ވާހަކަ: ޝިކާޔަތު
އެޕިސޯޑް 23
"ކާކާ ތި ވާހަކަ ދައްކަނީ؟" ފަހަތުން އިވުނީ ގުލްނާޒްގެ އަޑެވެ. އިމްތިޔާޒް ވަގުތުން ފޯނު ކަނޑައިލި އެވެ.
"ނިޔާޒްއާ. މާދަމާ އޮތް މީޓިންއަކަށް ތައްޔާރުވާން އެ ވާހަކަ މި ދައްކަނީ،" އިމްތިޔާޒް ބުންޏެވެ.
"ދައްކަބަ ތި ފޯނު ބަލާލަން،" ގުލްނާޒް ބުންޏެވެ.
"ނާޒް،" ހިތްހަމަނުޖެހިފައި އިމްތިޔާޒަށް ބުނެވުނެވެ. އެއީ އެފަދަ ގޮތަކަށް އިމްތިޔާޒް ބުނި އެންމެ ފުރަތަމަ ޖުމްލަ އެވެ. "އަހަރެންނަށް ޝައްކު ކުރަނީތަ؟"
"ޝައްކު ކުރަން ބޭނުން ނުވާތީ މި ބުނީ ދީބަލާށޭ ބަލައިލަން،" ގުލްނާޒް ބުންޏެވެ. އިމްތިޔާޒަށް އެ ގޮތް ކަމަކު ނުދެއެވެ. ދެމަފިރިން ވިޔަސް ކޮންމެވެސް ވަރެއްގެ ޕްރައިވެސީއެއް އޮންނަން ވާނެ އެވެ. ދެ މީހުންގެ ހުރިހާ ކަމެއް އެކަކު އަނެކަކަށް އެނގޭކަށް ނުޖެހެ އެވެ. ބޮޑެތި ކަންކަން ނޫނަސް އެނގެން ނުޖެހޭ މިންވަރުތަކެއް ހުންނަން ވާނެ އެވެ.
"ތި ފޯނު ދީބަލަ،" އަތް ދިއްކޮށްލަމުން ގުލްނާޒް އަނެއްކާވެސް ބުންޏެވެ.
"ނާޒް ޕްލީޒް. ހިނގާ ނިދަން ދާން،" އިމްތިޔާޒް ހިނގައިގަންނަމުން ބުންޏެވެ.
"މާނައަކީ އަހަރެންނަށް ފޮރުވަން ޖެހޭ ވަރުގެ އެއްޗެއް ތި ފޯނުގައި އެބަ އޮތޭ ދޯ؟" އިމްތިޔާޒްގެ އަތުގައި ހިފަމުން ގުލްނާޒް ބުންޏެވެ.
"ނެތޭ. އަހަރެން ދެންމެ ގުޅީ ނިޔާޒަށް. މިއޮތީ ކޯލް ރިކޯޑް. ގަބޫލު ނުކުރެވެންޏާ ބަލާބަލަ. އެހެން ނޫނީ ނިޔާޒަށް ގުޅާފައި ވާހަކަ ދައްކަން ދެންތަ؟" އެންމެ ފަހުން އިމްތިޔާޒް ގުޅާފައި ހުރި ނަންބަރުތައް ދައްކާލި އެވެ. ގުލްނާޒް ފުން ނޭވައެއް ބޭރުކޮށްލި އެވެ.
"އެވަރުގެ ކަމެއް ނުކުރަން އިންތި ތި އުޅުނީ؟ އަހަރެން ބޭނުމެއް ނޫން އިންތިއަށް ޝައްކު ކުރާކަށް. އެކަމަކު ބައެއް ފަހަރު ހިތުގައި އުފެދޭ ސުވާލުތަކެއްގެ ސަބަބުން އެ ކަހަލަ ކަންކަން ކުރެވެނީ،" އިމްތިޔާޒްގެ ކޮލުގައި ފިރުމާލަމުން ގުލްނާޒް ބުންޏެވެ. "ދެން ހިނގާ ނިދަން ދާން"
އިމްތިޔާޒް ހުރީ ހިތްހަމަނުޖެހިފަ އެވެ. ގުލްނާޒް ކަންތައް ކުރި ގޮތުންނެވެ. ބަސްމަގު ހުރި ގޮތުންނެވެ. ޝައްކު ކުރުމުންނެވެ. އެއީ ގުލްނާޒްގެ ފަރާތުން އިމްތިޔާޒް ބޭނުންވި ކަމެއް ނޫނެވެ.
"ނިޔާޒް ކީއް ތިކުރަނީ؟" އިމްތިޔާޒް އަހާލި އެވެ.
"އަހަރެން ކީއްކުރީ؟" ވިސްނާލަމުން ނިޔާޒް ބުންޏެވެ.
"ނޭނގޭ ކަމަށް ނުހަދާ. ނިޔާޒަށް އެނގޭނެ އަހަރެން މި ދައްކަނީ ކޮން ވާހަކައެއްކަން،" ހިތްހަމަނުޖެހިފައި އިމްތިޔާޒް ބުންޏެވެ.
"އަހަރެން ކުރާހާ ކަމަކާއި އުޅޭހާ ގޮތެއް ބަލަން އިންތިއަށް ޖެހޭތަ؟" ނިޔާޒް ވެސް ހިތްހަމަނުޖެހުނެވެ.
"ބުނަން ރަނގަޅު ވާހަކައެއް. ތިކަން މިހާރުން މިހާރަށް ހުއްޓާލާ،" އިމްތިޔާޒް ބުންޏެވެ.
"ހުއްޓާލާށޭ ބުނަން ތިއީ ކާކު؟" ބަހުސް ހޫނުވަމުން ދިޔަ އެވެ.
"އަހަރެން ބޭނުމެއް ނޫން ޒުވާބު ކުރާކަށް. މަ މިތަނަށް މި އައީ ވެސް ނިޔާޒްއާ ދެބަސްވާކަށް ނޫން،" އިމްތިޔާޒް ބުންޏެވެ.
"އިންތި ރީއްޗެއް ނޫނޭ ތި ބަހުރުވައިން ވާހަކަ ދައްކާކަށް. ބަލަ އެއީ މިހާރު އިންތިއާ ބެހޭ މީހެއް ނޫނޭ،" އަސްލު މައުލޫއުއަށް ދިޔަ އެވެ.
"މަށާ ބެހޭ މީހެއް ނޫނޭ؟ އެއީ މަގޭ ދަރިފުޅުގެ މަންމަ. އެވަރަކަށް ދެން މަށާ ބެހެވޭނީ،" އިމްތިޔާޒް ބުންޏެވެ.
"ކަލޭ ދަރިއެއް ހުރިކަން ހަނދާން އެބަހުރިތަ؟ އަހަރެން ހީކުރީ ދޮން ދަރިން މަތިން އެކަނި ކަމަށް ހަނދާން ހުރީ. އެއީ ކަމަށް ހަމައެކަނި ތިބި ދަރިންނަކީ،" ނިޔާޒް ހުރީ ރުޅިއައިސްފަ އެވެ. "ތި ގޮތަށް އައިސް މަށާ ދިމާލަށް ބަސް އުކާނެ ކަމަކަށް މަ ހިއެއް ނުކުރަން އިނގޭ. މަ ހީކުރީ ތިއީ އެއަށް ވުރެ މާ ވިސްނޭ މީހެއް ކަމަށް."
"އަދިވެސް ނުވިސްނިގެން މި އުޅެނީ މަށަށްތަ؟ މަ ނޫޅެން މާ ވާހަކަ ގިނަ ކުރާކަށް. ނިޔާޒް އާއި ޝައިލާއާ ދޭތެރޭ އޮތީ ކޮން ކަހަލަ ގުޅުމެއް؟" އިމްތިޔާޒް އެހި އެވެ.
"ކަލެއަށް ތިހެން އަހަން ކެރުނީތީ ވެސް މަ ހައިރާންވެއްޖެ. ކަލެއަށް ހީވަނީ ކޮންމެ އަންހެނަކާއި ފިރިހެނަކާ ދޭތެރޭ އޮންނަނީ އެންމެ ގުޅުމެއް ކަމަށްތަ؟" ނިޔާޒް އަހާލި އެވެ.
"މަ ކުރި ސުވާލަށް ޖަވާބު ދީބަލަ."
"ނުޖެހޭ ޖަވާބު ދޭކަށް. އަދި ތި މައުލޫއުއަށް ވާހަކަ ދައްކަން މަ ބޭނުމެއް ވެސް ނޫން. ދެން އެ ވާހަކަ ދައްކަން މަށަށް ނުގުޅާތި،" ހިނގައިގަންނަމުން ނިޔާޒް ބުންޏެވެ.
ގުލްނާޒާއި ފަޒީލާ ތިބީ ފިހާރައެއްގެ ތެރޭގަ އެވެ. އެ ވަގުތު ފިހާރައިގައި ތިބި މީހުން މަދެވެ. ނަމަވެސް ކޮންމެ މީހެއްގެ ވެސް ލޯ އަމާޒު ވެފައި ވަނީ ގުލްނާޒްއާ ދިމާލަށެވެ. އެކަން އޭނައަށް އެނގެ އެވެ. އިތުރަށް ތުއިވެލައި ހިނގުން ފަރިކޮށްލީ ވެސް އެހެންވެގެންނެވެ. އެކި ހެދުމުގައި އަތް ކާއްތަނިކޮށް ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ. އެއީ ދެކެފަރިތަ އަޑެކެވެ. ގުލްނާޒް ފަހަތް ބަލައިލި އެވެ. ފަހަތުގައި ހުރީ ޔަޒީދެވެ. ކުރީގެ ފިރިމީހާ އެވެ.
"ކިހިނެއް ހާލު؟" ޔަޒީދު އަހާލި އެވެ. ގުލްނާޒްގެ މޫނުމަތީގައިވާ ތާޒާކަން ގެއްލުނެވެ. ހުރި ފިޔަވަޅުމަތިން ގުޑައިލަން ވެސް ނޭނގިފައި ހުރެވުނީ އެވެ. އަނގައިން ބުނާކަށް ވެސް ނުކެރުނެވެ.
"މިހާރު އަދި ކުރިއަށް ވުރެ މާ ރީތި،" އެ ބަސްތަކުން ގުލްނާޒަށް އުނދަގޫވާން ފެށި އެވެ.
"ހިނގާ ދާން މިތަނުން،" ގުލްނާޒްގެ އަތުގައި ހިފާފައި ފަޒީލާ ބުންޏެވެ. ނަމަވެސް ގުލްނާޒަށް ގުޑައި ވެސް ނުލެވުނެވެ. ޔަޒީދު ހުރީ ހިނިތުންވެފަ އެވެ. މަކަރު ހިނިތުންވުމެކެވެ. ގުލްނާޒް ދާހިއްލަން ފެށި އެވެ. ހަށިގަނޑުން ވަރު ދޫވާ ހެން ވެސް ހީވި އެވެ.
"ކީއްވެތަ އަހަރެންގެ މެސެޖްތަކަށް ޖަވާބެއް ނުފޮނުވަނީ؟" އަނެއްކާވެސް ވާހަކަ ދެއްކީ ޔަޒީދެވެ. "މިރޭ ހަބަރެއް ވައްޗޭ. އެހެން ނޫނީ ވާނެ ގޮތް އެނގެއެއްނު ދޯ؟ ދަނީ އިނގޭ."
ގުލްނާޒް ހުރީ ގަބުވެފަ އެވެ. ފަޒީލާ އެތައް ވާހަކައެއް ދައްކައިގެން ވެސް އެތަނުން ހިނގައެއްނުގަނެވުނެވެ. މީހުން އިތުރަށް ބަލަން ފެށި އެވެ. އަދި މަޑުމަޑުން އެކި ކަހަލަ ވާހަކަތައް ދައްކަން ފެށި އެވެ.
އިމްތިޔާޒް އިނީ އިރުއޮއްސޭ މަންޒަރު ބަލާށެވެ. ގާތުގައި ފަރްހާން ވެސް އިނެވެ. އިމްތިޔާޒް ބުނާނެ އެއްޗަކަށް ފަރްހާން އިންތިޒާރު ކުރަމުން ދިޔަ އެވެ. ނަމަވެސް ދެ މީހުން އެތަނުގައި ތިބޭތާ ސަތާރަ މިނެޓް ވީ އިރު ވެސް އިމްތިޔާޒް ވާހަކައެއް ނުދައްކަ އެވެ. އޮއްސެމުން ދިޔަ އިރާ ދިމާލަށް ބަލަހައްޓައިގެން އިނީ އެވެ. އުދަރެހާ ދިމާލަށް ދަތުރު ކުރަމުން ދިޔަ ދޫނިތައް އެ ސޮރުމެންގެ މަންޒިލާ ގާތް ވެއްޖެ އެވެ. ޖަހަމުން ދިޔަ މަޑު ރާޅުތައް ހުއްޓުމެއް ނެތި އެއް ވާނެއްގައި ޖަހަމުން ދިޔަ އެވެ.
"ކަލޭ ދެން އެއްޗެއް ބުނަން ވެއްޖެއެއްނު،" އެންމެ ފަހުން ފަރްހާން ބުންޏެވެ.
"މަ ކީކޭތަ ބުނާނީ؟ ބުނާނެ އެއްޗެއް ވެސް ނޭނގިފައި މި އިންނަނީ؟" އިމްތިޔާޒް ބުންޏެވެ.
"އަސްލު ކޮން ކަމަކާ މަޝްވަރާކޮށްލަން އަންނާށޭ ތި ބުނީ؟ މަށަށް އެނގޭ ކަމެއް ނެތި ކަލޭ ނުގުޅާނެކަން،" ފަރްހާން ބުންޏެވެ.
"ފަރްހާން ކުރީ ދުވަހު ބުނީމެއްނު ނިޔާޒް އާއި ޝައި..."
"އާނ. އޭގެ ހަގީގަތެއް މަށަކަށް ނޭނގެ. އެކަމަކު އެ ދެ މީހުން އެކީގައި ސައިކަލު ދުއްވަން ވެސް ދޭ. އެކުގައި ވިޔަފާރިއެއް ފެށިޔަސް އެއީ ތަންކޮޅެއް ބޮޑުވަރެއްހެން ހީވަނީ،" ފަރްހާން ބުންޏެވެ.
ބުނާނެ އެއްޗެއް އިމްތިޔާޒަކަށް ނުވިސްނުނެވެ. ނިޔާޒްއަކީ މީހަކާ އިނދެގެން ދަރިން ވެސް ތިބި މީހެކެވެ. އަނެއްކޮޅުން ޝައިލާ އާއި އިމްތިޔާޒްގެ ގާތް އެކުވެރިއެކެވެ. އިމްތިޔާޒް ދުރަށް ދިޔުމުން އޭގެ ނާޖާއިޒު ފައިދާ އޭނަ އެގޮތަށް ނަގާނެކަމެއް ހިތަށް ވެސް ނާރަ އެވެ.
"އެކަމަކު ކަލެއަކަށް ވެސް ދެ އޮޑިއަށް ދެ ފައި ލައިގެން ދަތުރެއް ނުކުރެވޭނެ. އޭރުން މީހާ ދާނީ މެދުން އިރައިގެން،" ފަރްހާން ބުންޏެވެ. "ކަލޭ ތި އުޅޭ ލައިފް ހެޕީއެއް ނޫންތަ؟"
ފަރްހާން ކުރީ ބޮޑު ސުވާލެކެވެ. ދެވޭނެ ވަރަށް ގިނަ ޖަވާބު ހުއްޓެވެ. ކިޔައިދެވޭނެ ލައްކަ ގިނަ ވާހަކަ ވެސް ހުއްޓެވެ. ބައެއް ކަންކަމަކީ ހިއްސާ ކުރަން ބޭނުން ވިޔަސް ނުކުރެވޭނެ ކަންކަމެވެ. އެކުވެރިންނާ ވެސް ދައްކަން ބޭނުންވާ ބައެއް ވާހަކަ ހުންނާނެ އެވެ. ނަމަވެސް ދައްކާ ގޮތަކުން އެ މީހަކު ދެކޭ ގޮތް ބަދަލުވެދާނެ އެވެ.
"ކަލޭ މި ތަނަށް އައި ފަހުން ނާޒް ކިތައް ފަހަރު ގުޅައިފި؟ ހަމަ ގައިމު ވެސް ހަތަރު ފަހަރު ގުޅާފާނެ. އެ ވަރަށް މެސެޖް ވެސް ކޮށްފި. ކަލެއަށް އޭނަ ޓްރަސްޓެއް ނުކުރޭތަ؟" އަނެއްކާވެސް ފަރްހާން ކުރި ސުވާލު ބޮޑެވެ. މާސިންގާ ކަނޑުގެ ބިޔަ ރާޅުތައްހާ ބިޔަ އެވެ. އުސް ފަރުބަދަތައްހާ އުހެވެ. އިމްތިޔާޒް އިނީ ވާހަކަ ދައްކާލަން ބޭނުންވެފަ އެވެ. ބައެއް ކަންކަން ހިއްސާކޮށްލަން ބޭނުންވެފަ އެވެ. ނަމަވެސް ނުކުމެދާނެ ނަތީޖާއެއްގެ ސަބަބުން އަނގައިން ބުނަން ޖެހިލުންވަނީ އެވެ. ކޮންމެ ގޮތެއް ވިޔަސް ގުލްނާޒަކީ އިމްތިޔާޒްގެ އަނބިމީހާ އެވެ. އޭނަގެ އުނި ސިފަތަކުގެ ވާހަކަ ދެއްކުމަކީ އިމްތިޔާޒް އެހާ ބޭނުންވާ ކަމެއް ނޫނެވެ.
އިމްތިޔާޒްގެ ވިސްނުން ބަދަލުވާން ހިނދުކޮޅެއް ނެގި އެވެ. ލޯ މަރާލާފައި ވާހަކަ ދެއްކި އެވެ.
- ނުނިމޭ -