ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 20 ވަނަ ބައި

22 ޖުލައި 2024

އެޕިސޯޑް 20

ގުލްނާޒަށް ބަލާލެވުނީ އިމްތިޔާޒްގެ މޫނަށެވެ. ހަމަހިމޭން އެ ވަގުތުކޮޅު ދިގުލައިގެން ދިޔަ އެވެ. އިމްތިޔާޒްގެ އަތުގައި ގުލްނާޒް ހިފާލި އެވެ. އެ އަތްވަނީ ފިނިވެފަ އެވެ. އިމްތިޔާޒްގެ ހިތް ތެޅެން ފެށި އެވެ. ބުނާނެ އެއްޗެއް ވިސްނުމަކަށް ނަ އެވެ. ތެދުވެގެން އެތަނުން ނުކުންނަން ވެސް ހިތަށް އެރި އެވެ. އެފަދަ ވަގުތެއްގައި ކުރުން ރަނގަޅު ކަމެއް ނޫންކަން ވެސް އޭނައަށް ވިސްނެ އެވެ. ނަމަވެސް ހިޔާލުތައް މަސްހުނިވަމުން ދިޔަ އެވެ. ބޮލުތެރޭގައި އެނބުރެމުން ދިޔަ އެފަދަ ހިޔާލުތަކަށް ސަމާލުކަން ނުދީ އިންނަން އުނދަގޫވި އެވެ. އިމްތިޔާޒަށް އަންނަމުން ދިޔަ ބަދަލުތައް އެންމެ ގާތުން ފެންނަމުން ދިޔައީ ނިޔާޒަށެވެ. އިމްތިޔާޒް އަވަސް އަވަހަށް ހިންދިރުވާލި އެވެ. އަދި ގުލްނާޒަށް ބަލާލުމުން އޭނާ ހިނިތުންވެލި އެވެ.

"އަނބި ގަބޫލުކޮށްފިން،" އިމްތިޔާޒަށް ބުނެވުނެވެ. ހީވަނީ އިހުތިޔާރުން ބޭރުން ބުނެވުނު އެއްޗެއް ހެންނެވެ. ނަމަވެސް ކައިވެނި ކުރެވުނީތީ އުފާވި އެވެ.

ދިގު ރެއެއްގެ ހަފުލާއަށް ފަހު ދެމަފިރިންނަށް ގެއަށް އާދެވުނު އިރު ގަޑިން މެންދަމު ބާރަ ޖަހަނީ އެވެ. ވަރުބަލިވެފައިވާ ހަށިގަނޑަށް ތާޒާކަން ގެނުވީ ފެންވަރާލުމުންނެވެ. އިމްތިޔާޒް އައިސް އެނދުގައި އޮށޯވެލި އެވެ. ގުލްނާޒް ވެސް ފެންވަރައިގެން ނުކުމެ އެނދުގައި އިށީނެވެ.

"ކީއްވެ އެ ގަޑީގައި ހުއްޓުން އެރީ؟" އިސްތަށިގަނޑު ފޮޅާލަމުން ގުލްނާޒް އަހާލި އެވެ. އިމްތިޔާޒް ހިތަށް އެރި އެވެ. އެއީ ނައިސް ނުދާނެ ދަނޑިވަޅެވެ. އެ ސުވާލު އޭނާއާ ކުރިމަތި ކުރުވާނެކަން މާ ކުރިން ވެސް ވިސްނުމަށް އަ އެވެ. ދޭނެ ޖަވާބަކުން މުޅި ރޭގެ ހިތްހަމަޖެހުން ހަރާބުވެގެން ދާނެކަން ވެސް އެނގުނެވެ.

"ހަމަ އެއްވެސް ކަމެއް ނުވޭ. ގުލްނާޒް ތަޅުވާލަން މަޑުކޮށްލީ. ހިތަށް އެރީ އެހާ ފަސޭހައިން އެއްބަހެއް ނުވާނަމޭ،" އެހެން ކިޔާފައި ހިނިގަނޑެއް ޖަހާލިއެވެ. "އެކަމަކު ނާޒް ދެރަވެދާނެތީ އަވަހަށް އާއެކޭ ބުނީ."

ކަން ދިމާ ކުރި ގޮތުން އެ ހުނުމުގައި ގުލްނާޒް ވެސް ބައިވެރިވި އެވެ. އިމްތިޔާޒަށް ފުން ނޭވައެއް ބޭރުކޮށްލެވުނެވެ.

ކައިވެނީގެ ފުރަތަމަ ދުވަސްކޮޅަކީ ކޮންމެ މީހަކަށް ވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވައިދޭ ދުވަސްތަކެކެވެ. ނަމަވެސް ދެ މީހުންނަށް ވެސް މިއީ އާ ކައިވެންޏެއް ނޫނެވެ. ތަޖުރިބާ ކޮށްފައިވާ ކަމެކެވެ. ނަމަވެސް ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އެކަކު އަނެކަކާ އެކު ހޭދަ ކުރަން ޖެހޭ ދުވަސްތަކަކީ ވެސް ތަފާތު ދުވަސްތަކެކެވެ. އިމްތިޔާޒް އަބަދުވެސް ބޭނުންވަނީ ގުލްނާޒް އުފަލުގައި ހުންނާށެވެ. ނަމަވެސް ފަހަކަށް އައިސް އެކަން ނާކާމިޔާބުވާ ފަހަރުތައް ގިނަވާން ފެށި އެވެ. ހިތްއެދޭ ވަރަށް ގުލްނާޒަށް އުފާ ދިނުމާއި ބޭނުންވާ ކަންކަން ކޮށްދިނުމުގައި އިމްތިޔާޒް ނުކުޅެދެން ފެށި އެވެ. ކައިވެންޏަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ބަދަލެއް އިމްތިޔާޒަށް އައިހެން ގުލްނާޒަށް ހީވި އެވެ. ނަމަވެސް އެއީ ބޮޑު ސުރުހީއެކެވެ. އިމްތިޔާޒްގެ ނިޔަތަކީ ކޮބާ ކަމެއް ގުލްނާޒަކަށް ނުވިސްނުނެވެ. އެ ލޯތްބާ މެދު ހިތުގައި ވަހުމް އުފެދެން ފެށީ ކީއްވެ ކަމެއް ވެސް ނޭނގުނެވެ.

"ތިއީ ހީވާ ގޮތް. ނާޒް ދެކެ އޭނަ ކިހާ ލޯބިވޭ. ބުނާ ކޮންމެ ކަމެއް ބުނާ ވަގުތަކު ކޮށްދޭ. އަބަދުވެސް އެ ހުންނަނީ ކަމަކު ނުބުނެގެން. އެކަހަލަ މީހަކު ލިބޭނީ ނަސީބުވެރިންނަށް،" ފަޒީލާ ބުންޏެވެ.

"އެ ނަސީބުވެރިޔަކީ އަހަރެން ކަމާމެދު ޝައްކު،" ގުލްނާޒް ބުންޏެވެ.

"އެކަމަކުވާ. ތިހެން ނުބުނެބަލަ. އޭނަ ކިހާ ރަނގަޅު. ކޮން ކަމަކާ މެދުތަ ތިހާ ވަރަށް ތި ވިސްނެނީ؟" ފަޒީލާ އަހާލި އެވެ.

"ދެން ނޭނގެ. ހިތުގައި ފާޑެއްގެ ބިރުވެރިކަމެއް އުޅެނީ. ހީވަނީ މި ދޭތެރެއަށް ކޮންމެވެސް މީހަކު ވަންނަން އުޅޭހެން،" ގުލްނާޒް ބުންޏެވެ.

"ތި ވަރަށް ޝައްކު ކުރާކަށް ނުވާނެ. ޝައްކާއި ވަހުމަކީ މީހާގެ ހަލާކު. ބަޔަކު ރީތިކޮށް އުޅެންޏާ އެ ދޭތެރެއަށް ޝައިތާނާ ފާވާނެ. އެކަން ކުރުމުގެ ޖާގަ އެ ސޮރަށް ދީގެން ނުވާނެ،" ފަޒީލާ ބެލީ ގުލްނާޒަށް ވިސްނާދެވޭތޯ އެވެ. "އެކަން އޮތީ ވެސް ނާޒްގެ އަތްމަތީގައި."

"އަހަރެންނަށް ހީވަނީ އޭނަ އަދިވެސް ޝައިލާ ދެކެ ވަރަށް ލޯބިވާހެން. ކޮންމެ ގޮތެއް ވިޔަސް ފުރަތަމަ ލޯތްބެއް އެއްވެސް މީހަކު ހަނދާނެއް ނުނެތޭނެ،" ވިސްނާލާފައި ގުލްނާޒް ބުންޏެވެ.

"އެހެންތަ؟ އެހެންވިއްޔާ ނާޒް ކީއްވެ ހަނދާން ނެތުނީ؟" ފަޒީލާ އެހި އެވެ.

"ފަޒީތަ ހަމަ ތިހެން ތި ބުނަނީ؟ އަހަރެންނަށް އޭނަ ދެކެ ވެވުނީ ލޯބިތަ؟" ގުލްނާޒް ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް އެއީ ދަރިންގެ ބައްޕަ. މަށަށް ހީވަނީ ފަހުން ލޯބި ނުވިޔަސް ކައިވެނީގެ ކުރީކޮޅު ނާޒް ވެސް އޭނަ ދެކެ ވަރަށް ލޯބިވިހެން،" ފަޒީލާ ބުންޏެވެ.

ގުލްނާޒް އިނީ ޓެރަހުގަ އެވެ. އެ ވަގުތު ފޯނަށް މެސެޖެއް އައެވެ. ނުދަންނަ ނަންބަރެކެވެ. އެކަހަލަ ނުދަންނަ ނަންބަރުތަކުން މެސެޖު އައުން އެއީ އާންމު ކަމެކެވެ. ގުލްނާޒް އަޅައެއް ނުލި އެވެ. އަނެއްކާވެސް އިނީ އެވެ. އޮއްސެމުން ދިޔަ އިރާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޮރެންޖު ކުލައިން އުޑުމަތި ފެވިފައިވާ އިރު އެ މަންޒަރު ބަލާލަން ނުހަނު ހިތްގައިމެވެ. ނަމަވެސް ކޮންމެ އޮއްސުމަކީ ނިމުމެކެވެ. އަނެއްކާވެސް އިންތިޒާރު ކުރެވެނީ ފެހި މާދަމާއަކަށެވެ. އަނެއްކާވެސް މެސެޖެއް އަ އެވެ. ފުލުފުލުގައި ހައެއްކަ މެސެޖު އެއް ނަންބަރުން އަ އެވެ. ފޯނު ނަގާފައި ގުލްނާޒް މެސެޖްތައް ބަލަން ފެށި އެވެ.

"ހާދަ ރީއްޗޭ ތިތާ ހުންނަ އިރު. އެކަމަކު ކުރީގައި އެ ހުންނަ ތާޒާކަމެއް މިހާރު ނެތް ދޯ،" އެއް މެސެޖުގައި އޮތެވެ. ގުލްނާޒް ވަށައިގެން ހޯދާލި އެވެ.

"ނުފެންނާނެ. ބޭނުންތަ މިއީ ކާކުތޯ ބަލައިލަން؟" ވަގުތުން މެސެޖެއް އަ އެވެ.

ގުލްނާޒް ހިތަށް އެރި އެވެ. މި ޖެހުނީ ކަންތަކާ އެވެ. އަނެއްކާ މިއީ ކާކު ބާވަ އެވެ؟ މަގުސަދަކީ ކޮބާ ބާވަ އެވެ؟ އެ ވަގުތު ފޯނު ރަނގަބީލު ވާން ފެށި އެވެ. އަތުން ފޯނު ނުވެއްޓުނީ ކިރިޔާ އެވެ. ވަގުތުން ފޯނު ކަނޑައިލި އެވެ. އެހެން ހެދުނީ ގެންފައި ހުރި ބިރެއްގެ ސަބަބުންނެވެ. އެ މީހަކު ގުޅި ނަންބަރުން ދެން ނުގުޅޭނެ ގޮތް ވެސް ހެދުނީހެވެ. ދެން އިވުނީ މީހަކު ގުލްނާޒަށް ގޮވާ އަޑެވެ. ނަމަވެސް ވައި އަޑަކުންނެވެ. އެއީ ދަންނަ އަޑެއް ހެން ހީވިއެވެ. އަޑު އައީ ކައިރިވަމުންނެވެ. އެއީ އިމްތިޔާޒްގެ އަޑެއް ނޫންކަން ގުލްނާޒަށް ޔަގީނެވެ. ފަހަތް ބަލާލާކަށް ނުކެރުނެވެ. އަޑު ކައިރި ވަމުން އައިސް ކުއްލިއަކަށް ހުއްޓުނެވެ. އަނެއްކާވެސް މެސެޖެއް އަ އެވެ.

"ފިރިމީހާއަށް ހަގީގަތް އެނގޭ ދުވަހަށް ތައްޔާރުވެގެން ހުންނާތި،" އެ މެސެޖުގައި އޮތެވެ. ގުލްނާޒްގެ ދެ ލޯ ބޮޑުވި އެވެ. ތުރުތުރުއަޅާވަރުން ފޯނުގައި ހިފެނީ ވެސް ކިރިޔާ އެވެ. ދުވަމުން ކަހަލަ ގޮތަކަށް ސިޑިން ފައިބައިގެން ކޮޓަރިއަށް ވަދެ ދޮރު ލެއްޕި އެވެ.

"އެކަމަކު ނާޒް. މި ގޭތެރެއަކަށް މީހަކަށް ނުވަދެވޭނެއެއްނު. ގާޑް ވެސް ހުއްޓައި ބޭނުންހާ މީހަކު މިތަނަށް ވަންނާނީ ކިހިނެއް؟" ފަޒީލާ ބުންޏެވެ.

"ތިއެއް މަށަކަށް ނޭނގެ. އެކަމަކު އެ އަޑު އިވުނީ އަހަރެންނާ ދާދި ގާތުން،" ގުލްނާޒް ބުންޏެވެ.

"ތި ވާނީ ހަމަ ހީވި ގޮތަކަށް."

"ހީވި ގޮތެކޭ؟ މި މެސެޖްތަކޯ؟ މިއީ ވެސް ހީވާ އެއްޗެހިތަ؟" ފޯނު ދައްކާލަމުން ގުލްނާޒް އަހާލި އެވެ.

"އަދިވެސް ތި މެސެޖްތައް ޑިލީޓް ނުކުރަންތަ؟ އިމްތިޔާޒަށް ފެނިދާނެ،" ފަޒީލާ ބުންޏެވެ.

"ކޯއްޗެއް މަށަށް ފެންނާނީ؟" ގޭތެރެއަށް ވަދެގެން އައި އިމްތިޔާޒް އަހާލި އެވެ. ދެ މީހުން ވެސް ސިއްސައިގެން ދިޔަ އެވެ.

"އެއީ ސަޕްރައިޒެއް،" ވާހަކަ ބަދަލުކޮށްލުމުގެ ކުޅަދާނަކަން ލިބިފައިވާ ގުލްނާޒް ބުންޏެވެ. އިމްތިޔާޒް އިތުރު އެއްޗެއް ނުބުނެ ކޮޓަރިއާ ދިމާލަށް ދިޔަ އެވެ.

"ކިރިޔާއެއްނު،" ފުންނޭވައެއް ބޭރުކޮށްލަމުން ފަޒީލާ ބުންޏެވެ. އެ އަޑު އިމްތިޔާޒަށް އިވުނެވެ. ނަމަވެސް އިވުނު ކަމަށް ނުހެދީ އެވެ.

"ކީއްވެތަ އެހާ ލަހުން ގެއަށް އަންނަނީ؟" ގުލްނާޒް އަހާލި އެވެ. އޭރު ރޭގަނޑު ބާރަ ޖަހަނީ އެވެ. ދެ މީހުން ވެސް ތިބީ އެނދުގަ އެވެ.

"ކޮބާތަ ލަސްވެފަ؟ މިއަދު ވެސް ވަރަށް އަވަހަށް އައީ. އެކަމަކު ނާޒް ހީވަނީ މާ ބިޒީހެން. ފަޒީއާ ދެ މީހުން މާ އޮލަ ވާހަކައެއްގައި ތިބީމައި އަހަރެން އެއްޗެއް ނުބުނީ،" އިމްތިޔާޒް ބުންޏެވެ.

"އިންތި ޑިއުޓީ ނިންމާފައި ކޮންތާކަށް ދަނީ؟" ގުލްނާޒް އަހާލި އެވެ.

"މާނައަކީ؟"

"ސުވާލު ތަކުރާރު ކުރާކަށް ނެތިން،" ގުލްނާޒް ބުންޏެވެ.

"ޑިއުޓީ ނިންމާފައި އަންނާނީ ގެއަކަށްނު،" އިމްތިޔާޒް ބުންޏެވެ.

"ބުނެބަލަ ޝައިލާމެން ގެއަކަށް ނުދަމޭ،" ގުލްނާޒް ބުންޏެވެ.

އިމްތިޔާޒަށް އެ އަށް ޖަވާބެއް ދޭން އުނދަގޫވި އެވެ. އެ ގެއަށް ނުދިޔަޔަސް ޝައިލާއާ މިއަދު ބައްދަލުވި އެވެ. ވާހަކަ ދެކެވުނެވެ. އެކުގައި ވަގުތެއް ހޭދަ ކުރެވުނެވެ. އެކަން ގުލްނާޒަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ގުލްނާޒް ޖާސޫސު ކުރަނީ ހެއްޔެވެ؟

"އެ ގެއަކަށް ނުދަން. އެކަމަކު..."

"އެކަމަކު ކޯއްޗެއް. އަހަރެން ހިއެއް ނުކުރަން އިމްތިޔާޒް ތިހެން ހަދާނެ ކަމަކަށް،" ގުލްނާޒްގެ ހިތުގައިވާ ބިރުވެރިކަން ބޭރުކޮށްލަން އެއަށް ވުރެ މޮޅު ގޮތެއް ނުފެނުނެވެ. 

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް