ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 26 ވަނަ ބައި

12 އޯގަސްޓު 2024

އެޕިސޯޑް 26

"އާނ. ނުކުރޭ. ތިކަހަލަ މަކަރުވެރިންނަށް ކޮން ހަމްދަރުދީއެއް ވާކަށް،" މިއީ އިމްތިޔާޒް ހިތަށް އެރި، ދުލު ކުރިއަށް ނައި ޖުމްލައެކެވެ.

"ހަނދާން ކުރާތި އިންތި. މިހާ ލޯބިވާ މީހަކު އިންތިއަކަށް ނުލިބޭނެ،" ގުލްނާޒް ބުންޏެވެ. "ގަބުވެފައި ތިހެން ނީނދެ ކޮންމެވެސް އެއްޗެއް ބުނެބަލަ."

ދެން ވެސް އިމްތިޔާޒް އެއްޗެއް ނުބުންޏެވެ. ގުލްނާޒްއާ ދިމާލަށް ބަލަހައްޓައިގެން އިނީ އެވެ. އެ ހިތުގައި ވިންދެއް ވެސް ނުޖަހާ ކަހަލަ އެވެ. ގުލްނާޒަށްޓަކައި ވީ ލޯބި ކަފުންކޮށް ވަޅުލީ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ. ވަޅުލާފައިވާލެއް ފުންކަމުން އަނެއްކާ ކޮނެގެން ނަގާހައި ހިތްވަރެއް އެ ދެ އަތަކު ނެތެވެ.

"އަހަރެން ކުރިން ވެސް ބުނި ކަންތައް ކަންނޭނގެ އައިސްގެން މި އުޅެނީ. ކޮންމެވެސް މީހަކު އަހަރެންނޭ ކިޔައިގެން ވާހަކަތަކެއް ދައްކައިގެން ތި އުޅެނީ. އެހެން ނޫން ނަމަ ތިހާ ބޮޑު ބަދަލެއް އަހަރެންގެ ފިރިމީހާއަކަށް ނާންނާނެ. ތިއީ އަހަރެން ދެކެ އިންތިހާއަށް ލޯބިވާ، އަހަރެންނާ މެދު ވިސްނާ އެންމެ ގާތް މީހާއެއްނު. ކުއްލިއަކަށް މިވެގެން އުޅޭ ގޮތެއް އަހަރެންނަކަށް ނުވިސްނޭ. ބުނެދީބަލަ. އިންތި ތިހެން އިނީމަ އަހަރެންގެ ހިތް ފަޅައިގެން ހިނގައިދާނެ. ކޮންމެވެސް ބަހެއް ބުނެބަލަ،" ގުލްނާޒަށް ގިސްލެވެން ފެށި އެވެ.

އިމްތިޔާޒް މައާފަށް އެދުނެވެ. ހިތާ ދެކޮޅަށެވެ. މައާފަށް އެދުނަސް އޭގެ މާނައަކީ ގުލްނާޒް ހެދިހާ ދޮގުތައް އިމްތިޔާޒް ގަބޫލު ކުރީއެކޭ ނޫނެވެ. އަދި ހަގީގަތް އެނގޭ އިރު ވެސް ގުލްނާޒް ހަދާ ދޮގުތައް ގަބޫލު ކުރަން އިމްތިޔާޒަށް މަޖުބޫރުވީއެކޭ ވެސް ނޫނެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއް އިމްތިޔާޒް ގަބޫލެއް ނުކުރެ އެވެ. ގުލްނާޒްގެ މޮޅެތި އުކުޅުތަކުގެ އަވާގައި ދެން އޭނައެއް ނުޖެހޭނެ އެވެ.

"ތިއީ ވަރަށް ނުރައްކާތެރި ބައެއް،" ފަރުހާން ބުންޏެވެ. "ތިކަހަލަ މީހުން ދޭނީ ޖިސްމާނީ އަނިޔާއަށް ވުރެ ބޮޑަށް ނަފުސާނީ އަނިޔާ. ސަބަބަކީ ލިބޭ އަނިޔާ ސާބިތުކޮށް ނުދެވޭނެތީ. ބޭރު ފުށުން ހަށިގަނޑުގައި ކިތަންމެ ކުޑަ ތަންކޮޅެއް މަށައިގެން ގޮސްފައި ނުވަތަ ކޫރުމެއް އެޅިފައި އިނަސް އެކަން މީހުންނަށް ފެންނާނެ. ނޯޓިސް ވާނެ، ސުވާލު ކުރާނެ. އެކަމަކު ތިކަހަލަ އަނިޔާތަކަކީީ މީހާ އެތެރެއެތެރެއިން ހަލާކުވެ ނެތިދިޔަސް މީހަކަށް ދޮންކަޅުމިން ވެސް ނޭނގޭ ކަހަލަ އަނިޔާ."

"އަހަރެން ދެން ކިހިނެއް ހަދަންވީ؟ އަހަރެން އެކަހަލަ ސުރުހީއެއް އެޅިޔަސް އޭނާ ރޮއިރޮއި އަވަދިވާނެ. އޭނަ ރޯ މަންޒަރު ފެނުނީމަ ހިތަށް ކޮންމެވެސް ވަރަކަށް އަސަރު ކުރޭ. އިންސާނެއް ވިއްޔަ،" އިމްތިޔާޒް ބުންޏެވެ.

"ކަލެއަށް ޔަގީން ދޯ، އެ ޔަޒީދު ފަހުން އެ ބުނީ ތެދެއްކަން؟" ފަރްހާން ބުންޏެވެ.

"ޔަގީނެއް ނޫން. އެކަމަކު އޭނަ އެކި ކަހަލަ ހެކިތައް އޭނަގެ ފޯނުން ދެއްކި. އަދި ގަބޫލު ކުރެވޭ ކަހަލަ ބައިވަރު ވާހަކަތައް ވެސް ކިޔައިދިން. އެހެން ނޫނަސް އޭނައަށް ކޮން ކަމެއް އަހަރުމެން ކިތަންމެ އުފަލުގައި އުޅުނަސް ހިތާމައިގައި އުޅުނަސް. މި ބުނީ ހަދަހަދައިގެން ވެސް އޭނަ ކީއްކުރަން ދައްކާނެ ވާހަކަތަކެއް ހޭ؟" އިމްތިޔާޒް ބުންޏެވެ.

"އާނ. ތިއީ ދޮގެއް ނޫން. އޭނަ ކުރިން ތި ކިޔައިދިން ހުރިހާ ވާހަކައެއް ދިމާވެއެއްނު. ކަލޭ މިތަނަށް އައި ފަހުން ދެ ފަހަރު އެ ގުޅީ. ކަލޭ ބުނިންތަ މަށާއެކުގައޭ މިތަނަށް ތި އައީ؟" ފަރްހާން އަހާލި އެވެ.

"ތިއެއް ނޫނޭ. މަ ހަދަންވީ ގޮތެއް ބުނާށޭ،" އިމްތިޔާޒް އިނީ ކެތްމަދުވެފަ އެވެ. "މަ ބޯ ގޮވާ ހިސާބަށް ނުދަނީސް ހިޔާލެއް ދީބަލަ."

"އެ ޔަޒީދު ނޫނަސް މަ ބުނާނީ ތިކަމުން ސަލާމަތްވާށޭ. ވަރިކުރޭ،" ފަރުވާލެއްނެތި ބުނާ ކަހަލަ ގޮތަކަށް ފަރްހާން ބުންޏެވެ.

"އޭރުންނޯ؟ އޭނަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ. އަމިއްލަ މީހާއަށް ކޮންމެ ފަދަ ގެއްލުމެއް ވެސް ދީފާނެ. މަށަށް ވެސް ގެއްލުން ދީފާނެ. އެކަހަލަ ސައިކޯ ހާލަތެއްގައި ހުއްޓައި ދޫކޮށްލާފައި ދާން ކެރޭނެތަ؟" ގުލްނާޒްގެ ހާލަތާ މެދު ހަމްދަރުދީވަމުން އިމްތިޔާޒް ބުންޏެވެ.

"ކަލޭ ތިއީ ފިރިހެނެއްތަ؟" ފޫހިވެފައި ފަރްހާން އަހައިލި އެވެ. "މީހަކަށްޓަކައި އަމިއްލަ މީހާ ހަލާކުވެދާން ހުންނަންވީތަ؟ އެ މީހާއަކީ ކިތަންމެ އަމިއްލަ އެދުން ބޮޑު މީހަކަށް ވިޔަސް ހެޔޮތަ؟"

"އެކަމަކު އެކަހަލަ ހާލަތެއްގައި ހުންނަ މީހަކު ދޫކޮށްލާފައި ގޮސްގެން ކަމެއް ގޯސްވެއްޖިއްޔާ ކޮންމެ މީހަކު ވެސް ކުށްވެރިކުރާނީ އަހަރެން. ފަރްހާން ތި ނަސޭހަތް ދޭ މީހާ ވެސް އެ ދުވަހުން ބުނާނެ، ނޫނޭ ކަލޭ ދޯ ރަހުމް ކުޑަ މީހެކޭ ތިއީ."

