ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 22 ވަނަ ބައި

29 ޖުލައި 2024

22 ވަނަ އެޕިސޯޑް

ވުޖޫދުގައި ނެތް ކަމެއް އިމްތިޔާޒް ލައްވައި ގަބޫލު ކުރުވުމަކީ ކިހާ ފަސޭހަ ކަމެއްކަން ގުލްނާޒަށް ވިސްނުނެވެ.

"ނަމަނަމަ މީހުންގެ ބަހަށް ނުހެއްލޭތި. އަހަރެން ވެސް ނުހެއްލެން. އިންތިއޭ ކިޔައިގެން ވެސް ނިކަން އެއްޗެހި ކިޔައޭ،" ގުލްނާޒް ދޮގު މައްޗަށް ދޮގު ހަދަމުން ދިޔަ އެވެ.

"އެހެންތަ؟ ކީކޭ ކިޔަނީ؟" ފަރުވާކުޑަ ގޮތަކަށް އިމްތިޔާޒް އަހާލި އެވެ.

"ދެން އެކި އެއްޗެހި. މިސާލަކަށް އިންތި އަދިވެސް ވަރިކުރިފުޅު ގާތަށް ދެއޭ. އެ ގެއިން ނުކުންނަ ތަން އެކި މީހުންނަށް ފެނިގެން އަހަރެން ގާތު ބުނެފައި ވެސް އެބަހުރި. އެކަމަކު މިއިން އެއްވެސް ވާހަކައެއް އަހަރެން ނުދައްކަމެއްނު ދޯ،" ގުލްނާޒްގެ ކޮންމެ ލަފުޒެއްގައި ވަނީ ދޮގެވެ. އެއީ ވީ އެއްވެސް ކަމެއް ނޫނެވެ. ހަދަހަދައިގެން ދައްކާ ވާހަކަ އެވެ.

"އަހަރެންނަށް ހެޔޮ މީހުން ކޮންމެ އެއްޗެކޭ ކިޔަސް. އެކަމަކު ނާޒް ގަބޫލު ނުކުރާތި. ނާޒްއަށް އެނގޭނެ އަހަރެން މިއީ އެހެން އުޅޭ މީހެއް ނޫންކަން. ކޮންމެ ތަނަކަށް ދިޔަޔަސް މި ދަނީ ބުނެފައި. ދާ ތަނަކާއި އެކުގައި ދާ މީހުންނާއި ވާނެ އިރު ވެސް ދަނީ ބުނެފައި. އެ ވަރުން ނުވެގެން އެ ތަނަކަށް ގޮސް ފޮޓޯ ވެސް ފޮނުވަމެއްނު،" އިމްތިޔާޒްގެ ވާހަކަ ދެއްކުން ތަފާތުހެން ގުލްނާޒަށް ހީވި އެވެ.

ރައްޓެހިންނާ އެކުގައި ބޭރުގައި އުޅުމާއި މަދުމަދުން ކޮފީތަކަށް އިމްތިޔާޒް ދިޔުމަކީ ގުލްނާޒަށް މާ ކަމުދާ ކަމަކަށް ނުވި އެވެ. އިރުކޮޅަކާ ގުޅުމާއި މެސެޖް ކުރުން ވީ އާދަ އަކަށެވެ. މިއީ ކުއްލިއަކަށް ވީ ކަމެކެވެ. އެކަން އިމްތިޔާޒަށް ފާހަގަ ކުރެވުނެވެ. ސަބަބެއް ނުވިސްނެ އެވެ. ގުލްނާޒް ބުނާ ގޮތުން ނަމަ އެކަން ކުރަނީ ހަނދާންވާތީ އެވެ. ލޯބިވާތީ އެވެ. ވާހަކަ ދައްކާލާ ހިތުންނެވެ. ކިތަންމެ ބުރަކޮށް އުޅުނު ކަމުގައި ވިޔަސް ފޯނު ނަގަން ޖެހެ އެވެ. މެސެޖްތަކަށް ޖަވާބު ދޭން ޖެހެ އެވެ. އެކަން އެގޮތަށް ނުވެއްޖެ ނަމަ ގުލްނާޒް ދެކެ އިމްތިޔާޒް ލޯބި ނުވަނީ އެވެ. ގުލްނާޒަށް ވުރެ ރައްޓެހިންނާއި ވަޒީފާ މުހިންމުވަނީ އެވެ. މައްސަލަ ހައްލުވާނީ ކޮންމެ ފަހަރަކު ވެސް އިމްތިޔާޒް އާދޭސްކޮށް އެތައް ފަހަރަކު މައާފަށް އެދުމުންނެވެ. ނުވަތަ ގުލްނާޒް ބޭނުންވާ ކޮންމެވެސް އަގުބޮޑު ހަދިޔާއެއް ލިބުމުންނެވެ. އެކަން އެގޮތަށް ތަކުރާރުވާން ފެށި އެވެ.

އިމްތިޔާޒްގެ ހަމްދަރުދީ ހޯދަން ގުލްނާޒް ކުޅަދާނައީ އެވެ. ވަދެވިގެން މި އުޅޭ މަގުގެ ހަނިކަމުން ފަރާތަކަށް އެނބުރިލަން ވެސް އިމްތިޔާޒަށް ވަނީ އުނދަގޫ ކަމަކަށެވެ. ވާހަކަ އަނބުރައިލުމާއި ކޮޅުބަދަލުކޮށްލުމަކީ ގުލްނާޒަށް އެއްވެސް ކަމެއް ނޫނެވެ. ދެލޯ މަރާފައި، ގުލްނާޒް ދައްކާ ހުރިހާ ވާހަކައެއް އިމްތިޔާޒް ގަބޫލު ކުރެ އެވެ. ނޫނެކެވެ. ގަބޫލު ކުރުވަނީ އެވެ. ގުލްނާޒް ދައްކާ ކޮންމެ ވާހަކައެއްގެ ފަހަތުގައި އަޑި ނޭނގޭ ފުންމިނެއް ވާކަމެއް އިމްތިޔާޒަކަށް ނޭނގެ އެވެ. ލޯތްބަކީ ކަނު އެއްޗެކޭ މީހުން ބުނާ އަޑު އިވެ އެވެ. އިމްތިޔާޒަށް ވެފައި ހުރީ އެހެން ހެއްޔެވެ؟ އެންމެ ފަހުން މިކަހަލަ ކަންކަން ރައްޓެހިންނަށް ފާހަގަވާން ނެގީ މަދު ދުވަސްކޮޅެކެވެ.

"ކަލޭ ތި އުޅޭ ހެން އަހަރުމެންނަކަށް ނޫޅެވޭނެ. ހަމަ ގުޅާލާ އިރަށް ދުވެފައި ގެއަށް ގޮސްފައި، ބުނާ ހުރިހާ ކަމެއް ކޮށްދީފައި. އަބަދު ތިހެން ކިހިނެއް އުޅެނީ؟" ޖާވިދު ބުންޏެވެ. ޖާވިދަކީ އިމްތިޔާޒްގެ ކުޑަ އިރުގެ ރައްޓެއްސެކެވެ.

"މަ ވެސް ހިތަށް އަރާ ތިހެން. މީނަ މިތަނުގައި އިނދެފައި ވެސް އަންހެނުން ގުޅާ އިރަށް ނައްޓާލާނެ. ނިޔާޒް ބުނީ ހޮސްޕިޓަލުގައި ވެސް އެވަރޭ މީނައަށް ވަނީ،" ފަރްހާން ބުންޏެވެ. ފަރްހާނަކީ އިމްތިޔާޒް އާއި ނިޔާޒްގެ ވެސް ރަހުމަތްތެރިއެކެވެ.

"ކަލޭމެންނަށް އަދި ހަގީގީ ލޯބި ނުވެވެނީ،" ބުނާނެ ނުބުނާނެ އެއްޗެއް ނޭނގިގެން އިމްތިޔާޒް ބުންޏެވެ. "އެއީ ވަރަށް ތަދު އެއްޗެއް."

"ތިކަހަލަ ހަގީގީ ލޯބި ނުވެވުނިއްޔާ މާ ރަނގަޅު،" ފަރްހާން ބުންޏެވެ. "އެހެންޏާ ފަހެ، ތިއީ ފުކެއް ބޮޑުވަރު."

"އާނ. މީހަކާ އިނދެ ދަރިޔަކު ލިބުނު ފަހުން ދެ ދަރިންގެ މަންމައެއް ދެކެ ތި ވެވުނީ ހަގީގީ ލޯބި. އިންތި، ކަލެއަކާ ނުގުޅޭ ތިކަހަލަ ވާހަކަ ދައްކާކަށް. މަ ހީކުރީ ކަލޭ ތިއީ ވަރަށް ހަރުދަނާ މީހެއް ކަމަށް،" ޖާވިދު ބުންޏެވެ. ރައްޓެހިން ދައްކާ އެފަދަ ވާހަކައިން އިމްތިޔާޒްގެ ހިތަށް ނުތަނަވަސްކަން ވެރިވެ އެވެ. އޭނާއާ ދޭތެރޭ އެ މީހުން ދެކެމުން އައި ގޮތް ބަދަލުވެދާނެތީ ބިރުގަނެއެވެ.

"ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ކޮންމެ މީހަކަށް ވެސް ލޯބިވެވޭނީ،" އިމްތިޔާޒްގެ ވާހަކަ މަދުވި އެވެ.

"ޝައި ދެކެ ވެސް ކަލޭ ވީ ހަގީގީ ލޯތްބެއް ނޫންތަ؟" ފަރްހާން އަހައިލި އެވެ.

"ދެން ތި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެއްނު،" އިމްތިޔާޒް ބުންޏެވެ.

"އަސްލު ނެތް. އެކަމަކު މިހާރު ނިޔާ ވަރަށް ގިނައިން އެ ގެއަށް ދޭ. މަ ނޫޅެން ތި ދެ މީހުން ދޭތެރެ ޖައްސާކަށް. މަށަށް މާ ގިނައިން އެ ގެއަށް ވަދެ ނުކުންނަ މަންޒަރު ފެނިގެން އަހާލީމަ ބުނީ ދެ މީހުން ބިޒްނަސްއެއް ކުރިއަށް ގެންދަނީއޭ. ފަހާ ތަނެއް ހުޅުވައިގެން އެކަން ކުރިއަށް ގެންދަނީއޭ،" ފަރްހާން ބުންޏެވެ.

އިމްތިޔާޒްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަ އެވެ. ޝައިލާ ވަރިކުރި ކަމުގައި ވިޔަސް ހިތުގެ ކޮންމެވެސް ހިސާބެއްގައި އޭނައަށް ދެވިފައިވާ މަގާމު އެ ގޮތުގައި އިން ހެން އިމްތިޔާޒަށް ހީވާން ފެށި އެވެ. ކުރީގެ ހަނދާންތައް ސިފަވާން ފެށި އެވެ. ވަގުތުން އެ ތަނުން ތެދުވެގެން ގެއަށް ދިޔަ އެވެ.

"ކަލޭ ކީއް ތި ކުރީ؟" ޖާވިދު އަހައިލި އެވެ.

"މަ ކަމެއް ކޮށްފިތަ؟ މަ ބުނީ މަށަށް ފެނުނު މަންޒަރު،" ހަމަޖެހިލާފައި ފަރްހާން ބުންޏެވެ.

ރޭގަނޑު ނިދަން އޮތް އިރު ވެސް އިމްތިޔާޒަށް ވިސްނެމުން ދިޔައީ ފަރްހާން ދެއްކި ވާހަކައާ މެދުގަ އެވެ. ނިޔާޒަކީ އެކަހަލަ މީހަކަށް ވެދާނެ ކަމަކަށް އިމްތިޔާޒް ހިއެއް ނުކުރެ އެވެ. އިމްތިޔާޒަށް ވިސްނެމުން ދިޔައީ ކަމުގެ އެއްކޮޅަށެވެ. އަނެއްކޮޅު އޮތީ ކުރި ބެދިފަ އެވެ. ނިތްކުރިމަތީގައި އަތް ބާއްވާލައިގެން އިމްތިޔާޒް އޮތީ އެ ހިޔާލުތަކުގެ ތެރެއަށް ގެނބިފަ އެވެ. ނިޔާޒްގެ މަގުސަދަކީ ކޮބާ ހެއްޔެވެ؟ ޝައިލާއަށް ބޭނުންވާ ވަރަށް އިމްތިޔާޒް ފައިސާ ދެ އެވެ. ދަރިފުޅަށް ވެސް ހަރަދު ކުރެ އެވެ. ވުމާއެކު އާމްދަނީ ހޯދަން އިތުރު މަސައްކަތެއް ޝައިލާ ކުރަން ވިސްނީ ކީއްވެ ހެއްޔެވެ؟ އަދި އެ ވެސް ނިޔާޒްއާ އެކުގަ އެވެ. މިއަދު އެ މަންޒަރު ފެނިގެން ވާހަކަ އެ ދެއްކީ އެންމެ މީހެކެވެ. މާދަމާ ދައްކާނީ ތިން މީހުންނެވެ. އެހެން ގޮސް އިވޭ އަޑުތައް ގިނަވެ ކަންފަތަށް އުނދަގޫވާ ހިސާބަށް ދާނެ އެވެ.

އިމްތިޔާޒް އެނދުން ތެދުވި އެވެ. އަދި ފޯނު ނަގާފައި ކޮޓަރިން ބޭރަށް ނުކުތެވެ. ނިޔާޒަށް ގުޅަން އުޅެނިކޮށް މެސެޖެއް އަ އެވެ. އެއީ އެއްކަލަ ނަންބަރެވެ. މެސެޖް ހުޅުވަން ނުހުޅުވަން ހުރެފައި ހުޅުވާލި އެވެ.

"އިނދެގެން ތި އުޅެވެނީ މާ މާތް މީހަކާ ނޫން އިނގޭ. އަދިވެސް ވަގުތު އެބައޮތް. ބޭނުމިއްޔާ އަހަރެންނާ ބައްދަލު ކުރޭ،" މެސެޖްގައި އޮތެވެ. އިމްތިޔާޒް ޗޮކެއް ކަނޑައިލި އެވެ. ހިތަށް އެރި އެވެ. މިއީ ވެސް ވަރުގަދަ ވެއްޖެ ކަމެކެވެ. މި މީހަކާ ބައްދަލު ކުރުމުން ވާނެ ގެއްލުމެއް އޮންނާނެ ހެއްޔެވެ؟ ބައްދަލުކޮށްފި ނަމަ ގުލްނާޒަށް އިތުބާރު ނުކުރެވެނީ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އެއީ މިހާރު އިމްތިޔާޒްގެ އަންހެނުންނެވެ. އޭނައަށް ޝައްކުކޮށް އޭނަ ހިތުގައި ޖެހޭ ފަދަ ކަމެއް ކުރުމަކީ އިމްތިޔާޒަށް ކުރަން އުނދަގޫ ވާނެ ކަމެކެވެ. ނަމަވެސް މިކަމުގެ ހަގީގަތް ވެސް އަޑުއަހާލުމަކުން ވާނެ ގެއްލުމެއް ނެތްތާ އެވެ.

"އޯކޭ. މާދަމާ ރޭ، ނުވައެއް ޖަހާ އިރު ސޯލްޓަށް ދޭ،" މެސެޖް ލިޔެލި އެވެ. ދެ ހިޔާލެއްގައި ހުރެފައި މެސެޖް ފޮނުވާލި އެވެ. އެކޮޅުން އިތުރު ޖަވާބެއް ނަ އެވެ. ކުރެވެން މި އުޅެނީ ކިހާ ވަރެއްގެ ކަމެއްކަން އިމްތިޔާޒަށް ވިސްނެ އެވެ. ނަމަވެސް ކަމުގެ ދެކޮޅު ބަލައިލަން އިމްތިޔާޒް މިފަހަރު ބޭނުންވި އެވެ. އެ ބުނާ ހަގީގަތަކީ ކޮބާ ހެއްޔެވެ؟

ނިޔާޒަށް ގުޅުމުން ފޯނެއް ނުނެގި އެވެ. އިމްތިޔާޒް ގަޑި ބަލާލި އެވެ. ޔަގީނުން ވެސް އޭނަ ނިދާހާ އިރެއް ނުވެ އެވެ. އަނެއްކާވެސް ގުޅި އެވެ. ދެން ވެސް ފޯނެއް ނުނެގި އެވެ. ތިންވަނަ ފަހަރު ގުޅުމުން ފޯނު ނެގި އެވެ. އެ ވަގުތު އިވުނީ އަންހެނެއް ހިނިގަނޑު ޖަހާލާ އަޑެވެ. އެ އަޑެއް އިމްތިޔާޒަކަށް ނުއޮޅޭނެ އެވެ. އެއީ ޝައިލާގެ އަޑެވެ. ފޯނު ކަނޑާލަން ހިތަށް އެރި ވަގުތު ނިޔާޒްގެ އަޑު އިވުނެވެ.

"ކީކޭ؟" ނިޔާޒް އަހައިލި އެވެ.

"މާދަން ފްރީތަ؟" އިމްތިޔާޒް އަހައިލި އެވެ.

"ހަވީރުކޮޅު ފްރީވާނެ. ކިހިނެއްވީ؟" ދުރު ގޮތަކަށް ނިޔާޒް އަހައިލި އެވެ.

"ވާހަކައެއް ދައްކާލަން ވެގެން،" އިމްތިޔާޒް ބުންޏެވެ.

"ކާކާ ތި ވާހަކަ ދައްކަނީ؟" ފަހަތުން އިވުނީ ގުލްނާޒްގެ އަޑެވެ. އިމްތިޔާޒް ވަގުތުން ފޯނު ކަނޑައިލި އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް