ރޮބޯމޭން ދަ މޫވީ ޕްރިމިއާގައި ރޮބޯމޭން (ފޮޓޯ އަބްދުﷲ ޔަޝާއު)

'ރޮބޯމޭން ދަ މޫވީ' ޕްރިމިއާކޮށްފި؛ އޮލިމްޕަހަށް މުޅިން އާ ޖީލެއް

ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭން އުޅޭ މި ފިލްމު އޮލިމްޕަސްގައި އަންނަ 5 އޮކްޓޯބަރާ ހަމައަަށް ކުރިއަށް ގެންދާނެ
27 ސެޕްޓެމްބަރު 2024
1

އޮލިމްޕަހުގައި އިއްޔެ 'ރޮބޯމޭން ދަ މޫވީ' ޕްރިމިއާކޮށްފި އެވެ.

ދިވެހި ކުޑަކުދިންގެ ތެރޭގައި މަގުބޫލު ކެރެކްޓާ ރޮބޯމޭން ހިމެނޭ މި ފިލްމަކީ އޯކޭޒް އިންކް އާއި މީޑިއާނެޓްގެ ވީޑިއޯ ކްލަބްގެ އުފެއްދުމެކެވެ.

ފިލްމުގެ ޕްރިމިއާއާ އެކު އޮލިމްޕަހުގެ ދޮރާށި ހުޅުވާލަ ދިނީ މުޅިން އާ ޖީލަކަށެވެ.  

ރޮބޯމޭންގެ ފޭނުންނަށް އޭނާގެ ސޮއި ދެނީ (ފޮޓޯ އަބްދުﷲ ޔަޝާއު)

ގިނަ ދުވަސްތަކަކަށް ފަހު އޮލިމްޕަހުގައި ކުޑަކުދިންގެ ހާއްސަ ފިލްމެއް އަޅުވަން އިއްޔެ އޮލިމްޕަހުގެ މާހައުލު އޮތީ މުޅިން ތަފާތު ގޮތަކަށެވެ.

އޮލިމްޕަހުގައި ފިލްމުތައް އާންމުކޮށް ނެރެނީ ރޭގަނޑު އެވެ. ނަމަވެސް ރޮބޯމޭން ދަ މޫވީ ހަވީރު ޕްރިމިއާކުރީ ކުޑަކުދިންގެ ހާއްސަ ފިލްމަކަށް ވާތީ އެ ކުދިންނަށްޓަކަ އެވެ. އެ ފިލްމު ބަލާ ހިތުންނާއި ރޮބޯމޭންއާ ބައްދަލުކުރަން ގޮސް ކުޑަކުދިންތަކުން މުޅި ތަން އޮތީ ފުރާލައިފަ އެވެ.

ރޮބޯމޭންގެ ބްރޭންޑް ޖަހާފައިވާ ފޮށިތަކަށް އަޅާފައިވާ ޕޮޕްކޯނާއި ފުުއްޕާހަމާއި ބޭނުން ނަމަ ރޮބޯމޭންގެ ފޭނުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ މާޗަންޑައިޒް އޮލިމްޕަހުން ގަންނަން ލިބެން ހުއްޓެވެ. އޭގެ އިތުރުން ސްޕޮންސަރުންގެ ދީލަތި އެހީ ވެސް ބެހި އެވެ.

އެންމެންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަމެވެ. މަހުދީ އަހުމަދުގެ ސްކްރީން ޕްލޭއަކަށް އުފައްދާފައިވާ މި ފިލްމަކީ ދިވެހި ކުޑަކުދިން ފުރަތަމަ ފަހަރަށް ބަލާ ދިވެހި ފިލްމެވެ. ސްކޫލް ބަންދާ ދިމާކޮށް ފިލްމު އެޅުވުމުން ވަރަށް ބޮޑު ޑިމާންޑެއް އޮންނާނެ ކަމަށް ވެސް ބެލެވެ އެވެ.

ރޮބޯމޭން ދަ މޫވީ ޓްރެއިލާއިން ފެނުނީ މިހާރާއި މުސްތަގުބަލުގެ މަންޒަރުތަކެކެވެ. ފިލްމުގެ ކޮންސެޕްޓާއި ސްޓޯރީ ތައްޔާރުކުރީ މުހައްމަދު މުންތަސިރެވެ. އެގޮތުން 2040 ވަނަ އަހަރު ކަމަށް ބުނެ މުޅިން ތަފާތު މާލެއެއްގެ މަލަމަތި ދައްކާލަ އެވެ. ރޮބޯ ޖޫނިއާ ޗެލެންޖެއްގެ ފޯރިގަދަ ނެށުންތަކެއް ވެސް ދައްކާލަ އެވެ.

'ރޮބޯމޭން ދަ މޫވީ'ގެ ޕޯސްޓަރު ދައްކާލަން ބޭއްވި ހަފްލާ. (ފޮޓޯ/މީޑިއާނެޓް)

ފިލްމު ޑައިރެކްޓްކޮށްފައިވަނީ އިބްރާހިމް ވިސާން (ކަނޑި) އެވެ.

ފިލްމުގައި ރޮބޯމޭން ފެންނަނީ އޭނާގެ އަސްލު ކެރެކްޓާގަ އެވެ. އޭނާގެ އަސްލު މޫނެއް ނުދައްކަ އެވެ. ވާހަކައެއް ވެސް ނުދައްކަ އެވެ. އެކަމަކު އެންމެންނަށް ހިނިތުންވުން ގެނެސްދެ އެވެ.

އީޖާދީ މަސައްކަތުން ކާމިޔާބު ހޯދާފައިވާތީ، ސަރުކާރުން ދޭ އެވޯޑް 2023ގައި ހާސިލްކޮށްފައިވާ ރޮބޯމޭން އޭނާގެ ހާއްސަ ފިލްމާ ގުޅޭ ގޮތުން ޝުއޫރުތައް އޮއްސާލީ ފޭސްބުކްއަށެވެ. ފިލްމު ހަގީގަތަކަށް ހަދަން މުންތަސިރު ކުރި މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކުރި އެވެ.

ފިލްމުގައި މި ދާއިރާއަށް އަލަން ނުކުންނަ ކުޑަކުދިން ކަމަށްވާ އަމީލިއާ ނަސްރުﷲ ޝަކީބު އާއި މިޝާ އިސްމާއިލް ނިޔާޒް މުހިއްމު ބައެއް ކުޅެފައިވެ އެވެ. މިއީ މި ފިލްމުގެ އޮޑިޝަން އާއްމުންނަށް ހުޅުވާލުމާ އެކު އެތައް ކުދިންނަކާ ވާދަކޮށް އޮޑިޝަން ކާމިޔާބުކުރި ދެ ފަންނާނުންނެވެ.

ރޮބޯމޭން ދަ މޫވީ ޕްރިމިއާގެ ތެރެއިން (ފޮޓޯ އަބްދުﷲ ޔަޝާއު)

މި ފިލްމު އޮލިމްޕަހުގައި 5 އޮކްޓޯބަރާ ހަމައަށް ދައްކާނެ އެވެ. އޭގެ އިތުރުން އެ ފިލްމު ގެންދަން ބޭނުން ރަށްރަށަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް ރޮބޯމޭން ދަ މޫވީ ޓީމުން ބުނެ އެވެ.

އެކި މީހުން އަންނަނީ ފިލްމާ ގުޅޭ ގޮތުން ރިވިއުތައްް ލިޔަމުންނެވެ. އަލަތު ޝޯއާ އެކު އަދި ފެންނަނީ ވަރަށް ޕޮޒިޓިވް ރިވިއުތަކެކެވެ.

ކޮމެންޓް (1)

profile-image-placeholder

ހަމްކޮ

27 ސެޕްޓެމްބަރު 2024
"މަހުދީ އަހުމަދުގެ ސްކްރީން ޕްލޭއަކަށް އުފައްދާފައިވާ މި ފިލްމަކީ ދިވެހި ކުޑަކުދިން ފުރަތަމަ ފަހަރަށް ބަލާ ދިވެހި ފިލްމެވެ." މިތާގަ މިބުނަނީ ކީކޭބާ؟ ހަމައެއްގޮތަކަށް ނުވިސްނުނު.

އިތުރު އާޓިކަލް

އިތުރު އާޓިކަލް