ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 30 ވަނަ ބައި

26 އޯގަސްޓު 2024

އެޕިސޯޑް 30

ގުލްނާޒްގެ ފަރާތުން ޖަވާބެއް ނައުމުން އިމްތިޔާޒް ފަހަތް ބަލައިލިއެވެ. އިމްތިޔާޒްގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ގުލްނާޒް ހުރީ ކުޑަދޮރު މައްޗަށް އަރައެވެ. އިމްތިޔާޒް ދުވެފައި ދިޔައެވެ.

"އަހަރެންނާ ކައިރި ނުވާތި! އިންތިގެ ލޯބި އަހަރެންނަށް ނުލިބިއްޖެއްޔާ މަރުވާނަމޭ ކުރިން ވެސް އަހަރެން ބުނީމެއްނު؟" ގުލްނާޒް އެހެން ބުނުމުން އިމްތިޔާޒް ހައިރާންވިއެވެ. އިމްތިޔާޒް ހީކުރީ ކުރިން އެ ޖުމްލަ އިވުނީ ހުވެފެނުގައި ކަމަށެވެ.

"އަހަރެން ދޫކޮށްލަން މަސައްކަތް ކުރަންޏާ ކުރޭ. އެކަމަކު ހަނދާން ބަހައްޓާތި. ފަހުން އެކަމާ ހިތާމަކުރަން ޖެހޭނެ،" ގުލްނާޒް ބުންޏެވެ.

"އަހަރެން ނޫޅެމޭ ނާޒް ދޫކޮށްލާކަށް. ތިތަނުން ފައިބާ!، ވެއްޓިދާނެ" ބިރުގަނެފައި ހުރި އިމްތިޔާޒް ވާހަކަ ދައްކަމުން ދިޔައެވެ. "ނާޒް، އަހަރެން ދައްކާ ވާހަކައެއް އަޑު އަހަންޏާ ތި ތަނުން ފައިބާ ޕްލީޒް"

އިމްތިޔާޒް އެތައް ވާހަކައެއް ދައްކައިގެން ގުލްނާޒް އެ ތަނުން ފޭބިއެވެ. އެއީ އޭނާ ބޭނުންވާ ގޮތެވެ. އޭނާގެ މުށު ތެރޭގައި އިމްތިޔާޒް ހައްޔަރުކޮށްގެން ގެންގުޅުމެވެ. އޭނާ ޖަހާހާ ބެރަކަށް ނެށުވުމެވެ. އިމްތިޔާޒް ފިއްތައިގެން ގެންގުޅުމެވެ.

ހަޔާތަކީ ފާޑެއްގެ އެއްޗެކެވެ. އެހެން މީހެއްގެ ނަޒަރުން ބަލާ ނަމަ ތިމާގެ ހަޔާތުން ފެންނާނީ އެ މީހަކު ބަލަން ބޭނުންވާ ފޮނި އިހުސާސްތަކެވެ. އަނެއް ބައި ފަހަރު ފެންނަމުން ދަނީ ވަސްވާސްތަކާއި އޮޅުވާލުންތަކެވެ. ދެން ފެންނަމުން ދަނީ ހަލަބޮލި މަގުތަކާއި އަނދިރި މަގުތަކެވެ. ލިބޭ ކޮންމެ އެއްޗަކީ ވެސް އެފަދަ އެއްޗެކެވެ. އަލިކަމާއި އަނދިރިކަމަކީ ތިމާގެ ހަޔާތުގައި ކުރިމަތިލާން ޖެހޭ ދެ މެހެމާނުންނެވެ. ކޮންމެ ގޮތެއް ވިޔަސް އެ ދެ ކަންތަކާ ކުރިމަތިލާފައި ނޫނީ އެންމެ ދުވަހެއް ވެސް ކަޑައްތު ނުކުރެވޭނެއެވެ. އެއީ ވެސް އިމްތިހާނެކެވެ.

"ކަލޭ ގާތު މަ ބުނާނެ ވާހަކައެއް ނެތް. ތި ކަމުގައި މީހާ ހަލާކުވެ ނުދަނީސް ތި ކަމުން ސަލާމަތްވާން އުޅޭ. އިރުކޮޅަކާ އައިސް މަ ގާތުގައި ތި ޝަކުވާތައް ކިޔައިދިނުމުގެ ބަދަލުގައި އެ ނާޒަށް ކިޔައިދީބަލަ. ނިކަން ފިރިހެނަކަށް ވެބަލަ. އޭނާ އެ ދައްކާހާ ދަޅައަކަށް ނުހެއްލިބަލަ. ހަމަ ކަމެއް ކުރާނަމޭ ކިޔާފައި ބިރު ދައްކާ އިރަށް މީހާ ތި އިންނަނީ ބިރުން ވިރިވިރި. ތިއީ މީހުން އުޅޭ ގޮތެއް ނޫނޭ. ތި ކަމުން މީހާ ސަލާމަތްވާނީ ވެސް ކުރިމަތިލައިގެން،" ފަރްހާން ބުންޏެވެ.

"އެކަމަކު އޭނައަށް ކަމެއް ވެއްޖިއްޔާ އަހަރެންނޭ ކުށްވެރިވާނީ. ނޭނގެއެއްނު މިހާރު ވެސް މީހުން ގާތުގައި ކިޔާފައި އޮތީ ކީކޭ ކަމެއް ވެސް. އަހަރެން ވަރަށް ޖެހިލުންވޭ. ރޭގައި ވެސް ކިރިޔާ މޭގަނޑު އަނގައަށް ނައީ. އޭނާ އެތަނުން ވެއްޓުނު ނަމަ މަރޭ ވާނީ،" ނުތަނަވަސްވެފައި އިން އިމްތިޔާޒް ބުންޏެވެ.

"ހިނގާ ނިޔާޒްއާ ތި ކަމާ ވާހަކަ ދައްކަން. އޭނަ ވަރަށް މޮޅު އައިޑިއާ ދޭނެ. އެކަމަކު އަހަރެން ހައިރާންވޭ ސައިކޭޓްރިސްޓަކަށް ކަލޭ ވެ ހުރެ އެހެން މީހުން ކަލެއަށް ވިސްނައިދޭން ޖެހޭތީ،" ގޮނޑިން ތެދުވަމުން ފަރްހާން ބުންޏެވެ.

ހަޔާތުގެ މި ކުޑަކުޑަ ދަތުރުގައި ތިމާ ބޭނުންވާ އެންމެންނާ ދިމައެއް ނުވެއެވެ. ބައެއް ފަހަރު ކިތަންމެ ވަރަކަށް ލޯބިވާ މީހަކު ބޭނުންވިޔަސް އޭނާ ނުލިބެއެވެ. އޭނާއަށް ތިމާގެ އަގު ވަޒަނެއް ނުކުރެވެއެވެ. ތިމާ ދެކެ ލޯބިވާ މީހަކު ދެކެ ތިމާ ލޯބި ނުވުމަކީ ވެސް އުނދަގުލެކެވެ. އެފަދަ މީހަކާ އެކުގައި ދިރިއުޅެން ކިތަންމެހާ ވެސް ފަސޭހަ ކަމަށް ގިނަ މީހުން ބުނެއެވެ. ނަމަވެސް އެއް ބަޔަކު ބުނާ ގޮތުގައި ލޯބި ނުވާ މީހަކާ އިނދެގެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ މިހާ މަދު ދުވަސްކޮޅަކު ދުނިޔޭގައި އުޅޭ އިރު ކޮންމެ ކަމަކީ ތިމާ އެންމެ ބޭނުންވާ ގޮތަށް ހިނގާނެ ކަންކަމެއް ނޫނެވެ. އަދި ތިމާ އެންމެ ބޭނުންވާ އެއްޗެއްސާއި މުދާ ވެސް ނުލިބި ހިނގައިދެއެވެ. ހަޔާތުގައި ދިމާވާ ބައިވެރިއެއްގެ ސަބަބުން ތިމާގެ މުޅި ހަޔާތް އެ ފުށް މި ފުށަށް ޖެހޭ ވަގުތުތައް ވެސް އާދެއެވެ. އެ ކަހަލަ ދަނޑިވަޅުތަކުގައި ތިމާއަށް އެހީތެރިވާން އެންމެ ގާތުގައި ތިބެނީ އަބަދުވެސް ގާތް ހެޔޮއެދޭ އާއިލާ މީހުންނާއި އެކުވެރިންނެވެ. އޭގެތެރެއިން ވެސް ވަކި ހާއްސަ ބައެކެވެ.

"މަށަށް މައާފު...." ނިޔާޒް ފެނުމުން ފުރަތަމަ ވެސް އިމްތިޔާޒަށް ބުނެވުނީ އެހެންނެވެ.

"ކޮން ކަމަކަށް؟ އެކަން ދެން އެ ނިމުނީ،" ހިނިތުންވެލާފައި ނިޔާޒް ބުންޏެވެ. ކޮންމެ ގޮތެއް ވިޔަސް އިމްތިޔާޒްއާ ކުރިމަތިލާން ނިޔާޒަށް މާ އުނދަގުލެވެ. ސަބަބަކީ ޝައިލާއެވެ.

އެ ވަގުތަކީ ކޮޓަރިން ގުލްނާޒް ނުކުތް ވަގުތެވެ. ދުވަހަކު ވެސް ނުފެންނަ މަންޒަރެއް ފެނުމުން ގުލްނާޒް ބޮލުގައި ރިއްސާލިއެވެ. ގުލްނާޒްގެ ފަހަތުގައި ފަޒީލާ ވެސް ހުއްޓެވެ. ގުލްނާޒް ހިނގަމުން އައިސް އިމްތިޔާޒްގެ ކުރިމައްޗަށް ހުއްޓުނެވެ. އަދި ސޯފާގައި އިށީނެވެ.

"ހާދަ އެހެން ކަހަލަ މަންޒަރެއް މި ފެންނަނީ،" ގުލްނާޒް ބުންޏެވެ.

"ދެން ފެންނާނީ އެހެން ކަހަލަ މަންޒަރު،" ނިޔާޒް ބުންޏެވެ.

"އިންތި. ކިހިނެއް ވެގެން މިއުޅެނީ؟" ގުލްނާޒް އެހެން ބުނުމުން އިމްތިޔާޒް އިސްޖަހާލިއެވެ. އެއްވެސް އެއްޗެއް ބުނަން ބޭނުމެއް ނުވިއެވެ. އޭނާ އިނީ ފޫހިވެފައެވެ.

"ވެގެން މިއުޅޭ ގޮތް މި ގަނޑުގައި އޮންނާނެ. ސޮއިކޮށްލާ،" ފޯމެއް ނަގާފައި ދިއްކޮށްލަމުން ނިޔާޒް ބުންޏެވެ.

"ޑިވޯސް؟" ސޯފާއިން ތެދުވަމުން ގުލްނާޒަށް ބުނެވުނެވެ. އަދި މީހާ ދެ ލޯ ބޮޑު ވެގެން ދިޔައެވެ.

"އެކަމަކު ކީއްވެ؟" އިމްތިޔާޒްގެ ފައިބުޑަށް ތިރިވަމުން ގުލްނާޒް ބުންޏެވެ. "އަހަރެންގެ ކުށަކީ ކޮބާ؟ ކީއްވެ އަހަރެންނަށް ތިހެން ތި ހަދަނީ؟"

"އެންމެ ކުށެއް އޮތް ނަމަ ވަރަށް ފަސޭހައިން ބުނެވޭނެ. އެކަމަކު ހާސް ކުށް އެބަ އޮތް،" ނިޔާޒް ބުންޏެވެ.

"މީނާ ގާތު ބުނެބަލަ ދެމަފިރިން ދޭތެރެއަށް ނުވަންނާށޭ. މީނާ ކޮން ނަސޭހަތެއް ދީގެން ތި އުޅެނީ؟ މަށޭ ކިޔައިގެން ކީކޭ ކިޔައިގެން ތި އުޅެނީ؟ އިންތި. ބުނެބަލަ. އަހަރެން އިންތިއާއޭ މި ވާހަކަ ދައްކަނީ،" ގުލްނާޒަށް ރޮވޭ ގޮތްވިއެވެ.

"ތި ރުއިމަކުން އިންތިއަކަށް އެއްވެސް އަސަރެއް ނުކުރާނެ. ކަލޭގެ ހުރިހާ ހަގީގަތެއް އޭނާއަށް އެނގިއްޖެ،" ނިޔާޒް ބުންޏެވެ.

"ކޮން ހަގީގަތެއް؟" ތެދުވަމުން ގުލްނާޒް ބުންޏެވެ. އަދި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. ނިޔާޒް ބަލައިލީ އިމްތިޔާޒަށެވެ.

"ކުރީގެ ކައިވެނީގައި ޖެހުނު ހުރިހާ މައްސަލަތައް. އެ ކައިވެނީގައި ފިރިމީހާއަށް ޖެއްސި ހާލާއި އޭނާ ބަންދުކޮށްގެން ގެންގުޅުކަން. އޭނާ އެއްކޮށް އިނދަ ޖައްސާލިކަން. އޭނައެއް ނޫންކަން އަނިޔާކުރީ. ތި ގުލްނާޒްކަން ނަފުސާނީ ގޮތުން އޭނާއަށް އަނިޔާ ކުރީ. އަދި އެންމެ ފަހުން ލިބުނު ދަރިފުޅު ކަލޭ ގަސްދުގައި މަރާލިކަން ވެސް މަށަށް އެނގިއްޖެ،" އެއް ފައްޗަކަށް އިމްތިޔާޒް އަމުނާލިއެވެ. ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް އެތެރެއަށް ހިންދާލިއެވެ.

"މި ވަރުން ފުދިއްޖެތަ؟" އިމްތިޔާޒް ބުންޏެވެ. ގުލްނާޒަށް އަނެއް ފަރާތަށް އެނބުރިލެވުނެވެ. އިމްތިޔާޒްއާ ކުރިމަތިލާނެ ހިތްވަރެއް ނެތީ ކަންނޭނގެއެވެ.

"އަދި އެ ވަރުން ނުވެގެން ރަހިމު ވެސް ނަގާފައިވާކަން އެނގޭ. ދޮގު ހަދައިގެން ބަލިވެ އިނދެގެންނޭ ކިޔައިގެން ތި އުޅެނީ ވެސް އޮޅުވާލައިގެންކަން މަށަށް އެނގިއްޖެ،" ގުލްނާޒްގެ ކުރިމައްޗަށް އަރާފައި އިމްތިޔާޒް ބުންޏެވެ. އެ ވާހަކަތައް ދެއްކުނީ ހަށިގަނޑުގައިވާ ހުރިހާ ހިތްވަރެއް ބޭނުންކޮށްގެންނެވެ. "ތި ދެ ލޮލުން ފެންނަނީ މަކަރުވެރިކަމާއި ކެހިވެރިކަން."

ގުލްނާޒް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަރަކާތެއް ވެސް ކޮށްލަން ނޭނގުނެވެ. ދުވަހަކު ވެސް އިމްތިޔާޒް އެހާ ރުޅި އައިސްފައި ހުއްޓާ އޭނާ ނުދެކެއެވެ.

"އިންތި އަހަރެންނަށް...." ގުލްނާޒަށް ބުނެވުނެވެ.

"ހިތަށް ވެސް ނާރުވާތި. ދުވަހަކު ވެސް ތި ކަހަލަ މީހަކަށް އަހަރެން މައާފެއް ނުކުރާނަން. އަހަރެން ބޭނުމެއް ނޫން ނާޒްގެ ސިފަ ވެސް ދެކޭކަށް. ދެން ބައްދަލުވާނީ ކޯޓުން،" ގެއިން ނުކުންނަން ހިނގައި ގަންނަމުން އިމްތިޔާޒް ބުންޏެވެ.

"މިއަދުން ފެށިގެން ގުލްނާޒް ތިއީ އަހަރެންގެ އަތްނބެއް ނޫން،" ދޮރު ލައްޕާލަމުން އިމްތިޔާޒް ބުންޏެވެ.

ގުލްނާޒަށް އަޑުންއަޑު ނަގައި ރޯން ފެށުނެވެ. މިއަދު އޭނާ މުޅިން އެކަނިވެރިވެ ބާކީ ވެއްޖެއެވެ. އަތުގައި ކިތަންމެ ގިނަ މުދަލަކާއި ފައިސާއެއް ހުރި ނަމަވެސް ލޯބިވާނެ ބައިވެރިއެއް ނެތެވެ. އެއީ ހަޔާތުގައި އޭނާއަށް ނުލިބުނު ތެދުވެރިކަމެވެ. ސަބަބަކީ އޭނާގެ އަމިއްލަ އެދުން ބޮޑުކަމެވެ. އެކަން އޭނާއަށް ގަބޫލުނުކުރެވޭ ކަމީ އެންމެ ބޮޑު އުނި ސިފައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެއީ އެންމެ ފުރިހަމަ މީހާއެވެ. ކޮންމެ މީހަކު ވެސް އޭނާ ދޫކޮށްފައި ދަނީ އެ މީހުންގެ ނުކުޅެދުންތެރިކަމެއްގެ ސަބަބުންނެވެ. އެކަން އަބަދުވެސް ގުލްނާޒް ގަބޫލުކުރަނީ އެހެންނެވެ. ނަމަވެސް އިމްތިޔާޒް ދެކެ އޭނާއަށް ވެވުނީ ހަގީގީ ލޯތްބެވެ. ތެދުވެރި ލޯތްބެކެވެ. ނަމަވެސް އެހެން މީހުން އެއަށް ކިޔަނީ ގިރިޓީ ލޯތްބެވެ. އަމިއްލަ އެދުމުން ފޯވެފައިވާ ޝަކުވާ ގިނަ މީހެއްގެ ނާކާމިޔާބު ލޯތްބެވެ.

---

-ނިމުނީ-

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް