ވާހަކަ: ޝިކާޔަތު
އެޕިސޯޑް 19
"ކީއްވެ އޮފީހުން ކެނޑެނީ؟" އެނދުގައި އިށީންނަމުން އިމްތިޔާޒް އަހާލި އެވެ.
"ކީއްކުރަން ދެން ދެ މަސައްކަތް ކުރާކަށް؟ އެހެން ނޫނަސް އިންތި ތި ހުރީނު. އަހަރެން ހާހެއް ނުވޭ އިންތި ހުރިއްޔާ،" ދަރިފުޅު ޝިފާގެ ބޮލުގައި އިން ރަބަރަށް ބާރު ކޮށްލަމުން ގުލްނާޒް ބުންޏެވެ.
"މަންމާ. އަހަރެން ބޭނުން ފޯނެއް،" ފަސީހު ބުންޏެވެ.
"އިންތިބެ ގާތު ބުނޭ. މިހާރު ހުރިހާ ކަމެއް ވެސް އިންތިބެ ކޮށްދޭނެ،" އިމްތިޔާޒްއާ ދިމާލަށް ހިނިތުންވެލަމުން ގުލްނާޒް ބުންޏެވެ.
"އައިފޯންގެ އެންމެ ލޭޓެސްޓް ބޭނުމީ. އެ އުޅެނީ ތާޓީ ތައުޒަން ޕްލަސްގައި،" ފަސީހު ބުންޏެވެ.
"އޯކޭވާނޭ. މަންމަމެން ކައިވެނީގެ ހަދިޔާއެއް ގޮތުން ދަރިފުޅަށް އެ ގަނެދޭނަން،" ފަސީހުގެ ބޮލުގައި ފިރުމާލަމުން ގުލްނާޒް ބުންޏެވެ. "އިންތި މިއަދު ހަވީރު އޭނަ ގޮވައިގެން އެ ގަނެދޭން ދާތި އިނގޭ."
"ނާޒް. އެ އުމުރު ކުއްޖަކަށް އެހާ އަގުބޮޑު ފޯނެއް ގަނެދިނުމުގެ ބޭނުމަކީ ކޮބާ؟" ދެ ކުދިން ނުކުމެގެން ދިޔުމުން އިމްތިޔާޒް ބުންޏެވެ.
"އޭނަގެ އޭޖްގެ ހުރިހާ ކުދިން ވެސް އެކަހަލަ ފޯނޭ ގެންގުޅެނީ. ތަފާތަކީ އަހަރެންގެ ދަރިފުޅު ގެންގުޅޭނީ އަބަދުވެސް އެންމެ ފަހުގެ ފޯނު. އައިޕެޑް އާއި ލެޕްޓޮޕް ވެސް ހުންނާނީ އެންމެ ފަހުގެ އެއްޗެހި. ދެން އިންތިއާ އަހަރެން މެރީ ކުރީމައި ކުދިންގެ ހަރަދުތައް ބެލެހެއްޓުމަކީ ފިރިމީހާގެ ޒިންމާއެއްނު،" ފަރުވާލެއްނެތި ގުލްނާޒް ވާހަކަ ދައްކަމުން ދިޔަ އެވެ. އިމްތިޔާޒްއާ ދިމާލަށް ބަލާ ވެސް ނުލަ އެވެ.
"އެކަމަކު ނާޒް. އެ ކުދިން އޭގެ ބޭނުން ކުރާ ގޮތް ވެސް ބަލާލަން ވާނެ. އެ އޭޖްއަކީ ވަރަށް ނާޒުކު އޭޖެއް. ކޮންމެ ފަދަ މަޅިއެއްގައި ވެސް ބެދިދާނެ،" އިމްތިޔާޒް ބުންޏެވެ.
"ދެން ތި ބުނަނީ އަހަރެންނަށް ދަރިން ބަލާކަށް ނޭނގެއޭ؟" ހިތްހަމަނުޖެހިފައި ގުލްނާޒް ބުންޏެވެ.
"އެހެންނެއް ނުބުނަމެއްނު. ނާޒް ނުބައިކޮށޭ މާނަ ތި ނަގަނީ."
"ނޫން. މަށަށް ހީވަނީ ފަަސީހަށް އެ ގަނެދޭށޭ ބުނީމަ އިންތިއަށް އުނދަގޫ ވެގެން އުޅޭހެން. އެންމެ ރަނގަޅު. އަހަރެން އޭނައަށް އެ ގަނެދީފާނަން. އަހަރެން ހަޔާތަށް އިންތި ނާންނަ އިރު ވެސް އެ ކުދިންނަށް ހަރަދު ކުރީ އަހަރެން އަމިއްލައަށް،" ކޮޓަރިން ނުކުންނަން ހިނގައި ގަންނަމުން ގުލްނާޒް ބުންޏެވެ.
"މަޑުކޮށްބަލަ" ގުލްނާޒްގެ އަތުގައި ހިފަހައްޓަމުން އިމްތިޔާޒް ބުންޏެވެ. "އަހަރެން ތިހެން ނުބުނަމޭ. އަހަރެން ބުނީ... ދެން އަޅާނުލާ. ފަސީހް ބޭނުން ވައްތަރެއްގެ ފޯނެއް ގަނެދޭނަން. ދެން ހީލަބަލަ."
"ބަލާބަލަ. މީތި އަޅޭ ލޯތްބެއް ނޫންތަ؟" އިމްތިޔާޒްގެ ޖީބުން ނެގި އަނގޮޓި ދައްކާލަމުން އަހާލި އެވެ. ހިތްހަމަނުޖެހުން ވެރިވެފައިވި ގުލްނާޒްގެ މޫނުމަތި އުޖާލާ ވެގެން ދިޔަ އެވެ.
"މިއީ އަސްލު ޑައިމަންޑްސް ދޯ؟" އޭގައި ފިރުމާލަމުން ގުލްނާޒް އަހާލި އެވެ. އިމްތިޔާޒަށް ބުނާނެ އެއްޗެއް ވިސްނުމަކަށް ނަ އެވެ. ގުލްނާޒް ބަލައިލީ އިމްތިޔާޒްގެ މޫނަށެވެ. އެ މޫނުން ހުރިހާ ކަމެއް ބުނެދިން ކަހަލަ އެވެ.
"އެހެންވިއްޔާ ހެޔޮ. އަހަރެން އަތުގައި ވެސް ތިކަހަލަ ބައިވަރު ރިންގްސް ހުންނާނެ. އަހަރެން ހީކުރީ މި ކައިވެނި ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަވާނެ ކަމަށް. އިންތިއަށް އަޅެ އެ ވަރުގެ ރިންގެއް ވެސް ނުގަނެވުނުތަ؟" ގުލްނާޒް ބުންޏެވެ. ގުލްނާޒް ބުނާ އެފަދަ ޖުމްލައިން ހީވަނީ އެއީ އެއްވެސް ކަމެއް ނޫން ހެންނެވެ. ނަމަވެސް ކައިވެންޏަކަށް ހަރަދު ކުރަން ނުޖެހޭ ވަރަށް އިމްތިޔާޒް މި ކައިވެންޏަށް އެބަ ހަރަދު ކުރެ އެވެ. އެކަން މިނެކިރާކަށް އިމްތިޔާޒް ބޭނުމެއް ނޫނެވެ. ގުލްނާޒަކީ އިމްތިޔާޒްގެ ވާން އުޅޭ އަނބިމީހާ އެވެ. އޭނާއަށް ކުރާ ހަރަދާއި ހޭދަ ކުރާ އެއްޗެއްސަކީ އިމްތިޔާޒްގެ މައްޗަށް ވާޖިބު ކަންކަމެވެ.
"ސޮރީ. ނާޒަށް މި ކަމުނުދަންޏާ އާ އެއްޗެއް އަހަރެން ގަންނާނަން. އޭރުން އުފާވާނެތަ؟" ހިތުގައި އެހެން އެއްޗެއް ބާއްވާފައި އިމްތިޔާޒް ބުންޏެވެ.
"އެކަމަކު މިހާ ވަގުތު ކުޑަތަން ވީމަ ދެން ކިހިނެއް އާ އެއްޗެއް ހޯދާނީ؟" ގުލްނާޒް އެހި އެވެ.
"އެކަމާ ހާސްނުވޭ. އަހަރެން އެކަން ހަމަޖައްސާނަން،" އިމްތިޔާޒް ބުންޏެވެ.
ވަދެވެން އުޅެނީ ކޮން ކަހަލަ ހަނި ގޯޅިއަކަށް ކަމެއް އިމްތިޔާޒަށް އަދިވެސް ނުވިސްނެ އެވެ. އެތެރެއަށް ވަން ވަރަކަށް މީހާ ފިތޭލެއް ބޮޑު ވާނެ އެވެ. ނުކުންނަން އުނދަގޫވާނެ އެވެ. އޭނާއަށް ފެންނަނީ ގުލްނާޒްގެ ރީތި ސިފަތަކެވެ. ނައްސި ސިފައެއް ފެނުނަސް އެކަމެއް ސަމާލުކަމަކަށް ނާދެ އެވެ. ފެންނަނީ ނަލަހެދިފައިވާ ގުލްނާޒްގެ ތާޒާ މޫނެވެ. ޒުވާން ހަށިގަނޑެވެ. ގުލްނާޒް ބުނާ ކޮންމެ ބަހެއްގައި ވަނީ ލޯތްބެވެ. ދައްކާ ކުދިކުދި ބޮޑާހޭކުންތަކުގައި ވަނީ ވެސް ލޯތްބެވެ. އިމްތިޔާޒް ގަބޫލު ކުރީ އެހެންނެވެ.
ކައިވެނި ކުރަން އޮތް ރެ އެވެ. ގުލްނާޒް ދިޔައީ ތައްޔާރު ވަމުންނެވެ. މޭކަޕް ކުރާ މީހުންނާއި އިސްތަށިގަނޑުގައި ފުނާ އަޅައިދޭ މީހުން ތިއްބެވެ. އޭރު ކައިވެނިކުރާ ވަގުތު ޖެހެން އޮތީ ދެ ގަޑި އިރެވެ. ގުލްނާޒަކީ ކޮންމެ ކަމެއް ވެސް ވަރަށް ފަރުވާތެރިކަމާ އެކު ކުރާ މީހެކެވެ. ތަނަކަށް ދާން ޖެހުނަސް، ކަމެއް ނިންމަން ޖެހުނަސް އެހާ ފުރިހަމަ ވާނެ އެވެ. އޭނާ ބޭނުންވީ ގަޑީގެ ފަނަރަ މިނެޓް ކުރިން އެތަނަށް ދާށެވެ. ހެދުން ގަޔަށް ހެޔޮވަރުކޮށްލި އެވެ. ތަންކޮޅެއް ދޫވި އެވެ. ގުލްނާޒް ގާތަށް ވަރަށް ރުޅިއަ އެވެ.
"ފަޒީލާ،" އަޑުގެ ކޮޅަށް ގޮވާލި އެވެ. ފަޒީލާ ދުވަމުން ކަހަލަ ގޮތަކަށް ކޮޓަރި ތެރެއަށް ވަދެގެން އަ އެވެ.
"އަހަރެން ކީކޭ ބުނީ؟ ގަޑި ޖެހޭ އިރު ވެސް މި ހެދުމެއް ރެޑީއެއް ނުވާނޭ. މިއޮތީ މަ ބުނި ވަގުތު ޖެހިފައި. ކިހާ ބޮޑު ކަމެއް މިވީ. ބަލާބަލަ އަހަރެން ހުރި ގޮތް. މިހާ ދޫ ހެދުމެއް ލައިގެން އެހާ ގިނަ މީހުންގެ ކުރިމަތީގައި ހުންނަން ކެރޭނެތަ؟" ދެ އަތް ފުޅާ ކޮށްލަމުން ގުލްނާޒް ބުންޏެވެ. "ފަޒީ ބުނީމެއްނު ގަޑި ޖެހެން ވާ އިރަށް މިކަން ނިންމާނަމޭ. މިއީތަ ނިންމި ގޮތަކީ؟"
"އެކަމަކު އޭނަ ވަރަށް ރަނގަޅަކަށްނު މިން ނެގީ؟" ފަޒީލާ ބުންޏެވެ.
"ކިހާ ރަނގަޅު ވީމާ އަހަރެންގެ ހަށިގަނޑަށް ހެޔޮވަރު ނުވާނީ؟ އެހެންވެއޭ އަހަރެން ބުނީ ވަގުތު އޮއްވައި މިކަމާއިގެން އުޅޭށޭ. ދެން ކިހިނެއްތަ ހަދާނީ؟" ގުލްނާޒްގެ ރުޅިގަނޑު ކެކެމުން ދިޔަ އެވެ.
"މާ ބޮޑަކަށް ދުލެއް ނޫނޭ. ދީބަލަ އަހަރެން އަތަށް ފަހާ ފޮށިން ޖަހާލާނަން،" ފަޒީލާ މަސައްކަތް ކުރީ ގުލްނާޒްގެ ރުޅިގަނޑު މައިތިރި ކުރެވޭތޯ އެވެ.
"މަށެއް ނޫޅެން މީތި ލާކަށް،" ހެދުން ބާލަމުން ގުލްނާޒް ބުންޏެވެ. އަދި ޓީޝާޓެއް ލި އެވެ.
ދެން ހަދާނެ ގޮތެއް ފަޒީލާގެ ވިސްނުމަކަށް ނަ އެވެ. ކޮޓަރިން ނުކުމެ އިމްތިޔާޒަށް ގުޅި އެވެ. އަދި ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. ލަސްތަކެއް ނުވެ އިމްތިޔާޒް އަ އެވެ. އޭނާ ވެސް ހުރީ ތައްޔާރު ނުވެ އެވެ. ކައިވެންޏަށް ވަގުތު ކުޑަތަން ވަމުން ދިޔަ އެވެ.
"ނާޒް،" ކޮޓަރި ދޮރު ހުޅުވާލަމުން ބުންޏެވެ. ގުލްނާޒް އިނީ އެނދުމަތީގަ އެވެ. މީހާ ރުޅިގަދަވެގެން ތުރުތުރު އަޅަ އެވެ. އިމްތިޔާޒް ފެނުމުން އަނެއް ފަރާތަށް އެނބުރުނެވެ.
"ނާޒް. ރުޅި މަޑުކޮށްބަލަ ޕްލީޒް. މި ގަޑީގައި ތިހެން ހެދީމަ ދެން ކިހިނެއްވާނީ؟" އިމްތިޔާޒް ބުންޏެވެ.
"އަދިވެސް އަހަރެންތަ ގޯސްވީ؟" އިމްތިޔާޒްއާ ދިމާލަށް ބަލާލަމުން ގުލްނާޒް ބުންޏެވެ.
"ނާޒް ގޯހެއް ނުކުރަމޭ. އެކަމަކު ބަލާބަލަ ގަޑި،" ގަޑި ދައްކާލަމުން އިމްތިޔާޒް ބުންޏެވެ. "ފަޒީ އަތަށް ދީބަލަ ހެދުން. އޭނަ ތި ރަނގަޅުކޮށްލާނެ. ނުވާނެ ދެ މިނެޓް ވެސް."
އެތައް ވާހަކައެއް ދައްކައިގެން ގުލްނާޒް ރުއްސުނެވެ. ފަޒީލާގެ އަތްމަތި ހަލުއްވެވެ. މޭކަޕް ކޮށްދޭ މީހުން ގުލްނާޒް ވަށާލި އެވެ. ލޮލުގެ އެސްފިޔަ އާއި ކޮލުގައި ޖައްސަންވީ ކުލަ އާއިި ފަނޑު ކުރަންވީ ކުލަތައް ވެސް ބުނެދިނީ ގުލްނާޒެވެ. ކޮންމެ ހަރަކާތެއް ވެސް ކުރީ އޭނާ އެންމެ އެދޭ ގޮތަށެވެ. ބޮލުގައި ޖަހަންވީ ހުދުކުލަގެ މަލާއި އިސްތަށިތައް ބަހައްޓަންވީ ގޮތް ވެސް ކިޔައިދިނީ ގުލްނާޒެވެ. އޭނާ އެންމެ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ހަމަޖެހެމުން ދިޔަ އެވެ.
ކައިވެނީގެ ރަސްމިއްޔާތަށް ދިޔަ އެވެ. ދެ ފަރާތުގެ އާއިލާ މީހުން މަދެވެ. ނަމަވެސް ރައްޓެހިން ގިނަ އެވެ. ނިޔާޒް ވެސް ހުއްޓެވެ. ހިތްހަމަނުޖެހިފަ އެވެ. މޫނުމަތިން އެކަން ހާމަވަމުން ދިޔަ އެވެ. ގާޒީއާ އެހެނިހެން މީހުން ވެސް މޭޒު ކައިރީގައި ތިއްބެވެ.
އިމްތިޔާޒް ހުއްޓުން އެރި އެވެ. އަނބި ގަބޫލު ކޮށްފީމޭ ބުނަން ޖެހިލުންވި އެވެ. ގުލްނާޒަށް ބަލާލެވުނީ އިމްތިޔާޒްގެ މޫނަށެވެ. ހަމަހިމޭން އެ ވަގުތުކޮޅު ދިގުލައިގެން ދިޔަ އެވެ.
- ނުނިމޭ -