ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 29 ވަނަ ބައި

22 އޯގަސްޓު 2024

އެޕިސޯޑް 29

އޭރު ބޯ މަތީގައި ކަޅު ކުރަމުން ދިޔަ ވިލާގަނޑުގެ ބިޔަ ކަމެއް އިމްތިޔާޒަކަށް ނޭނގެ އެވެ. ވިލާގަނޑުގެ ވައިގައި ޖެހި މީހާ އޮޔާ ގެންދާ މަންޒަރެއް ވެސް ނުފެނެ އެވެ. ވިދާ ގުގުރަން ފެށުމުގެ ކުރިން ހިޔާވަހިކަމެއް ހޯދަން އިމްތިޔާޒަށް މަޖުބޫރު ވާނެ އެވެ. ވައި އެހާމެ ގަދަވާނެ އެވެ. ނަގާ ކޮޅިގަނޑުތަކުގައި މީހާއަށް ލިބޭ ގެއްލުން ބޮޑު ވެގެން ދާނެ އެވެ. ނަމަވެސް މި ހުރިހާ ކަމެއް ނޭނގި ހުރި އިމްތިޔާޒް ހުރީ ފަރްހާން ގުޅާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ.

ފަރްހާންގެ ކޯލެއް އައީ ފަސްވަނައަށް ވީ ދުވަހު އެވެ. އޭރު އިމްތިޔާޒް ހުރީ ފޫހިވެ ރުޅިގަދަވެފަ އެވެ. ފަރްހާނަށް ވެސް އެ ވަރު ވިސްނުނެވެ. ނަމަވެސް ކޮންމެ ކަމަކީ ވެސް ވަގުތު ނަގާނެ ކަމެއްކަން އޭނާ ގާތުގައި ބުނެދިނެވެ.

"އޭނަ ޕްރެގެއް ނޫން،" ފުރަތަމަ ވެސް ފަރްހާން ބުންޏެވެ. އިމްތިޔާޒަށް ދެ ލޯ މަރާލެވުނެވެ. "އަދި އެނގޭތަ އޭނަ ވަނީ ރަހިމު ވެސް ނަގާފައި. އިތުރަށް ދަރިން ހޯދަން ބޭނުން ނުވާތީ އޭނަ އެކަން ކުރީ ބޭރު ގައުމަކަށް ގޮސް. އެ ޔަޒީދު ބުނީ ތެދެއް. އެންމެ ފަހުން މާބަނޑު ވެގެން ވެސް އޭނަ އެ ދަރި މަރާލީ ބަނޑަށް ހަ މަހުގައި. މިކަން ވެސް އޭނަ ކުރީ ހަމަ އެ ގައުމުގައި. ކަލޭއަށް މިއިން އެއްވެސް ކަމެއް ހަމަ ނޭނގޭތަ؟"

ފަރްހާން ދައްކަމުން ދިޔަ ވާހަކަތައް އަޑު އިވެމުން ނީވެމުން ކަހަލަ ގޮތަކަށް ދާން ފެށި އެވެ. އިމްތިޔާޒް ހިތަށް އެރި އެވެ. ދެ ކަންފަތުގައި އަތް އަޅާފާނަމެވެ. އިވެމުން މިދާ އަޑުތަކަކީ އަޑު އަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެއްވެސް ފިރިއަކަށް އަޑު އަހަން ކުޅަދާނަ ވާނެ ވާހަކަތަކެއް ނޫނެވެ. ގުލްނާޒަކީ އިންސާނެއް ހެއްޔެވެ؟ މީހުންނަށް ބޭރު ފުށުން އޭނަ ދައްކައިގެން އެ އުޅޭ ކުލައަކީ ކުލަފޮށީގެ ހިތްގައިމު ކުލަތަކެވެ. ނަމަވެސް އެ ހިތަކީ ކަޅު ހިތެކެވެ. ކިލަނބުވެފައިވާ ހިތެކެވެ. މަކަރުން ފުރިފައިވާ އެ ހިތުގައި ރަހުމުގެ އެންމެ ވިންދެއް ވެސް ނުޖަހަ އެވެ. ބޭނުންވަނީ މީހުން އޭނަގެ ދަޅައިގައި ޖައްސައިގެން ހައްލުވާލާށެވެ. ކޮންމެ މީހަކު ވެސް އެ މަޅީގައި ޖެހޭށެވެ. ކޮންމެ މީހެއް ގާތުގައި ވެސް ދައްކާފައި ހުރީ އޭނަގެ ކުރީގެ ކައިވެނީގައި އޭނަ އުޅުނު ނިކަމެތި ހާލުގެ ވާހަކަ އެވެ. ފިރިމީހާގެ އަޅާލުމާއި ލޯބި ނުލިބުނު ވާހަކަ އެވެ. ކައިވެނީގެ ފޮނިމީރުކަން އޭނައަށް އިހުސާސް ނުކުރެވުނު ވާހަކަ އެވެ.

އެނބުރި މާލެ އައީ އެހެން އިމްތިޔާޒެކެވެ. ނަފުސާނީ ގޮތުން އިމްތިޔާޒަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރުވި އެވެ. ގުލްނާޒް ފެނުމުން ޖެހިލުންވާން ފެށި އެވެ. ނުތަނަވަސްވެ މީހާ ހިތް ބިރުގަންނަ ގޮތް ވާން ފެށި އެވެ. ނިދިފައި އޮއްވައި މޫނުމަތީ ބާލީސް އަޅާފާނޭ ހީވާން ފެށި އެވެ. ޒަހަރެއް ލާފައި ކާއެއްޗެއް ދީފާނޭ ހީވި އެވެ. ވަޅިއެއް ހިފައިގެން އައިސް އޭނަ ގަޔަށް ހަރާފާނޭ ވެސް ހީވާން ފެށި އެވެ. ގުލްނާޒްގެ ކިބައިން ޖިސްމާނީ ގޮތުން އެ ފަދަ ސިފައެއް ނުފެނެ އެވެ. ވުމާއެކު އެއްވެސް ކަހަލަ ދަލީލެއް ދެއްކޭކަށް ނެތެވެ. ކިތަންމެ ޖާނުން ވަރުގަދަ، ވިސްނޭ ފިރިހެނަކަށް ވިޔަސް ނަފުސާނީ ގޮތުން މީހާ ބަލިކަށި ވެދާނެ އެވެ. އެކަމުގައި ޖެހޭނީ އެހެން މީހުން އެހީތެރިވާށެވެ. އެ ބަލިކަށިކަން ކުރިމަތިވެފައިވާ މީހާއަށް އެހީވެދީ މަދަދުގާރަކަށް އަނެކުން ވާން ޖެހެ އެވެ.

"ކަމެއް ގޯސްވީތަ؟" އޯގާތެރިކަމާއެކުގައި ގުލްނާޒް އަހާލި އެވެ. "އަހަރެން ގާތު ބުނެބަލަ."

"ނޫން. އެއްވެސް ކަމެއް ނުވޭ،" އަވަސް އަވަހަށް އިމްތިޔާޒް ބުންޏެވެ.

"އެކަމަކު އަހަރެންނަށް ވަރަށް ޝައްކު،" އިމްތިޔާޒްގެ ބޮލުގައި ފިރުމާލަމުން ގުލްނާޒް ބުންޏެވެ. "މި ބޯ ހާދަ ހަރުވެއްޖޭ ދޯ؟"

ގުލްނާޒް އެ ބުނި އެއްޗެއް އިމްތިޔާޒަށް ވިސްނުނެވެ. ނަމަވެސް އެނގުނު ކަމަށް ނުހެދީ އެވެ. އިމްތިޔާޒް އިނީ ވަރަށް ބޮޑަށް ޖެހިލުންވެފަ އެވެ. ގުލްނާޒް ދެން ބުނާނީ ކީކޭ ކަމެއް ނުވިސްނޭ ހާލުގަ އެވެ. އެއީ އިމްތިޔާޒް އެންމެ ބޭނުންވި ގޮތެއް ނޫނެވެ. އިމްތިޔާޒް ވީ ހަގީގީ ލޯތްބެވެ. އަނބިދަރިން ދޫކޮށްލާފައި ދުނިޔެ ކުރި މަލާމާތަށް ފުރަގަސްދީފައި އައީ މިފަދަ ދިރިއުޅުމަކަށް ނޫނެވެ. ބޭނުންވީ އިމްތިޔާޒް ވީ ލޯބީގެ ބަދަލުގައި ވަފާތެރިކަމާއި އޯގާތެރިކަމެވެ. ލޯތްބާއި އަޅާލުމެވެ. ނަމަވެސް ލިބުނީ ކެހިވެރިކަމާއި މަކަރުވެރިކަމެވެ. މާޒީގައި ފޮރުވާފައިވާ އެތައް ކަމެއް ފެންމަތި ކުރުވަމުން ދިރިއުޅުމަށް އެތައް ހުރަހެއް އެޅިއްޖެ އެވެ. ލޯބީގެ ބަގީޗާގައި ފޮޅެމުން ދިޔަ މާތައް ވަޅޯވެއްޖެ އެވެ. ގަސްތައް ހީނަރުވެ ނިކަމެތިވެއްޖެ އެވެ. ބަދަލުގައި ބިމުގައި ފަޅަމުން ކުރި ޖަހަމުން ދިޔައީ ކަށިކުނބުރު ގަސްތަކެވެ. ގަސްތައް ހެދި ބިޔަވަމުން ގޮސް ޖަންގައްޔަކަށް ބަދަލުވާން ނެގީ މަދު ވަގުތު ކޮޅެކެވެ. އެތަނުން މީހާއަށް ސަލާމަތުން ނުކުމެވޭނީ ހަށިގަނޑުގައި އެތައް ކޫރުމެއް އެޅިގެންނެވެ. ނުވަތަ ނުނިކުމެ އެތައް ދުވަހެއް ވަންދެން މީހާ ހައްޔަރުވެ ބަނދެވިފައި ހުންނަން ޖެހިދާނެ އެވެ.

"އަހަރެން އަދިވެސް އެއް ފަހަރު ބުނަން. އަހަރެންނަށް މައާފު ކުރޭ،" އިމްތިޔާޒް ވާހަކަ ދެއްކީ ޝައިލާއާ އެވެ. ޝައިލާއަކީ މިހާރު މީހެއްގެ އަތްނބެކެވެ. އިމްތިޔާޒް ބޭނުންހާ ގޮތަކަށް ވާހަކައެއް ނުދެއްކޭނެ އެވެ. ނަމަވެސް އެ މައުސޫމު މޫނު ފެނުމުން ހިތުގައި ވޭނީ ރިހުމެއް އުފެދުނެވެ.

"ކުރިން ވެސް ބުނީމެއްނު މައާފު ކޮށްފީމޭ. އަހަރެން ވަރަށް ދެރަވެއްޖެ އިންތި ތި އުޅޭ ހާލު އެނގުމުން. އަހަރެން ބޭނުން އެހީތެރިވާން ވެސް. ނިޔާޒްއާ އަހަރެން ވާހަކަ ދައްކަންތަ؟" އެއީ ޝައިލާގެ ރީތި ސިފައެކެވެ. ފުރަތަމަ ވެސް ކޮންމެ ކަމެއްގައި ވެސް ހިޔާލު ހޯދާނީ ފިރިމީހާގެ ކިބައިންނެވެ. އެއްވެސް ކަމެއް ސިއްރެއް ނުކުރާނެ އެވެ. އޮޅުވައެއް ނުލާނެ އެވެ. އިމްތިޔާޒަށް އެކަންކަން ވަރަށް ކަމުދެ އެވެ.

"ނޫން. އޭނައާ ވާހަކަ ދައްކާނެ ކަމެއް ނެތް. އަހަރެންނަށް އެނގޭ މިހެން މިވީ އަހަރެންގެ ކުށުންކަން. އަހަރެން ކުރި ކުުށުގެ އަދަބު އަހަރެންނަށް މި ލިބުނީ. ޝައިގެ އެއްވެސް ކުށެއް ނެތި ހިތުގައި ޖައްސާފައި ދިޔުމުން އޭގެ ސަޒާ އަހަރެންނަށް މި ލިބުނީ،" މެށިފައިވާ އަޑަކުން އިމްތިޔާޒް ވާހަކަ ދައްކަމުން ދިޔަ އެވެ. "މި ވާހަކަތައް ދެއްކުމުގެ މާ ބޮޑު ބޭނުމެއް ވެސް ނެތް. އެކަމަކު ޝައިއާއި ޔޫހް ދެކިލަން މި ގެއަށް މި އައީ."

"ޔޫހް ވީ ސުކޫލުގައި، އޭނަ އުޅޭ ގަޑިއަކުން އަދި އަންނާތި އިނގޭ،" ޝައިލާ ދައުވަތު ދިނެވެ.

އިމްތިޔާޒްގެ ހިތަށް ތަދުވާން ފެށި އެވެ. ގޭގައި އުޅޭ ވަގުތުތައް މަދުކޮށްލަން ފެށި އެވެ. ގުލްނާޒް ފެންނަ ހިސާބުގައި އުޅުމަކީ އިމްތިޔާޒަށް ވަރަށް އުނދަގޫ ކަމަކަށް ވި އެވެ. އެކަމާ ގުލްނާޒްގެ ޝަކުވާތައް އޮހެން ފެށި އެވެ. އެކަމާ ކުރިމަތިލާން ކިތަންމެ ބޭނުން ނުވިޔަސް އިމްތިޔާޒަށް ކުރިމަތިލާން ޖެހުނެވެ. ގުލްނާޒް ކުރާ ހުރިހާ ސުވާލަކަށް ޖަވާބު ދޭން ޖެހޭ ދުވަސް ވީ ދުރަކު ނޫނެވެ. ގުލްނާޒް ބޭނުންވަނީ އިމްތިޔާޒް ހިތުގައިޖައްސައި ދެރަ ކުރާށެވެ. ކުށްވެރިއަކީ އިމްތިޔާޒްކަން ހުދު އޭނައަށް ވިސްނައިދޭށެވެ. ކޮންމެ ކަމެއްގައި ވެސް ކުށް ކުރަނީ އޭނަކަން ބުނެދޭށެވެ. ގުލްނާޒް ދައްކާ ވާހަކަތަކަށް ބީރު ކަންފަތެއް ދޭން ކިތަންމެ ބޭނުން ވިޔަސް އިމްތިޔާޒަށް އެކަމެއް ނުކުރެވުނެވެ. ގުލްނާޒް ހުންނަނީ ތަންވަޅަކަށް ބަލަބަލަ އެވެ.

"ވެގެން ތި އުޅޭ ގޮތެއް ބުނެބަލަ. މިހާރު އަބަދު އުޅެނީ ބޭރުގައި. މީހާ ތި ހުންނަނީ ބޮލުގައި ފުނައެއް ވެސް ނާޅައި. ހީވަނީ ފެން ނުވަރައި ހުންނަހެން. ތުނބުޅި ވެސް ދިގު ވެގެން ދަނީ. ލައި އުޅެނީ ވެސް އަތުގައި ހުރި އެންމެ ބާ އަންނައުނު. ތިހެން އުޅުނީމަ އަހަރެން ކިހާ ދެރަވާނެ. އެންމެ ކުޑަމިނުން އަހަރެން މިއިން ހާލަތަށް ވެސް ވިސްނާލަން ވާނެއެއްނު،" ބަނޑުގައި އަތް ޖައްސާލަމުން ގުލްނާޒް ބުންޏެވެ.

އިމްތިޔާޒް އިނީ ރުޅިއައިސްފަ އެވެ. ނަމަވެސް މޫނުމަތިން އެކަމެއް ނުދައްކަ އެވެ. ހިތަށް އަރަމުން ދިޔަ އެވެ. ގުލްނާޒް ހެއްދެވި ފަރާތް ދެކެ ވެސް ބިރު ނުގަންނަނީތާ އެވެ. އެހެން ނޫން ނަމަ އަދިވެސް އެގޮތަށް އޮޅުވާލައި މަކަރު ހަދާކަށް ނޫޅޭނެ އެވެ.

"އަހަރެންނަށް އެނގޭ މިއަދު ވެސް އެ ޝައިލާމެން ގެއަށް އިންތި ދިޔަކަން. އެކަމަކު އަހަރެން ޝަކުވާއެއް ނުކުރަމެއްނު. އަހަރެންނަށް އެނގޭ އަހަރެން ދެކެ މިހާރު އިންތި ލޯބިނުވާކަން. އޭނަ މެރީ ކުރިޔަސް އަދިވެސް އޭނަ ދެކެ ކަން ލޯބިވަނީ،" ގުލްނާޒް ބުންޏެވެ. އިމްތިޔާޒް އިނީ އެނދުގަ އެވެ. ގުލްނާޒް ހުރީ ކުޑަދޮރު ކައިރީގަ އެވެ.

"ނާޒް މަށަށް ފާރަލާން ވެސް ފެށީތަ؟" އިމްތިޔާޒް ބުންޏެވެ.

ގުލްނާޒްގެ ފަރާތުން ޖަވާބެއް ނައުމުން އިމްތިޔާޒް ފަހަތް ބަލާލި އެވެ. އިމްތިޔާޒްގެ ދެ ލޯ ބޮޑުވެގެން ދިޔަ އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް