ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 27 ވަނަ ބައި

15 އޯގަސްޓު 2024

އެޕިސޯޑް 27

"މައާފްކޮށްފިން،" ޝައިލާ ބުންޏެވެ. އިމްތިޔާޒަށް ދެލޯ މަރާލެވުނެވެ. "އިންތި،" އެ އަޑު އައީ ފަހަތުންނެވެ.

އިމްތިޔާޒް ފަހަތް ބަލާލި އެވެ. ގުލްނާޒް ހުރީ ބަލަހައްޓައިގެންނެވެ. ހިނގަމުން އައިސް އިމްތިޔާޒްގެ ކުރިމައްޗަށް ހުއްޓުނެވެ. ކަންފަތުގައި ޖަހާފައިވާ ފޯނު އިމްތިޔާޒް ނެގި އެވެ. އަދި ކަނޑައިލި އެވެ.

"ދެން ވެސް ބުނާނީ ޝައިލާއަކަށް ނުގުޅަމޭ؟ ދެންމެ އަހަރެންނަށް އެ ނަން ފެނުނޭ،" ހިތްހަމަނުޖެހިފައި ގުލްނާޒް ބުންޏެވެ.

"އަހަރެން ގުޅީ ވާހަކައެއް އަހާލަން،" އިމްތިޔާޒް ބުންޏެވެ.

"ކޮން ވާހަކައެއް؟ މިހާ ދަންވަރު ކޮން ވާހަކައެއް އަހަން ކުރީގެ ވަރިކުރިފުޅަށް ގުޅާނީ؟ އިންތިއަށް އެނގޭތަ ގަޑިން ވީ އިރެއް؟ ތި ގޮތަށް އަހަރެން ވެސް ހިލޭ ފިރިހެނަކަށް ދަންވަރު ގަޑީގައި ގުޅާ ނަމަ އިންތި ހީކުރާނީ ކީކޭ؟ ރުޅިއެއް ނާންނާނެތަ؟ ޝައްކެއް ނުކުރާނެތަ؟ އަދިވެސް ގޯސްވާނީ އަހަރެން. ކޮންމެ ކަމެއްގައި އެއްޗެއް ބުންޏަސް، އަހާލިޔަސް އަހަރެން ވަރުގެ ގޯސް މީހަކު ނުހުންނާނެ. ހިތަށް އަރާ ކީއްވެބާއޭ އެހެން ވަނީ؟ ކީއްވެބާއޭ އަހަރެންގެ ހިތުގައި ޖައްސަނީ؟ އިންތިއަށް އެނގޭތަ އަހަރެން އިންތި ދެކެ ވާ ލޯބި؟ އެ ލޯބީގެ އަގު ވަޒަން ނުކުރެވެނީތަ؟" ގުލްނާޒް ހިތުގައިވާ ހުރިހާ ސުވާލެއް އެއްފަހަރާ ކުރަމުން ދިޔަ އެވެ.

"ބޭނުންވާ ކަމެއް ބުންޏަސް ގޯސް ވާނީ އަހަރެން. ސުވާލެއް ކުރިޔަސް ގޯސްވާނީ އަހަރެން. އިންތި އަކީ އެންމެ ފުރިހަމަ، އެންމެ ރަނގަޅު މީހާ. ބަލަ އަހަރެން ހިތްހަމަނުޖެހޭ ކަންތަކާއި ފޫހިވާ ކަންތައް އިންތި ވެސް ކުރެއޭ. ރުޅި އަންނަ ކަންތަކާއި ދެރަވެ ހިތުގައި ޖެހޭ ކަންކަން ވެސް ވަރަށް ގިނައިން ކުރޭ. އެކަމަކު އަހަރެން ޝަކުވާއެއް ކުރިންތަ؟ ނުކުރަން. ބައެއް ފަހަރު އެއްޗެއް ބުނެވިފައި ހުއްޓަސް އަހަރެން އުޅެނީ ވަރަށް ބަލައިގެން. ދެ މީހުން ދޭތެރޭ މައްސަލަ ނުޖެހޭނެހާ ހުރިހާ ގޮތަކަށް ވިސްނައިގެން. އެކަމަކު އިންތިއަށް އެ ވަރެއް ނުވިސްނޭ. އެކަން ގަބޫލެއް ވެސް ނުކުރޭ. ބަދަލުގައި މަތިން ދާ ކާޅެއް ގޮވާލާ ގޮވެއްޔަށް ތަބާވެގެން ކަންނޭނގެ ތި ހުންނަނީ. އަހަރެން މިއީ އިންތިގެ އަންހެނުން. އަހަރެން ދެކެ މިހާރު އެއްވެސް ވަރަކަށް ލޯބި ނުވަނީތަ؟ އެ ވާހަކަ ވެސް ބުނެދީބަލަ. އޭރުން އަހަރެންގެ އަގުހުރި ވަގުތުތަކެއް ތިޔަ ފަދަ މީހަކަށް ބޭކާރެއް ނުކުރާނަމޭ. އިންތި ބުނިއްޔާ ބުނި ގޮތަކަށް އަހަރެން ހެދިގެން މި އުޅެނީ. ނުކުރާށޭ ބުނާ ކަންކަން ނުކޮށް. ކުރަން ބުނާ ކަންކަން ކޮށްގެން. މި ވަރުގެ އަތްނބެއް އިންތިއަށް ލިބޭނެތަ؟" ޝަކުވާ ކުރަމުން ގޮސް ގުލްނާޒަށް ރޮވޭ ގޮތްވި އެވެ. ނަމަވެސް އެ މަންޒަރު ބަލާކަށް އިމްތިޔާޒް ބޭނުމެއް ނުވި އެވެ. ދެއްކި ވާހަކަތައް ވެސް އެއް ކަންފަތުން އަޑު އަހާފައި އަނެއް ކަންފަތުން ނެރެ ބޭރު ކުރި އެވެ. އިމްތިޔާޒް ގަބޫލު ކުރާ ގޮތުގައި ގުލްނާޒް އެ ދެއްކީ ބޭކާރު ވާހަކަތަކެކެވެ.

ގުލްނާޒަކީ އިމްތިޔާޒްގެ އަނބިމީހާ އެވެ. އޭނާ ހިތުގައި ޖައްސައި ދެރަ ކުރުމުގެ އެއްވެސް ހައްގެއް އިމްތިޔާޒަށް ލިބިގެނެއް ނުވެ އެވެ. އިމްތިޔާޒްގެ ހުވަފެންތަކާއި އުންމީދުތައް މުހިންމެއް ނޫން ހެއްޔެވެ؟ އަބަދުވެސް އިސްކަން ދޭން ޖެހެނީ އަނބިމީހާގެ ހައްގުތަކަށްް އެކަނި ހެއްޔެވެ؟ ހަގީގަތަށް ބުނާ ނަމަ އެ ކައިވެނި އިމްތިޔާޒް ކުރީ ވަރަށް ލޯބިންނެވެ. ނަމަވެސް މިހާރު އެ ގުޅުމުގައި ލޯބީގެ ކުލަ ދަނީ ދުވަހެއް ދުވަހަކަށް ފަނޑުވަމުންނެވެ. ކަނި ޖަހަމުން ދިޔަ ހުޅުކޮޅުގެ އަލިކަން އެހާމެ ފަނޑެވެ. ކިތަންމެ ބޭނުންވިޔަސް އެ އަލި ގަދަ ކުރެވޭނީ ޖެހޭ ވައި މަޑު ވެގެންނެވެ. ނޫނީ ވަޔާއެކު ހުޅުކޮޅު ނިވިދާނެ އެވެ. އިމްތިޔާޒް އެންމެ ބޭނުންވަނީ ގުލްނާޒަށް ވިސްނައިދޭށެވެ. ކުއްލިއަކަށް އޭނާ ދޫކޮށްލާ ވާހަކަ ބުނެފި ނަމަ ކޮންމެ ފަދަ ގެއްލުމެއް ވެސް އަމިއްލަ ނަފުސަށް އޭނަ ދީފާނެ އެވެ. ދޫކޮށްލަނީ ކޮންކޮން ސަބަބަކާ ހުރެކަން ވެސް ބުނެދޭން ބޭނުމެވެ. ވިސްނައިދޭން ބޭނުންވެ އެވެ. ނަމަވެސް އެއީ ނާދިރު ކަމެކޭ ހިތް ބުނަމުން ދިޔަ އެވެ. ކިތަންމެ ވަރަކަށް ދޮން ކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެ އެވެ. އިމްތިޔާޒްގެ ހިތުގައި އަތްނބަކަށްޓަކައި ގުލްނާޒަށް ދެވިފައިވި ގަދަރާއި މަތިވެރި ލޯބި ފޮހެވެމުން ދާން ފެށީ އޭނަގެ ހަގީގީ ސިފަތައް ފެންނަން ފެށުމުންނެވެ. އަސްލު ކުލަ ފެނުމުންނެވެ. އަނެއްކޮޅުން ޔަޒީދު ކިޔައިދިން ވާހަކަތަކުގެ އަޑީގައިވާ އެންމެހާ ހަގީގަތްތަކަކީ ވެސް އަސްލެއް ކަމަށް ގަބޫލު ކުރެވޭހާ ހެކި އޭނާ ދިނެވެ.

"އަހަރެން ދޫކޮށްލާފައި އިންތި ގޮއްސިއްޔާ އަހަރެން އަމިއްލައަށް މަރުވާނަން. އަދި އިންތި ވެސް މަރާލާނަން،" ޕޫލުގައި އިނދެފައި ގުލްނާޒް ބުންޏެވެ. އިމްތިޔާޒް ކުޑަކޮށް ޖެހިލުންވި އެވެ.

"އެކަން ހަނދާން ކުރައްޗޭ. އަހަރެން މިއީ އިންޒާރުދޭ މީހެއް ނޫން. ސީދާ އެކަމެއް ކުރާނަން. އަހަރެންނަށް އެނގޭ އަހަރެން ދެކެ އިންތި ވަރަށް ފޫހިވާކަން. އެކަމަކު ކީއްވެކަމެއް ނޭނގެ. ބުނެދީފިއްޔާ ވަރަށް ރަނގަޅު. އަހަރެންނަށް ބޮޑަށް ހީވަނީ އެހެން މީހަކު ފެނިގެން އުޅޭހެން. ނޫނީ ވަރިކުރިފުޅު ގާތަށް ދާން ބޭނުންވަނީތަ؟" ގުލްނާޒް އަހައިލި އެވެ.

"ނާޒް މާ ބޮޑަށޭ ތި ވިސްނަނީ. އަހަރެން ނޫޅެން ތިކަހަލަ ކަމެއް ކުރާކަށް. ކީއްވެތަ އަހަރެންނަށް ޝައްކު ކުރަނީ؟" އިމްތިޔާޒް ބުންޏެވެ.

ކުއްލިއަކަށް އިމްތިޔާޒްގެ ބޮލުގައި ހިފާފައި ގުލްނާޒް އަޑިއަށް ކޮއްޕާލި އެވެ. އިމްތިޔާޒް ތެޅިގަތެވެ. މައްޗަށް އަރަން ކުރެވުނު ހުރިހާ ކަމެއް ކުރި އެވެ. ގުލްނާޒް ވަރަށް ވަރުގަދަ އެވެ. އޭނަގެ ކިބައިން ސަލާމަތް ވެވޭ ގޮތެއް ނުވި އެވެ. އިމްތިޔާޒް ވަރަށް ބާރަށް ތެޅެން ފެށި އެވެ. ހަޅޭ ވެސް ލަވަން ފެށިއެވެ. އިމްތިޔާޒްގެ ނޭފަތުން ލޭ އަންނަތަން އޭނައަށް ފެންނަން ފެށި އެވެ. ފެނުގެ އަޑިން ވެސް، ހެވިފައި ހުރި ގުލްނާޒް ފެންނަމުން ދިޔަ އެވެ. ވަރަށް ބާރަށް ހަޅޭއްލަވައިގަނެފައި އިމްތިޔާޒަށް ހޭލެވުނެވެ. ފެނުނީ ހުވަފެނެކެވެ. ބިރުވެރި ހުވަފެނެކެވެ. އެއީ ދުވަހަކު ވެސް އިމްތިޔާޒަށް ފެނުނު ކަހަލަ ހުވަފެނެއް ނޫނެވެ. މީހަކު އޭނަ މަރާލަން އުޅެނިކޮށް އެ ގޮތަށް ފެނުމަކީ ކޮންމެވެސް ކަމެއްގެ އަލާމާތެކޭ ހިތް ބުނަމުން ގެންދިޔަ އެވެ.

"ކިހިނެއްވީ؟" އިމްތިޔާޒް ހަޅޭއްލަވައިގަތުމާ އެކު ގުލްނާޒް ފުންމައިގެން ތެދުވި އެވެ. ލޮލުގައި ވާ ނިދި ފިލައިގެން ދިޔަ އެވެ. "ހާދަ ހާސްވެފައި ތި އިނީ؟"

ވީ ގޮތް ކިޔައިދޭން އިމްތިޔާޒް ބޭނުމެއް ނުވި އެވެ. ގުލްނާޒްގެ ހަގީގަތް އެނގޭތީ އެވެ. ގުލްނާޒްގެ ހިތުގެ ތެރޭގައި މިހާރު ރާވަމުން ދަނީ ކޮން ކުޅިވަރެއް ކަމެއް ބުނެދޭން ވެސް މީހަކަށް ނޭނގޭނެ އެވެ. އެހެންކަމުން ފެނުނު ހުވަފެނުގެ ހަގީގަތް ފޮރުވަން އިމްތިޔާޒް ހިތަށް އެރި އެވެ.

"ބުނެބަލަ. ކިހިނެއްވީހޭ،" ގުލްނާޒް ސުވާލު ކުރި އެވެ.

"ހުވަފެނެއް ފެނުނީ. ވަރަށް ބިރުވެރި ހުވަފެނެއް،" ކަރުގައި އަތް ކާއްތާލަމުން އިމްތިޔާޒް ބުންޏެވެ.

"ހުވަފެނަކީ މީހާ ވިސްނާ ވިސްނުމުގެ މައްޗަށް ފެންނަ އެއްޗެއް. ތިމާގެ ވިސްނުން ބަދަލު ކުރީމަ ފެންނަ ހުވަފެން ވެސް ރީތި ވާނެ،" ވަރަށް ހަމަޖެހިލާފައި ގުލްނާޒް ބުންޏެވެ. "ދެން ނިދޭތޯ އޮށޯވޭ."

އިމްތިޔާޒަށް އެ ވަގުތު ކަމެއް ފާހަގަވި އެވެ. ކަރުގައި ރިއްސާފައި ހުރުމެވެ. ހީވަނީ ކަރުގައި ވަރަށް ބާރަށް މީހަކު ހިފާފައި ދޫކޮށްލާފައި ހުރިހެންނެވެ. ކުޑަކޮށް ކެއްސާ ވެސް ލި އެވެ. އެކަމަކު ކަރުގައި ހުރި ވާންކަމެއް ނުކެނޑުނެވެ. އަނެއް ފަރާތަށް އެނބުރިފައި އޮތް ގުލްނާޒްއާ ދިމާލަށް ޝައްކުގެ ނަޒަރަކުން އިމްތިޔާޒް ބަލައިލި އެވެ. ކަރުގެ ހަންގަނޑުން މަޑުމަޑުން ދިލަ ނަގަން ފެށި އެވެ. ހީވަނީ މަށައިގެން ގޮސްފައި ހުރިހެންނެވެ. އިމްތިޔާޒް މަޑުމަޑުން ފޯނު ނަގާފައި ފްލޭޝް ކޮށްލާފައި ފޮޓޯއެއް ނެގި އެވެ. ދެ ތަނަކުން ހުރީ ހަންމަށައިގެން ގޮހެވެ. ހީވަނީ ނިޔަފައްޗެއް އެއްޗަކުން ހެންނެވެ. އިމްތިޔާޒްގެ މެޔަށް ހީވީ ފެން އެއްޗެއް އޮއްސާލިހެންނެވެ. ހިންދިރުވާލެވުނެވެ. ފެނުނީ އެއްބައި ހުވަފެނެކެވެ. ނަމަވެސް އަނެއް ބަޔަކީ ހަގީގަތެކެވެ. އިމްތިޔާޒަށް ދެ ލޯ ބޮޑުކޮށްގެން އޮވެވުނީ އެވެ. ނިދި ފިލައިގެން މީހާ ދާހިއްލާ ފޯވާން ފެށި އެވެ. އިމްތިޔާޒްގެ ހިތަށް އެރި އެވެ. ގުލްނާޒްގެ އަތް ދަށުން ޖެހޭނީ އޭނާ ސަލާމަތްވާށެވެ.

މީހަކު ހުންނަ ގޮތަކުން އެ މީހެއްގެ ހަގީގަތެއް އެއްވެސް މީހަކަށް ނޭނގޭނެ އެވެ. އިމްތިޔާޒް އިނީ ކެބިންގަ އެވެ. ފަހަރަކު ޕޭޝަންޓެއް ވަންނަމުން ދިޔަ އެވެ. ޕޭޝަންޓުން ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުކަން ދޭން މިއަދު އޭނާއަށް އުނދަގޫވި އެވެ. ފެނުނު ހުވަފެނާ މެދު އަދިވެސް ވިސްނެނީ އެވެ. ޔަގީނުން ވެސް އެރޭ ކޮންމެވެސް މީހަކު އިމްތިޔާޒްގެ ކަރުގައި ހިފި އެވެ. ކޮޓަރީގައި ތިބީ ގުލްނާޒް އާއި އިމްތިޔާޒް އެކަންޏެވެ. ވުމާއެކު ޝައްކު ކުރެވޭނީ ޚުދު ތިމާގެ އަނބިމީހާއަށެވެ. އިތުރަށް އެ ވާހަކަ އަހައިގެން ގުލްނާޒް އެތައް ދޮގުތަކެއް ހަދާނެ އެވެ. އެހެންކަމުން އިމްތިޔާޒް ހިތަށް އެރި އެވެ. އެ މައުލޫއުއަށް އެއްވެސް ވާހަކައެއް ނުދައްކާނަމެވެ. ހިތަށް ހަމަޖެހުން ލިބޭނީ ބައެއް ވާހަކަތައް ސިއްރު ކުރުމުންނެވެ. އެކަމަކު އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ އެވެ. އެކަހަލަ ކަންކަމަށް ފަރުވާކުޑަކޮށްގެން ނުވާނެ އެވެ.

ޑިއުޓީ ނިންމާލާފައި ގެއަށް ދިޔަ މަގުމަތީގައި ވެސް އިމްތިޔާޒް ވިސްނަމުން ދިޔައީ އެކަމާ އެވެ. ކޮޓަރިއަށް ވަނުމާއެކު އެނދުމަތީގައި އިން ގުލްނާޒް ފެނުނެވެ. އެ މޫނު ފެނުމުން އިމްތިޔާޒަށް މިހާރު ކުރުވަނީ އެހެން ކަހަލަ އަސަރެކެވެ. އެ ހިނިތުންވުމުން ހިތަށް ލިބެނީ ޒަހަމެވެ. އެ ދެލޮލުން ފެންނަމުން ދަނީ މަކަރާއި ހީލަތެވެ.

"އަހަރެން މިހާ އުފާވެފައި މި އިނީ ކީއްވެތޯ ނާހާނަންތަ؟" ގުލްނާޒް އަހައިލި އެވެ.

"އަހަރެން ނޭހިޔަސް ނާޒް ބުނާނެ،" ޓީޝާޓް ބަދަލުކޮށްލަމުން އިމްތިޔާޒް ބުންޏެވެ.

ގުލްނާޒް ބުނި ޖުމްލައިން އިމްތިޔާޒަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް