ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 16 ވަނަ ބައި

8 ޖުލައި 2024

އެޕިސޯޑް 16

"ފަޒީ ގާތު ބުނީމެއްނު އަންނަހާ މީހަކު ގެއަށް ނުވައްދާށޭ،" ކޮޓަރި ދޮރު ލައްޕަމުން ގުލްނާޒް ބުންޏެވެ.

"އެންމެ ރަނގަޅުތަ އަހަރެން ނާޒްއާ ވާހަކަ ދައްކާލިޔަސް؟" ގޭތެރެއަށް ވަދެގެން އައި ޝައިލާ އަހާލި އެވެ.

"އޭނަ ނުދައްކާނެ ވާހަކައެއް،" ފަޒީލާ ބުންޏެވެ.

"އެންމެ ރަނގަޅޭ. އަހަރެން ދައްކާ ވާހަކަ އަޑުއަހާނެއެއްނު،" ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ޝައިލާ ބުންޏެވެ. ފަޒީލާ އިތުރު އެއްޗެއް ނުބުނެ ކާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

"ނާޒް. އަހަރެންނަށް އެނގޭ މި ދޮރެއް ނާޒް ނުހުޅުވާނެކަން،" ކޮޓަރީގެ ދޮރުގައި އަތް ޖައްސާލަމުން ޝައިލާ ބުންޏެވެ. ގުލްނާޒް އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ހުރީ އެވެ. ޝައިލާ ދައްކަމުން ދިޔަ ވާހަކަ އޭނާއަށް އަޑުއިވެ އެވެ.

"ނާޒަށް ތިއުޅެނީ އަހަރެންނާ ކުރިމަތިލާން ނުކެރިގެންކަން ވެސް އަހަރެންނަށް އެނގޭ. ހައިރާންވެއްޖެ ދޯ. ނާޒްގެ ހުއްދައާ ނުލައި އަހަރެން މި ގޭތެރެއަށް ވަނީމަ. އެކަމަކު ނާޒް އަހަރެންގެ ގޭތެރެއަށް ވަދެ އަހަރެންގެ ފިރިމީހާ ފޭރިތަގީ ކޮންއިރަކު ކަމެއް ވެސް އަހަރެންނަކަށް ނޭނގުނު. އަހަރެންނާއި އިމްތިޔާޒްގެ ކައިވެންޏަށް މިވީހާ އަހަރުތަކުގައި އަހަރެން ކުރީ އެންމެ ކަމެއް. އެއީ އަހަރުމެންގެ ދިރިއުޅުމަށް އުފާފާގަތިކަމާއި ހިތްހަމަޖެހުން ހޯދުން. އެކަމަކު ހިނދުކޮޅެއްގެ ތެރޭގައި ނާޒް އެ ހުރިހާ އުފަލާއި ހިތްހަމަޖެހުން ތި ޖަހައިގަތީ،" ޝައިލާއަށް ރޮވޭ ގޮތްވި އެވެ.

"ތިއީ މީހުންނަށް ކަމުދާ މީހެއް. ސެލެބްރިޓީއެއް. ޒުވާން، ރީތި ކުއްޖެއް. ކިތަންމެ ފިރިހެނުންނެއް ނާޒަށް ލިބޭނެ. އެ މީހެއްގެ ލޮލުގެ ކޮއި ފަދައިން ނާޒް ގެންގުޅޭނެ މީހުން ވާނެ. އެކަމަކު އަހަރެންގެ ލޮލުގެ ނޫރަކީ އިމްތިޔާޒް. ނާޒް ތި ދެކޭ ހުވަފެންތައް ތެދުކުރަން ވަރަށް މަސައްކަތް ކުރަމެއްނު. އެކަމަކު އަހަރެންގެ ހުވަފެނަކީ ވެސް އަސްލަކީ ވެސް އިމްތިޔާޒް."