"ކަލޭ ދެން ހަދަންވީ ގޮތް ބުނާށޭ ބުނީމަ މަށަށް ފެންނަ އެންމެ ރަނގަޅު ގޮތް މި ބުނީ. ތިކަހަލަ މީހަކާ އެއްކޮށް މުޅި އުމުރު ހޭދަ ކުރެވޭނެ؟ މުޅި އުމުރަށް ތިޔަ ކަހަލަ މީހަކަށްޓަކައި ތިމާގެ އުމުރުގެ ބާކީ ބައި ގުރުބާން ކޮށްލެވޭނެ؟" ފަރްހާން ބުންޏެވެ. "ކަލެއަށް އޭނަ ދޫކޮށްލަން ނުކެރެންޏާ އޭނައަށް ބޭސް ކޮށްދީ. އޭނަ ރަނގަޅު ކުރޭ. ދެން އޭނަ ދޫކޮށްލާ."

"އެކަމަކު އެއީ ހާދަ ދިގު ދަތުރެކޭ. ކަލެއަށް ވެސް އެނގޭނެ އެކަހަލަ ކަންކަމުގައި ކިހާ ދުވަހެއް ނަގާކަން. މަ ކިހިނެއް އެހާ ދުވަހު އޭނައާ އެކު އުޅޭނީ؟"

"އިންތި ކަލޭ ހަމަތަ؟" އެންމެ ފަހުން ފަރްހާން ބުންޏެވެ.

"މަށަށް ވެސް ހީވަނީ މަ ގޮވާފަހެން. ދިރިއުޅުމުގައި މި ކަހަލަ ކަންކަމާ ކުރިމަތިލާން ޖެހުނީމާ މި އެނގެނީ ކިހާ ވަރެއްގެ ކަމެއްކަން މިއީ. އެކަހަލަ މީހުން ގޮވައިގެން އުޅެން ކިހާ އުނދަގޫވާނެކަން،" އިމްތިޔާޒް ބުންޏެވެ.

"އޭތް. ތިއެއް ނޫނޭ. ޝައިއާ ނިޔާޒްއާ މާދަމާ ރޭ މެރީ ކުރޭ. ދެ އަތްނބަށް،" އެއްޗެއް ހަނދާންވުމުން ބުނާ ކަހަލަ ގޮތަކަށް ފަރްހާން ބުންޏެވެ.

"ވަޓް؟" އިމްތިޔާޒަށް އިނދެވުނުތަން ވެސް ނޭނގުނެވެ.

ކިތަންމެ ވަރަކަށް ރަނގަޅު މީހަކު ހޯދަން އުޅުނަސް ތިމާ ބޭނުންވާހާ ރަނގަޅު މީހަކު ނުލިބޭނެކަން ދަންނަން ވާނެ އެވެ. ނަމަވެސް އަނެކުންގެ ކިބައިގައި ގިނައީ ރަނގަޅު ސިފަތައް ކަމުގައި ވަނީ ނަމަ އެއީ ރަނގަޅު މީހެކެވެ. އިތުރު ވިސްނުމަކަށް ނުގޮސް އެ މީހަކު ތިމާގެ ހަޔާތަށް ގެންނާށެވެ. ނަފުސަށް އޮޅުވައިނުލާ ނަމަ ހުދު އަމިއްލަ މީހާއަކީ ވެސް ތި ބުނާހާ ރަނގަޅު މީހެއް ނޫންކަން އެނގޭނެ އެވެ. ދިރިއުޅުމުގައި ތިމާ ހީނުކުރާ ފަދަ އެތައް ބަޔަކާ ދިމާވާނެ އެވެ. އެތައް ކަމަކާ ކުރިމަތިލާން ޖެހޭނެއެވެ. އުންމީދު ނުކުރާ އެތައް ބަޔަކު ދެކެ ލޯބިވެވޭނެ އެވެ. ހީނުކުރާ އެތައް ބަޔަކު ދެކެ ފޫހިވެ ނަފުރަތު ވެސް ކުރެވޭނެ އެވެ. އިތުބާރު ކުރި މީހުން ބޭވަފާތެރިވާނެ އެވެ. އެ ބަޔަކަށްޓަކައި ހުރިހާ ކަމެއް ގުރުބާންކޮށްލި މީހުން އެކަމުގެ ނާޖާއިޒު ފައިދާ ނަގާނެ އެވެ. ބައެއް މީހުން ތިމާގެ ދިރިއުޅުމަށް އަންނަނީ ދަތުރުވެރިއެއް ފަދައިންނެވެ. އެފަދަ މީހުން ދިރިއުޅުމުގެ ވަކި ހިސާބަކުން ތިމާއާ ދުރަށް ހިނގައިދާނެ އެވެ. މީގެ ތެރެއިން ގުލްނާޒް ފައްތާނީ ކޮން ބާވަތެއްގެ މީހުންގެ ތެރެއަށް ކަމެއް އިމްތިޔާޒަކަށް ނުވިސްނެ އެވެ.

ރޭގަނޑުގެ ނިދިން މަހުރޫމުވެފައި އިމްތިޔާޒް އޮންނަން ޖެހުނީ ކިހާ އިރަކު ކަމެއް ނޭނގުނެވެ. ގަޑިއާ ދިމާލަށް ބަލާލަން ވެސް ހަނދާނެއް ނެތެވެ. ފޯނު ނަގައިގެން ކޮޓަރިން ބޭރަށް ނުކުތެވެ. ފޯނުގައި ފޮރުވާފައި އިން ޝައިލާގެ ފޮޓޯއަކަށް ބަލައިލި އެވެ. އެއްވެސް ކުށެއް ނެތި ޝައިލާ ހިތުގައި ޖައްސާފައި މިއަދު އިމްތިޔާޒަކަށް އުފަލެއް ނެތެވެ. ބަދަލުގައި ޝައިލާއަށް ލިބުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެއީ އިމްތިޔާޒް ބޭނުންވި ގޮތެވެ.

ޝައިލާގެ ނަން ހިތުން ފޮހެވިގެން ނުދެ އެވެ. ހަމަ އެ ގޮތަށް ފޯނުން ވެސް އެ ނަންބަރު ފޮހެނުލައި އިނީ ކޮންމެވެސް ކަމެއް ވެގެންނެވެ. ގުޅާލުމުގެ ނިޔަތުގައި އެ ނަންބަރަށް ފިތާލި އެވެ. ދެ ފަހަރު ރިންގުވި އަޑަށް ފޯނު ނެގި އެވެ. އިމްތިޔާޒް ހުރީ އަނގައިން ބުނަން ޖެހިލުންވެފަ އެވެ.

"ކަމަކުތަ ތި ގުޅީ؟" ޝައިލާގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ. އަދިވެސް އެ ރާގާއި އެ ވާހަކަ ދެއްކުމަށް ބަދަލެއް ނާދެ އެވެ. ދެން ވެސް އިމްތިޔާޒް އެއްޗެއް ނުބުނެ މަޑުކޮށްލި އެވެ.

"ވާހަކައެއް ބުނަން ބޭނުންވަންޏާ އެ ވާހަކަ ވެސް ބުނެލާ،" އަނެއްކާވެސް ޝައިލާ ވާހަކަ ދެއްކި އެވެ.

"ކީކޭ ވަކި ބުނާނީ؟" އިމްތިޔާޒްގެ ދޫ ހަރަކާތްކުރި އެވެ.

އެތައް ދުވަހެއް ފަހުން އެ އަޑު ޖެހުމުން ޝައިލާގެ ހިތަށް ޒާތެއްގެ އަސަރެއް ކުރުވި އެވެ. ބުނަން ނޭނގޭ ފަދަ އެތައް އިހުސާސްތަކެއް އެއްފަހަރާ ކުރިމަތިވަމުން ދިޔަ އެވެ. އިހުތިޔާރަކާނުލައި ލޮލަށް ކަރުނަ ޖަމާވި އެވެ. ނަމަވެސް ބޭރަށް އެންމެ ތިއްކެއް ވެސް ވެއްޓުނަނުދީ އެތެރެއަށް ކަރުނަތައް ހިންދާލި އެވެ.

"ޝައި. އަހަރެންނަށް..."

"މައާފްކޮށްފިން،" ޝައިލާ ބުންޏެވެ. އިމްތިޔާޒަށް ދެ ލޯ މަރައިލެވުނެވެ. "އިންތި،" އެ އަޑު އައީ ފަހަތުންނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް