ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 21 ވަނަ ބައި

25 ޖުލައި 2024

އެޕިސޯޑް 21

"އެކަމަކު ކޯއްޗެއް؟ އަހަރެން ހިއެއް ނުކުރަން އިމްތިޔާޒް ތިހެން ހަދާނެ ކަމަކަށް،" ގުލްނާޒްގެ ހިތުގައިވާ ބިރުވެރިކަން ބޭރުކޮށްލަން އެއަށް ވުރެ މޮޅު ގޮތެއް ނުފެނުނެވެ.

"އަހަރެން ކިހިނެއް ހެދީތަ؟" އިމްތިޔާޒް އަހާލި އެވެ.

"ބޭވަފާތެރިވާނެ ކަމަކަށް. ކައިވެންޏަށް އަދި މިއީ އެންމެ ދިހަ ދުވަސް. ހަނީމޫނަށް ދާކަށް ވެސް އިންތި ބޭނުމެއް ނުވޭ."

"އަހަރެން ބޭވަފާތެރިއެއް ނުވަން. އެކަމަކު މިއަދު ޝައިލާ ދުށިން ރެސްޓޯރެންޓަކުން. ވާހަކަ ވެސް ދެއްކިން. އަހަރެން ހުރީ މި ވާހަކަތައް ނާޒަށް ކިޔައިދޭން. އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމެއް ސިއްރު ކުރާކަށް. އަދި އޮޅުވާލާކަށް ވެސް..." އިމްތިޔާޒް ބުންޏެވެ.

"އެކަމަކު އަހަރެންނަށް އެނގިގެން އެހީމައެއްނު ތި ބުނީ. ކުރިން ނުބުނަމެއްނު."

"އަދި ނުބުނެވިފައި ނެތެއްނު ނާޒް. ތިހާ ވަރަށް ޝައްކު ނުކޮށްބަލަ،" ގުލްނާޒްގެ ދެ އަތުގައި ހިފާލަމުން އިމްތިޔާޒް ބުންޏެވެ. "ނާޒް ބުނެބަލަ ދާން ބޭނުންވަނީ ކޮން ގައުމަކަށްކަން. ބުނި ގައުމަކަށް ދާނަން."

"ސްވިޒަލެންޑް" ޖެހިލުމެއްނެތި ގުލްނާޒް ބުންޏެވެ. "ތިން ހަފުތާއަށް."

"ހާދަ ގިނަ ދުވަހަކަށް،" ހައިރާންވެފައި އިމްތިޔާޒަށް ބުނެވުނެވެ.

"މިއީ މާ ގިނަގިނައިން އަންނަ ދުވަހެއް ނޫން. އެހެންވީމާ އެއީ އަދި މަދު ދުވަހެއްނު،" ގުލްނާޒް ބުންޏެވެ.

"އެކަމަކު ހަރަދަށް ވެސް ވިސްނާލަން ޖެހޭނެ ދޯ؟" އިމްތިޔާޒް ނުބުނަން އޮތް އެތި ބުންޏެވެ.

"އިންތިތަ ތިހެން ތި ބުނަނީ؟" ގުލްނާޒް ބުންޏެވެ. "އަހަރެން ހީކުރީ ހަރަދަށް ވުރެ ބޮޑަށް އަހަރުމެންގެ ދިރިއުޅުމުގެ އުފާވެރިކަމަށް އިންތި އިސްކަންދޭ ކަމަށް."

ބަހުސެއް ނިމޭނީ ޒުވާބަކުންނެވެ. އެއީ އާދަ އެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ގޮތް ދޫކުރަނީ އިމްތިޔާޒެވެ. ކައިވެނީގައި ކުނިޖެހުމަކީ ކޮންމެ ބައެއްގެ ދިރިއުޅުމުގައި ވެސް ހިނގާނެ ކަމެކެވެ. އެކަން ބޮޑު ފަރުބަދައެއް ވަރު ކުރާނީ ދެ މީހުންގެ އަތުންނެވެ. ނުވަތަ އަޅާނުލައި ދޫކޮށްލާނީ ވެސް ދެ މީހުންނެވެ. އަދި މައްސަލަ ހައްލުކުރަން ވާހަކަ ދައްކާނީ ވެސް ދެ މީހުންނެވެ. ފަހަކަށް އައިސް މިކަހަލަ ކަންކަމަކީ އިމްތިޔާޒްގެ ދިރިއުޅުމުގައި ހިނގުން ވަރަށް ނާދިރު ކަމެކެވެ. އަބަދުވެސް އޮންނަނީ ޝަކުވާ އާއި ނުކުރެވި ހުންނަ ކަންކަމުގެ ވާހަކަ ދެއްކުމެވެ. އިމްތިޔާޒަށް އަދިވެސް މިކަންކަން މައްސަލައަކަށް ނުވެ އެވެ. އެއީ ހައްލު ނުކުރެވޭ ވަރުގެ ބޮޑު ކަމެއް އަދި ނުހިނގަ އެވެ. ކޮންމެ ކަމަކަށް އިމްތިޔާޒް ހައްލު ގެނެ އެވެ. ގުލްނާޒް ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަދި އޭނާ ގަބޫލު ކުރާ ގޮތުގައި ގުލްނާޒް ވެސް އޭނާ ދެކެ އިންތިހާއަށް ލޯބިވެ އެވެ. ކުރީގެ ކައިވެނީގެ ހަޔާތާއި މިހާރުގެ ދިރިއުޅުމުގައި އުޑާއި ބިމާހާ ތަފާތު އެބަ ހުއްޓެވެ. ނަމަވެސް އެކަން އަޅާކިއުމަކީ އިމްތިޔާޒް ބޭނުންވާ ކަމެއް ނޫނެވެ. އަދި އެއީ ބޭކާރު ކަމެކެވެ.

ގޭގެ ދޮރު ހުޅުވާލީ ޝައިލާ އެވެ. ކުރިމަތީގައި ހުރީ ނިޔާޒެވެ. ޝައިލާއާ ދިމާލަށް ކޮޅުންކޮޅަށް ނިޔާޒް ބަލާލި އެވެ. އެހެންޏާ ނުފެންނަ ކަހަލަ ރީތިކަމެއް ޝައިލާ ކިބައިން ފެންނަމުން ދިޔަ އެވެ. މިލައި މޯޅިވަމުން ދިޔަ މަލަށް އާރޯކަމާއި ތާޒާކަން ގެނުވައިދީފި އެވެ. ފަނޑުވަމުން ދިޔަ ހިނިތުންވުން އާލާވާން ފެށި އެވެ. ލޮލުގެ ނަޒަރު ހުއްޓިފައި ހުރީ ނިޔާޒްގެ ދެ ލޮލަށެވެ. ނިޔާޒަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެރިވި ކަހަލަ އެވެ. އިތުރު އެއްޗެއް ނުބުނެ ނިޔާޒް އެތެރެއަށް ވަދެ ސޯފާގައި އިށީނެވެ.

"ކިހިނެއްވީ، ކުއްލިއަކަށް މި ގަޑީގައި އަންނާށޭ ބުނީ؟" ނިޔާޒް އަހައިލި އެވެ. "ކޮބާ ޔޫހް؟"

"ޔޫހް ނިދައިފި. އަސްލު އަންނަން ބުނީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން،" ޝައިލާ ބުންޏެވެ.

ނިޔާޒްގެ ހިތް ތެޅެން ފެށި އެވެ. ބުނަން އުޅެނީ ކީކޭ ކަމެއް އޭނައަށް ވިސްނޭ ކަހަލަ އެވެ. ނުވަތަ އަޑުއަހަން ބޭނުންވަނީ ވަކި ޖުމްލައެއް ކަންނޭނގެ އެވެ. ދެ އަތް ދެ އަތަށް އުނގުޅާލާފައި އިސްޖެހި އެވެ. ރަކި ހިނިތުންވުމެއް ވެލި އެވެ.

"އަހަރެން މި އުޅެނީ ވަޒީފާއަކަށް ވަންނަން ކަމަށް. ތިއީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސަކަށް ވާތީ މި ވާހަކަ ހަމަ ބުނެލަން ބޭނުންވީ. އެކަމަކު ޔޫހް ކުޑަކަމުން އޭނައާ މެދު ވަރަށް ވިސްނޭ. އެހެންވެ ބޭނުންވަނީ ގާތް މީހަކާ އޭނަ ހަވާލުކޮށްފައި ވަޒީފާއަށް ދާން،" ޝައިލާ ދެއްކީ ނިޔާޒް އުންމީދު ކުރި ކަހަލަ ވާހަކައެއް ނޫނެވެ. އެއާ ގާތް ކުރާ ކަހަލަ ވާހަކައެއް ވެސް ނޫނެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައީ އެހެންވެގެންނެވެ. ބުނާނެ އެއްޗެއް ވިސްނުމަކަށް ނަ އެވެ. ހިތަށް ހަމަނުޖެހުން ވެރިވީ އެހެންވެގެންނެވެ. ނަމަވެސް ޝައިލާއަށް އެހީވާން އޭނަ ކިތަންމެހާ ވެސް ބޭނުމެވެ.

"ތީގައި އަހަރެން ކީއް ކޮށްދޭންވީ؟" ނިޔާޒް އަހާލި އެވެ.

"ނިޔާޒް ވައިފް ގާތު ބުނަންވީނު އަހަރެންގެ ދަރިފުޅު ބަލައިދޭން. އަހަރެން ފީއެއް ވެސް ދޭނަން. ކޮންމެ ކޮންމެ މީހަކާ ދަރިފުޅު ހަވާލު ކުރާކަށް ނުކެރޭނެއެއްނު،" ޖެހިލުންވެ އިނދެ ޝައިލާ ބުންޏެވެ.

"ބުނެވިދާނެ. އެކަމަކު އަހަރެން ދީފާނަން ވަރަށް މޮޅު ހިޔާލެއް. ހިނގާ މި ގޭގައި ފަހާ ތަނެއް ހުޅުވަން. އަހަރެން އިންވެސްޓް ކުރާނަން. ޝައިއަށް އެނގޭނު ފަހަން. އަނެއްކާ މިތަނުގައި ނުލާހިކު ޖާގަ ބޮޑު،" ސިޓިންރޫމް ތެރެއަށް ބަލާލަމުން ނިޔާޒް ބުންޏެވެ. "އޭރުން ގޭގައި އިނދެގެން އާމްދަނީ ލިބޭ މަސައްކަތެއް ވެސް ކުރެވުނީ. ކީކޭ ބުނަނީ؟"

"ތިއީ ވަރަށް ރަނގަޅު ހިޔާލެއް. އެކަމަކު އަހަރެން އެހާ މޮޅެއް ނުވާނެ."

"އާނ. ތިކަން އެނގޭ ތި ލައިގެން އިން ހެދުމުން ވެސް،" ދެ މީހުން އެކުގައި ހޭން ފެށި އެވެ. އެއީ ނިޔާޒް ކޮށްލި ތައުރީފެކެވެ.

އެއް އުމުރެއްގެ ދެ މީހުންނެވެ. ހުރަހެއްގެ ގޮތުގައި ހުރީ ނިޔާޒްގެ އަންހެނުންނެވެ. ނިޔާޒަށް ވެސް ނޭނގި އޭނަގެ ހިތުގައި ޝައިލާގެ ނަން ފަވާލެވުނެވެ. ދެ ހިތުގެ ދެމެދުގައި ޝައްކެއް ވާ ނަމަ އެއީ ކުށްހީއެކެވެ. ޝައިލާގެ ހިތުގައި އޮތީ ކޯއްޗެއް ކަމެއް ނިޔާޒަކަށް ނޭނގެ އެވެ. ނަމަވެސް ޔަގީންވާ ކަމެއް އޮވެ އެވެ. އެއީ އެ ހިތުގައި ވިންދެއް ޖަހަ އެވެ. އެ ވިންދުގެ ނަމަކީ އިމްތިޔާޒެއް ނޫނެވެ. އޭނައަށް ވުރެ ނިޔާޒް ޝައިލާއާ މާ ގާތެވެ. މާ ގިނަ ކަންކަން ހިއްސާ ކުރެ އެވެ. މާ ގިނަ ވާހަކަ ދައްކަ އެވެ. މާ ގިނަ ވަގުތު ވެސް ހޭދަ ކުރެ އެވެ. އެކަމާ ނިޔާޒް އުފާވެ އެވެ. ހިތްހަމަޖެހެ އެވެ.

ގުލްނާޒް އެންމެ ހިތްހަމަޖެހޭ ކަމަކީ އޭނަގެ ގޮތުގައި އިމްތިޔާޒް އޭނަ ބަލައިގަތުމެވެ. ބާޒާރުން ގަންނަން ނުލިބޭ އިޝްގީ ލޯބި އޭނާއަށް ލިބެން ފެށުމުންނެވެ. އެ ލޯތްބަކީ މަދު މީހަކަށް ލިބޭ އެއްޗެކެވެ. ނަސީބުވެރިންނަށް ލިބޭ އެއްޗެކެވެ. ކުރީގެ ކައިވެނިން އޭނައަށް ލިބުނު ތަޖުރިބާގެ ވާހަކައިގެ އެންމެ ޖުމްލައެއް ވެސް އިމްތިޔާޒްއާ ހިއްސާއެއް ނުކުރެ އެވެ. އެއީ އިމްތިޔާޒްގެ ވެސް އެދުމުގެ މަތިންނެވެ. މާޒީއަކީ މާޒީ އެވެ. އެއީ ބަދަލު ކުރެވޭނެ އެއްޗެއް ނޫނެވެ. އެކަމާ މެދު ކިތަންމެ ހިތްހަމަނުޖެހުނަސް ދެރަވިޔަސް އެކަން އޮންނާނީ އެހެންނެވެ. ނަމަވެސް ހިތި މާޒީގެ ހަގީގަތް އެނގުމުން އިމްތިޔާޒް މައާފު ކުރާނެ ހެއްޔެވެ؟ ކުށް ކުރެވޭނީ އިންސާނުންނަށެވެ. ގަސްދުގައި ކުރާ ކުށާއި ތިމާގެ އިޚުތިޔާރުން ބޭރުގައި ކުރެވޭ ކުށްތަކުގައި ތަފާތެއް ވެ އެވެ.

ގުލްނާޒް ބޭނުންވީ އިމްތިޔާޒަށް އޮޅުވާލާށެވެ. ކަންކަން ސިއްރު ކުރާށެވެ. ވެދިޔަ ކަންކަމުން ފަޅާފައި ހުރި ގަހެއްގެ ކުރި ބިންދާލާށެވެ. އެ ގަސް ހެދޭނެ އެއްވެސް މަގެއް ފަހިވިޔަ ނުދޭށެވެ. އިމްތިޔާޒް އަބަދުވެސް ނޭނގުމެއްގެ ތެރޭގައި ބަހައްޓާށެވެ.

"އަހަރެމެން މިހާ ލޯބިން އުޅޭ މަންޒަރު ބަލަން ބައެއް މީހުންނަށް ވަރަށް އުނދަގޫވާނެ. އެއީ ބައެއް މީހުންނަކީ ހަގީގީ ލޯބި ލިބުމުގެ ނަސީބުން މަހުރޫމް ވެފައި ތިބި މީހުން. އަހަރެން މިހެން އުޅޭ އިރު ވެސް ބައެއް ކަހަލަ އަޑުތައް އިވޭ. ދޭތެރެޖައްސަން ވަރަށް މަސައްކަތް ކުރަން އުޅޭހެން ވެސް ހީވޭ. އެކަމަކު އެކަހަލަ އަޑުތަކަށް އަހަރެން ދެނީ ބީރު ކަންފަތެއް،" ގުލްނާޒް ވާހަކަ ކުރިއަށް ގެންދިޔައެވެ. ހަގީގަތުގައި އެ ވާހަކަތަކަކީ ގުލްނާޒް ހަދަހަދައިގެން ދެއްކި ވާހަކަތަކެކެވެ. ހާދިސާތަކެއް އުފައްދައިގެން ކިޔާ އެއްޗެހިތަކެކެވެ.

"ކީއްވެ އެއްޗެއް ނުބުނީ؟" އިމްތިޔާޒް ޖަވާބެއް ނުދިމުން ގުލްނާޒްގެ ހިތަށް ބިރުވެރިކަން ވަނެވެ.

"ތިކަހަލަ ވާހަކަ އަހަރެންނަށް ވެސް އަޑުއިވޭ،" އިމްތިޔާޒް ބުންޏެވެ.

"އެހެންތަ؟ ކާކު ކިޔަނީ؟ ކީކޭ ބުނީ؟ އަހަރެންނޭ ކިޔައިގެންތަ؟ ގަބޫލު ނުކުރާތި. ވަރަށް ޖެލަސްވާ މީހުން އުޅޭނެ. އަޑު އިވޭ ކަމަށް ވެސް ނުހަދާތި،" ގުލްނާޒް އަވަސްއަވަހަށް ބުންޏެވެ.

އިމްތިޔާޒްގެ ސިކުނޑީގައި ނުސީދާކޮށް ގުލްނާޒް އޮށެއް އިންދި އެވެ. އޭނާ ނުބުނެ ބުނި އެއްޗަކީ، އޭނައާ ބެހޭ ގޮތުން އިމްތިޔާޒް ގާތުގައި މީހަކު އެއްޗެއް ކިޔައިފި ނަމަ އެ ވާހަކަ ގަބޫލު ނުކުރުމަށެވެ. އިމްތިޔާޒަށް އެ ބުނި އެއްޗެއް ވިސްނުނު ހެއްޔެވެ؟ ނުވަތަ ނުވިސްނޭ ކަމަށް ހެދީ ހެއްޔެވެ؟ ވުޖޫދުގައި ނެތް ކަމެއް އިމްތިޔާޒް ލައްވައި ގަބޫލު ކުރުވުމަކީ ކިހާ ފަސޭހަ ކަމެއްކަން ގުލްނާޒަށް ވިސްނުނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް