ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 24 ވަނަ ބައި

5 އޯގަސްޓު 2024

އެޕިސޯޑް 24

އިމްތިޔާޒްގެ ވިސްނުން ބަދަލުވާން ހިނދުކޮޅެއް ނެގި އެވެ. ލޯ މަރާލާފައި ވާހަކަ ދެއްކި އެވެ.

"ކޮންމެ މީހެއްގެ ކިބައިގައި ވެސް އުނި ސިފަތަކެއް ހުންނާނެ. އެކަމަށް ޖެހޭނީ ކެތްކުރަން،" އިމްތިޔާޒް ބުންޏެވެ.

"ޝައި ކިބައިގައި ކޮން އުނި ސިފަތަކެއް ހުރެގެން އޭނާ ދޫކޮށްލީ؟" ފަރްހާން ބުންޏެވެ.

"ތި ވާހަކަ ދެއްކުމުގެ މާނައެއް އެބަ އޮތްތަ؟" އިމްތިޔާޒް އަހާލި އެވެ.

"މާނައެއް ނެތް ނަމަ ޝައި އާއި ނިޔާޒް އެހެން އުޅޭތީ ތި ހިތަށް އަސަރެއް ކުރާނެތަ؟" ފަރްހާން އަހާލި އެވެ.

ތެދެކެވެ. އަސަރެއް ނުކުރާނެ އެވެ. ޝައިލާ ކޮންމެ މީހަކާ އެކު އުޅުނަސް، ވާހަކަ ދެއްކިޔަސް އެއީ އިމްތިޔާޒްއާ ބެހޭ ކަމެއް ނޫނެވެ. އެކަމުން އޭނައަށް އެއްވެސް އަސަރެއް ކޮށްގެން ނުވާނެ އެވެ. އިމްތިޔާޒްގެ ހިތް ބުންޏެވެ. ހިތުގެ އަޑީގެ ކުޑަ ކަނެއްގައި އަދިވެސް ޝައިލާއަށް މަގާމެއް ދެވިފައި އިނީ އެވެ. އެކަން ކިތަންމެ ކުޑަ ނަމަވެސް އެތަނުގައި އަލިކަމެއް ހުއްޓެވެ. އެ ހުޅު ބޮޑުވަމުން ދާ ނަމަ ފަހުން ވާނެ ގޮތެއް ނޭނގެ އެވެ. ފަރްހާން އެ ދުވަހު ވަރަށް ގިނަ ވާހަކަ ދެއްކި އެވެ. ދެމަފިރިންގެ ހައްގުތަކާ ބެހޭގޮތުންނެވެ. އެކަކު އަނެކަކަށް ކުރާ އިތުބާރާއި ލޯތްބާ ބެހޭ ގޮތުންނެވެ.

އިމްތިޔާޒް ބިނާ ކުރީ ލޯބީގެ ގަނޑުވަރެކެވެ. ގުލްނާޒްއާ އެކީގަ އެވެ. ނަމަވެސް އެ ގަނޑުވަރުގައި ދިރިއުޅެނީ ގުލްނާޒް އެކަންޏެވެ. ފެންނަނީ އޭނަގެ އެކި ސިފަތެކެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ހާސްވެފައި ހުރުމާއި ބިރުގަނެފައި ހުރުމެވެ. އިމްތިޔާޒަށް ވިސްނާލަން މަޖުބޫރު ވެއްޖެ އެވެ. ގުލްނާޒަކީ ނުކިޔަމަންތެރި އަތްނބެއް ނޫނެވެ. ނަމަވެސް އިމްތިޔާޒް އެންމެ ބޭނުންވި ކަހަލަ އަތްނބެއް ނޫނެވެ. އޭނައަކީ ހިތްހެޔޮ މީހެކެވެ. ފެންނަ ފެނުމާއި އުޅޭ އުޅުމަށް ބަލާއިރު ވަފާތެރި އެވެ. ކަމުނުދާ ކަމަކަށް އޮންނަނީ އަންނަ ސިނގު ރުޅިގަނޑެކެވެ. އެ ރުޅިގަނޑުގައި އޭނަ ބޭނުން ކޮންމެ އެއްޗެއް ވެސް ކިޔާފާނެ އެވެ. އިތުބާރު ނުކުރުމާއި ކަންކަން ގަބޫލު ނުކުރުމަކީ ވެސް އޭނަގެ ކިބައިގައި ހަރުލާފައި ހުރި ނޭދެވޭ ސިފަތަކެކެވެ. އިމްތިޔާޒް ހައިރާންވީ ކުރިން އޭނައަށް އެ ސިފަތައް ނުފެނުމުންނެވެ. ނުވަތަ ފެންނަ ކަމަށް ނުހެދުނީ ހެއްޔެވެ؟ ގުލްނާޒް ކުޅަދާނައީ އެވެ. ދެއްކި ކުލަވަރު މޮޅީ އެވެ. އެ އަވާގައި އިމްތިޔާޒް ޖެހި ހައްޔަރުވީ އެވެ. ފަރްހާންގެ ވާހަކައިން އިމްތިޔާޒަށް ކުރިން ނޭނގޭ އެތައް ކަމަކާ މެދު ވިސްނާލެވުނެވެ.

އިމްތިޔާޒް ވިސްނަން ފެށި އެވެ. ކުރިން ނުވިސްނޭ އެތައް ކަމެއް ހިތަށް އަރަމުން ދިޔަ އެވެ. ސަމާލުކަން ދެމުން ދިޔައީ ފަރްހާން ދެއްކި ވާހަކަތަކަށެވެ. އިމްތިޔާޒްގެ ހިތަށް އެރި އެވެ. އޭނާ ހިސާބަށް ވުރެ ގަމާރީ އެވެ. އެތައް ދުވަހަކު މަސައްކަތް ކޮށްގެން ރޯކުރި ކައިވެނީގެ ހުޅުކޮޅު އަލި މަޑުވިޔަ ނުދިނުމަށް ކުރެވުނު ހުރިހާ ކަމެއް ކުރީ އޭނަ އެވެ. ކޮންމެ ފަހަރަކު ވެސް ކޮންމެ ކަމެއްގައި ވެސް ހަތިޔާރު ބަހައްޓާފައި މައާފަށް އެދެނީ އިމްތިޔާޒެވެ. އެއިން ކޮންމެ ފަހަރަކު ވެސް ގުލްނާޒް އޭގެ ނާޖާއިޒު ފައިދާ ނަގަ އެވެ. އެކަންކަން ވިސްނެނީ މިއަދެވެ. ކައިވެނީގެ ހުޅުކޮޅަށް ފުމެލާ ނިއްވައިލާނެހާ ހިތްވަރު އޭނަގެ ކިބައިގައި އެބަ ހުރި ހެއްޔެވެ؟ ދެ ކައިވެނި ވެސް ރޫޅިއްޖެ ނަމަ ދުނިޔޭގެ މަލާމާތް އޭނައަށް ރައްދުވާނެ އެވެ. ބުނާނެ އެވެ. އިމްތިޔާޒްގެ ކިބައިގައި ކޮންމެވެސް އުނި ސިފައެއް ހުރީ އެވެ. ނޫން ނަމަ ދެ ފަހަރު އެކަމެއް ތަކުރާރެއް ނުވާނެ އެވެ. ދެން އޮތީ ކުރަން އުނދަގޫ ކަމެކެވެ. އެއީ ކެތްކޮށްލައިގެން ހުރުމެވެ. އެއްވެސް އިންސާނަކީ ފުރިހަމަ މީހެއް ނޫނެވެ. ގުލްނާޒަކީ ހިލޭ ފިރިހެނުން ގެންގުޅޭ މީހެއް ނޫނެވެ. ނަފުސާނީ ގޮތުން އިމްތިޔާޒަށް އުނދަގޫތަކެއް ކުރިމަތި ކުރުވިޔަސް ޖިސްމާނީ އަނިޔާއެއް ނުދެ އެވެ. ހައްތަހާ ވެސް ރީތި ބަހަނާތަކެވެ.

ހިތްވަރުކޮށްފައި ގުލްނާޒްއާ ވާހަކަ ދައްކަން އިމްތިޔާޒް ބޭނުންވި އެވެ. ނަމަވެސް އާހިރުގައި ކުށްވެރިވާނީ ވެސް އޭނަކަން ޔަގީނެވެ.

"ނާޒް މަށަށް ޓްރަސްޓް ކުރަންތަ؟" އިމްތިޔާޒް އަހައިލި އެވެ. ގުލްނާޒް އެއްޗެއް ނުބުނެ އިރުކޮޅެއް ވަންދެން އިނެވެ. ކުރި ސުވާލަށް ވުރެ ބުނި ރާގު ކަމުނުދިޔައީ އެވެ.

"ކީއްވެ ތިހެން ތި އެހީ؟" ޖަވާބު ދިނުމުގެ ބަދަލުގައި ސުވާލެއް ކުރުމަކީ ގުލްނާޒްގެ އާދައެކެވެ.

"ބުނެބަލަ،" އިމްތިޔާޒް ބުންޏެވެ.

"ޓްރަސްޓް ކުރާނެއެއްނު. ލޯބީގެ އަނެއް މާނައަކީ ޓްރަސްޓް. ނޫންތަ؟" ގުލްނާޒް ބުންޏެވެ. "އިންތި މަށަށް ޓްރަސްޓް ނުކުރަންތަ؟"

އިމްތިޔާޒް އެއްޗެއް ނުބުންޏެވެ. ނުބުނުމުން އޭގެ ބޭނުން މާނައެއް ނެގުމުގެ އިހުތިޔާރު ގުލްނާޒަށް ލިބުނެވެ. މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމާއި ފޫހިކަމެވެ. ވެގެން އުޅެނީ ކީއްކަމެއް ނޭނގެ އެވެ. ނަމަވެސް އިމްތިޔާޒް އެފަދަ ސުވާލެއް ކުރާނީ ކޮންމެވެސް ކަމެއް ވެގެންނެވެ. ކޮންމެވެސް މީހަކު އެއްޗެއް ކިޔައިގެންނެވެ. ގުލްނާޒަކީ ހިތުބޮލި ނެގުމުގައި މާހިރެކެވެ. އެކަހަލަ އެއްވެސް ސިފައެއް އިމްތިޔާޒަކަށް ކުރިން ނޭނގެ އެވެ.

"ކޮންމެވެސް މީހަކު އެއްޗެއް ކީތަ؟ މަށަށް ހީވަނީ ތި ގެންގުޅޭ ރައްޓެހިންނާ އެކުގައި ބޭރަށް ދިޔުން ތަންކޮޅެއް މަދު ކޮށްލަންވީހެން. ނޫނީ ރައްޓެހިންތައް މަދުކޮށްލަންވީހެން،" ހިތްހަމަނުޖެހިފައި ގުލްނާޒް ބުންޏެވެ. "އަހަރެން ކުރިން ވެސް ބުނީމެއްނު މި ދޭތެރެއަށް ކޮންމެ ވެސް މީހަކު ވަދެދާނޭ. އެސްފީނާއެއް ޖެހިދާނޭ. މި އޮތީ މަ ބުނި ވަގުތު ޖެހިފައި. އެކަމަކު ދެރައީ އެފަދަ މީހުންގެ ވާހަކައިގައި އިންތި ޖެހުނީމަ. އެ މީހުން ދައްކާހާ ވާހަކައެއް ގަބޫލު ކުރީމަ. ހަގީގަތް ބަލާނުލައި އަހަރެންނާ ދޭތޭރޭ ޝައްކު ކުރީމަ. ހަގީގަތުގައި އަހަރެން މިއަދު ވަރަށް ދެރަވެއްޖެ. އިންތި އަބަދުވެސް ކަންތައް ކުރަނީ ތިހެން. އެކި ބަހަނާތައް ހޯދައިގެން އަހަރެން ދެރަ ކުރަން."

މިހާ ދުވަސް ވަންދެން އޮޅުވާލުމެއްގެ ތެރޭގައި ހުރީ އިމްތިޔާޒެވެ. އޮޅުވާލީ ގުލްނާޒެވެ. އެކަމަކު އާދައިގެ މަތިން އިމްތިޔާޒް ކުށްވެރިވި އެވެ. އަބަދުވެސް މައާފަށް އެދޭހެން މިއަދު ވެސް މައާފަށް އެދޭނެ ކަމަށް ގުލްނާޒް ހުރީ އިންތިޒާރުގަ އެވެ. އިމްތިޔާޒް އެއްޗެއް ނުބުންޏެވެ. ބުނަން ބޭނުންވާ ކިތަންމެ އެއްޗެއް ހުރި ނަމަވެސް އަނގައިން ނުބުނެ އިރުކޮޅަކު އިނީ އެވެ. ގުލްނާޒްގެ ކެތްތެރިކަން ކޮޅުންލާހެން ހީވި އެވެ. އިމްތިޔާޒް ދިޔައީ އޭނަގެ މޫނަށް އަންނަމުން ދިޔަ ކުލަވަރު ވަރަށް ގާތުން ބަލަމުންނެވެ. ގުލްނާޒް ދެން ބުނާނެ އެއްޗެއް ވެސް އިމްތިޔާޒަށް އެނގޭ ކަހަލަ އެވެ. އެކަމަކު އިމްތިޔާޒަށް ހެވާއި ނުބައި އެނގިއްޖެ އެވެ. ވިސްނުން ބަދަލު ވެއްޖެ އެވެ. އިތުރު އެއްޗެއް ނުބުނެ ގުލްނާޒް އެތަނުން ނުކުންނަން ހިނގައިގަތެވެ. ނަމަވެސް ދޮރު ކައިރިއަށް ދިޔުމަށް ފަހު ހުއްޓުނެވެ. ބޭނުންވީ އިމްތިޔާޒް ލައްވައި އާދޭސް ކުރުވާށެވެ. އަބަދުވެސް ކަންތައް ކުރުވާހެން މި ފަހަރު ވެސް އޭނާ ހުއްޓުވާށެވެ. ނުދާށޭ ބުނެ މަޑު ކުރުވާށެވެ. އިމްތިޔާޒް އިނީ އިސްޖަހާލައިގެންނެވެ. ގުލްނާޒްއާ ދިމާލަށް ބަލާ ވެސް ނުލައެވެ. ގުލްނާޒްގެ ހިތުގައި ޖެހުނެވެ. ފެންކަޅިވި އެވެ. ނަމަވެސް ރޯކަށް ބޭނުމެއް ނުވި އެވެ. އިމްތިޔާޒަށް އައި ބަދަލުގެ އަޑީގައި ކޮންމެވެސް މީހެއްގެ އަތެއް ވާނެކަން އޭނާއަށް ވިސްނުނެވެ. އެ ވާހަކަ ދައްކަން ބޭނުންވަނީ ވެސް އިމްތިޔާޒް ގާތުގަ އެވެ. ނަމަވެސް އެދެވޭ ކަހަލަ ޖަވާބެއް ނުލިބޭނެކަން ގުލްނާޒަށް ވިސްނެ އެވެ.

މެންދުރުގެ އެންމެ އަވިގަދަ ވަގުތެވެ. މާލޭގެ ކާރޫބާރު ބޮޑު މަޖީދީމަގުގައި އިމްތިޔާޒް އިނީ ފޯނެއްގަ އެވެ. މަގުގެ އެއް ފަރާތުގައި އިން އިރު މީހާ ދާހިއްލަމުން ދިޔަ އެވެ. ސުކޫލުތަކުން ނިމިގެން ދާ ކުދިންނާއި ފެށޭ ގަޑިއަށް ދާ ކުދިންނާއި ބެލެނިވެރިންގެ އިތުރުން އެކި އުމުރުފުރާގެ މީހުންތަކުން މަގު ވަނީ ތޮއްޖެހިފަ އެވެ. ލޮލަށް ހެޔޮވަރުކޮށްފައި އިން އައިނު ނަގާފައި އިމްތިޔާޒް މޫނުމަތި ފުހެލި އެވެ. އަނެއްކާވެސް އައިނު އެޅި އެވެ. ފޯނު ޖީބަށް ލާފައި ފަހަތް ބަލާލީ ސައިކަލު ދުއްވާލަން ވެގެންނެވެ. ކުރިމައްޗަށް ބަލާލި ވަގުތު ސައިކަލު ކުރިމަތީގައި މީހަކު ހުއްޓެވެ. އޭނާ ހުރީ ހިނިތުންވެފަ އެވެ. އިމްތިޔާޒް ދެ ފަރާތަށް ބަލާލި އެވެ. ހިތަށް ނުތަނަވަސްކަން ވެރިވި އެވެ.

"މިރޭ ނުދެވޭނެތީ މިތަނުން ފެނިގެން މި އައީ،" ކުއްލިއަކަށް އެ މީހަކު ބުންޏެވެ. "ޔަޒީދު. ގުލްނާޒްގެ ކުރީގެ ފިރިމީހާ،" ސަލާމަށް އަތްދިއްކޮށްލަމުން އޭނާ ބުންޏެވެ.

އިމްތިޔާޒް ސަލާމްކޮށްލި އެވެ. އެކަމަކު މީހާ އިނީ ކޮންމެވެސް ވަރަކަށް ހާސްވެފަ އެވެ. އެފަދަ ވަގުތެއްގައި އެފަދަ ދަނޑިވަޅެއްގައި ވާހަކަ ދެއްކޭ ކަހަލަ ހާލަތެއްގައެއް ނޫނެވެ.

"މިރޭ އަހަރެން މި އުޅެނީ ބޭރަށް ފުރަން. ކުއްލިއަކަށް ދާން ޖެހޭ ދަތުރެއް. އާދެވޭނެ ދުވަހެއް ނޭނގެ. ދެންމެ މިތަނުން ފެނުނީމަ ހިތަށް އެރީ މިއީ ރަނގަޅު ވަގުތެކޭ އެ ވާހަކަ ދައްކާލަން،" ޔަޒީދު ބުންޏެވެ. "ހިނގާ މިހިރަ ކެފޭއަށް."

"އިމްތިޔާޒް ތި އުޅެނީ އުފަލުގައިތަ؟ މަ ހިއެއް ނުކުރަން ތި ކަހަލަ ކިޔަވައިގެން ހުރި މީހަކު ތިހާ ގަޅި ކަމެއް ކޮށްފާނެ ކަމަކަށް،" ޔަޒީދު ބުންޏެވެ.

"ނުވިސްނުނު ތި ބުނި އެއްޗެއް،" ވިސްނައިލަމުން އިމްތިޔާޒް ބުންޏެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް