ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 18 ވަނަ ބައި

15 ޖުލައި 2024

އެޕިސޯޑް 18

"އިންތިއަކީ ބޭވަފާތެރިއެއް. އެކަމާ އަޅާފައި ނުހުރެ ޝައިލާ ވެސް ކުރިއަށް ފިޔަވަޅެއް އަޅާބަލަ. ނިކަން ކެރިގެން ހިނގައިގަނެބަލަ،" ނިޔާޒް ބުންޏެވެ.

ނިޔާޒް ކުރަން ބުނި ކަމަކީ ބުނަން ފަސޭހަ ކުރަން އުނދަގޫ ކަމެކެވެ. ނަމަވެސް ނުކޮށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ. ޝައިލާ ހިތަށް އެރި އެވެ. އެތައް އަހަރެއް ވަންދެން އެކުގައި އުޅުނު ހަޔާތުގެ ބައިވެރިޔާ މަތިން ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟ އެތައް ކަމެއް ހިއްސާކޮށްފައިވާ އިންސާނެކެވެ. އެއްވެސް މީހަކަށް ނޭނގޭ އެތައް ސިއްރުތަކެއް އޭނައަށް އެނގޭނެ އެވެ. އިތުބާރަކީ ވެސް ވަކި ވަރަކަށް ކުރަން ހެޔޮވާ ވަރުގެ އެއްޗެކެވެ. މިއަދު ހެވިފައި ވާހަކަ ދައްކާ މީހުން މާދަން ހަތުރުންނަށް ވެދެ އެވެ. އިއްޔެ ދުރުދުރުން އުޅުނު މީހުން މިއަދު ހެޔޮ އެދޭ އެކުވެރިންނަށް ވެދެ އެވެ.

"އަހަރެން ތިކަމާ ވިސްނާނަން،" ދެވެން އޮތް އެންމެ ކުރު ޖަވާބު ޝައިލާ ދިނެވެ.

"އަހަރެން ޝައިއަށް ފޯސް ކުރަނީއެއް ނޫން. އެކަމަކު ޝައި ތި ހާލުގައި އުޅޭތަން ބަލަން ހިތަށް ކެތްނުވަނީ. ބޭވަފާތެރިއެއްގެ އިންތިޒާރުގައި ހުރެ ދުވަސްތައް ދުއްވާލުމަކީ މޮޔަ ކަމެއް. އަހަރެން ދެކޭ ގޮތުގައި ހަޔާތަކީ އެ މީހަކު ބޭނުންވާ ކުލަ ޖެއްސޭ އެއްޗެއް. ބޭނުން ނަމަ މުޅި ހަޔާތް ކިލަނބު ކޮށްލާފައި ކަޅު ނުވަތަ މުށި ކުލަ ޖައްސައިގެން އެއާ ދިމާލަށް ބަލަހައްޓާއިގެން ހުންނަންވީ. ނުވަތަ ކުލަ ފޮށީގައި ހުރި ހުރިހާ ކުލައެއް ޖައްސައިގެން ހިތްހަމަޖެހުން ހޯދަންވީ. ޝައި ކީކޭ ބުނަނީ؟" ނިޔާޒް އަހާލި އެވެ.

"އަހަރެން ތިކަމާ ދެބަހެއް ނުވަމޭ. އެކަމަކު އަހަރެންނަށް ވެސް ވަގުތު ނަގާނެ. އިންސާނުންނަކީ ވަރަށް ފަސޭހައިން ހަނދާން ނެތޭ ބައެކޭ ބުނާނެ. އެކަމަކު ކަމެއް ހަނދާން ނައްތާލަން ޖެހުނީމަ މި އެނގެނީ އެއީ ވެސް ކުރަން ކިހާ އުނދަގޫ ކަމެއްކަން،" ޝައިލާ ބުންޏެވެ.

އިމްތިޔާޒް އާއި ގުލްނާޒްގެ ކައިވެނީގެ ކަންކަން ވަރަށް ހަލުވިކަމާއެކު ކުރިއަށް ދިޔަ އެވެ. ޕާޓީ ބާއްވާނެ ތަނަކާއި ދައުވަތު ދޭނެ މީހުންގެ ލިސްޓެއް ތައްޔާރު ކުރެވެމުން ދިޔަ އެވެ.

"އަހަރެން ބޭނުން ހަވާ އަރުވަން،" ގުލްނާޒް ބުންޏެވެ.

"އޭނ؟ ހަވާ އަރުވާށޭ؟" ހައިރާންވެފައި އިމްތިޔާޒަށް އަހާލެވުނެވެ.

"އާނ. ކީއްތަވީ؟ އަހަރެން ބޭނުން މިކަން ވަރަށް ކުލަގަދަކޮށް ސެލެބްރޭޓްކުރަން. ހަމަ އާ ކައިވެންޏެއް ގޮތަށް،" ހިޔާލަކަށް ގެއްލިފައި އިންނަ ގޮތަށް އިނދެ ގުލްނާޒް ބުންޏެވެ. "އިންތި ބޭނުމެއް ނޫންތަ؟"

"އެކަމަކު އެއީ ހާދަ އަގުބޮޑު ކަމަކޭ. ދެން އެހާ ބޮޑަށް ދެއްކުންތެރިކަން ފާޅު ކުރާކަށް ނުވާނެއެއްނު،" އިމްތިޔާޒް ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

"އަހަރެން ބުނެފިއްޔާ ދެއްކުންތެރިކަން. އެކަމަކު އިންތި ބޭނުން ހުރިހާ ގޮތަކަށް މިކަމެއް ނުވާނެ އިނގޭ. އަހަރެން ވެސް ބޭނުންވާ ކަންކަން ހުރެއޭ،" އެނދުމަތީގައި އޮތް ފޮތިގަނޑެއް ގުޅަކޮށްލަމުން ގުލްނާޒް ބުންޏެވެ.

"އެކަމަކު ދެން ހަވާ އަރުވަން..."

"ދެން ކޮން އެކަމަކުއެއްތަ؟ އިންތިއަށް އެވަރު ކަމެއް ނުކޮށްދެވޭނެތަ؟ މިއީ ލައިފްގައި މާ ގިނައިން އަންނަ ކަމެއް ނޫން. އަގު ކިތަންމެ ބޮޑަސް އަހަރެން ބޭނުން މިކަން ކުރަން. ބުނެބަލަ. ކޮށްދެވޭނެތަ؟" ގުލްނާޒް އެހި އެވެ.

މައްސަލައަކީ ކަންކަން ފާހަގަ ކުރުމެއް ނޫނެވެ. ބޭކާރު ގޮތުގައި ހަރަދު ކުރުމެވެ. ކައިވެންޏަކީ ހަރަދު ދާ ކަމެކެވެ. ނަމަވެސް ބޭކާރު ގޮތުގައި ފައިސާ އިސްރާފު ކުރުމަކީ އިމްތިޔާޒް ބޭނުންވާ ކަމެއް ނޫނެވެ. ފައިސާ ހޯދަނީ ވަރަށް މަސައްކަތުންނެވެ. ހިނދުކޮޅެއްގެ ތެރޭގައި އަތުން އެ އުކާލާކަށް ބޭނުމެއް ނުވެ އެވެ. ގުލްނާޒަށް އެކަން ވިސްނައިދޭން އުޅުން ވާނީ ފޫނެެތް ފާޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ.

"އޯކޭ. ނާޒް ތި ގޮތް ބޭނުން ވަންޏާ އަހަރެން ތި ކަމަކަށް ދެކޮޅެއް ނުހަދާނަން. އަހަރެން ބޭނުން ނާޒް ހިތްހަމަޖެހިގެން އުފަލުގައި ހުންނަން. ހަނދު ނަގާފައި އުނގަށްލައި ނުދެވުނަސް ހުރިހާ އުފަލެއް ހޯދައިދޭން ބޭނުން،" އިމްތިޔާޒް އެހެން ބުނުމުން ގުލްނާޒްގެ ހިތް އުފަލުން ފުރުނެވެ.

"އަހަރެންނަށް އެނގޭ އިންތި މިކަމަކާ ދެކޮޅެއް ނުހަދާނެކަން. އިންތި ފަރާތުން ކިތައް މީހުން އެބަ އުޅޭ؟ އަހަރެން ފަރާތުން ތައުޒަން ސިކްސް ހަންރެޑް އެބަ އުޅޭ،" ގުލްނާޒް ބުންޏެވެ.

"ސޯޅަ ސަތޭކަ؟" ހައިރާންވެފައި އިމްތިޔާޒަށް ބުނެވުނެވެ. "އެއީ ކޮން ބައެއް؟"

"އަހަރެން ދަންނަ ގިނަ މީހުން. މިކަހަލަ ދާއިރާއެއްގައި އުޅޭ އިރު ލައްކަ ގިނަ ދަންނަ މީހުން ތިބޭނެއެއްނު. އަދި މިއީ އެންމެންނެއް ވެސް ނޫން. އެންމެންނަށް ކިޔަންޏާ މީގެ ދެތިން ގުނައަށް އަރާނެ ކަންނޭނގެ،" ހާސްކަމެއް ނެތި ގުލްނާޒް ބުންޏެވެ.

މި އުޅެނީ ކައިވެންޏެއް ކުރާށެވެ. ސަރުކާރުގެ ފަރާތުން ބޮޑު ހަފުލާއެއް ބާއްވާކަށް ނޫނެވެ. ދެކެފަރިތަ އެންމެންނަށް ކޮންމެހެން ދައުވަތު ދޭކަށް ނުޖެހެ އެވެ. އަނގައިން ބުނެފައިވާ އެންމެން ވެސް ގެންނާކަށް ނުޖެހެ އެވެ. ގުލްނާޒް ދެކޭ ގޮތުގައި ރަށްރަށުގައި ތިބި އޭނަގެ ގިނަ ފޭނުން ވެސް ދަނީ އެ ކަމަށް އެދެމުންނެވެ. އެ މީހުން ގެނައުމާއި ތަނެއް ކުއްޔަށް ހިފާފައި ބޭތިއްބުމުގެ ހަރަދު ވެސް ކުރަން ޖެހޭނީ އިމްތިޔާޒެވެ. އެކަމަށް ދެކޮޅު ހަދަން އިމްތިޔާޒް ކިތަންމެ ބޭނުން ވިޔަސް ނޫނެކޭ ބުނާކަށް ހިތެއް އެއްބަހެއް ނުވި އެވެ.

"ނާޒްގެ ބައިވަރު ފޭނުން ތިބެއެއްނު. އެކަމަކު އެ އެންމެން ވެސް ނުގެންނަމެއްނު. ދެން ކީއްވެ ވަކި ހާއްސަ ބަޔަކު ގެންނަން ތި އުޅެނީ؟" އިމްތިޔާޒް އަހާލި އެވެ.

"އެއީ އަހަރެންގެ ޕޯސްޓްތަކަށް އަބަދުވެސް ލައިކް ދޭ މީހުން. އަހަރެންނަށް ސަޕޯޓިވް މެސެޖްކޮށް، ގަވާއިދުން އަހަރެންގެ ހުރިހާ ކަމެއް ގާތުން ފޮލޯ ކުރާ މީހުން. އެހެންވީމަ މި ވަރު ކަމެއް ކުރާ އިރު އެ މީހުން ހިއްސާ ކުރަން ވާނެއެއްނު،" ގުލްނާޒް ބުންޏެވެ.

"އެކަމަކު ތި އެންމެން ގެނެސް ކޮންތާކު ބައިތިއްބަނީ؟" އިމްތިޔާޒް ފޫހިވެފައި އަހާލި އެވެ.

"އިންތި ނަގާބަ ކުއްޔައް ތަނެއް. ހުންނާނެ ސަޅި ތަންތަން."

"ނާޒް، ތިއީ ހަމަ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއްތަ؟" އެންމެ ފަހުން އިމްތިޔާޒް އަހާލި އެވެ.

ބަހުސް މާ ދިގުލައިގެން ދަންޏާ ޒުވާބަކަށް ނުގޮސް ނުނިމޭނެ އެވެ. އާދައިގެމަތިން އިމްތިޔާޒް ޖެހޭނީ ގޮތްދޫކުރާށެވެ. ކިތަންމެ އިރަކު ވެސް އެއް މައުލޫއުއަކަށް ވާހަކަ ދެއްކިދާނެ އެވެ. ގުލްނާޒް ބޭނުންވާ ކަންތައް އިމްތިޔާޒް ލައްވާ ކުރުވާނެ އެވެ. އެއީ ޔަގީން ކަމެކެވެ. އިމްތިޔާޒް ކިތަންމެ ހިތްހަމަނުޖެހުނަސް، ބޭނުން ނުވިޔަސް ކަންކަން ވަމުން ދާން ފެށީ އެހެންނެވެ.

ކައިވެނި ކުރަން ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ އަށެއް ޖަހާ އިރު އެވެ. އެ ޕާޓީއަށް ޝައިލާއަށް ވެސް ދައުވަތު ދިނެވެ. ޝައިލާ ހިތަށް އެރިއެވެ. ދައުވަތު ދިނުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އެ ދެ މީހުން އެކުގައި ހީހީފައި މަޖާ ކުރާ މަންޒަރު ދައްކަން ހެއްޔެވެ؟ އެ މަންޒަރު ބަލަން ޝައިލާގެ ހިތަށް ކުޅަދާނައެއް ނުވާނެ އެވެ. ވީމާ އެތާކަށް އޭނައެއް ނުދާނެ އެވެ. ދިޔުމުގެ އެއްވެސް ޝައުގެއް ނެތެވެ. ޔޫހްގެ މޫނަށް ޝައިލާ ބަލާލި އެވެ. އެ ދަރިފުޅަށްޓަކައި ދެ މީހުން އެކުގައި ދުުށް ހުވަފެންތައް ބިލާހަކަށް ވެގެން ދިޔަ މަންޒަރު ޝައިލާއަށް ފެންނަމުން ދިޔަ އެވެ. ބަފައެއްގެ ލޯބިން އެ ދަރިފުޅު މަހުރޫމު ވެގެން ދިޔައީ އެ ދަރިފުޅުގެ އެއްވެސް ކުށެއް ނެތި އެވެ. އިމްތިޔާޒަށް އެޅުނު ނުބައި ގޯޅިއެއްގެ ސަބަބުން މުޅި ހަޔާތް ބަރުބާދު ވެގެން ދިޔައީ ޝައިލާގެ އެއްވެސް ކުށެއް ނެތި އެވެ. ޝައިލާގެ ޝަކުވާއެއް ނެތެވެ. މިއަދު މި ގޮތް އިމްތިޔާޒަށް ކަމުދާ ނަމަ މި ގޮތާ ވެސް ރުހުން ނޫން ގޮތެއް ނެތެވެ. އިމްތިޔާޒް ހުރީ އުފަލުން ކަމުގައި ވާ ނަމަ ޝައިލާ ހުންނާނީ ހިތްހަމަޖެހިގެންނެވެ.

"ކިހާ ދެރަ ކަމެއް. މިހާރު އިނީ އެންމެ ދެ ދުވަސް. އަދިވެސް ވެޑިން ޑްރެސް ނާދެއޭ،" ހިތްހަމަނުޖެހިފައި ހުރި ގުލްނާޒް ބުންޏެވެ.

"އަހަރެން ގުޅާލީމަ ބުނީ މިހާރު އިނީ ވަރަށް ކުޑަ މަސައްކަތެކޭ ކޮށްލަން،" ފަޒީލާ ބުންޏެވެ.

"ބަލަ މީގެ މަންތެއް ކުރިން ނޫންތަ އެ ހަވާލު ކޮށްގެން މި އުޅެނީ؟ މިން ނަގައި، ފޮތި ގަނެެ ހުރިހާ ކަމެއް ނިމުނުތާ ވެސް ކިތަންމެ ދުވަހެއް. އެކަމަކު ވަގުތު އައިސް ޖެހުނު އިރު ވެސް އެ ނިމުނު ކަމަކަށް ނުވި. އެޑްވާންސް ވެސް ދީފައި އޮންނާނީ،" ގުލްނާޒް ދިޔައީ ރުޅިގަދަވަމުންނެވެ.

"ނާޒް. ހަމަޖެހިބަލަ. ދުވަސް އަންނަން ވާ އިރަށް އެ ނިމޭނެ. އަހަރެން ދާނަން މިއަދު ހަވީރު އެތަނަށް. ގޮސް އިނދެގެން ނިންމުވައިގެން އަންނާނީ. އޯކޭއެއްނު؟" ފަޒީލާ ބެލީ ގުލްނާޒްގެ ރުޅި މަޑު ކުރެވޭތޯ އެވެ.

"އަހަރެން އެހެންވެ އުޅުނީ ބޭރުން ގެންނަން. އެކަމަކު ފަޒީ މާ މޮޅުކުރާ މީހެއް ވީމަ އޭނައާ މި ހަވާލު ކުރީ ވެސް،" އެ ވަގުތަކީ ގުލްނާޒްގެ ދެ ކުދިން ކޮޓަރިތެރެއަށް ވަދެގެން އައި ވަގުތެވެ. ފަހަތުން އިމްތިޔާޒް ވެސް އަ އެވެ.

"ފަޒީ. އަދި އެއް ވާހަކަ. އަހަރެން އޮންނާނީ އޮފީހުން ކެނޑެން ސިޓީ ލާފައި. އޭގެ އަޕްޑޭޓެއް އެނގިއްޖެތަ؟" ފަޒީލާ ބަލާލީ އިމްތިޔާޒަށެވެ.

"އާނ. އޭކަން އޯކޭ ވެފަ،" ފަޒީލާ ބުންޏެވެ.

"ކީއްވެ އޮފީހުން ކެނޑެނީ؟" އެނދުގައި އިށީންނަމުން އިމްތިޔާޒް އަހާލި އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް