ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 17 ވަނަ ބައި

11 ޖުލައި 2024

އެޕިސޯޑް 17

"ލޯބިވަންޏާ ކުރާނެ،" އެންމެ ފަހުން ގުލްނާޒް ބުންޏެވެ. އެއީ އޭނަގެ އާދަ އެވެ. ކޮންމެ ކަމެއްގައި ވެސް އެންމެ ގިނައިން ގުލްނާޒް ބުނަނީ އެހެންނެވެ. އިމްތިޔާޒަށް ޖެހެނީ ހަތިޔާރު ބަހައްޓާށެވެ. ގުލްނާޒް އެދޭހާ ކަމެއް ރުހޭހާ ގޮތަކަށް ކުރުމަކީ އިމްތިޔާޒްގެ އާދައަކަށް ވެއްޖެ އެވެ. އިމްތިޔާޒް އަބަދުވެސް ދުށީ އެއީ ލޯބި ކަމުގަ އެވެ. އެއަށް ދޭނެ އިތުރު ނަމެއް ނުވިސްނެ އެވެ.

"އަހަރެން ކިހާ ވަރަކަށް ބުނީ ތި އަލިފާންގަނޑު ތެރެއަށް ވެއްޓި ނުގަންނާށޭ. މީހާ އަނދައި އަޅިއަށް ވެދާނޭ. އެކަމަކު އިންތިއަށް އެއްޗެއް ވިސްނޭ ކަމަކަށް ނުވިއެއްނު،" ނިޔާޒް ބުންޏެވެ. " ތިކަހަލަ ކޭސްތަކުގައި..."

"އެއީ ކޭސްއެއް ނޫނޭ. އެއީ ވެސް ދިރިހުރި އިންސާނެކޭ. އޭނައަށް ވެސް ނަމެއް ކިޔައޭ. އޭނައެއް ނޫނޭ ފުރަތަމަ މި ގުޅުމަށް އިސްކަން ދިނީ. އަހަރެންނޭ. އޭނައާ ޑީލްކޮށް ފޭސްކުރީ އަހަރެންނޭ. އަހަރެންނަށް ވިސްނޭ އޭނަ ކިހާ އެކަނިވެރިކަން. އޭނައަށް އަހަރެން ކިހާ މުހިންމުކަން. އަހަރެންނަށް އޭނަ ކަމުދާން ފެށީ ކޮން އިރަކު ކަމެއް ނޭނގެ،" އިމްތިޔާޒް ބުންޏެވެ.

"ދެން ޝައިލާ އާއި ޔޫހްއޯ؟ އެ މީހުންނަކަށް އިންތިގެ މުހިންމުކަމެއް ނޯންނާނެތަ؟ އެ މީހުންގެ ދިރިއުޅުމުގައި ތިއީ މުހިންމު މީހެއް ނޫންތަ؟" ނިޔާޒް އަހާލި އެވެ.

"ނިޔާ ޕްލީޒް،" ދަތްކުނޑިވިކައިގަންނަމުން އިމްތިޔާޒް ބުންޏެވެ.

"އިންތި ކާކަށް އޮޅުވާލަން ތި އުޅެނީ؟ މަށަށްތަ ނޫނީ އަމިއްލަ ނަފުސަށްތަ؟ ތި ބޭކާރު ވާހަކަތައް ދައްކާ ޝައިލާ ގާތު. އޭނަ ތި ވާހަކަތައް ގަބޫލުކޮށްފާނެ. އެކަމަކު އަހަރެންނަށް އެނގޭ އިންތި ތި ހަދަނީ ހުސް ދޮގުކަން. ނާޒްއަށް އިންތިއެއް ނޫން މުހިންމީ. އިންތިއަށް ނާޒް މުހިންމީ. ނާޒްއަކީ ކޮން ކަހަލަ މީހެއްކަން އިންތި ނޫން އެންމެންނަށް ވިސްނޭ. އެނގޭ. އެކަމަކު އިންތި ތި ހުންނަނީ ކަނު ބަނދެގެން. ފެންނަ ކަންކަން ނުފެންނަ ކަމަށް ހަދައިގެން."

"ހުއްޓާލާ،" އެންމެ ފަހުން އިމްތިޔާޒް ބުންޏެވެ. "ތި ލެކްޗަރުތައް ކޮންމެވެސް އެހެން މީހަކަށް ދީ. ތި ނަސޭހަތް އަޑުއަހާކަށް އަހަރެންނަކަށް ވަގުތެއް ނެތް."

"އަހަރެން މި ދެނީ ނަސޭހަތެއް، ލެކްޗަރެއް ނޫން. އެކަމަކު ތި އާއިލާ ރޫޅޭތީ އެކަމާ އަހަރެން ހިތާމަ ކުރަން. ދެރަވޭ. އަހަރެން މިއީ ތި ދެ މީހުންގެ ވެސް ވަރަށް ގާތް ރައްޓެއްސެއް،" ނިޔާޒް ބުންޏެވެ.

"ރައްޓެހިން ތިބޭނީ އެ މީހުންގެ މަގާމުގައި. އެއަށް ވުރެ މައްޗަށް އަރައިގެންނެއް ނޫޅޭނެ. ނިޔާގެ ނަސޭހަތް އަޑުއަހާ ހިތްވި ދުވަހަކުން އަހަރެން އަންގާލާނަން،" ހިނގައިގަންނަމުން އިމްތިޔާޒް ބުންޏެވެ. "އެހެން ނޫނަސް ތިއީ އަހަރެންގެ ރައްޓެއްސެއް ނޫން. ތިއީ ހަމައެކަނި ޝައިލާގެ ރައްޓެއްސެއް."

"ތިއީ ކިހާ ދެރަ ކަމެއް. މިއަދު އަހަރެން ނުވި އިންތިއަށް ހެޔޮ އެދޭ މީހަކަށް ވެސް. އަހަރެން އުންމީދު ކުރަނީ ވަގުތު ފާއިތުވުމުގެ ކުރިން އިންތިއަށް ވިސްނޭނެ ކަމަށް،" ނިޔާޒް ބުންޏެވެ.

އިމްތިޔާޒް އުޅުނީ ހޮސްޕިޓަލުގަ އެވެ. ވަރަށް މީހުން ގިނަ ދުވަހެކެވެ. ޕޭޝަންޓުން ވެސް ގިނަ އެވެ. މެންދުރު ކާނެ ވަގުތެއް ވެސް ނުލިބުނެވެ. ގުލްނާޒް ބެލީ އިމްތިޔާޒަށް ގުޅޭތޯ އެވެ. ހަތް ފަހަރު ގުޅުމުން ވެސް ފޯނެއް ނުނެގި އެވެ. ގުލްނާޒް ލޭ ކެކެމުން ދިޔަ އެވެ. ގާނޫނީ ގޮތުން ޝައިލާއާ ވަކިވެފައި ވީ ނަމަވެސް ހިތަށް ވަސްވާސްތައް ވަންނަމުން ދިޔަ އެވެ. ޝައިލާގެ ހަޔާތަށް އިމްތިޔާޒް އަނބުރާ ގެންދިޔުމަށް ކުރެވުނު ހުރިހާ ކަމެއް އޭނާ ކުރާނޭ ހިތަށް އެރި އެވެ. ދަރިފުޅުގެ ބޭނުން ކުރާނެ އެވެ. އެކި ބަހަނާތައް ދައްކާނެ އެވެ. މިހާރު މި ވަގުތު ވެސް އިމްތިޔާޒް ވާނީ ޝައިލާމެން ގޭގައޭ ހިތް ބުނަމުން ދިޔަ އެވެ. އިތުބާރު ކުރަން ކިތަންމެ ބޭނުން ވިޔަސް އިމްތިޔާޒަކީ ވެސް ފިރިހެނެކެވެ. ގުލްނާޒަށް އެކަން ކުރުން ވީ ވަރަށް އުނދަގޫ ކަމަކަށެވެ.

ފޯނަށްް ގުލްނާޒް ގުޅާތަން އިމްތިޔާޒަށް ފެނެ އެވެ. ކުރިމަތިލާން ޖެހޭނެ ސުވާލުތައް ވެސް އަޑުއިވޭ ކަހަލަ އެވެ. ފޯނު އަޑު ކަނޑާލާފައި އޮތް ނަމަވެސް މެސެޖްތައް ވެސް ފުލުފުލުން އަންނަމުން ދިޔަ އެވެ. އެންމެ މެސެޖަކަށް ވެސް ޖަވާބު ދެވޭ ވަރެއް ނުވި އެވެ. އިމްތިޔާޒް ވިސްނަމުން ދިޔައީ ޕޭޝަންޓުންގެ ހާލަތާ މެދުގަ އެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ ހާލަތު ބަޔާން ކޮށްދެނީ އޭނައަށް ވަރަށް އިތުބާރުކޮށްފަ އެވެ. އެކި އުމުރުފުރާގެ ދެ ޖިންސުގެ މީހުން އާދެ އެވެ. އިމްތިޔާޒްގެ މަދަދާއި އެހީތެރިކަމަށް އެދިގެންނެވެ. އެކަން އޭނައަށް ވިސްނެ އެވެ. ވުމާއެކު އެ މީހުންގެ ކުރިމަތީގައި އޭނަގެ އަގު ވެއްޓޭކަށް ބޭނުމެއް ނުވެއެވެ.

ޑިއުޓީ ނިމުނު އިރު އިރުއޮއްސި ހަތެއް ޖަހަނީ އެވެ. އިމްތިޔާޒަށް ހަމަނޭވާ ލެވުނެވެ. ގޮނޑީގައި ހަމަޖެހިލުމާއެކު ކެބިންގެ ދޮރު ހުޅުވުނެވެ. އެތެރެއަށް ވަނީ ގުލްނާޒެވެ. މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.

"ކޮން އިރަކު މިތަނަށް އައީ؟ އެ ޝައިލާގެ ގޭގައި ދޯ މިއޮތް ހުރިހާ އިރު އުޅުނީ؟" ގުލްނާޒްގެ އަޑުގަދަ އެވެ.

"ވަޓް؟ ނާޒަށް އެނގޭތަ ތި ކިޔޭ އެއްޗެއް؟" ދޮރު ލައްޕަމުން އިމްތިޔާޒް ބުންޏެވެ. "އަހަރެން ކީއްކުރަން އެ ގެއަށް ދާންވީ؟"

"މަށަށްތަ އެނގެނީ؟ މަ ގުޅީމަ ފޯނު ނުނަގާނީ ގައިމު ކޮންމެވެސް ތަނަކަށް ވަދެ އޮތީމައެއްނު،" ގުލްނާޒް ހަޅޭއްލަވައިގަތެވެ.

"ނާޒް. ތި ގޮތަށް ވާހަކަ ނުދައްކަބަލަ. ހެނދުނު އައި ގޮތަށް އަހަރެން މި އުޅެނީ މިތަނުގައޭ. މެންދުރު ނުވެސް ކަން،" އިމްތިޔާޒް ބުންޏެވެ.

"ހުސް ދޮގު. ތި ވަރަށް އޮޅުވާނުލާ. ޝައިލާއާ އެކު އުޅެން ބޭނުން ވަންޏާ ކީއްކުރަން އޭނަ ވަރިކުރީ؟ ގޮސް އަބަދު އެ ގޭގައި ތި އޮންނަނީ ކޮންމެވެސް ކަމެއް ވީމައެއްނު،" ގުލްނާޒް ރުޅި މަޑެއް ނުވި އެވެ.

"ނާޒް. ހަމަ ހުވާކޮށްފައި އަހަރެން މި ބުނަނީ. އެ ގެއަކަށް މިއިން ދުވަހަކު އަހަރެން ނުދަން. ދަރިފުޅު ވެސް ލޮލުން ނުދެކެން. އަހަރެން އަބަދުވެސް އުޅެނީ ނާޒް ގާތުގައި. ދެން މި އަންނަނީ ޑިއުޓީއަށް،" އިމްތިޔާޒް އުޅުނީ ގުލްނާޒަށް ވިސްނާ ދެވޭތޯ އެވެ.

"އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ. އެންމެ ކުޑަމިނުން މެސެޖަކަށް ޖަވާބެއް ދިނީކީ ނޫން، ކޯލްބެކް ކުރީކީ ނޫން. ޑިއުޓީގައި އުޅުނަސް އެއި ކުރެވޭނެ ކަންކަން. ކިހާ ވަރަކަށް އޮޅުވާލާނަމޭ ހިތަށް އަރައިގެން ތި އުޅެނީ؟ މިއީ ޝައިލާއެއް ނޫން އިނގޭ،" ގުލްނާޒް ބުންޏެވެ.

"ނާޒް ޕްލީޒް. އަހަރެން މިއީ ހަމައެކަނި ނާޒްގެ މީހެކޭ. ތި ވަރަށް އަހަރެން ދެކެ ލޯބިވާކަށް ނުވާނެ،" ބެދޭ މަޅިއެއް އިމްތިޔާޒަކަށް ނުފެނެ އެވެ. އިމްތިޔާޒްގެ ބަހުގައި ގުލްނާޒް އެ ވަނީ ތެދުވެރި ލޯތްބެވެ. ހަގީގީ ލޯތްބެވެ.

ޝައިލާ އާއި ނިޔާޒް ތިބީ ރެސްޓޯރެންޓެއްގެ މަތީ ބައިގަ އެވެ. ކުރިއަށް ވުރެ ގިނައިން ޝައިލާ ގެއިން ނުކުމެ އުޅުން އިތުރުވި އެވެ. މީހުންނާ ބައްދަލު ކުރުމާއި ތަންތަނަށް ގޮސް އުޅުމަކީ ނިޔާޒް ދިން ނަސޭހަތެކެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. މީހުން މަދު ވަގުތެކެވެ. މަޑުމަޑުން ޖެހެމުން ދިޔަ ވައިރޯޅި ދިޔައީ ނަލަ މިއުޒިކެއް ކުޅެމުންނެވެ.

"އަހަރެން ވަރަށް މަސައްކަތް ކުރިން ވިސްނާދެވޭތޯ. އެކަމަކު އޭނަގެ ވިސްނުން ހުރީ ދިމާ އިދިކޮޅަށް،" ނިޔާޒް ބުންޏެވެ.

"އަހަރެންނަށް އެނގޭ ނިޔާޒް ވާހަކަ ދައްކާނެކަން. އަހަރެންނަށް އެނގޭ އިންތި ދެން އަނބުރާ ނާންނާނެކަން ވެސް. އަހަރެންނަށް އެނގޭ އޭނަ އެ ހުރީ އާދެވޭ ކަހަލަ ގޯޅިއަކަށް ނޫންކަން ވަދެވިފައި،" ކުރަކިވެފައިވާ އަޑަކުން ޝައިލާ ބުންޏެވެ. ރޮއިރޮއި ވަރުބަލި ވެފައިވާ ދެލޮލުން ދިރުން ކެނޑިފައިވާ ކަހަލަ އެވެ.

"ދެން ޝައިލާ ވެސް އެކަމާ ނުވިސްނާ. ބޭކާރު ކަމަކާ ވިސްނުމުގެ މާނައެއް ނެތެއްނު،" ނިޔާޒް ބުންޏެވެ.

"އެކަން ހަނދާން ނައްތާލުމަކީ އަހަރެންނަށް ކުރެވޭނެ ކަމެއް ނޫން. އެއީ އަހަރެންގެ ދަރިފުޅުގެ ބައްޕައޭ."

"އެކަމަކު މާޒީއާ އަޅައިގަނެގެން އުޅެމުން މުސްތަގުބަލު އުޖާލާ ކުރާނީ ކިހިނެއް؟" ނިޔާޒް އެހި އެވެ. ޝައިލާ އެއްޗެއް ނުބުނެ އިސްޖަހާލި އެވެ.

"ތީގެ މާނައަކީ ކޮބާ؟" ނިޔާޒް އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.

"އަހަރެންނަކަށް ނޭނގެ ތިއަށް ބުނާނެ އެއްޗެއް. އިންތިއަކީ..." ޝައިލާ ވާހަކަ ދެއްކި އެވެ.

"އިންތިއަކީ ބޭވަފާތެރިއެއް. އެކަމާ އަޅާފައި ނުހުރެ ޝައިލާ ވެސް ކުރިއަށް ފިޔަވަޅެއް އަޅާބަލަ. ނިކަން ކެރިގެން ހިނގައިގަނެބަލަ،" ނިޔާޒް ބުންޏެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް