ވާހަކަ: މިތުރާ މަގޭ
ހަމްރާއު ހިތާއިހިތުން އަޒްހަރީއަށް ޝުކުރުއަދާކުރި އެވެ. ދެން ހަމަޖެހުމުގެ ނޭވައެއްލައިފައި އޭނަ އެތަށި ހިފައިގެން ގޮސް ރަނާގެ ކައިރީ އިށީނދެއްޖެ އެވެ.
ކޮޓަރިތެރޭގައި ހޫރައިން އިނީ ލިޔާމޭޒު ކައިރީގަ އެވެ. ލެޕްޓޮޕް ހުޅުވާފައި އޮތްއިރު ކައިރީގައި ހުޅުވާފައި ހުރި ފޮތްތައް ހުއްޓެވެ. ރީޝް ހެދުން ބަދަލުކޮށްގެން ނިކުމެ އޮތީ އަނެއްކާވެސް އެނދަށް އަރަ އެވެ. ފޯނުގެ ސްކްރީނަށް ބަލަމުންދިޔައިރު ތުންފަތުގައި ހިނިތުންވުމެކެވެ. އިރުއިރުކޮޅާ ކޮންމެވެސް އެއްޗެއް ލިޔެ އެވެ.
ހޫރައިން އިނީ ބަނޑުހައިވެފަ އެވެ. އެކަމަކު އެކަނިވެ ދާކަށް ބޭނުމެއް ނުވި އެވެ. ކާކޮޓަރީގައި ހަމްރާއު އަދިވެސް އިންނާނެ އެވެ. އަނެއްކޮޅުން ރީޝް އޮތް ގޮތުން މިއިން އިރަކު ތެދުވާ ހިޔާލެއް ކުރާ ހެނެއް ހިއެއްނުވެ އެވެ. ރީޝް އަކީ އާންމުކޮށް ވެސް އެހާ ކާ ކުއްޖެއް ނޫނެވެ. ލުއި ކާނާއިން ބަނޑު ފުރައިގެން ހުރެދާނެ އެވެ. ނޫނީ ގިނަ ވާނީ ނުކައި އުޅޭ ވަގުތެވެ. ބައެއްފަހަރު އަޒްހަރީ ކޮޓަރިއަށް ގެނެސްދިނުމުން ކާނެ އެވެ.
"ރީޝް ހިނގާ ކާން ދާން!" ހޫރައިން މަސައްކަތް ހުއްޓާލައިފައި އެނބުރި ބަލައިލަމުން ވާހަކަދެއްކި އެވެ.
ރީޝް އަޅައެއްނުލި އެވެ. ނޫނީ އަޑު ނުވެސް އިވުނީ އެވެ. އިތުރު ކަމަކަށް މާބޮޑަށް ގެއްލުމުން ވާނީ އެހެންނެވެ.
"ރީޝް!" ހޫރައިން ތެދުވެގެން އައިސް ރީޝްގެ މަގަށް ހުއްޓިފައި ތަންކޮޅެއް ބާރަށް ގޮވައިލި އެވެ.
"ނުކާނަން،" ފޯނުން ނަޒަރު ވަކިކޮށްލުމެއްނެތި ރީޝް ޖަވާބުދިނެވެ.
ހޫރައިންއަށް މާޔޫސްކަމާއެކު ކޮނޑު އެލުވާލެވުނެވެ.
އިރުކޮޅަކު ރީޝްއަށް ބަލަން ހުރެފައި އޭނަ ގޮސް ކުރިން އިންތަނުގައި އިށީނދެއްޖެ އެވެ. އެކަމަކު އެގޮތުގައި ވީ ދެތިން މިނިޓެވެ. ބަނޑުހައިކަމުގައި އެއްވެސް ކަމެއް ރަނގަޅަށް ނުވާނެކަން ގަބޫލު ކުރެވިގެން ތެދުވެއްޖެ އެވެ.
ބޭރަށް ބޯދިއްކޮށްލިއިރު ޓީވީގެ އަޑު އިވެ އެވެ. ހޫރައިން ނިކުމެ މަޑުމަޑުން ބަދިގެއާ ދިމާއަށް ދިޔައިރު ސަކީނާ ރިމޯޓް އަތަށް ލައިގެން ސޯފާގައި އިންދާ ފެނުނެވެ. ސަކީނާ އިނީ ރީތިވެލައިގެންނެވެ. ބޭރަށް ދާން ކަންނޭނގެ އެވެ. ހޫރައިން ފެނިގެން އޭނައަށް ބަލައިލާފައި ސަކީނާ އަނެއްކާވެސް ނަޒަރު ހުއްޓައިލީ ޓީވީ އަށެވެ.
ދޮރާ ހަމައިން މަޑުޖެހިލާފައި ހޫރައިން އެތެރެއަށް ވަނެވެ. މޭޒު ދޮށުގައި ހަމްރާއު އިނީ ޖެހިގެން ހުރި ގޮނޑީގައި ރަނާ ބައިންދައިގެންނެވެ. ކުރިމަތީގައި ހުރި ތަށީގައި ކައިފައި އޮތް ބިސްގަނޑެއް އޮތެވެ. ރަނާގެ އަތުގައި ކުޑަ އުލެއް އޮތްއިރު ހަމްރާއު ކުރިމަތީ ފެންތައްޓެއް ހުއްޓެވެ.
"ދައްތަ!" ރަނާއަށް ހޫރައިން ފެނުމާއެކު އުފާވެލާފައި ގޮވާލި އެވެ.
ހޫރައިންގެ މިޒާޖު ހުންނަގޮތުން ކުޑަކުދިން އޭނައާ ގަޔާވެ އެވެ. ގޭތެރެއިން ބައްދަލުވާ މަދު ފަހަރަކު ވެސް އެކީ ކުޅެލާ އުރާލާ ހަދާތީ އެ ގޭގައި އުޅޭ ހުރިހާ ކުޑަކުދިން އޭނައާ ރައްޓެއްސެވެ.
ރަނާއަށް ހިނިތުންވެލާފައި ހޫރައިންއަށް ބަލާލެވުނީ ހަމްރާއު އަށެވެ. އެވަގުތު ހަމްރާއު ވެސް އޭނައަށް ބަލައިލަން އުޅޭހެން ހީވެގެން އަނެއްކާވެސް ރަނާއަށް ނަޒަރު ބަދަލުކޮށްލި އެވެ. އަތުން ހަނާއަޅާލައިފައި ވަދެގެން ގޮސް އުނދުން ކައިރިއަށް ހުއްޓުނެވެ. ތެލީގެ މަތިގަނޑު ހޫނުވެ އަތްލިހާއިރުން އަތް ދަމައިގަނެވުނެވެ. އެވަގުތު އޭނައަށް އަޑެއް ލައްވައިލެވުނުކަން އެނގުނީ ހަމްރާއު އެއްޗެކޭ އެހީމަ އެވެ.
"ކިހިނެއްވީ؟" ހޫރައިން އެނބުރި ބަލާލިއިރު ހަމްރާއު އިނީ ބަލާށެވެ.
ކަމެއްނުވެއޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލައިފައި އޭނަ ގޮސް ކުކަރުން ތައްޓަށް ބަތް އަޅަން ފެށި އެވެ. ރަނާ ކައި ނިމިގެން އެކަން އިއުލާން ކުރި އަޑު އިވުނީ އޭނަ އެތާ ހުއްޓައެވެ. ހޫރައިންއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭގެ އިރުކޮޅެއް ފަހުން އޭނަ އައިސް މޭޒު ދޮށުގައި އިށީނދެ ކާން ފެށިއިރު އެ މީހުން ނިކުމެގެން ހިނގައްޖެ އެވެ.
***
އެހެން ދުވަހެކެވެ. ހޫރައިން ސުކޫލުން އައިސް ލެޕްޓޮޕް ކައިރީ މަސައްކަތެއްގައި އިންދާ ދޮރުގައި ޓަކިދިން އަޑު އަ އެވެ. ހޫރައިންއަށް އެނބުރި ބަލައިލެވުނީ އެނދާ ދިމާއަށެވެ. އޭނަ ހީކުރީ ރީޝް އޮންނާނެ ކަމަށެވެ. އެހެންވެ ރީޝް ކައިރީ ދޮރު ހުޅުވަން ދާން ބުނަން ހީކޮށްފައި ހޯދައިލެވުނީ އެވެ. މަސައްކަތުގައި ގެއްލިފައި އިނުމުން ރީޝް ނިކުމެގެން ދިޔަކަން ވެސް ނޭނގުނީއޭ ހިތަށް އެރި އެވެ.
ގޮނޑިމަތީ އޮތް ބުރުގާ ނަގައި ބޮލަށް މަހާލައިފައި ހޫރައިން ގޮސް ދޮރު ހުޅުވައިލި އެވެ.
"ދައްތަ؟" ކުރިމަތިން ހައުލަތު ފެނުމުން ހޫރައިން ކުޑަކޮށް ހައިރާންވި އެވެ. އެ ގަޑީގައި ހައުލަތު އުޅޭނީ އޮފީހުގަ އެވެ.
ދައްތަގެ ރަނގަޅު ތަންކޮޅަކީ ކިތަންމެ ގާތްކޮށް އުޅުނަސް ޓަކި ޖަހާފައި ނޫނީ އެ ކޮޓަރިއަކަށް ނުވަންނާނެ އެވެ.
"ކިހިނެއްވީ ދައްތާ؟" ހައުލަތު ވަންނަން ތަންދައްކާފައި ވަދެގެން ދާން ފެށުމުން ފަހަތުގައި ހުރެފައި އޭނަ އެހި އެވެ.
ހައުލަތު ގޮސް ވަށައިގެން ނަޒަރު ހިންގާލުމަށް ފަހު އިށީނދެލީ ދެ އަންހެންކުދިން ނިދާ އެނދުގެ ތެރެއިން ހޫރައިންގެ އެނދުގަ އެވެ. ތަންމަތި ނަގައި ރީތިކޮށްފައި އޮތީ އެ އެނދެވެ. ރީޝްގެ އެނދުގެ ރަޖާގަނޑު ބޮނޑިކޮށްލާފައި އޮތްއިރު ބާލީސްތައް ވެސް ތަރުތީބެއް ނެތި އެކި ހިސާބުގައި އުކާލައިފައި އޮތެވެ. ރީޝްގެ އެއާޕޮޑާއި ބައެއް ފޮތްތައް ވެސް އެނދުމަތީގަ އެވެ.
"ކިޔެވުން ކިހިނެއް؟" އާދައިގެ ރާގެއްގައި ހައުލަތު އެހި އެވެ.
"ރަނގަޅު." ހޫރައިން ހުއްޓުނީ ލިޔާ މޭޒު ކައިރިއަށެވެ.
ދައްތަ ބަލައިލި ގޮތުން އޭނަ ކުޑަކޮށް ނުތަނަސްވެގެން ދެއަތް ދެއަތާ ކާއްތާލެވުނެވެ.
"ހޫރައިން ބައްޕަ ބުނި ފޯނަށް ޖަވާބު ނުދޭ ވާހަކަ،" ހައުލަތު ދިޔައީ ސީދާ މައުލޫއު އަށެވެ.
ހޫރައިންއަށް ވަގުތުން އިސްޖަހައިލެވުނެވެ. ދައްތަ އެ ބުނީ ތެދެކެވެ. އޭނަ ބައްޕަގެ ފޯނަށް ޖަވާބު ނުދޭތާ މިހާރު ހަފްތާ އަކަށްވުރެ ގިނަ ވެއްޖެ އެވެ.
"އަހަރެން ބުނީ އިމްތިހާނު ކައިރިވާތީ ތަންކޮޅެއް ބުރަކޮށް އުޅޭތީ ކަމަށް ވެދާނެއޭ. އެކަމަކު ބައްޕައަށް ވެސް އެނގޭނެ ފޯނަށް ޖަވާބު ދޭން ވަގުތު ނުވެއެއް ނުދާނެކަން،" ހައުލަތުގެ ވާހަކަ ނިންމާލައިފައި ހޫރައިންގެ ޖަވާބަކަށް އެދިގެން ބަލަން އިނެވެ.
ހޫރައިން އަނގައިން ނުބުނުމުން ހައުލަތު ތެދުވެއްޖެ އެވެ. އޭނަ އިތުރަށް ވާހަކަދެއްކީ ނިކުންނަން ވެގެން ގޮސް ތަޅުގައި ހިފާލައިގެން ހުރެ އެވެ.
"އަނެއްކާވެސް ބައްޕަ ގުޅާނެ. ދައްތަ ބުނާނަން ހޫރައިން މެސެޖު ރައްދުކޮށްދިން ވާހަކަ،" ހައުލަތު އެންމެ ފަހުން ބުނެލި އެވެ.
ދައްތަ ނިކުތުމާއެކު ހޫރައިން ފޫހިވެފައި ގޮސް އިށީނދެލީ އެނދުގަ އެވެ. ބާލީސް ކައިރީ އޮތް ފޯނު ނަގައި ބަލައިލާފައި އަނެއްކާވެސް އޮތް ތަނުގައި ބޭއްވި އެވެ. އޭނަ ބައްޕައާ ވާހަކަދައްކާކަށް ބޭނުމެއް ނޫނެވެ. ބައްޕައަށް އޭނަ އެންމެ ބޭނުންވީ ދުވަހު އެހެން މީހަކާ އިނދެގެން ބައްޕަ ދިޔައީ، ދުރުތާ ތިމާގެ ބައެއްގެ އަތްމައްޗަށް އޭނަ ދޫކޮށްލައިފަ އެވެ. ހައުލަތު އާއި ރިޒްވާން ކިތަންމެ ރަނގަޅަސް އެއީ އަމިއްލަ ބައްޕައަށް ވުރެ ގާތް ބަޔަކަށް ނުވާނެ ނޫން ހެއްޔެވެ؟ އެއްބަނޑުގައި އޭނަގެ ދެން ތިބީ މީހަކާ ނީނދެ ތިބި ދެ ބޭބެއިންނެވެ. އެތަނުން ވެސް އެކަކު ވަޒީފާ އަދާކުރަނީ ރަށުން ބޭރުގަ އެވެ. އަނެކަކު ވީ ކިޔަވަން ބޭރަށް ގޮހެވެ. އަމިއްލަ ގޭގައި އެކަނި އުޅެވެން ނެތިގެން ހައުލަތު ދިރިއުޅޭ ރަށަށް އޭނަ ބަދަލުވީ ބައްޕަ އޭނަ ދޫކޮށްލީމަ އެވެ.
"މަންމަ އެބަ ގޮވާ؟" ހޫރައިން އެނދުން ނުތެދުވެ އިންދާ ރީޝް އިރުކޮޅެއް ފަހުން އައިސް ބުނެލި އެވެ.
ހޫރައިންއަށް ބުމަ ކައިރިކޮށްލެވުނެވެ. ދެވަނަ ފަހަރަށް ދައްތަ މި ގޮވަނީ އަނެއްކާވެސް އެ ވާހަކަ ދައްކަން ބާވައޭ ހިތަށް އެރި އެވެ. ސުވާލު އުފެދިފައި ހުރެގެން އޭނަ ނިކުމެ ދެކޮޅު ހޯދާލިއިރު ދައްތަގެ އަޑު އައީ ބަދިގެތެރެއިންނެވެ. ހޫރައިން ގޮސް ދޮރުމައްޗަށް އެރިއިރު ކާ މޭޒު ދޮށުގައި ޖޫސް ތައްޓެއް ހިފައިގެން އިނެވެ.
"ކިހިނެއްވީ ދައްތާ؟" ހޫރައިން ކުޑަ ތަންކޮޅަކަށް ގޮސްފައި ހުއްޓުނެވެ.
"ހޫމް ރީޝް ބުނި މިރޭ ގުރޫޕް ސްޓަޑީ ހަދަން ދާ ވާހަކައެއް. ހޫރައިން އެއްބަސް ނުވެގެން އޭނައަށް ދާން ނުކެރުނު ވާހަކައެއް ކީ،" ހައުލަތުގެ ނަޒަރު ކުޑަހިނދުކޮޅަކަށް މޭޒުމަތީ އޮތް ފޯނުން ވަކިކޮށްލައި ހޫރައިންއަށް ހުއްޓައިލުމަށް ފަހު އަނެއްކާވެސް ފޯނަށް ބަލަން ފެށި އެވެ.
ހޫރައިންއަށް ފަސްޖެހެވުނެވެ. ރީޝް ފުރަތަމަ އެ ވާހަކަ ދެއްކީ އޭނަ ކައިރީގަ އެވެ. އޭނަ ދެކޮޅު ހެދުމުން ވާހަކަ ބަދަލުކޮށްލީ އެވެ. ކިޔެވުމަށްވުރެ ބޮޑަށް އެތާ ކުރިއަށް ދާނީ ކުޅިވަރާއި މަޖާކުރުންކަން ހޫރައިން އަށް އެނގެ އެވެ. އޭނަ ދާން އެއްބަސްނުވީ އެހެންވެ އެވެ.
"ދައްތައަށް އިނގޭ ގްރޫޕް ސްޓަޑީއަށް ގޮސް މުޅިން ކަމަކަށް އޮންނާނީ ކިޔެވުން ނޫންކަން. ކުޑަކޮށް މަޖާ ވެސް ކޮށްލާނެކަން. ރީޝް ކަހަލަ ކިޔަވަން ބޭނުންނުވާ ކުއްޖަކު އެކަހަލަ ގޮތަކަށް ކަންނޭނގެ އެކަމަށް ޝައުގުވެރިވާނީ ވެސް. ދައްތަ ހޫރައިންއަށް އިތުބާރު ކުރާތީ އޭނަ ވެސް އެކީގައި ގެންދަން އެހާ ބާރު އަޅަނީ،" ހައުލަތުގެ ވާހަކަ ނިމުނުއިރު ހޫރައިން އިތުރަށް ދެކޮޅުހަދަން ބުނާނެ ހަމަ އެކައްޗެއް ވެސް ނުވި އެވެ.
އެންމެފަހުން ބޯޖަހާލައިފައި އެނބުރި ދިޔައީ ގެންދަންވީ ސާމާނު ތައްޔާރު ކުރާށެވެ.
***
ޓެކްސީ މަޑުކޮށްލުމާ އެކު ކުރިން ފޭބީ ހޫރައިންނެވެ. ރީޝް މަޑުކުރީ ފީ ދައްކަންވެގެންނެވެ.
ރީޝް ފޭބިއިރު ކުރިމަތިން ފެންނަމުންދިޔަ ދޮރާށްޓާ ދިމާއަށް ބަލަން ހޫރައިން ހުރީ ނުތަނަވަސްވެފަ އެވެ. އޭނަ އެ ގެއަށް ވަންނާކަށް ބޭނުމެއް ނޫނެވެ. މައްޗަށް ނަގާފައިވާ އުސް ފާރާއި ހައިބަވަންތަ ދޮރާށިން އެކަނިވެސް އެއީ އާދައިގެ ބަޔަކު ދިރިއުޅޭ ގެއެއް ނޫންކަން އިހްސާސް ވެއްޖެ އެވެ. އަދި އޭނަ ދަންނަ އެފަދަ އެކަކީ އައިޒިކް އެވެ. ކިޔަވާށޭ ކިޔައިގެން ރީޝް އޭނަ މިތަނަށް މި ގެނައީ އައިޒިކްގެ އެދުމަށް ހެއްޔެވެ؟
"ޑިޑް ޔޫ ސީ އެ ގޯސްޓް؟" ރީޝް ބެލް ޖަހާލުމުގެ ކުރިން ހޫރައިންއަށް މަލާމާތްކޮށްލި އެވެ.
ހޫރައިން ނުރުހިފައި މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ.
އައިޒިކް އުފާވެރި މޫނަކައިގެން އައިސް ދޮރާށި ހުޅުވާލިއިރު ފަހަތުގައި އެ މީހުންނާ އެކު ކިޔަވަން ދާ އިތުރު ކުއްޖަކު ހުއްޓެވެ.
އާންމުކޮށް މަގުމަތިން ފެންނަ ގޮތާ ހިލާފަށް އައިޒިކް އެ ވަގުތު ހުރީ ކަކުލާ ހަމައަށް ހުރި މުށި ސޯޓުބުރިއަކާއި ގަދަ ނޫކުލައިގެ ގިރުވާންލީ ޓީޝާޓެއްގަ އެވެ. އިސްތަށިގަނޑުގެ ތަރުތީބު ގެއްލިފައިވާ ގޮތުން ހީވަނީ ދެތިންފަހަރު އަތުގެ އިނގިލިތައް މަހާލައި ހާވާލައިފައި ހުރިހެންނެވެ. އެ ސިފައިގައި ކުރިއަށްވުރެ ޅަ ވައްތަރު ޖަހަ އެވެ.
"ހެލޯ!" ވާހަކަދެއްކިއިރު އައިޒިކްގެ ނަޒަރު ހުރީ ހޫރައިން އަށެވެ.
"ކޮބާ އެހެން މީހުން؟" ރީޝް ހުރީ އެތެރެއަށް ނުވަދެވިގެން ލަސްވެފަ އެވެ.
އައިޒިކްގެ ފަހަތުގައި ހުރި ނަދާ ކުރިއަށް ޖެހިލާފައި ރީޝްއާ ދެ މީހުން ބައްދާލިއިރު ދުވަސްގަނޑެއް ވަންދެން ނުފެނި ތިބެފައި އަލުން ބައްދަލުވީ ފަދަ އެވެ. ދެ އެކުވެރިން ވާހަކަދައްކަމުން އެތެރެއަށް ވަދެގެން ދާން ފެށިއިރު ރީޝް ހޫރައިން މަތިން ހަނދާން ނެތުނު ކަހަލަ އެވެ. ހޫރައިން ބެލީ އެ ދެ މީހުންގެ ފަހަތުން ދެވޭތޯ އެވެ. އެވަގުތު އޭނަ ހުއްޓުވީ ފަހަތުގައި ހުރި އައިޒިކް އެވެ. އައިޒިކް ހޫރައިންގެ އަތުގައި ހިފާލުމުން އިތުރަށް ކުރިއަކަށް ނުދެވުނެވެ.
"އަތުން ދޫކޮށްލާ!" ހޫރައިން އެހުރި ގޮތަށް ކުރިއަށް ބަލަން ހުރެ އެދުނެވެ.
"މިފަރާތަށް ބަލައިލީމަ،" އައިޒިކްގެ އަޑުގައި ލާނެތް ކަމެވެ.
ރީޝްމެން އެއިރު ދުވެފައި ގޮސް ސިޑިން އަރަން ފަށައިފި އެވެ. ފުން ނޭވައެއް ދޫކޮށްލުމަށް ފަހު ހޫރައިން އެނބުރި ބަލައިލި އެވެ.
އައިޒިކް ހޫރައިންގެ އަތުން ދޫކޮށްލައިފައި އަމާންދޭ މީހަކު ފަދައިން ދެ އަތް މައްޗަށް އުފުލައިލި އެވެ.
"އަހަރެން މިތަނަށް މިއައީ ކިޔަވަން. އަހަންނަށް އުނދަގޫ ނުކުރާތި!" ހޫރައިން ކޮނޑުގައި އޮތް ދަބަހުގެ ދެވާގަނޑުގެ މަތިން ތިރިއަށް އަތް ހިންގާލައިފައި ވާހަކަދެއްކި އެވެ. އެ މޫނާއި އަޑުގައި ސީރިއަސްކަމެވެ.
"އަބަދު ކިޔަވާ ކިޔަވާ ވަރުބައްޔެއް ވެސް ނުވޭތަ؟ ބްރޭކްއެއް ވެސް ނަގަން ޖެހޭނެއެއްނު،" އައިޒިކްގެ ތުންފަތުގައި ހިނިތުންވުމެކެވެ.
އޭނަ ދެ އަތް ތިރިކޮށްލާފައި ކުރިއަށް ފިޔަވަޅެއް އަޅާލައި ކައިރިވެލުމާ އެކު ހޫރައިން ފަހަތަށް ފިޔަވަޅެއް އަޅައިލި އެވެ.
"އަހަރެން އުފަންވީ އައިޒިކްހެން ސިލްވަ ސުޕޫންއަކާ އެކުގައެއް ނޫން. އަހަންނަށް ކާމިޔާބެއް ލިބެން އޮތީ ކިޔަވައިގެން މީހަކަށް ވެގެން،" ހޫރައިން ރައްދު ދިނެވެ.
އައިޒިކް ހިނިގަނޑެއް ޖަހާލައިފައި ވައިބްރޭޓް ވާން ފެށި ފޯނު ނަގަންވެގެން ޖީބަށް އަތް ކޮއްޕާލީ ހޫރައިންގެ މޫނަށް ބަލަން ހުރެ އެވެ. އޭނަ ފޯނަށް ޖަވާބުދޭން ކަންފަތުގައި ޖެހިވަގުތު ބަލާފައި ހޫރައިން އަވަހަށް ރީޝް ދިޔަ ދިމާއަށް ހިނގައިގަތެވެ. މަތިބަލަމުން ސިޑިން އަރައިގެން ގޮސް ނުގެއްލެނީސް އައިޒިކް ފޯނު ބާއްވާފައި ހޫރައިން ފަހަތުން ނައްޓާލައިފި އެވެ.
(ނުނިމޭ)
ކޮމެންޓް (1)
ޒިމް