ވާހަކަ: ތަރުބިއްޔަތު
އެޕިސޯޑް 9
"ދުވަހެއް ދުވަހަކަށް އެހެން ވަންޏާ އަހަރެން ޖެހޭނީ ފިޔަވަޅެއް އަޅަން،" ލަތީފު އެހެން ބުނުމުން އަހަރެން ހާސްވާ ގޮތްވިއެވެ. ހިތަށް އެރިއެވެ. އަނެއްކާ ލަތީފް އެ އުޅެނީ ކީއްކުރަން ބާވައެވެ؟
"ތިބުނި އެއްޗެއް މަންމައަކަށް ނުވިސްނުނު،" ނޫން ކަމަށް ހަދާފައި އަހަރެން ބުނީމެވެ. އިތުރު އެއްޗެއް ނުބުނެ ލަތީފް ނުކުމެގެން ދިޔައެވެ.
"ޝާނާ، ކީއްވެ ފޯނު ނުނެގީ؟ އަހަރެން ކިހާ ވަރަކަށް ގުޅައިފިން؟" ގަޑިއާ ދިމާލަށް ބަލާލަމުން ލަތީފް ބުންޏެވެ.
"ކީއްކުރަންތަ ގުޅީ؟ އަހަރެން ދިޔައީ ރިޒޯޓެއްގައި އޮތް ޝޯއަކަށް. އެތަނުގައި ވަރަށް އަޑުގަދަ، އެހެންވީމަ މީހަކު ގުޅިއަކަސް ނޭނގޭނެއެއްނު،" ޝާނާ ބުންޏެވެ.
"އަހަރެން މިއީ މީހެއްތަ؟ މިއީ ޝާނާގެ ފިރިމީހާ. ގުޅީމަ ފޯނު ނެގޭ ހިސާބުގައި ފޯނު ބާއްވައިގެން އުޅެން ޖެހޭނީ،" ކޮޅަށް ތެދުވަމުން ލަތީފް ބުންޏެވެ.
"މާ ބާރަށް ހަޅޭއްނުލަވާ. މިގޭ އެހެން މީހުންނަށް އަޑުއިވިދާނެ. ލަދުގަންނަން ޖެހޭނީ ލަތީ،" ފަރުވާލެއްނެތި ޝާނާ ބުންޏެވެ.
"ޝާނާ ކިހިނެއް ވެގެންތަ ތި އުޅެނީ؟ ކީއްވެތަ ތި އުޅުން ބަދަލު ނުކުރަން ތި އުޅެނީ؟ މިހާރު ތިއީ މަންމައެކޭ. ދަރިފުޅާއެކު ވެސް ވަގުތު ހޭދަ ކުރަން ޖެހޭނެ. ދަރިފުޅަށް ބޭނުންވާ ކަންކަން ވެސް ކޮށްދޭން ޖެހޭނެ. އެކަމަކު މިއިން އެއްވެސް ކަމެއް ޝާނާ ހަނދާނެއް ނުހުރޭ. އަބަދާ އަބަދު ތި އުޅެނީ ބޭރުގައި. ޕާޓީތަކާއި ރިޒޯޓުތަކުގައި އެއްވެސް ހިޔާލެއް ފިކުރެއް ނެތި އުޅޭ އިރު އެންމެ ފަހަރަކު ވެސް ދަރިފުޅު މަތިން ހަނދާންވޭތަ؟" ލަތީފް ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
"ތިއީ މަ ބޭނުންވެގެން ހޯދި ދަރިއެއް ނޫން. އެހެންވީމަ މަށަކަށް ތި ކަންކަން ކުރާކަށް ނުޖެހޭނެ،" ޝާނާ އެހެން ބުނުމުން ލަތީފް އޭނަގެ މޫނު މަތީގައި ޖެހިއެވެ.
"ލަތީ!" ވަރަށް ބާރަށް ޝާނާ ބުންޏެވެ. "ތިއީ އެންމެ ފުރަތަމަ އަދި އެންމެ ފަހު ފަހަރުކަން ހަނދާން ކުރާތި. ތިކަހަލަ މީހަކާ އެކު މަ އުޅޭކަށް ވެސް ބޭނުމެއް ނޫން،" ޝާނާ ކޮޓަރިން ނުކުމެގެން ދިޔައެވެ. ލަތީފް ހުރީ ހުރި ފިޔަވަޅު މަތީ ގުޑިލަން ވެސް ނޭނގިފައެވެ.
"މަންމާ! އަހަރެން ގަސްދުގައެއް ނޫނޭ ޖެހީ. ޝާނާ ބުނީ އަހަރެން ވަރަށް ރުޅިއަންނަ ކަހަލަ އެއްޗެއް. އެހެންވެ އަތް އިސްކުރެވުނީ،" ލަތީފް ގުޅައިގެން އުޅުނީ އަހަރެންނަށެވެ. ޝާނާ އޮތީ ނިދާފައެވެ. ގޮވާލުމުން ނުވެސް ތެދުވިއެވެ.
"މަންމައަށް ވިސްނޭ. އެކަމަކު ނުވިސްނެނީ ޝާނާއަށް. މަންމަ ރޭގައި ވެސް ވަރަށް ނަސޭހަތް ދިނިން. އެއްވެސް އަޑެއް ނޭހި. ވީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށް،" ކަންބޮޑުވެފައި އަހަރެން ބުނީމެވެ.
"އަދިވެސް އަހަރެން ބޭނުން ޝާނާ. ދަރިފުޅަށްޓަކައި ވެސް ކެތްކޮށްގެން އުޅެވޭތޯ އަހަރެން މަސައްކަތް ކުރާނަން. އަހަރެން އުންމީދު ކުރަނީ އަދި އޭނައަށް ވިސްނޭނެ ކަމަށް،" ލަތީފް އުންމީދު ކަނޑައެއް ނުލައެވެ.
ޝާނާ އޮތީ ނިދާފައެވެ. ކިތަންމެ ފަހަރަކު ގޮވުމުން ވެސް އޭނައެއް ނުތެދުވިއެވެ. ދުވަހުގެ އިރު އޮއްސުނެވެ. ލަތީފް އެ ގެއަށް އައީ އެ ވަގުތުއެވެ.
"ދަރިފުޅާ ޝާނާ. އެބަ އިން ލަތީފް. ބޭރަށް ނުކުމެބަލަ. ދަރިފުޅު ބަލާ އެ އައީ. ދެން ތި ރުޅި މަޑުކޮށްފައި އޭނައާ އެއްކޮށް ގެއަށް ދޭ،" އަހަރެން ބުނީމެވެ.
"ގެއަށޭ؟ މިއީ މަގޭ ގެ. އެއީ މަގޭ ގެއެއް ނޫން. އެތާ އުޅެނީ ވެސް މަށަށް ހެޔޮ އެދޭ މީހުންނެއް ނޫން. މަށަށް ހެޔޮއެދި މަ ދެކެ ލޯބިވާ ނަމަ މަށަކަށް އަނިޔާއެއް ނުކުރާނެ،" ހިތްހަމަނުޖެހިފައި ޝާނާ ބުންޏެވެ.
"ލަތީފަށް ކުރެވުނު ކަންތަކާ އެއިނީ ވަރަށް ދެރަވެފައި. ދަރިފުޅު ދެން އޭނައަށް މައާފުކޮށްބަލަ،" އަހަރެން އެހެން ބުނުމުން ޝާނާ ނިކަން ބާރަށް ނުކުމެގެން ދިޔައެވެ.
"ކީއްކުރަން ތި އައީ؟" ލަތީފްއާ ދިމާލަށް ޝާނާ ބުންޏެވެ.
"އަހަރެންނަށް މައާފު ކުރޭ. އަހަރެން މި އައީ ޝާނާ ބަލާ. ހިނގާ ގެއަށް،" ލަތީފް ބުންޏެވެ.
"އެ ގެއަށް؟ މަ؟ ދެން ދުވަހަކު ވެސް ނުދާނަން. ލަތީ ހީކުރީތަ ލަތީ އެޅިހާ ބަތަކަށް މަ ރިހަ ވާނޭ. އެހެންނެއް ނުވާނެ. ރޭގައި ތި ޖެހީ. ދެން ނޭނގެ ކުރާނީ އެއަށްވުރެ ބޮޑު ކަމެއް ނޫން ކަމެއް. އަނިޔާ ކުރާ މީހުން ދެކެ މަ ވަރަށް ފޫހިވޭ،" ލަތީފްއާ ދިމާލަށް އެނބުރިފައި ޝާނާ ބުންޏެވެ.
"ތިހެން ނުހަދާ. ދަރިފުޅަށް ވެސް ޝާނާ ވަރަށް މުހިންމުވާނެ. އޭނާ ކިހާ އެކަނިވެރިވާނެ. ހިނގާ ދާން. ތިހާ ބޯހަރުވާކަށް ނުވާނެ. އަހަރެން ޕްރޮމިސް ކުރަން ދެން އެކަހަލަ ކަމެއް ދުވަހަކު ވެސް ނުކުރާނަން."
"މި ބުނީއެއްނު ނުދާނަމޭ. ލަތީފް ވަގުތުތައް ތި ބޭކާރު ކުރަނީ. ކިތަންމެ ގިނަ އިރަކު މިތާ ހުއްޓަސް އަހަރެންގެ ޖަވާބެއް ބަދަލެއް ނުވާނެ. އަދި ބުނަން، ދެން ވެސް އަހަރެން ބުނާނީ ރޭގައި ބުނި ވާހަކަ. ތި ދަރިއަކީ ލަތީގެ ދަރިއެއް. އަހަރެންގެ އެއްވެސް ޒިންމާއެއް ތިކަމުގައި ނޯންނާނެ،" އެހެން ބުނެފައި ޝާނާ ވަނީ ކޮޓަރިއަށެވެ. މާޔޫސްވެފައިވާ ލަތީފް ނުކުމެގެން ގެއަށް ދިޔައެވެ.
ޝާނާ އާއި ފަތުހީ ދިމާވީ ޕާޓީއަކުންނެވެ. ފަތުހީއަކީ ބަސް ވަރުގަދަ މީހެކެވެ. މަސްތުވާތަކެތި ވިއްކުމުގައި ނަން މަޝްހޫރު މީހެކެވެ. ދެ މީހުންގެ ގުޅުން ބަދަހިވެގެން ދިޔައެވެ. ޝާނާ ބޭނުންވީ އެކަހަލަ މީހެކެވެ. ކައިވެނި ކުރާކަށް ފަތުހީ ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ދުނިޔޭގެ އުފަލާއި މަޖަލުގެ ތެރޭގައި އުމުރު ހޭދަކުރާށެވެ. ޝާނާ ވެސް ބޭނުންވަނީ ހަމަ އެގޮތެވެ.
"ޝާނާ ކީއްވެ މެރީކޮށްގެން އުޅޭ ވާހަކަ ނުބުނީ؟" ފަތުހީ އާއި ޝާނާ ތިބީ ހޮޓަލެއްގެ ކޮޓަރިއެއްގައެވެ.
"އެއީ ނަމެއްގައި އޮތް ކައިވެންޏެއް. ލަތީފް ނުދެކޭތާ ވެސް މިހާރު ހައެއްކަ މަސް ވެދާނެ. އޭނަ ވެސް ނޫޅޭ އަހަރެން ވަރިކުރާކަށް. އެހެންވެ އެވަރަކުން އަހަރެން ވެސް ނޫޅެން. މީހެއްގެ އަތްނބެއްގެ ގޮތުގައި ހުއްޓަސް އަހަރެންނަށް ނުކުރެވޭ ކަމެއް ނޯންނާނެ. މިނިވަންކަން އޮންނާނެ، ބޭނުން ގޮތަކަށް އުޅެވޭނެ،" ސިނގިރޭޓެއް ބޯން ހުރެފައި ޝާނާ ބުންޏެވެ.
"ވާއޮ. ތިއީއެއްނު ގޮތަކީ. ތިހެން އުޅެން ޖެހޭނީ. ހުންނާނެ ވަރަށް ފައްކާ އެއްޗެއް. ހިނގާބަލަ ޓްރައިއެއް ކޮށްލަން،" ލަތީފް ބުންޏެވެ. އަދި ފަޓުލޫނުގެ ޖީބުން ކުޑަވަރެއްގެ ކޮތަޅެއް ނެގިއެވެ. ދެ މީހުން އެކަކު އަނެކަކާ ދިމާލަށް ބަލާލާފައި ހިނިތުންވެލިއެވެ.
އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ޝާނާ ގެއަށް އަންނާނެ ވަގުތަކަށެވެ. ނަމަވެސް އެރޭ ދަންވަރު ދޭއް ޖެހި އިރު ވެސް ގެއަކަށް ނައެވެ. ފޯނަށް ގުޅުމުން ބުނަނީ ނިއްވާލާފައި ކަމުގައެވެ. އަތީކާއަށް ގުޅުމުން އޭނާ ބުނީ އޭނަ އޮތީ ނިދާފައިކަމުގައެވެ. އަދި މިރޭ ޝާނާއާ ދިމާނުވާ ވާހަކަ ވެސް ބުންޏެވެ. ކުރިއަށްވުރެ ބޮޑަށް އަހަރެންގެ ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. އެއް ފަހަރު ގަޑިއަށް އަނެއް ފަހަރު ފޯނަށް ބަލަމުން ދިޔައީމެވެ. ދެން ހަދާނެ ގޮތެއް ވިސްނުމަކަށް ނައެވެ. ދާނީ ކޮންތާކަށް ކަމެއް، ގުޅާނީ ކާކަށް ކަމެއް ވެސް ނޭނގުނެވެ. ހިތަށް ބިރުވެރިކަން ވެރިވަމުން ދިޔައެވެ. އެހެންޏާ ވެސް ޝާނާ ލަސްވެއެވެ. މިކަހަލަ އިހުސާސެއް ނުކުރެވެއެވެ. ދެން ވެސް ދިޔައީ ޝާނާއަށް ގުޅަމުންނެވެ. ދެނީ އެއް ޖަވާބެކެވެ. ފޯނު އޮތީ ނިވާލާފައެވެ.
"ލަތީފް، ޝާނާ ވީ ތަނެއް އެނގޭތަ؟" އެންމެ ފަހުން ލަތީފަށް ގުޅީމެވެ. ފޯނު ނެގީ ދެތިން ފަހަރު ގުޅުމުންނެވެ.
"އަހަރެންނަށް ކިހިނެއް އެނގޭނީ؟ އޭނަ ލޮލުން ނުދެކޭތާ ވެސް އެތައް މަހެއް ވެއްޖެ،" ލަތީފް ބުންޏެވެ. "ކިހިނެއްވީ؟"
"އޭނަ ގެއަށް ނައިސްގެން މި އުޅެނީ."
"ތިއީ އާ ކަމެއް ނޫނެއްނު. ތިއީ އަބަދުވެސް އޭނާ އުޅޭ ގޮތެއްނު،" ލަތީފް ބުންޏެވެ.
"އާނ. އެކަމަކު މިރޭ މާ ގިނައިރު ވާތީ، ވީ ތަނެއް ނޭނގިގެން މިއުޅެނީ،" އަހަރެންނަށް ބުނެވުނެވެ.
އެރެއަކު އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. ގަޑިން ފަހެއް ޖެހިއެވެ. ފަތިސް ނަމާދުވުމުން ވުލޫކޮށްލައިގެން އައިސް ނަމާދު ކުރީމެވެ. އަނެއްކާވެސް ޝާނާއަށް ގުޅޭތޯ ބެލީމެވެ. އަލިވިލުނު އިރު ވެސް ޝާނާ ގެއަކަށް ނާދެއެވެ. އަހަރެންގެ ހާސްކަން އިތުރުވެގެން ގޮސް ހަދާނެ ގޮތް ހުސްވާ ހިސާބަށް ދިޔައެވެ.
ހެނދުނު އިރު ފެނުން ތޮޅިލީ މުޅި މާލެ ސިއްސުވާލި ހަބަރަކުންނެވެ. މަސްތުވެގެން އޯވާޑޯޒް ވެގެން ދެ ޒުވާނަކު ހޮޓަލެއްގެ ކޮޓަރީގައި މަރުވެފައި ތިއްބާ ފެނުނު ހަބަރުންނެވެ. އަހަރެންނާ ހިސާބަށް އެ ވާހަކަ ގެނެސްދިނީ އަވައްޓެރިއެކެވެ. އިތުރު އެއްޗެއް ނުބުނެ އޭނާ ބުނީ ޓީވީ ހުޅުވާލުމަށެވެ. ޓީވީ އިން ދައްކަމުން ދިޔައީ އެ ހަބަރެވެ. ފެންނަމުން ދިޔަ ޒުވާން އަންހެންކުއްޖާއަކީ އަހަރެންގެ ދަރިފުޅު ޝާނާއެވެ. ހުރެވުނުތަން ވެސް ނޭނގުނެވެ. އަޑުން އަޑުނަގައި ރޯން ފެށުނެވެ. ގިސްލެވެން ފެށިއެވެ. އެހެންވާންވީ ކީއްވެ ހެއްޔޭ އަމިއްލަ ނަފުސާ ސުވާލު ކުރެވުނެވެ.
އެ ހަބަރު ލަތީފަށް ލިބުމުން ހައިރާނެއް ނުވިއެވެ. އެ މީހެއްގެ އަޖަލު ޖެހޭނީ އެ މީހަކު ކުރާ އަމަލެއްގެ މަތީގައޭ އޭނާ ހިތަށް އެރިއެވެ. ދެރައެއް ވެސް ނުވިއެވެ. ހިތުގައި ހަމްދަރުދީ ނޫން އެއްޗެއް ނުވެއެވެ. ދަރިފުޅަށް މައެއްގެ ލޯބި ނުލިބުނީ ލަތީފްގެ ކުށަކުން ނޫން ކަމުގައި ސިކުނޑި ވިސްނައިދެމުން ދިޔައެވެ. ރަނގަޅު ތަރުބިއްޔަތުދީގެން ހެޔޮގޮތުގައި ދަރިފުޅު ބަލާ ބޮޑު ކުރުމަށް ހިތުގައި އަޒުމް ކަނޑައެޅިއެވެ.
އަހަރެން ހިތަށް އެރިއެވެ. ޝާނާ ބަލާ ބޮޑު ކުރުމުރުގައި ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ ތަރުބިއްޔަތު ކުރުމުގައި އުނިވީ ކޮން ކަމެއް ހެއްޔެވެ؟
- ނިމުނީ -