެން ލޯ ހަނިކޮށްލި ވަގުތު އައިޒިކް އެނބުރި ބަލައިލީ ލާނެތް ހިނިތުންވުމަކާއެކުގަ އެވެ. ދެން މީހުންގަނޑުގެ ތެރެއަށް ގެއްލިއްޖެ އެވެ.
ދެ ހިޔާލެއްގައި ހުރެލާފައި ފަސްއެނބުރި ބަލައިލުމަށް ފަހު ހޫރައިން އެތެރެއަށް ވަދެ ދޮރު ލައްޕައިލި އެވެ. ދެ ކަންފަތުގައި އިނގިލި އަޅައިގެން އޭނަ ހިނގައިގަތެވެ.
ކޮޓަރިއެކޭ ބުނުމަށްވުރެ އެއީ ކުޅިވަރުގެ މައިދާނެކޭ ބުނިއްޔާ ތެދަކަށްވާނެ އެވެ. އެއްކޮޅުގައި ޕޫލް ޓޭބަލްއެއްގެ ވަށައިގެން ޒުވާނުންތައް އެއްވެފަ އެވެ. ޓޭބަލްގެ މަތިން ސީލިންގުން އެލިފައިވާ ބައްތީގެ ސަބަބުން އެތަނަށް ފުދޭވަރަކަށް އައްޔެވެ. އަނެއް ބަޔަކު ބޮޑު ފްލެޓް ސްކްރީނެއްގެ ކުރިމަތީ ބަހައްޓާފައިވާ ސޯފާއެއްގައި ތިބެ ވީޑިއޯ ގޭމް ކުޅެނީ އެވެ. ސޯފާގެ އަރިއަރިމަތީގަ އާއި ތިރީގައި ކާޕެޓް މަތީ ވެސް ގޭމަށް ފޯރިދޭން ބަޔަކު ތިއްބެވެ. ދެންތިބި މީހުން ނަށައި ސަކަރާތް ޖަހަނީ އެވެ. ރީޝް ފެނުނީ އެތަނުންނެވެ.
ހޫރައިން ގޮސް ރީޝްގެ އަތުގައި ހިފެހެއްޓި އެވެ.
"ހިނގާ މިތަނުން ނިކުންނަން،" ހޫރައިން ބުނި ވާހަކަ ރީޝްއަކަށް ނީވެ އެވެ.
ފެނުނީ ހަމައެކަނި އަނގަ ހަރަކާތްކުރިތަނެވެ. ރީޝް ފަރުވާކުޑަ ގޮތަކަށް ހޫރައިންގެ އަތް ފޮޅުވާލައިފައި އަނެއްކާވެސް އެކުވެރިންނާ ބައިވެރިވި އެވެ.
މާޔޫސްކަމާއެކު ވަށައިގެން ހޯދާލައިފައި ހޫރައިން ގޮސް ހުއްޓުނީ އެކިކަހަލަ ބުއިންތަކާ އެކު ލުއިކާނާތައް އަތުރާފައިވާ މޭޒު ކައިރިއަށެވެ. ކުރިއްސުރެ ތިން ކުއްޖަކު އެތާ މަޑުކޮށްލައިގެން ތިއްބެވެ. ތަފާތު ވައްތަރުގެ ޗިޕްސްތަކާއި ދަޅުތަކުގެ އިތުރުން ނުކަނޑާހުރި ދެތިން ވައްތަރެއްގެ ފުޅި ހުއްޓެވެ. ހޫރައިން ނެގީ ކޮފީ ދަޅެކެވެ. އެތަނުން އެކަކު ބަލައިލުމުން ހޫރައިން ލުއި ހިނިތުންވުމެއް ވެރިކޮށްލި އެވެ. ރައްދުގައި ހީލާފައި އެ ކުއްޖާ އެނބުރުނީ އެކުވެރިންނާ ދިމާއަށެވެ.
އިށީންނާނެ ތަނެއް ހޯދަމުން ހޫރައިން ގޮސް ފާރުގައި ލެނގިލައިގެން ކާޕެޓްމަތީ އިށީނެވެ. ދަބަސް ކައިރީ ބަހައްޓާފައި ދަޅު ކަނޑާލައިގެން އޭނަ އެކި މީހުންގެ ހަރަކާތްތަކަށް ބަލަބަލާ އިނެވެ. ވަންއިރު އުނދަގޫވިއަސް ކުޑައިރުކޮޅެއް ވުމުން ކޮންމެވެސް ވަރަކަށް އޭނަ އެތަނަށް ހޭނިއްޖެ އެވެ. އެހެން ނޫނަސް ނިކުމެގެން ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ އެހެން ތާކަށް ވަދެ ހުއްޓާ ރީޝް އޭނަ ނުލާ ގެއަށް ހިނގައިދާނެކަމުގެ ބިރު އޮތެވެ.
"ކަމް ވިތު މީ!" އައިޒިކް އައިނައިތަނެއް ނޭނގި ހޫރައިންގެ ކުރިމައްޗަށް ހުއްޓިފައި އަތުގައި ހިފާ ނެގި އެވެ.
"ކޮންތާކަށް ތިދަނީ؟" ހޫރައިން ސުވާލުކުރި ނަމަވެސް އެ އަޑު އެކަކަށް ވެސް އިވުނުހެނެއް ހިއެއްނުވެ އެވެ.
އަނެއްކޮޅުން އައިޒިކް އޭނަގެ އަތުގައި ހިފައިގެން ހުރީ ދޫކޮށްލާ ގޮތަކަށް ނޫނެވެ. ދެ މީހުން ގޮސް ދޮރެއް ކަހާލައިފައި އައިޒިކް ހޫރައިން ގޮވައިގެން ނިކުތީ ބެލްކަންޏަށެވެ.
ހޫރައިންއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. މަތި ބަލާލިއިރު އުޑުމަތިން އެއްފަހަރާ އެތައް ހާސް ތަރިތަކެއް ވިދާ ބަބުޅާތީ ފެނުނެވެ. އޭނަ އައިޒިކްގެ އަތް ފޮޅުވާލައިފައި ގޮސް ރެއިލިން ކައިރިއަށް ހުއްޓުނެވެ. ތާޒާ ވައިރޯޅިތައް އައިސް މޫނުގައި ފިރުމާލި އެވެ. އައިޒިކް އައިސް ހުއްޓުނީ އެ ދެމެދަށް ކޮންމެވެސް ވަރެއްގެ ދުރުމިނެއް ދީފަ އެވެ.
"ފައިނަލީ،" އައިޒިކް ބުނި އަޑު އިވުނެވެ.
އައިޒިކް ކައިރީ ހުރިކަން ހޫރައިން ހަނދާންވި އެވެ. އަވަހަށް އެ ދިމާއަށް މޫނު އަނބުރާލެވުނެވެ.
ދުރު ބަލަން ހުރެފައި ހަތަރުކަޅި ހަމަކޮށްލިއިރު އައިޒިކްގެ ތުންފަތުގައި ހިނިތުންވުމެއްވި އެވެ. އޭނަ އަތް އުފުލާލިއިރު އެ އަތުގައި ކުޑަވަރެއްގެ ފޮށްޓެއް އޮތެވެ.
"ކޯއްޗެއް ތީ؟" ހޫރައިންއަށް އަހާލެވުނެވެ.
ތުންފަތުގައި ވި ހިނިތުންވުމާއެކު އައިޒިކް އެ ފޮށި ހުޅުވާލައިފައި އެތެރޭގައި ވިދަވިދާ އޮތް އަލިމަހުގެ ކެވެލިގަނޑު ދައްކައިލި އެވެ. "ފޯ ޔޫ."
"އުނހު. އަހަންނަކަށް ތިބަލައެއް ނުގަނެވޭނެ،" ހޫރައިން ވަގުތުން ފަހަތަށް ޖެހުނެވެ.
"އައި އިންސިސްޓް،" އައިޒިކް ޖެހުނީ ކައިރިއަށެވެ. އެ ލޮލުގައި އާދޭހެވެ. އޭނަ ހޫރައިންގެ އަތުގައި ހިފާލި އެވެ. "އައި ލަވް ޔޫ..."
"ނޫނެކޭއެއްނު މި ބުނީ،" ހޫރައިން ފަހަތަށް ޖެހިގެންފައި އަތް ފޮޅުވާލި ވަގުތު އަނެއް އަތުގައި އިން ދަޅު ވެސް ވެއްޓި އެތަނަށް ބަންޑުންވެއްޖެ އެވެ.
އައިޒިކްގެ މޫނަށް ބަލާލިއިރު ހޫރައިންނަށް މާނޭވާލެވެ އެވެ. އޭނަ ހުރީ ރުޅިއައިސް ރަތްވެފަ އެވެ. އޭނަ ދުވަހަކުވެސް އައިޒިކްއަށް ފެހި ސިގްނަލްއެއް ނުދެ އެވެ. އެކަމަކު އައިޒިކް އޭނަ ފަހަތުން ނުނައްޓަނީ ކީއްވެ ހެއްޔެވެ؟
***
"އަހަރެން ދެން ދުވަހަކުވެސް ހޫރައިން ގޮވައިގެން ތަނަކަށް ނުދާނަން،" ކާރުން ފައިބާފައި ގެއާ ދިމާއަށް ދަމުން ފުރަތަމަ ވާހަކަދެއްކީ ރީޝް އެވެ.
"އަންޓިލް ނެކްސްޓް ޓައިމް ރައިޓް؟" ހޫރައިންގެ ރައްދު އަ އެވެ.
ރީޝްއަށް ގަބޫލުނުކުރެވިގެން ހުއްޓިފައި އެނބުރި ބަލާލެވުނެވެ. އާންމުގޮތެއްގައި ހޫރައިންއަކީ އޭނަ ކޮންމެ އެއްޗެއް ކިޔަސް ރައްދު ދޭ ކުއްޖެއް ނޫނެވެ.
ހޫރައިން ވެސް ހުރީ ރީޝްއަށް ބަލާށެވެ. އެ މޫނުގެ ކުލަވަރު ތަރުޖަމާކުރާކަށް ރީޝްއަކަށް ނޭނގުނެވެ.
"ޕްލީޒް. ހިތުން ވަރަށް މުހިންމު މީހެއް ދޯ ތީ؟" ރީޝް އަނެއްކާވެސް ހިނގައިގަތެވެ.
"އެކަމެއް ނޭނގެ އަހަރެން އެކީގަ ނުދިޔައިއްޔާ ހުއްދައެއް ނުލިބޭނެ،" ރީޝްގެ ފަހަތުން ދޮރާށިން ވަންނަމުން ހޫރައިން ބުނެލި އެވެ. ހޫރައިން ހީވަނީ ޒުވާބުކުރަން ގަސްތުކޮށްގެން އުޅޭހެންނެވެ.
"ތީ ހަމަ ހީވާ އެއްޗެއް. މީހުންނަށް އަދި ހޫރައިންގެ ގޮތް ނޭނގެނީ. ޔޫއާ ނޮޓް ދަ ޕާސަން ޔޫ ޕްރިޓެންޑް ޓު ބީ. އަހަރެންގެ މަންމަމެނަށް އެނގޭ ދުވަހަކުން ޕަޕެޓް ހައްދައިގެން އަހަރެން ފަހަތަކު ތިހެން ނުގެންގުޅޭނެ،" ރީޝް ހޫރައިންއަށްވުރެ ގޭތެރެއަށް ވަދެގެން މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ.
ހޫރައިންގެ ފަރާތުން މިފަހަރު ޖަވާބެއް ނަ އެވެ.
"އައި ހޭޓް ޔޫ..." ކޮޓަރިތެރެއަށް ވަދެފައި އަނެއް ފަރާތަށް އެނބުރި ހޫރައިންއަށް ކުރިމަތިލަމުން ރީޝް ބުނެލި އެވެ.
ދެން ފެނުނީ ހޫރައިންގެ މޫނުމައްޗަށް ދޮރު ޖެހިތަނެވެ.
"ހޫރައިން؟" ހައުލަތު ނިކުތީ ކޮޓަރިންނެވެ. ނިދާ ހެދުން މަތިން ރޯބް އައްސާލައިގެން ހުރިއިރު ލޮލުގައި ނިދީގެ އަސަރު ހުއްޓެވެ.
ހައުލަތު އެދުނީ ދޮރު ތަޅުލާފައި ނިދަން ވަނުމަށެވެ. ކައްކާ މީހާއަކީ މަސައްކަތް ނިންމާފައި ދާ މީހެކެވެ. ނެނީއިން ވެސް ތިބޭނީ ކުދިވެރިންނާ އެކު ނިދަން ވަދެ އެވެ. އެހެންވެ ދޮރު ތަޅުލާނީ އެންމެ ފަހުން ހޭލާ އުޅޭ ބަޔެކެވެ. ހޫރައިން ބޯ ޖަހާލައިފައި ދޮރާ ދިމާއަށް ހިނގައިގަތެވެ. ދޮރު ތަޅުލާފައި އޭނަ ދެން މިސްރާބު ޖެހީ ބަދިގެއަށެވެ.
ފެންތައްޓެއް އަޅައިގެން މޭޒުކައިރީ އިންއިރު ހޫރައިންގެ ހިޔާލުތައް އަލުން ދަތުރުކޮށްފައި ދިޔައީ މިރޭގެ ހާދިސާ އަށެވެ. އައިޒިކްގެ ހަދިޔާ އޭނަ ގަބޫލު ނުކުރުމުން އެތަނުން ނިކުމެގެން ދިޔަ ގޮތަށް ފަހުން ހަބަރެއް ނުވެ އެވެ. އަދި ހޫރައިން ވެސް އަލުން އެތެރެއަކަށް ނުވަދެ އެވެ. ކޮޅަށް ހުރެހުރެ ދެފައި ވާޅުވުމުން އޭނަ އިށީނދެލީ ތިރީގަ އެވެ. އެއީ ރީޝް ގެއަށް ދާންވެގެން އޭނަ ހޯދަން އަންނަންދެނެވެ. ގެއަށް ދެވޭތީ އުފަލުން އަވަހަށް ތެދުވެގެން އައިސް ފުރަތަމަ ހޯދައިލީ ދަބަހެވެ. އެއިރު ގިނަ ބަޔަކު ނިކުމެގެން ހިނގައްޖެ އެވެ. މަޑުކޮށްގެން ތިބީ ގޭމު ކުޅެން ތިބި ބައެއް ކުދިންނެވެ.
ހޫރައިންގެ ހިތް ނުތަނަވަސްވީ އޭނަގެ ދަބަސް ހިފައިގެން އައިޒިކް ހުއްޓާ ފެނިފަ އެވެ.
"ގެނޭ އަހަރެންގެ ދަބަސް!" ހޫރައިން ގޮސް އައިޒިކްގެ ކުރިމައްޗަށް ހުއްޓުނެވެ.
އައިޒިކް ބަލަހައްޓައިގެން ހުއްޓެވެ. އެ ލޮލުގައި ހޫރައިން ކުރިން ނުދެކޭ ފަދަ ސީރިއަސްކަމެކެވެ. ހޫރައިން ކުޑަކޮށް ޖެހިލުންވެއްޖެ އެވެ. އޭނަ ދަބަހުގައި ހިފައި ދަމާލި ނަމަވެސް އައިޒިކް ދުލެއް ނުކުރި އެވެ.
"ރީޝް ބުނީމެއްނު ހޫރައިން ގަދަކޮށްލަންވެގެންނޭ އަހަންނާ ވާހަކަނުދައްކަނީ. އެކަމަކު އަހަރެން ފްލާޓްކުރި ވަރަކަށް އެތެރެ އެތެރެއިން އުފާވެފައޭ ހުންނަނީ،" ރީޝް އައިސް އެ ދެ މީހުންނާ އަރާހަމަވުމާ އެކު އައިޒިކް ބުނެލި އެވެ. އޭނަގެ ނަޒަރު އެ ވަގުތު ވެސް ހޫރައިންގެ މޫނަކުން ނުނެއްޓެ އެވެ.
"ތެދެއް އަހަރެން ބުނީ. ޝީ ލަވްސް ޔޯ އެޓެންޝަން. ޝީޒް ޖަސްޓް ޕްލޭއިން ހާޑް ޓު ގެޓް،" ރީޝް އާދައިގެ ވާހަކައެއް ބުނެލިހެން ޖަވާބުދިނެވެ.
"ރީޝް!" ހޫރައިންއަށް ބާރުބާރަށް ގޮވާލެވުނެވެ.
އެ ލޮލަށް ކަރުނަތައް ޖަމާވީ އައި ގަދަ ރުޅީގެ ސަބަބުންނެވެ. މިއޮތް ހުރިހާ ދުވަހު އައިޒިކް އޭނަ ފަހަތުން ނެއްޓެން ނޭނގިގެން އުޅުނު ސަބަބަކީ ރީޝް އެވެ. ރީޝްގެ ދޮގު ވާހަކަތަކެވެ. އޭނަގެ ހިތް އައިޒިކްއަށް ލަންބުވަން ވެސް ރީޝް ވަރަށް މަސައްކަތް ކުރި އެވެ. އޭނައަށް އައިޒިކް ފޮނުވާ ކޭކުތަކާއި ޗޮކްލެޓްތަކާއި މާބޮނޑިތައް ވެސް އޭނަ ބަލައިނުގަތުމުން ބޭނުން ކުރަނީ ރީޝް އެވެ.
އެވަގުތު ގޭމު ކުޅެން ތިބި ކުދިންގެ ކައިރީ ތިބި ދެ ކުއްޖަކަށް ވެސް އަޑު އިވިގެން އެ ދިމާއަށް އެނބުރި ބަލަން ފަށައިފި އެވެ.
"ވަރަށް ސާފު ބަހުން މި ބުނަނީ. އަހަންނާ ވާހަކަދައްކަން މަސައްކަތް ނުކުރާތި!" ހޫރައިން އައިޒިކްއަށް ބަލާލައިފައި ފަހު ބަސް އިއްވުމަށް ފަހު ދަބަސް ދަމައިގަނެގެން އެތަނުން ނިކުންނަން ހިނގައިގަތެވެ.
އެ ހުރިހާ ކަމަކަށް ފަހު ވެސް އައިޒިކް އެ މީހުން ގެއަށް ދާން ޑްރައިވަރާ އެކު ކާރު ފޮނުވި އެވެ. އަރަން ބޭނުންނުވެ ހުރެ ވެސް ރޭގަނޑުގެ އެ ގަޑީގައި ހޫރައިންއަށް މަޖުބޫރުވި އެވެ. ރީޝް އެ ގަޑީގައި ވެސް ކާރަށް އެރީ ހޫރައިންއަށް މަޖުބޫރުކުރަން ކަންނޭނގެއޭ ހިތަށް އެރި އެވެ.
"އަހަންނަކަށް ހަމަ ނުވިސްނުނު،" ކާރުގައި އިނދެފައި ރީޝް ވާހަކަދައްކަން ފެށި އެވެ.
"ހީޒް ރިޗް. ގުޑް ލުކިން. ޗާމިން. އެވަރަށް ފަހަތު އަޅުވައިގެން އުޅޭއިރު ހިލަގަނޑެއް ނޫނިއްޔާ މެލްޓްވާނެ،" ރީޝް އިތުރަށް ބުނެލި އެވެ.
ރީޝް މި ކިޔާ އެއްޗެއް ހޫރައިންއަށް ދޭހަވީ އެ ހިސާބުންނެވެ. އޭނަ ނިންމީ ރައްދު ނުދީ އިނުމަށެވެ.
"އަންލެސް... ޔޫ އޯލްރެޑީ ލަވް ސަމްވަން އެލްސް،" ރީޝް އެންމެފަހުން އަމިއްލަ ސުވާލުތަކަށް ޖަވާބެއް ހޯދައިފި އެވެ.
ހޫރައިން ކުއްލިއަކަށް އެނބުރި ބަލައިލީ އެހެން ބުނީމަ އެވެ.
"އަހަންނަށް ހަމަ ރަނގަޅަށް ދޯ މި ހީވީ،" ރީޝްގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވި އެވެ.
ހޫރައިންގެ ހިތް ތެޅިގަތެވެ. އަތްފައި ފިނިވެލި އެވެ. މޫނުމަތީގެ ކުލަވަރު ފޮރުވަންވެގެން އޭނަ އަނެއްކާވެސް ބިއްލޫރިގަނޑުން ބޭރު ބަލަން ފެށި އެވެ.
"އަހަރެން ތި މީހަކު ހޯދާނަން،" ކާރުން ފޭބުމުގެ ކުރިން ރީޝް އެންމެފަހުން ބުނި އެއްޗަކީ އެއީ އެވެ.
***
ބޯން އެޅި ފިނި ފެންތަށި ގެނެސް ނިތްކުރީގައި ޖައްސާ ބާރުކޮށްލެވުނެވެ. ރޭގަނޑުގެ އެ ގަޑީގައި ވެސް އޭނަގެ އެތެރެހަށި ވަނީ އުދާސްވެފަ އެވެ. ހިތުގެ ހަމަޖެހުން ގެއްލިއްޖެ އެވެ. ރީޝްއަށް އޭނަގެ ހިތުގެ ސިއްރު އެނގޭކަށް ބޭނުމެއް ނޫނެވެ. އަދި ރީޝް އެ ދެއްކީ ވެސް ތެދު ވާހަކަތަކެއް ނޫނެވެ.
"އައި ހޭވް ނޯ ފީލިންގްސް ފޯ ހިމް. އައި ޖަސްޓް އެޑްމަޔާ ހިމް. އެއީ ތަފާތު ދެ ކަމެއް. ތެދެއް މައި ސްޓޭންޑަޑް އިޒް ހައި ބިކޯޒް އޮފް ހިމް،" ހޫރައިން އަމިއްލަ ނަފްސަށް ޔަގީންކޮށްދޭންވެގެން ބުނެލި ކަހަލަ އެވެ.
އެ ގެއަށް އައީއްސުރެ ހޫރައިން ދުށީ ހަމްރާއު ބޮޑެތި މީހުންނަށް ކުރާ އިހުތިރާމެވެ. އެންމެންނަށް ވެދޭ އެހީ އެވެ. ވަރުބަލިކަމެއްނެތި އަބަދުވެސް އެހެން މީހުންގެ އެދުންތަކަށް އިސްކަންދޭތަނެވެ. އަނބިމީހާ ދެކެ ވާ ލޯތްބެވެ. އަނބިމީހާއަށް ދޭ ހިދުމަތްތަކެވެ. ދަރިފުޅުގެ ކަންކަމުގައި އަމަލުކުރާ ފުރިހަމަ ގޮތްތަކެވެ. އެހެން އެންމެންނާ ހިލާފަށް ދީނަށް ކުރާ ލޯތްބާއި ދޭ އިސްކަމެވެ. ހަމްރާއުގެ ލަދުވެތިކަމެވެ.
އެކަމަކު އެ ހުރިހާ ކަމެއްގެ ތެރެއިން އޭނަގެ އަމިއްލަ ނަފްސް ހަނދާން ނައްތާލެވިފައިވާ ތަނެވެ. އަދި ހުރިހާ އެންމެން ހަމްރާއުއަށް އިހުމާލުވެފައިވާ ތަނެވެ. ސިއްރު ސިއްރުން ހަމްރާއުއަށް ހިދުމަތްކުރަން ހޫރައިން ފެށީ އެހެންވެ އެވެ. އޭނަ ބޭނުންވަނީ އޭނަގެ ހަޔާތަށް ވެސް ހަމްރާއު ކަހަލަ މީހަކު އައުމަށެވެ. އެކަމަކު އެއީ ހަމްރާއުއެއް ނޫނެވެ. އެއީ ތަފާތު ދެ ވިސްނުމެކެވެ. އަމިއްލަ ހިތަށް ހޫރައިން ވިސްނައިދެނީ މިހެންނެވެ.
އެނބުރި ގޮސް ތަޅުގައި ހިފާލިއިރު ދޮރު ހުރީ ތަޅުލައިފަ އެވެ. ހޫރައިން ދޮރުގައި ޓަކި ދޭން ފެށި އެވެ. އެކަމަކު އެތެރެއިން ރީޝްގެ ހިލަމެއް ނުވި އެވެ. ހޫރައިން ހާސްވެއްޖެ އެވެ. އެ ގަޑީގައި ގޮސް ދައްތައަށް އުނދަގޫ ކުރާކަށް ނުކެރޭނެ އެވެ.
(ނުނިމޭ)
ކޮމެންޓް