"ތިއީ މުއްސަނދި މީހެއް. ބޭނުން ކޮންމެ އެއްޗެއް ގަނެވޭނެ. ހޯދޭނެ. އެކަމަކު އަހަރެންގެ ފިރިމީހާގެ ހިތާއި ލޯބި އެއީ އަހަރެންގެ އެއްޗެއް. އެ އެއްޗެހި އަހަރެންނަށް އަނބުރާ ދީ. ހެޔޮނުވާނެ. އަހަރެން އާދޭސްކޮށްފައި ބުނަން. އަހަރެންގެ ކުޑަކުޑަ އުފާވެރި ދުނިޔެ ވީރާނާ ނުކޮށްލާ. އަހަރެން މިތަނަށް އައީ ނާޒްއާ ޒުވާބު ކުރާކަށް ނޫން. އަހަރެން މި އައީ އެންމެ ކަމަކު. އެއީ އަހަރެންގެ ފިރިމީހާ އަހަރެންނަށް އަނބުރާ ދޭށޭ ބުނަން. އަހަރެންގެ ދަރިފުޅުގެ ބައްޕަ އަނބުރާ އަހަރެންނަށް ލިބޭނެ ގޮތް ހަދާދޭށޭ ބުނަން. އަހަރެންގެ އިމްތިޔާޒް އަހަރެންނަށް އަނބުރާ ދީ. ހެޔޮނުވާނެ،" ދޮރު ކައިރިއަށް ޝައިލާ ތިރިވި އެވެ.

ކޮޓަރި ތެރޭގައި އިން ގުލްނާޒަށް ކެތްކުރަން އުނދަގޫވި އެވެ. ގުލްނާޒް ގަބޫލު ކުރާ ގޮތުގައި އޭނާ މީހެއްގެ ފިރިއެއް ޖަހައެއް ނުގަނެ އެވެ. އިމްތިޔާޒް ދެކެ އޭނާއަށް ލޯބި ވެވުނީ ނޭނގުމެއްގެ ތެރޭގަ އެވެ. އެ ގުޅުން އިތުރު ހަރުފަތްތަކަށް ގިރާ ކުރަމުން ދިޔައީ އިމްތިޔާޒްގެ ވެސް ރުހުމުގަ އެވެ. އަދި އޭނާ މީހެއްގެ އުފާވެރި ދިރިއުޅުމެއް ވެސް ހަލާކެއް ނުކޮށްލަ އެވެ. ބަދަލުގައި ބެލީ އަމިއްލަ ދިރިއުޅުން އާރާސްތު ކުރެވޭތޯ އެވެ. އެކަމުން މީހެއްގެ ހަޔާތަށް ހިތާމެއް ލިބުމަކުން އޭނަ ކުރާނެ ކަމެއް ނެތެވެ. އަދި ފަރުވާލެއް ވެސް ނެތެވެ. އެހެން މީހުންގެ އުފާތަކާ މެދު ވިސްނާނެ ވަގުތެއް އޭނައަކަށް މިއަދަކު ނެތެވެ. ބޭނުން ވަނީ އަމިއްލަ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ވީމާ ޝައިލާ އެ ދައްކާ ވާހަކަ އަޑުއަހާކަށް ބޭނުމެއް ނުވި އެވެ. ކަންފަތަށް ހެޑްފޯނު ޖެހުމަށް ފަހު އިނގިރޭސި ލަވައެއް ޖަހާލި އެވެ. އެއްވެސް މީހަކު ދައްކާ ވާހަކަ އަޑުނީވޭހާ ވޮލިއުމް ގަދަ ކޮށްލި އެވެ.

ގުލްނާޒްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެއީ ޝައިލާ އުންމީދު ކުރި ގޮތެވެ. ގުލްނާޒް ކިބައިގައި އެހާ ހިތްވަރެއް ނުހުންނާނެ އެވެ. ކުރިމަތީ ހުއްޓި ހުރެ ދައްކާނެ ބަހަނާއެއް ވެސް ނޯންނާނެ އެވެ. ވުމާއެކު އެތަނުގައި ދެން އިތުރަށް މަޑު ކުރުމުގެ ބޭނުމެއް ނުވިސްނުނެވެ. ތެދުވެގެން ހިނގައިގަތެވެ. ފިރިމީހާއަށްޓަކައި ސަލާން ޖެހުމަކީ ހަޑި ކަމެއް ނޫނެވެ. ޝައިލާ ބޭނުންވީ އަމިއްލަ ދިރިއުޅުމަށް އަދި އެއް ފުރުސަތު ދޭށެވެ. އިމްތިޔާޒަށް މާފުކޮށްފައި ދިރިއުޅުމައިގެން ކުރިއަށް ދާށެވެ. މި އަޑިގަނޑުން އުސްގަނޑަކަށް އަރައި ހުންނާށެވެ. އަތުގައި ހުރި ވެލި ފޮޅާލާފައި ހިންދެމިލާށެވެ. ކުރަން ފެށި އިރު ވެސް މިއީ ފަސޭހަ ކަމަކަށް ނުވާނެކަންް ޝައިލާއަށް ވިސްނުނެވެ. އެކަމަކު ހިތްވަރު ކުރީ ކުރިއަށް ދާށެވެ. ކޮންމެ ކަމެއް ވެސް މިހާތަނަށް އޭނާ ކާމިޔާބު ކުރީ ދިރިއުޅުމުގައި ލައްކަ ގިނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް ފަހުގަ އެވެ. ވުމާއެކު މިއީ ވެސް ދިރިއުޅުމުގައި ކުރިމަތިލާން ޖެހުނު އިމްތިހާނެއް ކަމުގައި އޭނާ ދެކުނެވެ. ބޭނުންވާ މަންޒިލާ ހިސާބަށް ވާސިލު ވެވޭނެ ކަމުގެ އެއްވެސް ސިގުނަލެއް ނުލިބެ އެވެ. އަނދިރި މަގަކަމުން ހިނގަމުން ދިޔައީ އެއްވެސް އަލިކަމެއް ނެތި އެވެ. ނުކުމެވުނީ ދެކަފި ވެފައިވާ މަގަކަށެވެ. ދާނެ މަގު އިހުތިޔާރު ކުރަން އުނދަގުލެވެ. ނަމަވެސް ގޮތެއް ނިންމަން ޖެހުނެވެ.

ޝައިލާ ނިދަން މަސައްކަތް ކުރި އެވެ. ލޮލަކަށް ނިންޖެއް ނަ އެވެ. ފައިބަމުން ދިޔައީ މާނައެއް ނެތް ކަރުނަ އެވެ. އިމްތިޔާޒް ވީ ވައުދުތަކާއި ކުރި އަހުދުތައް ވީ ކަނޑުގައި އެޅުނު ރޮނގަކަށެވެ. ދުންގަނޑެއްގެ ތެރެއަށް އޭނާ ގެއްލިގެން ފޭދިގެން ދިޔައީ ޝައިލާއަށް ނޭނގި ހުއްޓަ އެވެ. އިތުބާރު ކުރެވުނީ އަމިއްލަ ނަފުސަށް ވުރެ ވެސް ބޮޑަށެވެ. ފޯނު ރިންގުވީ އެ ވަގުތު އެވެ. ޝައިލާ ބަލާލީ ގަޑިއަށެވެ. އޭރު ގަޑިން މެންދަމު އެކެއް ޖެހީ އެވެ. މިހާ ދަންވަރު ގުޅާނީ ކާކުބާވައޭ ހިތަށް އެރި އެވެ. ފޯނު ނަގާފައި ބަލާލި އެވެ. ފުން ނޭވައެއް ބޭރުކޮށްލެވުނެވެ.

"ނިޔާޒް، ކިހިނެއްވީ؟ ކަމަކުތަ؟" ހިނިތުންވާން މަސައްކަތް ކުރަމުން ޝައިލާ އަހާލި އެވެ.

"ކިތަންމެ ވަރަކަށް ހިނިތުންވާން އުޅުނަސް ތީގެ ފަހަތުގައިވާ ހިތާމަތައް އަހަރެންނަށް ފެނޭ. އިހުސާސް ކުރެވޭ. ތިއީ ހާދަ ހިތްވަރުގަދަ މީހެކޭ،" ނިޔާޒްގެ އެ ފަށުވި ޖުމްލަތަކުން ޝައިލާގެ ހިތަށް ލުޔެއް ލިބުނު ކަހަލަ އެވެ. "ކީއްވެތަ އިންތިއަށް އެ ވަރު ނުވިސްނުނީ؟"

ޝައިލާ ހުރީ ރޯން ބޭނުންވެފަ އެވެ. ބޯ އަޅާލާނެ ކޮނޑެއް ބޭނުންވެފަ އެވެ. އެއީ ނިޔާޒް ހެއްޔެވެ؟ ނޫނެކެވެ. އެހެން ވެގެން ނުވާނެ އެވެ. އެހެން ވެއްޖެ ނަމަ ގުލްނާޒް އާއި ޝައިލާގެ ހުރި ތަފާތަކީ ކޮބާ ހެއްޔެވެ؟ އަމިއްލަ ނަފުސާއި ހިތުގެ މައްޗަށް ބާރު ފޯރުވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

"އަހަރެންނަކީ ހާދަ ބޮޑު ބަދުނަސީބުވެރިއެކޭ. ހާދަ ބޮޑު އެކަނިވެރިއެކޭ،" ޝައިލާގެ ހިތުގައިވާ ދެ ޖުމްލަ މެށިފައިވާ އަޑަކުން ބޭރުކޮށްލި އެވެ.

"ތިހެން ނުބުނޭ. ކީއްވެ އެކަނިވާންވީ؟ އަހަރެން ވެސް މި ހުރީނު،" ނިޔާޒް އެހެން ބުނީ ބޭއިހުތިޔާރުގައި ކަމެއް ގަސްތުގައި ކަމެއް ޝައިލާއަކަށް ނޭނގެ އެވެ. "މި ބުނީ ޝައިލާގެ ރައްޓެހިންނާއި އާއިލާގެ މީހުން ވެސް އެބަ ތިބި ނޫންހޭ."

"އެކަމަކު ފިރިމީހާ..." ދައްކަން ބޭނުން ނުވިޔަސް އެ ވާހަކަ ޝައިލާއަށް ދެއްކެނީ އެވެ. ހިތުގައި ކަނޑައި ނެގިފައިވަނީ އިމްތިޔާޒްގެ ނަމެވެ. އެ ނަން ފޮހެލުމަކީ ކުރަން އުނދަގޫ އެހެނަސް ކުރަން ވެފައިވާ ކަމެކެވެ.

"އިންތިއަށް ވިސްނާދެވޭތޯ އަދިވެސް އަހަރެން ބަލާނަން،" ނިޔާޒް ބުންޏެވެ.

"އަހަރެންނާ މި ވާހަކަތައް ހިއްސާ ކުރި ވާހަކަ ނުބުނާތި. އަހަރެން ބޭނުމެއް ނޫން އޭނަ ހިތްހަމަނުޖެހޭ ކަމެއް ކުރާކަށް،" ޝައިލާ ބުންޏެވެ.

"އަދިވެސް؟ ބަލަ އޭނަ ޝައި ޑިވޯސްކޮށްފިއޭ. އެކަން ގަބޫލުކޮށްބަލަ. ތި ހިތަށް އެކަން ވިސްނާދީބަލަ. އަހަރެން ނުބުނާނަން އުންމީދު ކަނޑާލާށެކޭ. އެކަމަކު..."

"އެކަމަކު ކޯއްޗެއް؟" ޝައިލާގެ ހިތް ތެޅިގަތެވެ.

"އެކަމަކު އޭނަ އެ ހުރި ހިސާބުން، އަނބުރާ ޝައި ގާތަށް އައުން އެއީ ވަރަށް ނާދިރު ކަމެއް."

"ކީއްވެތަ ތިހެން ތި ބުނަނީ؟" އިމްތިޔާޒް އިނީ ގުލްނާޒް ގާތުގަ އެވެ. "އަދިވެސް އަހަރެންނަށް އިތުބާރެއް ނުކުރަން ދޯ؟"

"އިތުބާރު ނުކުރާ ނަމަ މިތާ އަހަރެންގެ ކޮޓަރީގައި އިންތިއެއް ނީންނާނެ،" ގުލްނާޒް ބުންޏެވެ.

"ދެން ކީއްވެތަ ތި ކަހަލަ އެއްޗެހި ތި ކިޔަނީ؟ އަހަރެން މިހާރު ޝައިލާ ވަރި ވެސް ކޮށްފިން. އުޅެނީ ވެސް އެހެން ގެއެއްގައި،" އިމްތިޔާޒް ބުންޏެވެ.

"ދެން މި ގެއަށް ބަދަލުވޭ."

"މި ގެއަށޭ؟ ކައިވެނީގެ ކުރިން މިގެއަށް ޗޭންޖްވީމަ ކަމަކު ނުދާނެ. މީހުން ފާޑުފާޑު އެއްޗެހި ކިޔާނީ،" ހައިރާންވެފައި އިމްތިޔާޒް ބުންޏެވެ.

"ތިއޭ މައްސަލައަކީ. އަހަރެން ބުނެފި ގޮތެއް އިންތިއަކަށް ކަމަކު ނުދާނެ. މީހުން ކިޔާހާ އެއްޗެއްސާއި ދައްކާހާ ވާހަކަ އަޑުއަހަން ވެއްޖިއްޔާ ކޮބާ ސަލާމަތެއް؟" ފޫހިވެފައި ގުލްނާޒް ބުންޏެވެ.

"އެކަމަކު ނާޒް. ތިއީ ހާދަ ބޮޑު ނިންމުމެކޭ،" އިމްތިޔާޒް ބުންޏެވެ.

"ލޯބިވަންޏާ ކުރާނެ،" އެންމެ ފަހުން ގުލްނާޒް ބުންޏެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް