ވާހަކަ: ތަރުބިއްޔަތު
އެޕިސޯޑް 08
"އާނ. އަހަރެން ބޭނުމެއް ނޫން އެ ވަރުގެ ބޮޑު ޒިންމާއެއް ބޮލުގައި އެޅޭކަށް،" ފޫހިވެފައި ޝާނާ ބުންޏެވެ.
އަތީކާ އާއި ޝާނާ ހޮސްޕިޓަލުން ނުކުމެގެން ދިޔައީ ކައިރީގައި ހުރި ރެސްޓޯރެންޓަކަށެވެ. ދެ މީހުން ވެސް ގެނައީ ކޮފީއެވެ. އަދި ދެ ވައްތަރެއްގެ ހެދިކާއެވެ.
"ދެން ކިހިނެއް ހަދާނީ؟" އަތީކާ އަހާލިއެވެ.
"ބުނެފީމެއްނު މަ މި ދަރިއެއް ބޭނުމެއް ނޫނޭ،" ތަންކޮޅެއް ބާރަށް ޝާނާއަށް ބުނެވުނެވެ. ތިބިތަން ހަނދާންކޮށްދިނީ އަތީކާއެވެ.
"އެކަމަކު ތި ވާހަކަ ލަތީފާއި ޝާނާގެ މަންމަ ގާތުގައި ބުނަން ވާނެ،" އަތީކާ ބުންޏެވެ.
"ބުނިއްޔާ ވާނެ ކަމެއް އޮންނާނެތަ؟ މަ ބޯ ފަޅައިގެން ދާ ވަރަށް ނަސޭހަތް ދޭނީ،" ތުން އަނބުރާލަމުން ޝާނާ ބުންޏެވެ. އޭނާ އިނީ ބޯ ފަޅައިގެން ދާ ވަރު ވެފައެވެ.
ޝާނާ ގެއަށް އައިސް އެނދުމަތީ އޮށޯތެވެ. ދެން ހަދާނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. އެއްވެސް މީހެއް ގާތުގައި އެ ވާހަކަ ބުނާ ހިތެއް ނުވިއެވެ. މިހާރު އުޅޭ އުޅުން ވެސް ދެން ނޫޅެވޭނޭ ހިތް ބުނަމުން ދިޔައެވެ. ކައިވެނި ކުރެވުނު މޮޔަ ހީވާން ފެށިއެވެ. އެޅުނީ ޅަ އެއްޗެއްކަން ހިޔާލަށް އަންނަން ފެށިއެވެ.
"ނިދާފައިތަ؟" ކޮޓަރިއަށް ވަދެފައި ލަތީފް އަހާލިއެވެ. ޝާނާ ފުންމައިގެން ތެދުވިއެވެ.
"ސީރިއަސް ކަމެއް ވެއްޖެ،" ޝާނާ ބުންޏެވެ.
"ކޮން ކަމެއް؟" ލަތީފް އަހާލިއެވެ.
"އައި އެމް ޕްރެގްނެންޓް،" ހިތްހަމަނުޖެހިފައި ޝާނާ ބުންޏެވެ.
"ތިއީ ކިހާ އުފާވެރި ކަމެއް؟ އަހަރެން ބައްޕައަކަށް ވަނީ. މިއަދު އަހަރެން ވަރަށް އުފާވެއްޖެ،" ޝާނާ ގައިގައި ބައްދާލަމުން ލަތީފް ބުންޏެވެ. "އަހަރުމެން ބޭނުންވީ ވީހާވެސް އަވަހަކަށް މި ކަން މި ގޮތަށް ވާން."
"ނޫން ނޫން. އަހަރުމެންނޭ ނުބުނޭ. ލަތީ އެކަނި. އަހަރެން އެހާ އަވަހަކަށް ކުދިން ބޭނުމެއް ނޫން. އަސްލު ބުނަންޏާ އަހަރެން ކުދިން ބޭނުމެއް ވެސް ނޫން،" ރުޅި އައިސްގެން ޝާނާ ބުންޏެވެ. ލަތީފް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ލަތީފް ބޭނުންވީ އެ އުފާވެރި ޚަބަރު އެންމެންނާ ހިއްސާކުރާށެވެ. ފުރަތަމަ ވެސް ގުޅީ އަހަރެންނަށެވެ. އަހަރެންނަށް އުފަލުން ނަށައިނުގަނެވުނީ ކިރިޔާއެވެ.
"އެކަމަކު މަންމާ! ޝާނާއަށް މިއީ އުފާވެރި ޚަބަރެއް ނޫން،" ލަތީފް ބުންޏެވެ. "އެހެންވެ އޭނާ މަންމައަށް ވެސް ނުގުޅީ."
"ކީއްވެ އުފާ ނުވާންވީ؟" އަހަރެންނަށް އަހާލެވުނެވެ.
"އޭނާ ބޭނުންވަނީ ޒިންމާތަކުން ރެކިގެން އުޅެން. ކުރިން އުޅުނު މަޖާ އުޅުމާއި ސަކަރާތް ޖެހުމުގައި ދިރިއުޅުން ހޭދަކުރަން. މަންމަ އޭނައަށް ވިސްނައިދީބަލަ. އަހަރެން ވިސްނައިދީދީ ވަރުބަލި ވެއްޖެ. ބުނާ އެއްވެސް އެއްޗެއް އަޑެއް ނާހާ،" ލަތީފް ޝަކުވާ ކުރިއެވެ.
އަހަރެންނަށް އެ ވާހަކަތައް އަލެއް ނުވިއެވެ. އެއީ ޝާނާގެ އުޅުން ހުންނާނެ ގޮތްކަން ކުރިން ވެސް އަހަރެންނަށް ލަފާކޮށްލެވުނެވެ. ކައިވެންޏަށް ފަހު ޝާނާއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރެވުނީ މަދު ހިނދުކޮޅަކަށެވެ. ނަމަވެސް އޭނާގެ އުޅުމަށް އެއްވެސް ބަދަލެއް ނާންނަކަން އަހަރެންނަށް ދިޔައީ އެނގެމުންނެވެ. މި ކަމަށް ޖެހޭނީ ކޮންމެވެސް ފިޔަވަޅެއް އަޅާށެވެ. ވަގުތު ފާއިތު ނުވަނީސް މި ކަމުގައި ޖެހޭނީ އަހަރެން އިސްވެގެން ކޮންމެވެސް ކަމެއް ކުރާށެވެ. ނަމަވެސް އޭރުން ވެސް ގޯސް ވާނީ އަހަރެންނެވެ. މިހާރު ވެސް ޝާނާ އަހަރެންނަށް ނަފުރަތު ކުރެއެވެ. އޭރުން އޭނާ އަހަރެން ދެކެ އަންނަ ރުޅި އިހުނަށް ވުރެ ގަދަވާނެއެވެ. އެހެނަސް ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވާން ދޫކޮށްލައިގެން ހުރެވޭކަށް ވެސް ނެތެވެ. ފެންނަ މަންޒަރު ނުފެންނަ ކަމަށް ހަދައިގެން ލައްކަ ދުވަހު އަހަރެންނަށް ހުރެވިއްޖެއެވެ. އެއީ ވެސް ޝާނާ ދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުންނެވެ. ހަޅޭއްލަވައި އެއްޗެހި ކިޔާ ނުހަދަނީ ވެސް އެހެންވެއެވެ. ޝާނާއަކީ ކަންކަމުގައި އަހަރެންނަށް ބިރު ދައްކާ ކުއްޖެކެވެ. އެއްޗެއް ހޯދައިނުދީފިއްޔާ އަމިއްލައަށް މަރުވާނަމޭ ވެސް ކިތަންމެ ފަހަރަކު ވަނީ ބުނެފައެވެ. އެ ކަހަލަ ކަމެއް ކޮށްފާނެތީ އިންތިހާއަށް އަހަރެން ބިރުގަނެއެވެ. ޖެހިލުންވެއެވެ.
ލަތީފް ގުޅިތާ އެއް ދުވަސް ފަހުން އަހަރެން އެގެއަށް ދިޔައީމެވެ. ޝާނާ އަހަރެން ގުޅުމުން ފޯނެއް ނުނެގިއެވެ. ކޮޓަރި ހުރީ ތަޅުލާފައެވެ. ގޭގައި އެ ވަގުތު އުޅެނީ ލަތީފްގެ ފަހަރި އެކަންޏެވެ. އޭނާ ވެސް ވަރަށް ގޮވިއެވެ. ނަމަވެސް ޝާނާ ދޮރެއް ނުހުޅުވިއެވެ. އެތައް އިރަކު އަހަރެން އެ ގޭގައި މަޑުކުރީމެވެ. އެންމެ ފަހުން ޝާނާ ދޮރު ހުޅުވިއެވެ. މީހާ ހުރީ ވަރުބަލި ވެފައި ހުންނަ ގޮތަކަށެވެ.
"ދަރިފުޅާ! ކީއްތަ ތި ކުރީ؟ ނިދުނީތަ؟" އޯގާތެރިކަމާ އެކު އަހަރެން އަހާލީމެވެ.
"މަންމަ ކީއްކުރަން މިގެއަށް ތި އައީ؟" ދަޅެއް ކަނޑާލަމުން ޝާނާ ބުންޏެވެ. އެހާ ގިނަ ދުވަސްކޮށްފައި ފެނުމުން އަހަރެންގެ ހާލު ވެސް އަހާނުލައެވެ.
"ދަރިފުޅުގެ ހާލު ބަލައިލަން،" އަހަރެން އެހެން ބުނުމުން ޝާނާ ހިނިގަނޑެއް ޖަހާލިއެވެ.
"މަންމަ ތިއީ އަހަރެންގެ ހާލު ބަލާ މީހެއްތަ؟ ދޮގު ނުހަދާ ބުނޭ. ލަތީ ގުޅީ ދޯ. އެ ވާހަކަ ބުނީ ދޯ؟" ޝާނާ ބުންޏެވެ.
"ދަރިފުޅާ، ތި ކަހަލަ ބުއިންތައް މިހާރު ބޯކަށް ނުވާނެ. ބަނޑުގައި ތި އޮތް ކުޑަކުޑަ ފުރާނައަށް ގެއްލުންވާނެ،" އަހަރެން ބުނީމެވެ.
"ފެށުނީ؟ އަދި މި އުޅެނީ ތިން މަސް ނުވެގެން. މިހާރު އަހަރެންގެ އުފާތަކަށް ހުރަސް އަޅަން ފެށީ،" ކޯވަރެއް ދަޅުން ބޯލަމުން ޝާނާ ބުންޏެވެ.
"ދަރިފުޅާ، ތިހާ ރުޅިއެއް ތި އަންނަނީ ކާކު ދެކެތަ؟ ކާކު ކީއްކޮށްގެންތަ؟"
"މަންމާ، މަށަކަށް މިހެން ނޫޅެވޭނެ. މަޑުމައިތިރި، އަހުލާގު ރަނގަޅު އަތްނބެއްގެ މަގާމެއް ނުފުރޭނެ. ދަރިއަކު ބެލޭނެހާ ހިތްވަރެއް އަހަރެންގެ ނެތް. އެހެންވީމާ، ނެތް ސިފަތަކެއް ދައްކަން ނަސޭހަތް ދޭން ނޫޅެތި،" ޝާނާ ބުންޏެވެ.
"ތިއީ މަންމަ ކުރި ސުވާލުގެ ޖަވާބެއް ނޫން،" އަހަރެން ބުނީމެވެ.
"މަންމަ ކުރާހާ ހުރިހާ ސުވާލެއްގެ ޖަވާބު ދޭން ވެއްޖިއްޔާ އަހަރެންގެ އުމުރު ހުސްވެދާނެ. މަންމައަށް ވެސް މަގޭ ވީ ބޮޑު އުނދަގުލަކަށްނު."
"ތިހެން ނުބުނޭ ދަރިފުޅާ. ދުވަހަކު ވެސް މަންމަ ތިހެންނެއް ނުވިސްނަން. ދަރިފުޅަކީ މަންމައަށް އަބަދުވެސް އެންމެ މުހިންމު މީހާ،" އަހަރެން ހިތުގައި ޖެހުނެވެ.
މާ ގިނަ ދުވަހެއް ނުވެ ޝާނާ ވިހައިފިއެވެ. ވިހެއީ ފިރިހެން ކުއްޖެކެވެ. ނަމަކަށް ކިއީ އައިލާންއެވެ. އަހަރެން ވަރަށް އުފާވިއެވެ. މާމައަކަށް ވުމުން ކުރެވުނީ ފޮނި އިހުސާސެކެވެ. އެ މައުސޫމް މޫނު ފެނުމުން ހިތުގައިވާ ހުރިހާ އުދާހެއް ފިލައިގެން ދިޔަ ކަހަލައެވެ. އަހަރެން އުންމީދުކުރީ ދަރިއަކު ލިބުމުން ޝާނާގެ އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. މައެއްގެ ފަރާތުން އަދާކުރަން ޖެހޭ ޒިންމާތަކާއި އަތްނބެއްގެ ފަރާތުން އަދާ ކުރަން ޖެހޭ ވާޖިބުތައް ހަނދާން ހުންނާނެ ކަމަށެވެ. ނަމަވެސް ކަންތައްތައް ވެގެން ދިޔައީ ދިމާ އިދިކޮޅަށެވެ. ޝާނާގެ އުޅުން އިހުނަށް ވުރެ ގޯސްވަމުން ދިޔައެވެ. މަސްތުވެގެންވާ ހާލުގައި ގެއަށް އައުން ގިނަވިއެވެ. ދަރިފުޅަށް ދޭން ޖެހޭ އެއްވެސް އަޅާލުމާއި ސަމާލުކަމެއް ނުދެއެވެ. ގިނަ ވަގުތު ހޭދަކުރަނީ ބޭރުގައެވެ. އުޅޭ ތަނެއް ލަތީފަކަށް ވެސް ނޭނގެއެވެ. ދާ ތަނެއް އެއްވެސް މީހެއްގެ ގާތުގައި ނުބުނެއެވެ. އެންމެ ފަހުން ލަތީފަށް ކެތް ނުވެގެން އެ ވާހަކަ އަހަރެން ގާތުގައި ދެއްކިއެވެ.
"މަންމަ ބުނެބަލަ ދެން އަހަރެން ހަދާނީ ކިހިނެއް؟ އަހަރެންނަށް އޮފީސް ދޫކޮށްލާފައި ދަރިފުޅު ބަލާކަށް ގޭގައި ނޯވެވޭނެއެއްނު. ޝާނާގެ އުޅުން ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުން. އަހަރެންގެ ކެތްތެރިކަން ކޮޅުން ލާން ފަށައިފި. ހިތަށްއަރާ އެއްޗެހިން ހިތް ފަޅައިގެން ދާ ވަރުވޭ،" ލަތީފް އިނީ ހިތްހަމަނުޖެހިފައެވެ.
ހަގީގަތުގައި އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝާނާގެ އުޅުން ވިޔާނުދާ ވެގެން ހައްދުން ނެއްޓެނީއެވެ. ޒިންމާތައް ގިނަވި ވަރަކަށް އޭނާގެ އުޅުން ދަނީ ގޯސް ވަމުންނެވެ.
"ދަރިފުޅާ! މަންމަ ވަކި ކީކޭ ބުނާނީ؟ އެންމެ ކުޑައިރުން ފެށިގެން ވެސް ޝާނާ އަކީ މަންމަ ބުނާ އެއްވެސް އެއްޗެއް އަޑުއަހާ ކުއްޖެއް ނޫން. އެހާ ބޯހަރުވާނެ. ރުޅިގަދަ ވާނެ. މަންމައަށް ވެސް ދެވޭނީ ނަސޭހަތް. އެކަމަކު އެއެއް އަޑެއް ނާހާނެ. އެއަކަށް އަމަލެއް ނުކުރާނެ. އެހެންވިޔަސް މަންމަ މަސައްކަތް ކުރާނަން އޭނާ ހަމަ މަގަށް އެޅުވޭތޯ،" އަހަރެން ބުނީމެވެ.
"ދުވަހެއް ދުވަހަކަށް އެހެން ވަންޏާ އަހަރެން ޖެހޭނީ ފިޔަވަޅެއް އަޅަން،" ލަތީފު އެހެން ބުނުމުން އަހަރެން ހާސްވާ ގޮތްވިއެވެ.
- ނުނިމޭ -