ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 25 ވަނަ ބައި

8 އޯގަސްޓު 2024

އެޕިސޯޑް 25

"ނުވިސްނުނު ތި ބުނި އެއްޗެއް،" ވިސްނާާލަމުން އިމްތިޔާޒް ބުންޏެވެ.

"ނުވިސްނޭނެ. ވިސްނޭ އިރު ވަގުތު އޮންނާނީ ފާއިތުވެފައި،" ޔަޒީދު ބުންޏެވެ. "އަހަރެންނަށް ވެސް ވީ ތިކަހަލަ ގޮތެއް. އެކަމަކު ހަގީގަތް އެނގުނު ހިސާބުން މަ ސަލާމަތް ވެއްޖައިން."

"ކޮން ކަމަކުންތަ؟ ތަންކޮޅެއް ސާފުވާހެން ތި ކިޔާ އެއްޗެއް ކިޔާބަލަ،" އިމްތިޔާޒް އެދުނެވެ.

"ކަލެއަށް ޔަގީންތަ ނާޒްއާ އިނދެގެން އުފާވެރި ހަޔާތެއް އުޅެވޭނެކަން؟" ޔަޒީދު ބުންޏެވެ.

"އަދި އުންމީދު އޮތީ އެހެން. މަސައްކަތް ވެސް މި ކުރަނީ އެކަމަށް. ހީވަނީ އުޅެވޭނެހެން. ކީއްވެތަ ތިކަހަލަ ސުވާލު ތި ކުރަނީ؟ ވެގެން އުޅޭ ގޮތެއް ނުވަތަ ވީ ގޮތެއް ބުނެލީމަ މަށަށް ތަންކޮޅެއް ފަސޭހަވާނެ ވިސްނާލަން،" އިމްތިޔާޒް ބުންޏެވެ.

"އަހަރެން ހައިރާނެއް ނުވޭ. ނާޒްއަކީ އެކަހަލަ މީހެއް. ފުރިހަމަ އަންހެނެއް. އަންހެންވަންތަ ހުރިހާ ސިފައެއް ލިބިފައި ހުރި ރީތި އަންހެނެއް. އޭނަގެ އަވާގައި ފިރިހެނުން ޖެއްސުމަކީ އޭނަގެ ހޮބީއެއް. އިއްޔެ މަ، މިއަދު ކަލޭ. މާދަން ނޭނގެ ކާކުކަމެއް ވެސް،" ޔަޒީދުގެ ވާހަކަ ދިގުލައިގެން ދިޔަ އެވެ.

"ތި ބުނަން އުޅޭ އެއްޗެއް ތަންކޮޅެއް އަވަހަށް ބުނެފާނަން؟ އަހަރެން ވަރަށް އަވަހަށް ހޮސްޕިޓަލަށް ދާން ޖެހޭ،" އިމްތިޔާޒް އެހެން ބުނީ ކޮންމެހެން ދާން ޖެހިގެނެއް ނޫނެވެ.

"ބުނަން. ތި ނާޒްއަކީ ވަރަށް މަކަރު ހަދާ މީހެއް. ވަރަށް ޝަކުވާ ކުރާނެ، ހިތެއް ނުފުރޭނެ އަނެއް މީހާ އިނދަ ޖެހުނަސް. ވަރަށް މައުސޫމް ވެގެން އުޅޭނީ. އަނެއް މީހާ ރުޅި އަންނަ ކިތަންމެ ކަމެއް ކުރާނެ. އެކަމަކު އަބަދުވެސް ކުށްވެރި ވާނީ ތިމާ. މައާފަށް އެދި ރޮއި، އާދޭސް ކުރަން ޖެހޭނީ ވެސް ތިމާ. މީހުންގެ ހިތާ ކުޅެ އޮޅުވާލަން ވެސް އެހާ ކުޅަދާނަވާނެ. ވަރަށް ސައިކޯ ވާނެ. އިނދެގެން އުޅޭ މީހާއަށް އުޅެން އުނދަގޫވާ ވަރު ކުރާނެ. ކޮންތާކަށްތޯ ދަނީ، ކޮން އިރަކުތޯ އަންނާނީ، ކާކާ އެކުތޯ ދަނީ އަހާނެ. އަދި އެ ދާ ތަނަކަށް ދިޔަޔަސް ސަތޭކަ ފަހަރު ގުޅާނެ، މެސެޖް ކުރާނެ. އަންހެނަކާ ވާހަކަ ދެއްކިޔަސް ނިމުނީ. ވަރަށް ޝައްކުބަލި ބޮޑު މީހެއް އެއީ. މަ ބުނާ އެއްޗެއް އަޑު އަހަންޏާ ދަރިއަކު ލިބެންވާ އިރަށް ތިތަނުން ސަލާމަތްވާން އުޅޭ. އެހެން ނޫނީ ދެން ކަރަށް މެހޭ މަޅީގައި ތިމާ ޖެހޭނީ ދަންޖެހެން،" ޔަޒީދު ދައްކަމުން ދިޔަ ވާހަކަތަކަކީ ތެދު ހަގީގަތެވެ. މިހާރު ވެސް ހިނގަމުންދާ ކަންކަމެވެ. "އޭނަ ފަހެއް ނުޖެހޭނެ އެއްޗެއް ކާން ދޭން ވެސް. އެނގޭ ދޯ މި ބުނި އެއްޗެއް؟"

އިމްތިޔާޒް ގާތުގައި ގުލްނާޒްއޭ ކިޔައިގެން ޔަޒީދު ދައްކަން އުޅުނު މުހިންމު ވާހަކައަކީ އެއީ ހެއްޔެވެ؟ އެހެންވެއްޖެ ނަމަ އެއީ އެނގި ބާވެފައި ހުރި ކަންކަމެވެ. ފަހު ޖުމްލަ ފިޔަވަ އެވެ. އެ ދެއްކި ހުރިހާ ވާހަކައެއް ވެސް އިމްތިޔާޒް ގަބޫލު ކުރި އެވެ. އެކަމަކު އެއްޗެއް ކާންދޭން އެ ބުނި ބަހުގެ މާނައާ މެދު ފުންކޮށް ވިސްނާލަން އިމްތިޔާޒަށް މަޖުބޫރުވި އެވެ. އެހާ ހިސާބަށް ކަންތައް ގޮސްފި ނަމަ އިމްތިޔާޒަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެއީ އޭނާ ގަބޫލު ކުރާ ކަންކަމެވެ. ސިހުރާއި އިސްތިރި ވަރިތޮޅިއަކީ ވެސް އިމްތިޔާޒް ދެކެފައި ހުރި ކަންކަމެވެ. ވީމާ އެކަހަލަ ކަންކަން ދެކެ އިމްތިޔާޒް ޖެހިލުންވެ އެވެ. ގުލްނާޒް އެ ވާ ލޯތްބަށް ކިޔަންވީ ނަމަކީ ގިރިޓީ ލޯބި ހެއްޔެވެ؟ އިމްތިޔާޒް ހިތުގައި ޖަހަމުން ދިޔަ ވިންދު ހިނދުކޮޅަކަށް ހުއްޓުނު ކަހަލަ އެވެ.

"ދެން އޮތީ ވަރަށް މުހިންމު ވާހަކައެއް،" ޔަޒީދު ބުންޏެވެ. އިމްތިޔާޒް އިނީ އަޑުއަހާށެވެ. ދެން އިވެން އުޅެނީ ކޮން ވާހަކައެއް ކަމެއް ނޭނގެ އެވެ.

ނިޔާޒް އާއި ޝައިލާ ތިބީ ސޯފާގަ އެވެ. ދެ މީހުންގެ ރައްޓެހިކަން އެހެން ހަރުފަތެއް ގިރާ ކުރާކަށް ގިނަ ދުވަހެއް ނުނެގި އެވެ. ޝައިލާއަށް އެހާ އަވަހަށް އެ އިހުސާސްތައް އަންނަން ފެށީ މީހާ އެކަނިވުމުންނާއި އެހީތެރިވާނެ އަތެއް ދިއްކޮށްލާނެ މީހަކު ވުމުންނެވެ. އަނެއްކޮޅުން ނިޔާޒަކީ ޝައިލާ ދެކެފަރިތަ މީހެކެވެ.

"ވައިފަށް އެނގުނީމަ ވަރަށް ހިތްހަމަނުޖެހޭނެ ދޯ؟" ޝައިލާ އަހާލިއެވެ.

"އޭނަ ގާތު ބުނެފިން. އަހަރެން މި އުޅެނީ އޭނަ ވަރިކުރަން،" ނިޔާޒްގެ ވާހަކަ ކުރެވެ.

"އެ ކީއްވެ؟ އަހަރެން ބޭނުމެއް ނޫން ބައެއްގެ ދިރިއުޅުން ތެރެއަށް ވަދެގެން އެކަން ފަނިކޮށްލާކަށް،" ޝައިލާ ބުންޏެވެ.

"ޝައި ބޭނުންވަނީ ސެކަންޑް މީހެއް ގޮތުގައި ހުންނަންތަ؟ މަށާ އިންނާކަށް ބޭނުމެއް ނޫންތަ؟" ނިޔާޒް އަހާލި އެވެ. އެ ދެމެދުގައި ވިއްސަކަށް ސިކުންތު ހިނގި އެވެ. ޝައިލާގެ ފަރާތުން އެދެވޭ ޖަވާބެއް ނަ އެވެ.

"ތީގެ މާނައަކީ؟" ނިޔާޒް އަހާލި އެވެ.

"ދިރިއުޅުމެއް ހަލާކުވީމަ އަނބިމީހާ އާއި ދަރިން ހާލުގައި ޖެހޭނެ ވަރު އަހަރެންނަށް އިހުސާސް ކުރެވޭ. އެހެންވީމަ އެހެން އަންހެނަކަށް އެ ހާލު ޖައްސާކަށް އަހަރެން ބޭނުމެއް ނޫން،" ވަރަށް ސާފުކޮށް ޝައިލާ ބުންޏެވެ.

"މި ގުޅުން އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތެއް ދެން ބުނެބަލަ،" ނިޔާޒް ބުންޏެވެ.

"ދެ އަތްނބަށް އިނުން،" ޖެހިލުމެއްނެތި ޝައިލާ ބުންޏެވެ. "ވައިފް އެ ގޮތަށް ރުހެންޏާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް."

"ޝައި އަހަރެން ދެކެ ލޯބިވޭތަ؟" ނިޔާޒް އަހާލި އެވެ.

"ޝައްކު؟" ޝައިލާ ވެސް ކޮށްލީ ސުވާލެކެވެ.

"ލޯބިވާ މީހަކު ޝެއާ ކުރާކަށް އުނދަގުލެއް ނުވާނެ؟"

"މިއީ ސުވާލާއި ޖަވާބު މުބާރާތެއް ނޫން. އެކަމަކު އެއީ ނިޔާޒްގެ ވައިފް. ކިޑެއް ވެސް އެބަ ހުރި. ހުރިހާ ގޮތަކުން ވެސް އެ މީހުންނަށް އިސްކަންދޭން ޖެހޭނެ. މިއީ އަހަރެންގެ ފަހުގެ ނިންމުން. މި ގޮތަށް ނޫން ގޮތަކަށް މި ގުޅުން އިތުރަކަށް ކުރިއަކަށް ނުގެންދެވޭނެ،" ޝައިލާ ބުންޏެވެ.

އިމްތިޔާޒް ބޮލުގައި ރިއްސަން ފެށި އެވެ. ގުލްނާޒް ފެންނަ ކޮންމެ ފަހަރަކު ޒާތެއްގެ އުނދަގުލެއް މުޅި ހަށިގަނޑަށް ވެރިވެގެން ދެ އެވެ. ކުރީގައި ރީތިކަމުން ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވި އެ މޫނުން ފެންނަމުން ދިޔައީ މަކަރުވެރިކަމާއި އޮޅުވާލުމެވެ. އިމްތިޔާޒަށް އަންނަމުން ދިޔަ ބަދަލުތައް ގުލްނާޒަށް ފާހަގަ ކުރެވުނެވެ. ކުދިކުދި ކަންކަމާ އަވަސް އަވަހަށް ރުޅި އައުމެވެ. ގުލްނާޒަށް ކުރާ ތައުރީފުތައް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުމެވެ. ގިނަ ވަގުތު ބޭރުގައި އުޅުމާއި ނިދަން އައުން ލަސްވުމެވެ. އެކަންކަން ހަޖަމުކޮށްލައިގެން ހުރެވޭ ވަރަށް ވުރެ ގުލްނާޒްގެ ކެތްތެރިކަން ކުޑަ އެވެ.

"އަސްލު ކިހިނެއް ވެގެންތަ މިއުޅެނީ؟" އެންމެ ފަހުން ކުޅަދާނަ ނުވެގެން ގުލްނާޒް އަހަލިއެވެ. "އިންތި މިހާރު އަހަރެން ދެކެ ލޯބިނުވަނީތަ؟"

ބޭނުން ނަމަ އިމްތިޔާޒަށް ނޫނެކޭ ބުނެވުނީހެވެ. ދޮގުހަދައި އޮޅުވައި ލެވުނީހެވެ. އެކަމަކު އިމްތިޔާޒަކީ ގުލްނާޒެއް ނޫނެވެ. ނުކުންނާނެ ނަތީޖާގެ ހިތިކަން މާ ބޮޑުވާނެ އެވެ. އަރު ބުޑުގައި އެ ހިތި މުޅި އުމުރަށް ވެސް ހުރެދާނެ އެވެ. ނަމަވެސް އިމްތިޔާޒް ޖެހިލުމެއް ނުވެ އެވެ. ތެދަށް ބުނަން ވެސް ބޭނުމެވެ. ނަމަވެސް ގުލްނާޒަކީ ކަންކަމުން ރެކެން މޮޅު މީހެކެވެ. ދެން ހަދާ ދޮގުތަކާއި އޮޅުވާލުންތައް މާ ގިނަ ވާނެ އެވެ. ކުރިމަތީ އިންނަ މީހާއަށް ގަބޫލުކުރަން މަޖުބޫރުވާ ވަރަށް ހެކި ދައްކާނެ އެވެ.

"ކީއްވެތަ އަބަދު އަހަރެން ދެރަ ކުރަނީ؟ އިންތި ދެރަވެ ހިތުގައި ޖެހޭ ކަހަލަ ކަމެއް އަހަރެން ކުރިންތަ؟ މިހާ ރަނގަޅަށް، މިހާ ހެޔޮކޮށް އަހަރެން އުޅޭ އިރު ވެސް އިންތި ތި ހުރީ ކަންތައް ކުރާ ގޮތް. އަބަދުވެސް އަހަރެން ދެރަކޮށް ހިތުގައި ޖެއްސުން ނޫން ކަމެއް މިހާރު ނުކުރޭ. ކީއްވެގެންތަ އެންމެން އަހަރެން ދެކެ އެހާ ފޫހިވަނީ؟ ރުޅި އަންނަނީ؟ ކުރިން އަހަރެން ކުރި ކައިވެނި ވެސް ރޫޅުނީ މި ކަހަލަ ކަންކަމާ ހެދި. އަހަރެންގެ ހެޔޮ ބޮޑު ކަމުން އޭގެ ނާޖާއިޒު ފައިދާ އޭނަ ނެގީ،" އަބަދުވެސް އަމުނާ ފަތިވަރު އެއް ރާގަކަށް ގުލްނާޒް އަމުނާލި އެވެ. އިމްތިޔާޒް ކުށްވެރިކޮށް ނިންމާލި އެވެ. ވާހަކައިގެ ކޮޅު ބަދަލުވި އެވެ. ރުޅި އައުމުގެ ހައްގު ވެސް އިމްތިޔާޒަށް ނުލިބުނު ކަހަލަ އެވެ. ބުނަން ބޭނުންވި ވާހަކަ ވެސް ނުބުނެވި އެ ހިސާބުން ހުއްޓާލަން ޖެހުނީ ގުލްނާޒް ރޯން ފެށުމުންނެވެ. އެއީ ކިނބޫ ކަރުނަ ހެއްޔެވެ؟ ހަގީގަތަށް ބުނާ ނަމަ އެ މަންޒަރު ފެނިގެން އިމްތިޔާޒް ހިތެއްގައި ނުޖެހެ އެވެ. ޔަޒީދު ކިޔައިދިން ވާހަކަތައް ހަނދާނުގައި ހުރީ ދެންމެ އަޑު އިވުނު ލަފުޒުތަކެއް ހެންނެވެ. ބައެއް މީހުން އެކްޓް ކުރަން އެހާ މޮޅީ ކީއްވެ ހެއްޔެވެ؟ އަސްލެއް ހަގީގަތެއް ވަކި ނުވާ ވަރަށް ގުލްނާޒް ރޯން އިނެވެ. އިމްތިޔާޒްގެ ދުލެއް ހަރަކާތެއް ނުކުރި އެވެ. ހިތްވަރުގެ ބަހެއް ވެސް އެ ދުލުން ބޭރު ނުވި އެވެ. އެކަމާ ވެސް ގުލްނާޒް ޝަކުވާ ކުރި އެވެ.

"އަހަރެން މި ވަރަށް ރޯ އިރު ތި ހިތަށް އަސަރެއް ވެސް ނުކުރޭތަ؟" ރޮމުންރޮމުން ގުލްނާޒް ބުންޏެވެ.

"އާނ. ނުކުރޭ. ތިކަހަލަ މަކަރުވެރިންނަށް ކޮން ހަމްދަރުދީއެއް ވާކަށް؟"

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް