ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 28 ވަނަ ބައި

20 އޯގަސްޓު 2024

އެޕިސޯޑް 28

ގުލްނާޒް ބުނި ޖުމްލައިން އިމްތިޔާޒަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ.

"އޭނ؟ އެ ކިހިނެއް؟" އިމްތިޔާޒަށް ބުނެވުނެވެ.

"ކިހިނެއްހޭ؟ ނޭނގިގެންތަ ތި އަހަނީ ނޫނީ އަހަރެން ރުޅިއަރުވަންތަ؟" ގުލްނާޒް ގާތަށް ރުޅިއަ އެވެ.

"އެހެންނެއް ނޫނޭ. ކުއްލިއަކަށް ތިހެން ބުނީމަ އަހަރެން ހައިރާންވީ، އަދި އެހާ އުފާ ވެސް ވެއްޖެ،" އިމްތިޔާޒް ދޮގުހެދި އެވެ. ވަގުތުގެ ގޮތުން އެންމެ އަވަހަށް އެކަމުން ސަލާމަތް ވެވެން އޮތް ގޮތަކީ އެއީ އެވެ.

"މަށަށް ނޭނގުނު ހުރެވުނުތަން ވެސް،" އިމްތިޔާޒް ބުންޏެވެ. "އަހަރެންގެ ސިކުނޑި ސުމަކަށް ހިނގައްޖެ."

"ކަލެއަށް ޔަގީންތަ އޭނަ ބަނޑުބޮޑުކަން؟ އެކަހަލަ މަކަރުވެރިން ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެ. ފުރަތަމަ ތިކަން ޔަގީންކޮށްބަލަ. ކަލޭ އޭނަގެ މަޅީގައި ޖައްސާފައި ބަހައްޓަން ވެސް އެހެން ބުނެފާނެ،" ފަރްހާން ބުންޏެވެ.

"ދެން އެ ވަރުގެ ބޮޑު ދޮގެއް ހަދާނެތަ؟"

"ކަލޭތަ ތިހެން ތި ބުނަނީ؟ ތި ޔަޒީދު ބުންޏެއްނު އޭނަގެ ގޮތް. ކޮން ކަހަލަ މީހެއްކަން ވަރަށް ތަފުސީލުކޮށް ކިޔައިދިނެއްނު. އަދިވެސް ކަލެއަށް އޭނަ ގޮތް ނޭނގޭތަ؟ ނުވަތަ ގަބޫލުކުރަން ބޭނުން ނުވަނީތަ؟" ފޫހިވެފައި ފަރްހާން ބުންޏެވެ.

"ގަބޫލު ނުކުރާކަށް ނޫޅެމޭ. މަށަށް ވެސް އެނގޭ އޭނަގެ ގޮތް. އެކަމަކު..." އިމްތިޔާޒަށް ބުނެވުނެވެ.

"އެކަމަކު ކޯއްޗެއް؟ ބުނޭ ބަނޑުބޮނޑުކަން ޔަގީން ކުރާށޭ. ޑޮކްޓަރަށް ދައްކަން ނަމަވެސް ކޮންމެވެސް އެއްޗެއް ކިޔައިގެން އެކަން ބަލައި ޔަގީން ކޮށްބަލަ. ތިހެން ހަމަ ބުނެލާ އިރަށް ޖެހޭތަ އޭނަގެ ބަހަށް ކަލޭ ހެއްލެން؟ މިހާރު އޭނަ ދަސްވާހާ ދުވަސް ވެއްޖެއްނު،" ފަރްހާން އިނީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

"ކަލޭ ތި އުޅެނީ އޭނަ ބުނިއްޔާ ބުނި ގޮތަކަށް. އިސްތަށިގަނޑާއި ތުނބުޅި މަތިމަސް ވެސް ބަހައްޓަން ޖެހެނީ އޭނަ ބުނާ ގޮތަށް. ހިނގަންވާ ގޮތާއި އުޅެންވީ ގޮތް ވެސް ބުނެދެނީ އޭނަ. ކާންވާ އެއްޗެއްސާއި ޖަހަންވާ ސެންޓް ވެސް ބުނެދެނީ އޭނަ. އަދި މީގައި މޮޅު ކަމަކީ ކަލޭ އޭނަ ބުނާހާ ގޮތަކަށް އުޅޭތީ. ބުނާހާ ކަމެއް ބުނާ ގޮތަކަށް ކުރާތީ. ކަލެއަށް ކަލޭ ތި ވަނީ ގެއްލިފަ. ތިއީ އެ ގުލްނާޒް ބޭނުންވާ ސިފަތަކެއްގައި ހުރި ޕަޕެޓެއް،" ފަރްހާން ބުންޏެވެ.

ފަރްހާން ބުނި ކޮންމެ ޖުމްލައަކަށް އިމްތިޔާޒް ވިސްނާލި އެވެ. އޭނަ ދެއްކީ މުޅިއަކުން ދޮގު ވާހަކަތަކެއް ނޫނެވެ. ކޮންމެ ބަހެއްގައި ވަކިވަކިން އެތައް މާނައެއް އެކުލެވިގެންވެ އެވެ. ގުލްނާޒްގެ އެފަދަ ސިފަތައް އެހެން މީހުންނަށް ފެނުމަކީ ނާދިރު ކަމެކެވެ. އޭނަގެ އެ ނުފެންނަ ފަރާތް ފެންނާނީ އޭނައާ އެންމެ ގާތުގައި އުޅޭ މީހުންނަށެވެ. ގުލްނާޒަކީ ދެއްކުންތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. ދެ މީހުންގެ ޒަވާޖީ ހަޔާތަށް ނަޒަރު ހިންގައިލި ކޮންމެ މީހަކަށް ފެންނާނީ ހަރުދަނާ ގުލްނާޒެވެ. އުފާވެރިކަމުން ފުރިފައިވާ ދެމަފިރިންނެވެ. އޯގާތެރި، ހެޔޮލަފާ އަތްނބަކާއި ފިރިއެކެވެ. ނަމަވެސް އިމްތިޔާޒް އަނދިރީގައި ބަހައްޓައިގެން ގުލްނާޒް ކުޅޭ ކުޅިވަރެއް އެއްވެސް މީހަކަށް ނުފެންނާނެ އެވެ. އިމްތިޔާޒްއަށް ދެން ހަދާނެ ގޮތެއް ވިސްނުމަކަށް ނަ އެވެ.

"ކަލޭ ވެސް މަ ބޯ ގޮއްވާނުލައި ދެން ހަދަންވީ ގޮތެއް ބުނެބަލަ ހެޔޮނުވާނެ. މަ ކިހިނެއްތަ އެ އަންހެނާ ކިބައިން ސަލާމަތްވާނީ؟ ކުރީ ރޭ އެ އޮތީ މަ ކަރުގައި ހިފާފައި. މި އަދު ކަރަށް އެ މަހާލީ ވަރުގަދަ މަޅިއެއް. މިއިން ކޮންމެ ކަމަކުން ވެސް ދޭހަކޮށްދެނީ އޭނަގެ ހުރި ވަގު ހިޔަޅު ކަމެއްނު. މަ މިހާރު ފޫހިވޭ އޭނަ ފެންނަ ހިސާބަށް ދާން ވެސްް. ދެން ކިހިނެއް އެއް ގެއެއްގައި އުޅޭނީ؟" އިމްތިޔާޒް ބުންޏެވެ.

"މަ ބުނާ ގޮތެއް ހަދާބަލަ. ބުނޭ އޮފީސް ކަމަކު ބޭރަށް ދާން ޖެހިއްޖޭ. އެތަނުގައި ހުރެގެން ކަލޭ މިކޮޅުން ބަލާބަލަ އޭނަ ހަމަ އަސްލަށް ވެސް ބަނޑުބޮނޑުތޯ. ނުވެއްޖިއްޔާ އެ އޮތީ އޭނަ ދޫކޮށްލާނެ އުޒުރެއް ދެއްކިފައި. އެ ނޫން ގޮތެއް މި ވަގުތު މަގޭ ވިސްނުމަކަށް ނާދޭ،" ފަރްހާން ބުންޏެވެ.

އިމްތިޔާޒް ވިސްނާލި އެވެ. ފަރްހާން އެ ބުނާ ގޮތް ވެސް ހެދިދާނެ އެވެ. އެކަމަކު އެކަހަލަ މީހެއް ކިބައިން ސަލާމަތްވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ސަލާމަތް ނުވޭވެނެ އެތައް ކަމެއް ފެންމަތި ކުރުވާނެ އެވެ. އެހެން ވިޔަސް މަސައްކަތް ކޮށްލުމަކުން ވާނެ ގެއްލުމެއް ނޯންނާނޭ އިމްތިޔާޒް ހިތަށްއެރި އެވެ.

"ނާޒް، އަހަރެން އެބަ އޮތް ވާހަކައެއް ބުނަންވެފައި،" އެންމެ ދުވަހެއް ވެސް ލަސްނުކޮށް އިމްތިޔާޒް ބުންޏެވެ.

"ކޮން ވާހަކައެއް؟" ހިނިތުންވެލާފައި ގުލްނާޒް އަހައިލި އެވެ.

"އޮފީސް ދަތުރެއްގައި އަހަރެން އެބަ ޖެހޭ ސިންގަޕޯއަށް ގޮސްލަން. އެއީ ހަތަރު ދުވަހުގެ ސެމިނާއަކަށް،" އިމްތިޔާޒަށް ދޮގު ހަދަން އުނދަގޫވީ އާންމުކޮށް ކޮށް ނޫޅޭ ކަމެއް ވީމަ އެވެ.

"ތިއީ ވަރަށް ރަނގަޅު ކަމެއް،" އުފާވެލާފައި ގުލްނާޒް ބުންޏެވެ. އިމްތިޔާޒް ހައިރާންވި އެވެ. އަދި ހިތަށް ހަމަޖެހުން ލިބުނެވެ.

"އޭރުން ބޭބީއަށް ޝޮޕިން ވެސް ކޮށްލެވޭނެ. އަހަރެން ވެސް ދާނަން އިނގޭ. ކޮން އިރަކު ފުރުން އޮތީ؟" ދެވަނަ ސިކުންތުގައި ގުލްނާޒް ދެއްކި ވާހަކައިން އިމްތިޔާޒް އެނބުރުން އަރައިގަތެވެ. އަދި ފޫހިވެފައި ބަލަހައްޓައިގެން ހުއްޓެވެ.

"ނާޒް. މިއީ އޮފީސް ޓްރިޕެކޭ. ފެމިލީ ކަމެއް ނޫނޭ. ނާޒް އެތަނަށް ގޮސްގެން ފޫހިވެގެން އުޅެން ޖެހޭނީ. އަހަރެންނަކަށް އެއްވެސް ޓައިމެއް ނުދެވޭނެ ޝޮޕިންކޮށް ހަދާކަށް. ވަރަށް ބިޒީކޮށް ދާނީ އެ ދެތިން ދުވަސް. މިކަހަލަ ކަންކަން އަންޑަސްޓޭންޑްވާނެ ކަމަށް އަހަރެން އުންމީދު ކުރަނީ،" މަޑުމައިތިރިކަމާ އެކު އިމްތިޔާޒް ވާހަކަ ދެއްކި އެވެ.

ގުލްނާޒް އިތުރު އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުއްޓެވެ. ދެން ބުނާނެ އެއްޗެއް ވިސްނަނީ ކަންނޭނގެ އެވެ. އިމްތިޔާޒް ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.

"އެކަމަކު އަހަރެން ވަރަށް ބޭނުން ދާން،" ގުލްނާޒް ބުންޏެވެ. "ދެން އެހެން ވިޔަސް މި ދަތުރު ނުދާނީ ދޯ؟" އިމްތިޔާޒްއާ ކައިރި ވެލަމުން ގުލްނާޒް ބުންޏެވެ.

އިމްތިޔާޒް ފުރައިގެން ދިޔައީ ހޮނިހިރު ދުވަހެއްގެ ދަންވަރު އެވެ. ގުލްނާޒާ ދުރަށް ދެވުމުން ހަށިގަނޑުގައިވާ ވަރުބަލިކަން ފިލައި ދިޔަ އެވެ. ބޮލަށް ލުޔެއް ލިބުނެވެ. ހިތަށް އަރާމެއް ލިބުނެވެ. ހީވީ ބޯ މަތީގައި ބާއްވާފައިވާ ބަރު އެއްޗެއް ނަގާފައި އެއްލާލި ހެންނެވެ. ނަމަވެސް އެކަން ވީ އެންމެ ދެތިން ގަޑިއިރުގެ ކަމަކަށެވެ. މީހަކާ ދޭތެރޭ ޝައްކު ކުރަން ފަށައިފިއްޔާ އޭނާ ލާ ނޭވަޔާ ދޭތެރޭގައި ވެސް ބެލެވޭނީ ޝައްކުގެ ނަޒަރަކުންނެވެ. އިސާހިތަކު އެކިއެކި ވަސްވާސްތަކުން ތިމާގެ ވިސްނުމާއި ސިކުނޑި ގަޑުބަޑުކޮށްލާނެ އެވެ. އިމްތިޔާޒަށް ވެސް ވީ އެހެންނެވެ. ގުލްނާޒްގެ ހުރިހާ ހަރަކާތަކަށް ވެސް ޝައްކުގެ ނަޒަރުން ބަލަމުން ދިޔަ އެވެ.

ސިންގަޕޫރަށް ދެވުމާ އެކު ގުލްނާޒް ގުޅަން ފެށި އެވެ. ދެ ގަޑިން ކަހަލަ ގޮތަކަށް ގުޅަ އެވެ. އުޅެންވީ ގޮތާއި ދާންވީ ތަންތަން ވެސް ކިޔައިދެ އެވެ. ލާންވީ އަންނައުނާއި ކާންވީ ގަޑިތައް ވެސް ކިޔައިދެ އެވެ. ނިދަން ޖެހޭ ގަޑިތަކާއި ހޭލަންވީ ވަގުތުތައް ވެސް ބުނެދެ އެވެ. ގުލްނާޒް ކައިފިންތޯ އަހަން ޖެހެ އެވެ. ހާލު ކިހިނެއްތޯ އަހަން ޖެހެ އެވެ. އެކުގައި ނޫޅެވޭތީ ފޫހިވޭތޯ އާއި އެކަނިވޭތޯ އަހަން ޖެހެ އެވެ. އެވަރުން ނުވެގެން އިރުކޮޅަކާ ފޮޓޯއެއް ފޮނުވަ އެވެ. ކޮންމެ ކަމެއް ކުރަން އުޅެފައި ވެސް ފޮޓޯ ފޮނުވަ އެވެ. ފޮޓޯއަށް ތައުރީފު ކުރަން ޖެހެ އެވެ. އެކަމަކީ ކުޑަ ކަމެއް ނޫނެވެ. ސަބަބަކީ ދުވާލަކު ފަސްދޮޅަހަކަށް ފޮޓޯ ފޮނުވަ އެވެ. ބަދަލުގައި އިމްތިޔާޒް ވެސް ފޮޓޯ ފޮނުވަން ޖެހެ އެވެ. ކުރާ ކޮންމެ ކަމަކާއި ދާ ކޮންމެ ތަނެއްގައި އިނދެ ވެސް ފޮޓޯ ފޮނުވަން ޖެހެ އެވެ. އިމްތިޔާޒަށް އެކަން ވީ ބޮޑު ބޮލުގެރިހުމަކަށެވެ. ދިމާލަށް އެ ވާހަކަ ބުނެވޭކަށް ވެސް ނެތެވެ. ބުނެފި ނަމަ އިމްތިޔާޒް ވަރުގެ ނުބައި މީހަކު ނުހުންނާނެ އެވެ. އިމްތިޔާޒްގެ ހިތަށްއެރި އެވެ. މިއީ ދެން ކިހާ ވަރުގަދަ ކަމެއް ހެއްޔެވެ؟ ގުލްނާޒް ހުރިހާ ކަމެއް ހުއްޓާލާފައި އިމްތިޔާޒްގެ ބޯކޮޅު ބެލުމުގައި ވަގުތުތައް ހޭދަ ކުރާކަށް އުނދަގުލެއް ވެސް ނުވޭ ހެއްޔެވެ؟ ހީކުރި ގޮތާ ހިލާފަށް މުޅި މަންޒަރު ބަދަލު ވެގެން ދިޔަ އެވެ. އިމްތިޔާޒް ސިންގަޕޫރަށް އައީ ގުލްނާޒްގެ ހަގީގަތް ހޯދަން ވަގުތު ދޭށެވެ. ނަމަވެސް ފަރްހާންގެ އެއްވެސް ހަބަރެއް ނުވި އެވެ.

ތިންވަނަ ދުވަސް ފާއިތުވެގެން ދިޔަ އެވެ. އެންމެ ފަހުން އިމްތިޔާޒް ނިންމީ ފަރްހާނަށް ގުޅާށެވެ. ވެގެން އުޅޭ ގޮތެއް ބަލާށެވެ. މާދަމާއަކީ ފުރާ ދުވަހެވެ. ދެ ފަހަރު ގުޅުމުން ވެސް ފަރްހާން ފޯނެއް ނުނެގި އެވެ. އިމްތިޔާޒް ހުރީ ހަދާނެ ގޮތް ހުސްވެފަ އެވެ. އެންމެ ފަހުން ހަތަރު ދުވަސް އިތުރުވި ވާހަކަ ގުލްނާޒް ގާތުގައި އިމްތިޔާޒް ބުންޏެވެ. އޭރު ބޯމަތީގައި ކަޅު ކުރަމުން ދިޔަ ވިލާގަނޑުގެ ބިޔަ ކަމެއް އިމްތިޔާޒަކަށް ނުފެނެ އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް